އަމިއްލަ ހިޔާލު: އިންޑިއާ އާއި ރާއްޖޭގެ ކޯޅުން — މި ފަހަރު ވިހަ ވެދާނެ!

7 ޖެނުއަރީ 2024 - 13:52

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ 30 އަހަރަށް ފަހު އުފެދުނު ހުރިހާ ވެރިކަމެއްގައި ވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުން އޮތީ ރޮދިފަށެއްގެ މަތީގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަރަށް ގާތް ގުޅުމެއް އުފެދުނު ނަމަވެސް ދައުރުގެ މެދުތެރެއިން ވެރިކަން ބަދަލުވުމުގެ މައިގަނޑު ސަބަބަކަށްވީ އިންޑިއާއާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތްތަކެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވެ އަނެއްކާ ވެސް ދެ ގައުމުގެ ގުޅުމަށް އައީ ބަހާރު މޫސުމެވެ. ފެހިކަމާއި އާރޯކަމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް އޮތް ނަމަވެސް އިދިކޮޅު ފަރާތްތަކުން “އިންޑިއާ އައުޓް”ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގިއެވެ. އެ ކެމްޕެއިން ވެފައި ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރެއްވި އެންމެ މުހިއްމު ހަތިޔާރަށެވެ. 

advertisement

ވެރިކަމަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު ރާގު ބަދަލުކުރެއްވުމުން ގުޅުން މާބޮޑަށް ގޯސް ނުވި ނަމަވެސް ސަރުކާރުގެ އެތެރޭގައި އިންޑިއާއާ ދެކޮޅަށް އަޑު އުފުލާ އެކްޓިވިސްޓުން ގިނަވުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތެވެ. ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ގޮވާލުންތަކުގެ އިތުރުން އެހެން މައްސަލައެއް ވެސް މިހާރު ވަނީ ފެންމަތިވެފައެވެ. 

 ސޯޝަލް މީޑިއާގެ ހަނގުރާމައެއް

ރާއްޖެ އާއި އިންޑިއާގެ ގުޅުން މި ފަހަރު ހޫނު ފެނަށް ވެއްޓެން މެދުވެރިވީ ރާއްޖޭގެ ރަށްތައް ފަދަ ރީތި ހުދު ދޮންވެލީގެ ތުނޑިތަކާއި ވިލު ނޫކުލައިގެ ރީތިކަން ލިބިފައިވާ އިންޑިއާގެ ލަކްޝަދީބް ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކާ އެކު އެވެ. ލަކްޝަދީޕް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނެންގެވި ތަސްވީރުތަކާ އެކު އެއީ ރާއްޖެއަށް ގޮންޖެހުމަށް އިންޑިއާ އިން ފެށި ކެމްޕެއިނެއް ކަމަށް ރާއްޖޭގެ ބައެއް ސޯޝަލް އެކްޓިވިސްޓުންނާއި މީޑިއާތަކުން ސިފަކުރަން ފެށިއެވެ. 

މި ފާޑުކިޔުންތަކުގެ ތެރެއާށް ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އަދި ސަރުކާރުގެ ވަޒީރު ފެންވަރުގެ ބޭފުޅުން ވެސް ވެންނެވީއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ އަށް ނިސްބަތްކޮށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަރަށް “ހުތުރު” ޕޯސްޓްތައް އާންމުކުރެއްވުމުގެ ނަތީޖާއަކަށްވީ އިންޑިއާގެ ވަތަނީ ގްރޫޕްތަކުން ވެސް އެ އަށް ރައްދު ދީ ސޯޝަލް މީޑިއާގެ “ހަނގުރާމައެއް” ފެށުމެވެ. 

މިކަމާ ގުޅިގެން ރާއްޖެ ބޮއިކޮޓްކުރުގެ ހަރަކާތެއް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ވަތަނީ ގްރޫޕްތަކުން ވަނީ ފަށައިފައެވެ. ސުވާލަކީ މީގެ ނަތީޖާ ކިހިނެއް ވާނެ ބާއެވެ؟ މީގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ސިޔާސީ އަދި އިގްތިސާދީ ގުޅުމަށް ކުރާނީ ކޮން އަސަރެއްބާއެވެ؟ ރާއްޖޭގެ އިގްތިސާދަށް ހީނަރުކަމެއް އައިސްދާނެބާއެވެ؟

ކޮވިޑްގެ ދުވަސްވަރުން ފެށިގެން ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާއެވެ. އެހެން ގޮތަކަށް ބުނާ ނަމަ މުޅި ދުނިޔެ ބަންދުވެފައި ވަނިކޮށް ރާއްޖެ ހުޅުވުލުމުން މި ތަނަށް މީހުން ފޮނުވި މަދު ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އަދި ކޮވިޑްގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސްތައް ވެސް ހިފެހެއްޓީ އިންޑިއާ އަށް ވިއްކައިގެންނެވެ. އޭގެ ފަހުން ދުނިޔެ ހަމައަކަށް އެޅި ރާއްޖޭގެ ޓުއަރިޒަމް ޕީކަށް ދިޔުމުން ވެސް އިންޑިއާ އޮތީ ރާއްޖޭގެ ޓުއަރިޒަމް މާކެޓްގެ ކުރީގައެވެ.

ނިމިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓުއަރިސްޓުން ޒިޔާރަތްކުރި އިރު ދެ ވަނަ އަށް އެންމެ ގިނަ ޓުއަރިސްޓުން ޒިޔާރަތްކޮށްފައި ވަނީ 

އިންޑިއާ އިންނެވެ. އެއްވަނާގައި އޮތް ރަޝިޔާ އިން 197،364 ޓުއަރިސްޓުން ޒިޔާރަތްކުރި އިރު އިންޑިއާ އިން 193،693 ޓުއަރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވެއެވެ. ޔޫރަޕްގެ މާކެޓް ދަށްވެ އިންޑިއާގެ ޓުއަރިސްޓުން ގިނަވާން ފެށުމުން މީގެ ކުރިން ޔޫރަޕަށް ހާއްސަ ބައެއް ރިސޯޓްތަކުން ވެސް ވަނީ އިންޑިއާގެ މާކެޓަށް ވަދެފައެވެ. ސުވާލަކީ އިންޑިއާގެ “ބޮއިކޮޓް” ކެމްޕެއިނަށް ފަހު މި އަދަދުތަކަށް ބަދަލު އަތުވެދާނެބާއެވެ؟

އެއްބަޔަކު ދެކޭ ގޮތުގައި ނިމިދިޔަ ސަރުކާރުގައި އޮތް އިރު ވެސް އިންޑިއާއާ ދެކޮޅު ބޮޑު ކެމްޕެއިނެއް ހިންގިއެވެ. އެހެން ނަމަވެސް ޓުއަރިޒަމަށް އަސަރުކޮށްފައެއް ނުވެއެވެ. އެއަށް ރައްދު ދޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ކެމްޕެއިނެއް ހިންގި ނަމަވެސް ދެ ގައުމުގެ ސިޔާސީ ގުޅުން އޭރު އޮތީ ވަރަށް ބޮޑަށް ހަރުދަނާ ކޮށެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައި އާއި އިންޑިއާގެ ސިޔާސީ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އެހެންކަމުން މި ފަހަރު ހާލަތު ތަފާތުވާނެއެވެ. އަނެއްކޮޅުން މި ފަހަރު ސީދާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ބޮޑުވަޒީރު މޯދީ އާއި އިންޑިއާއަށް ފާޑުކިޔުމުން އިންޑިއާގެ ވަތަނީ ގްރޫޕްތަކުން ތިބީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރެކޭ އެއްފަދައިން އިންޑިއާގައި ވެސް އޮތީ ވަރަށް ވަތަނީ ސަރުކާރެކެވެ. އެހެން ކަމުން މި ފަހަރު މިއޮތީ ސިޔާސީ މައްސަލައަކަށް ވުރެ ޒާތީ މައްސަލައަކަށް ވެފައެވެ.

އިންޑިއާ އިން ވަކިވެ ވަކި ދައުލަތެއް ކަމަށްވާ “ކަލިސްތާން” އުފެއްދުމަށް ގޮވާލަމުން ގެންދާ ސިކުންގެ ލީޑަރެއް ކެނެޑާގައި މަރާލުމާ ގުޅިގެން ކެނެޑާ އާއި އިންޑިއާ ދެމެދު މިއިން ޒަމާނަކު ނުވާ ވަރަށް ގުޅުން ގޯސްވިއެވެ. މި ގުޅުން އިތުރަށް ގޯސްވީ އެކަން ކުރުމުގެ ފަހަތުގައި ވަނީ އިންޑިއާ ސަރުކާރު ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑާ ވިދާޅުވުމާއެކުއެވެ. އެ ތުހުމަތުތަކާ އެކު އިންޑިއާގެ “ބަކްތު” ގްރޫޕްގެ ނަމުން މަޝްހޫރުވެފައިވާ ސޯޝަލް މީޑިއާ ޝެލްތަލާއި އިންޑިއާގެ މީޑިއާތަކުން ހީވީ ޓްރޫޑާ ނޮޅައި ކައިފާނެހެންނެވެ. 

އިންޑިއާ ސަރުކާރުން ވެސް ފިޔަވަޅުތައް އެޅިއެވެ. އިންޑިއާގައި ތިބޭ ކެނެޑާގެ ފަންސާހަކަށް އޮފިޝަލުންގެ ޑިޕްލޮމެޓިކް އިމިއުނިޓީ ކެންސަލްކުރިއެވެ. ކެނެޑާއާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލުމުގެ އިންޒާރާއި އިންޑިއާގެ ދަރިވަރުން ކެނެޑާ އަށް ފޮނުވުން ހުއްޓާލުން ފަދަ އެތައް ފިޔަވަޅުތަކެއްގެ އިންޒާރު އިންޑިއާ އިން ދިނެވެ. ނަތީޖާއަކަށްވީ ޓްރޫޑާ ވެސް އެންމެ ފަހުން “ސައިޒް” ވުމެވެ. އިންޑިއާ ފަދަ ދުނިޔޭގެ ބޮޑު ބާރަކާ ދެކޮޅަށް ގަދަ ބަސް ބުނުމުގައި ދެމި އޮތުމަކީ ކިތަންމެ ކުރިއާރަފައި އޮތް ނަމަވެސް ކެނެޑާ އަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. އެންމެ ފަހުން ޓްރޫޑާ ވަނީ އަމާން ދެއްވައި ބަސްމަގު ބަދަލުކުރައްވާފައެވެ. 

އިންޑިއާގެ މާކެޓް ރާއްޖެ އަށް ގެއްލިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެ

ކެނެޑާގެ ހާދިސާއަކީ ރާއްޖެ އަށް ވެސް އިބުރަތެކެވެ. އިންޑިއާއަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އާބާދީއެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ދިމާއެއްގައި އެ މީހުން ނުފޫޒު ގަދައެވެ. ދުނިޔޭގެ އެންމެ ބޮޑު ޓުއަރިޒަމް މާކެޓްތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. ޔޫރަޕާއި އޭޝިއާގެ ގައުމުތަކުގައި އެންމެ ބޮޑު ހޭދައެއް ކުރާ މީހުންނަކީ އިންޑިއާގެ ޓުއަރިސްޓުން ކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. އެހެންކަމުން އިންޑިއާގެ މާކެޓް ރާއްޖެ އަށް ގެއްލިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެއެވެ. 

އެއްބަޔަކު ދެކޭ ގޮތުގައި އިންޑިއާގެ މާކެޓް ގެއްލުނަސް ވާދަވެރި ޗައިނާ އިން އެތަން ފޫބައްދާނެއެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖޭގެ އެއް ނަންބަރު މާކެޓެވެ. އެހެން ނަމަވެސް އޭރު ވެސް އިންޑިއާ ވެސް އޮތީ ވަކި ދަށަކު ނޫނެވެ. އެހެންކަމުން މި ދެ މާކެޓަކީ ވެސް ރާއްޖެ އަށް އިންތިހާ އަށް މުހިންމު ދެ މާކެޓެވެ. 

އަދި އެއާޕޯޓް ތަރައްގީކޮށް ޓުއަރިސްޓް ފެސިލިޓީތައް އިތުރުކޮށް އަންނަ އަހަރު ދެމިލިއަން ޓުއަރިސްޓުންނަށް އަދި އޭގެ ފަހުން އެ  އަދަދު ހަތް މިލިއަނަށް އިތުރުކުރަން އަމާޒު ހިފާ އިރު ބޮއިކޮޓް ހަރަކާތްތަކުން ރާއްޖެ އަށް އަސަރުނުކުރާނެއޭ ބުނެވޭ ކަށް ނެތެވެ.

މީގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ސިޔާސީ އަދި އިގްތިސާދީ ގުޅުމަށް ކުރާނީ ކޮން އަސަރެއް؟

ސޯޝަލް މީޑިއާ އަށް ބަލައިލުމުން އެނގިގެން ދަނީ މިހާރު ވެސް ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ކެންސަލޭޝަންތައް އަންނަން ފަށާފައިވާ ކަމެވެ. މި ވަގުތު ފަށައިގެން އުޅެނީ ރާއްޖެ ބޮއިކޮޓްކުރުމުގެ ހަރަކާތްތަކެވެ. ސިޔާސީ ގޮތުން ފިޔަވަޅުތަކެއް އަޅައިފި ނަމަ ރާއްޖެ އަށް އިންތިހާ އަށް ދަތިކުރެވުމުގެ ފުރުސަތު އިންޑިއާ އަށް އެބަ އޮތެވެ. ރާއްޖޭގެ އެތައް ބަޔަކު އިންޑިއާ އިން ބޭސްފަރުވާ ކުރެއެވެ. 

އެތައް މުދަލެއް ރާއްޖެ އަށް އެތެރެކުރެއެވެ. މީގެ ކުރިން ކަން ކޮށްފައިވާ ގޮތަށް ބަލާ ނަމަ ވިސާގެ ދަތިކުރުމުގެ ފިޔަވަޅަކީ ވެސް އިންޑިއާ އިން އަޅާފާނެ ފިޔަވަޅެކެވެ. ފިޔާ އަލުވި ފަދަ ބައެއް ބާވަތްތައް ރާއްޖެ އަށް އެކްސްޕޯޓްކުރުން މަޑުޖައްސާލައިފި ނަމަ ވެސް އެތައް އުނދަގުލެއް ކުރިމަތިވާނެއެވެ.

އާންމު ފަރުދުންގެ ލެވެލްގައި ސޯޝަލް މީޑިއާގެ ތެރޭގައި އަބަދު ވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު ކޯޅުން އޮވެއެވެ. އެހެން ނަމަވެސް މި ފަހަރު 

ހާލަތު ތަފާތުވެގެން އުޅެނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި އިސް ބޭފުޅުން ވެސް ހުދޫދުން ބޭރުވުމުންނެވެ. ސިޔާސީ މަގާމުތަކުގައި ތިބޭ އިރު ސަރުކާރުގެ ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކަށް އިހްތިރާމްކުރަންޖެހޭނެއެވެ. 

ވެރިކަމަށް ވަޑައިގަތުމުގެ ދަތުރުގައި ރައީސް ޑރ. މުއިއްޒު ވެސް އިންޑިއާ އަށް ވަރަށް ހަރުކަށި ބަސްތައް ވިދާޅުވިއެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތެކެވެ. އިންޑިއާއާ އެކު ގެންގުޅުއްވަނީ މަޝްވަރާކުރެއްވުމުގެ ސިޔާސަތެކެވެ. މިއީ ހަމައެކަނި ރައީސް ޑރ. މުއިއްޒުގެ ސިޔާސަތެއް ނޫނެވެ. މިއީ ސަރުކާރުގެ ސިޔާސަތެވެ. އެހެން ކަމުން ސިޔާސަތު ތަންފީޒުކުރުމަކީ ސިޔާސީ ކޮންމެ ބޭފުޅެއްގެ ވެސް ޒިންމާއެކެވެ.

ރިއެކްޝަންސް
0
0
0
2
1
0
1