އަމިއްލަ ހިޔާލު: ވޯޓުން ހޮވާ މަގާމުތައް ވޯޓުން ބަދަލުކުރެވެންޖެހޭ!

10 ޖެނުއަރީ 2024 - 14:23

ރާއްޖޭގައި އޮތީ ރިޔާސީ މަސްހުނި ނިޒާމެކެވެ. ދައުލަތުގެ ބާރުތަކަށް ވެރިން ހޮވުމުގައި ރައްޔިތުންގެ ދައުރު ބޮޑެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ މެންބަރުން އަދި ކައުންސިލްތަކަށް މެންބަރުން ހޮވަނީ ވެސް ރައްޔިތުންގެ ވޯޓުންނެވެ. އެހެން ނަމަވެސް ރައްޔިތުންނަށް އޮންނަ ހަމައެކަނި ބާރަކީ ފަސް އަހަރުން އެއް އަހަރު ލިބޭ ބާރެކެވެ. މަގާމަށް ހޮވުމަށް ފަހު އެ މީހަކު ކޮންމެ ގޮތަކަށް އަދި ރައްޔިތުންގެ ވިންދާ ދެކޮޅަށް މަސައްކަތްކުރި ނަމަވެސް މަގާމުން ދުރުކުރެވޭނެ ގޮތެއް ނޯވެއެވެ. 

ރައްޔިތުންގެ ވޯޓަކުން ހޮވޭ މެންބަރަކު ރައްޔިތުންގެ ވޯޓަކުން ވަކިކުރެވޭނެ ގޮތެއް އުފަންކުރުމަށް ގޮވާލާ އަޑުތައް ކޮންމެ އިންތިހާބަކާ ދިމާކޮށް ގަދަވެއެވެ. ރިޔާސީ އިންތިހާބު ބޯމަތިވަމުން އައިއިރު ވެސް މި އަޑުގަދަވިއެވެ. އެއްވެސް ކެންޑިޑޭޓަކު ބޭނުން ނުވާ ނަމަ އެކަން ހާމަކުރެވޭނެ ގޮތެއް ވޯޓު ކަރުދާހުގައި ޖަހައިދިނުމަށް ގޮވާލިއެވެ. އެކަމަށް މަގުފަހި ނުވުމުން “ޓީމް ބާތިލް”ގެ ނަމުގައި ހަރަކާތެއް ހިންގިއެވެ. 

advertisement

ވޯޓުން ހޮވާ މަގާމުތަކުން އެ ފަރާތްތައް ވަކިކުރުމުގެ އިހްތިޔާރު ވެސް ރައްޔިތުންނަށް ލިބެންޖެހޭ

ނަތީޖާއަކަށްވީ މިއިން ޒަމާނަކު ރާއްޖޭގެ އިންތިހާބެއްގައި ބާތިލްނުވާ ވަރަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް ބާތިލް ވޯޓު ގިނަވުމެވެ. މިއީ ރައްޔިތުންނަށް އިހްތިޔާރު ނުލިބުމުން ދިމާވި ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެއެވެ. ހަމަ އެ ގޮތަށް ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތަކުން އެ ފަރާތްތައް ވަކިކުރުމުގެ އިހްތިޔާރު ވެސް ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރާ ފަރާތްތައް ގިނައެވެ. 

މިހާރު ގާނޫނު އަސާސީ އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައްޔިތުން އިންތިހާބުކުރާ ފަރާތެއް މަގާމުން ދުރުކުރުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. އެއީ މަޖިލީހުގައި އެ ވަގުތެއްގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓަކުންނެވެ. އެހެން ނަމަވެސް އެ ބާރު ރައްޔިތުންނަށް ވެސް ލިބޭނެ ގޮތަކަށް ގާނޫނު އަސާސީ ބަދަލުކުރަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

އެ ގޮތުން ވަކި އަދަދަކަށް ވުރެ ގިނަ ރައްޔިތުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅޭ ޕެޓިޝަނަކުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު އޮތްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭގެ އިންތިޒާމެއް އޮތުން މުހިންމެވެ. އޭގެ ސަބަބުން ރަނގަޅު އެތައް ކަމެއް މެދުވެރިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެ ގޮތުން މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ވެރިކަމުގައި ތިބޭ ފަރާތްތަކުން މަސައްކަތްކުރުން ހިމެނެއެވެ. 

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުން ނަގަން އުޅޭ ކަމަށް ދާދި ފަހުން އަޑު ފެތުރުނެވެ. އެއާ އެކު ދެން ފެނިގެން ދިޔައީ އިދިކޮޅުގައި ތިބި އެތައް މެންބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީ އަށް ބަދަލުވިތަނެވެ. ތުންތުން މަތިން އިވޭ އަޑުތަކުން އެކަން ހިނގީ ރިޝްވަތުގެ މުއާމަލާތްތަކަކާ އެކުގައެވެ. އަދި އެއީ އެއްވެސް މަންފާއެއް ނެތި ނުހިނގާނެ ކަމެއްގެ ގޮތުގައި ރައްޔިތުން ވެސް ގަބޫލެއް ނުކުރެއެވެ. 

އެކަން އެހެންވީ ރައީސް އަޒުލްކުރުމުގެ ބާރު މަޖިލީހުގައި އޮތުމުންނެވެ. އެހެން ނަމަވެސް އެ ބާރު ރައްޔިތުންގެ އަތުގައި އޮންނަ ފަދަ އިންތިޒާމެއް ހަމަޖެހިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަތުމާއި ރިޝްވަތުގެ ކަންކަން ވެސް ނައްތާލުމަށް ބާރު އެޅޭނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މަޖިލީހުގެ މެންބަރުންނަކީ ވެސް ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ބައެކެވެ. އެހެން ނަމަވެސް އެ މަގާމަށް އިންތިހާބުވުމަށް ފަހު މަގާމުން ދުރުކުރެވޭނެ ގޮތެއް ގާނޫނުގައި ނެތެވެ. ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އަދި ޕާޓީން އެތައް ހަރަދެއް ކޮށްގެން ހޮވޭ މެންބަރު މަޖިލީހަށް ވަޑައިގެން ޕާޓީ ބަދަލުކުރިޔަސް އެޅޭނެ ފިޔަވަޅެއް ނެތެވެ. 

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް އުފަންކުރުވިއެވެ. އެހެން ނަމަވެސް ސިޔާސީ ވަކި ބޭނުމެއްގައި އެކަން ކުރުމުގެ ނަތީޖާއަކަށްވީ ފަހުން އެ ގާނޫނު އުވާލުމެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު މިއީ އޭގެ ޒާތުގައި ކަން އޮންނަންޖެހޭ ގޮތެވެ. ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެންބަރުން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑިއާ މެދު ގޮތް ނިންމުމުގެ ހައްގު އޮންނަންވާނެއެވެ. ނަމަވެސް ގާނޫނުގައި ކުރިން އޮތް ގޮތަށް އެ ބާރަކީ ޕާޓީ އަށް ލިބެންޖެހޭ ބާރަކަށްވުރެ އެ މެންބަރަކު ތަމްސީލްކުރާ ދާއިރާއެއްގެ ރައްޔިތުންނަށް އޮންނަންޖެހޭނެ ބާރެކެވެ. 

ޕެޓިޝަނެއްގައި ސޮއި ހަމަކުރަންޖެހޭނީ ކިތައް މީހުން؟ 

ޕާޓީ ބަދަލުކުރާ ނަމަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނު ބައްޓަންކުރަންޖެހެއެވެ. އަދި ރައްޔިތުންގެ ތެރެއިން ވަކި އަދަދަކަށް ރައްޔިތުން ސޮއިކުރާ ޕެޓިޝަނަކުން ވެސް އެފަދަ ވޯޓަކަށް މަގުފަހިވާންޖެހެއެވެ. “ޗެކް އެންޑް ބެލެންސް”ގެ ނިޒާމު ހިނގާނީ އޭރުންނެވެ. 

ދެން އޮތް ސުވާލަކީ އެފަދަ ޕެޓިޝަނެއްގައި ސޮއި ހަމަކުރަންޖެހޭނީ ކިތަން މީހުންގެ ހެއްޔެވެ؟ އަދި އެއީ ސައްހަ ޕެޓިޝަނެއްކަން ޔަގީންކުރަން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ބަހުސްކުރެވިދާނެ ކަމެކެވެ. އަދި ރަނގަޅު މަޝްވަރާތަކާއި ދިރާސާތަކަށް ފަހު މިއީ ކުރެވިދާނެ ކަމެކެވެ. ބޭނުން ވަނީ ހެޔޮ ނިޔަތެކެވެ. 

ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ މަގާމުތަކުން މީހުން ދުރުކުރެވޭނެ ގޮތްތައް ނެތް ނަމަވެސް މަޖިލީހުން އިންތިހާބުކުރާ މަގާމުތަކަށް ބަދަލު ގެނައުމުގެ ބާރު މިހާރު ވެސް މަޖިލީހުގައި އޮވެއެވެ. މިސާލަކަށް ކޮމިޝަންތަކަށް މެންބަރުން އިންތިހާބުކުރަނީ މަޖިލީހުގެ ވޯޓުންނެވެ. އެ މެންބަރުން މަޖިލީހަށް ވަކި ވެސް ކުރެވެއެވެ. އެހެން ނަމަވެސް ގިނަ މިނިވަން މުއައްސަސާތަކުގެ ރައީސް އާއި ނައިބު ރައީސް ކަނޑައެޅުން އޮންނަނީ ކޮމިޝަންތަކަށް ދޫކޮށްލާފައެވެ. އެކަންކުރަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. 

އެހެން ނަމަވެސް ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ މަގާމުން އެ ފަރާތެއް ދުރުކުރުމުގެ ބާރު ކޮމިޝަންގެ މެންބަރުންނަށް ނުލިބުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ. ރައީސް އާއި ނައިބު ރައީސަކީ ކޮމިޝަންގެ މެންބަރުންގެ އަގުލަބިއްޔަތުން ހޮވޭ މެންބަރަކަށް ވާ ނަމަ އެ މަގާމުން އެ ދެ ފަރާތް ދުރުކުރުމުގެ ބާރު ކޮމިޝަންގެ މެންބަރުންނަށް އޮންނަންޖެހޭ ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ. މީގެ ކުރިން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ކޮމިޝަންގެ އެހެން މެންބަރުންނާ ޖެހުނު މައްސަލައެއްގައި މި މައްސަލަ ފެންމަތިވިއެވެ. 

ފުއާދަށް އިތުބާރު ނެތް ކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ފާސް ވެސް ކުރިއެވެ. ކޮމިޝަންގެ އަގުލަބިއްޔަތުން ހޮވި މަގާމެއް ކޮމިޝަންގެ އަގުލަބިއްޔަތުން ވަކިކުރެވެންޖެހޭނެ ކަމަށް އޭރު އެ މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ. އެހެން ނަމަވެސް އެއީ ގާނޫނީ ގޮތުން އެކަން އޮތް ގޮތް ކަމަށް ނުވާތީ ކޮމިޝަންގެ އަގުލަބިއްޔަތުން ނިންމި ނިންމުން ތަންފީޒު ވާނެ ގޮތެއް ނެތެވެ.

ވޯޓުން އިންތިހާބުކުރެވޭ ކޮންމެ މަގާމަކުން އެ ފަރާތެއް އެ މަގާމުން ވަކިކުރުމުގެ ބާރު އެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް ފަހިވެފައި އޮންނަންޖެހޭނެއެވެ. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވެސް ޕްރެކްޓިސްކުރަމުން އަންނަ އުސޫލެކެވެ. ހާއްސަކޮށް ކުރިއަރަމުން އަންނަ އަދި ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި މި ގޮތަށް އަމަލު ކުރެއެވެ. 

އެ ގޮތުން ދާއިރާތައް ތަމްސީލްކުރާ މަޖިލިސް މެންބަރުންގެ އިތުބާރު ނެތް ކަމަށް ވަކި އަދަދަކަށް ވުރެ ގިނަ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި ނަމަ އެ ފަރާތެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ނިޒާމުތައް މިހާރު ވެސް ތަންފީޒުކުރާ ގައުމުތައް އެބަހުއްޓެވެ. ރާއްޖެ އަށް ވެސް އެފަދަ ތަސައްރަފު ފުދިފައިވާ ނިޒާމުތައް މުހިންމެވެ. ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މިހާރަށް ވުރެ ރައްޔިތުން ބާރުވެރިކުރުވަންޖެހެއެވެ.  

ރިއެކްޝަންސް
0
0
0
0
0
0
0