އަމިއްލަ ހިޔާލު: އަނެއްކާ ވެސް އެ ވާހަކަ — ދިރިއުޅޭ ތަނަށް ވޯޓުލުމުގެ ހައްގު!

14 ޖެނުއަރީ 2024 - 13:53

އުމުރުގެ ބޮޑު ބައި ހޭދަ މިވީ މިތަނުގައެވެ. ލިބޭހާ ފައިސާއެއް ހޭދަކުރަނީ މި ތަނަށެވެ. ފައިދާއެއް ވަނީ މި ތަނުން ލިބޭ ހިދުމަތް ރަނގަޅު ވެގެންނެވެ. އެހެން ނަމަވެސް އެ ހިދުމަތްތައް ދޭނެ ގޮތުގެ ޕްލޭންތައް ކަނޑައެޅައި މަޝްވަރާކުރުމުގަ އާއި އެ ކަންކަން ތަންފީޒުކުރުމަށް ވެރިން ހޮވުމުގެ ހައްގެއް ނުލިބެއެވެ. 

މިއީ މީގެ ކުރިން ވެސް ދެކެވުނު ވާހަކައެކެވެ. ކައުންސިލްތަކުގެ އިންތިހާބުތަކާ ދިމާކޮށް ވަރަށް ގަދަޔަށް އިވޭ އަޑެކެވެ. ތިމާ ދިރިއުޅޭ ތަނުގެ ކައުންސިލް ހޮވުމުގައި ވޯޓުލުމުގެ ހައްގު އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް ލިބޭނެ އިންތިޒާމެއްގެ ވާހަކައެވެ. 

advertisement

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ހޮނިހިރު ދުވަހު މިވަނީ އިންތިހާބެއް ބާއްވާފައެވެ. ސަރުކާރުގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ހޯއްދެވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ. މި ގޮނޑި އިދިކޮޅުން ކާމިޔާބުކުރުމުގެ ވާހަކައަށް ވުރެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ވޯޓު ލާން ނުކުތް މީހުންގެ އަދަދު އިންތިހާ އަށް މަދުވުމުންނެވެ. 

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު މާލޭ މޭޔަރު ހޮވުމުގެ ބައިއިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބުނު 54،680 މީހުންގެ ތެރެއިން ވޯޓު ލާން ނުކުމެފައިވަނީ 17،442 މީހުންނެވެ. އެއީ 31.8 އިންސައްތައެވެ. އާންމު ގޮތެއްގައި ވެސް ކައުންސިލްތަކުގެ އިންތިހާބުތަކުގައި ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަދުވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަން ހޯއްދެވީ ވެސް 12،470 ވޯޓާއެކުއެވެ. މި ފަހަރު އާޒިމް އަށް ލިބިވަޑައިގެންނެވީ 7،621 ވޯޓެވެ. 

 ވޯޓު ލުމުގެ ހައްގު މި ލިބެނީ އޭގެ ތެރެއިން ހަތަރު ބައިކޮށްފައި އެއްބައި މީހުންނަށް

މިއީ ހަމައެކަނި މާލޭ މޭޔަރު ހޮވުމުގެ އިންތިހާބަށް ވުމުން ވާ ގޮތެއް ނޫނެވެ. މިއީ މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުތަކާއި ބައި އިލެކްޝަންތަކުގައި ވެސް ކުރިމަތިވި މައްސަލައެކެވެ. ކައުންސިލް އިންތިހާބުތަކުގައި ވޯޓުލުމަކީ އެހާ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކެއެވެ. އަދި ހާއްސަކޮށް ބައި އިލެކްޝަންތަކާ މެދު އާންމުން ދެކެނީ އެއީ ބޭކާރު ކަމެއްގެ ގޮތުގައެވެ. އެއްބަޔަކު ދެކޭ ގޮތުގައި ކައުންސިލް އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވުމުގެ މައިގަނޑު އެއް ސަބަބަކީ ވޯޓު ލާންދިއުމުގެ މުހިންމުކަމާ މެދު އޮތް ސުވާލެވެ.

މާލޭގެ މޭޔަރުކަން ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ބައި ލައްކައަށް ވުރެ ގިނަ މީހުންނަށް ލިބުނެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު ހަމަ ޔަގީނުން ވެސް ދޮޅު ލައްކައަށް ވުރެ އިތުރުވާނެއެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާތައް ދައްކާ ގޮތުން ވެސް މާލެ ސަރަހައްދުގައި ބިދޭސީންނާ އެކު ޖުމްލަ 212،138 މީހުން ދިރިއުޅެއެވެ. މިއީ މުޅި ރާއްޖޭގެ އާބާދީގެ ވެސް 41 ޕަސެންޓެވެ. މިހާ ގިނަ ބަޔަކު ދިރިއުޅެ، އެތައް ހިދުމަތެއް ހޯދާ ތަނެއްގައި ވޯޓު ލުމުގެ ހައްގު މި ލިބެނީ އޭގެ ތެރެއިން ހަތަރު ބައިކޮށްފައި އެއްބައި މީހުންނަށެވެ. 

ކައުންސިލް އިންތިހާބުތަކުގައި ބައެއް ރަށްތަކުގެ ކައުންސިލްތަކަށް މެންބަރުން ހޮވުމުގެ ބާރު އޮންނަނީ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ވުރެ މާލޭގައި ދިރިއުޅޭ މީހުންގެ އަތްމަތީގައެވެ. އެ ރަށުގެ ކަންކަމުގައި ގޮތް ކިޔުމުގެ ބާރު އެހެން ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބުމަކީ ތާކުންތާކު ނުޖެހޭ ކަމެކެވެ. 

މިހެން ވުމުގައި މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ އުފަންވާ ތަނުގެ ރަޖިސްޓްރީއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އުވާލަންޖެހޭ އެއްޗެކެވެ. އޭގެ ސަބަބުން އެތައް ވޯޓުލުމުގެ ހައްގުގެ އިތުރުން އެހެން ބައެއް ހައްގުތައް ވެސް ގެއްލިގެން ދެއެވެ. އެ ގޮތުން އެންމެ ފަހުން މާލެއިން ދިރިއުޅުމަށް ބިން ދޫކުރުމަށް ކުރީ ސަރުކާރުން ހިންގި މަޝްރޫއުން ވެސް އެތައް ބައެއްގެ ހައްގު ގެއްލުނީ އުފަންވާ ތަނުގެ ރަޖިސްޓްރީގެ ސަބަބުންނެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މޭޔަރުގެ އިންތިހާބުން ވެސް ހާމަވެގެން ދިޔައީ އުފަން އެޑްރެސް އުވާލައި އެތަނެއްގައި ދިރިއުޅޭ މީހުންގެ ރެޖިސްޓްރީއެއް އެކުލަވައިލުމުގެ މުހިންމު ކަމެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މިހާރު ވެސް އެފަދަ ރަޖިސްޓްރީއެއް އެބަ އޮތެވެ. އެއީ ދަފްތަރެވެ. 

އެހެން ނަމަވެސް ދަފްތަރުގެ އުސޫލް ހަރުދަނާކުރަންޖެހެއެވެ. މާލޭގައި ކިތަންމެ ބަޔަކު ދިރިއުޅުނަސް ތަފާތު އެކި ސަބަބުތަކާ ހުރެ ދަފްތަރުގައި ޖެހުން ވަނީ ބޮޑު ކަމަކަށެވެ. ނުވަތަ ދަތި ކަމަކަށެވެ. އަދި އެކަމުން ލިބޭ ފައިދާ އަށް ވުރެ ގެއްލޭ ފުރުސަތުތައް ގިނަ ކަމަށް މީހުންނަށް ވިސްނިފައި އޮތުމަކީ ވެސް މާލޭގެ ދަފްތަރުގައި ޖެހެން ގިނަ ބަޔަކު ބޭނުން ނުވާ މައިގަނޑު ސަބަބެވެ. 

އުމުރު ދުވަހު މާލޭގައި އުޅުނަސް ވޯޓު ލުމުގެ ހައްގު އޮންނަނީ އުފަން ރަށުގައި

ހިޔާ ފްލެޓް ސަރަހައްދުގައި ވެސް 30،000 އާ ގާތްކުރާ އަދަދކަށް މީހުން ދިރިއުޅެއެވެ. 6،000 އަށް ވުރެ ގިނަ ފްލެޓް ވެރިން ތިބި ނަމަވެސް އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެސް ކޮންމެވެސް ރަށަކަށް ނިސްބަތްވާ މީހުންނެވެ. އެއީ ހަމަޖެހޭ އުސޫލެއް ނޫނެވެ. މާލެ ސަރަހައްދުގައި ދިރުއުޅޭއިރު އަދި އަމިއްލަ ވަޒަންވެރިކަމެއް އޮތް އިރު މާލޭ ސަރަހައްދުގައި ރަޖިސްޓްރީނުވާންވީ ސަބަބެއް ނެތެވެ. 

ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ހިޔާ ސަރަހައްދުގެ މީހުން ވެސް އެ ފްލެޓްތަކުގައި ރަޖިސްޓްރީވާން ބޭނުމެއް ނުވެއެވެ. ނޫނީ ދަފްތަރުގައި ޖެހޭކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން އުމުރު ދުވަހު މާލޭގައި އުޅުނަސް ވޯޓު ލުމުގެ ހައްގު އޮންނަނީ އުފަން ރަށުގައެވެ. 

މާލޭގައި އެކަށީގެންވާ ފެން ހިންދުމުގެ ނިޒާމެއް ނެތި ފެންބޮޑުވުމުން ދަތި އުނދަގޫ ޖެހެނީ ހަމައެކަނި މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެއް ނޫނެވެ. ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތައް އޮތީ ހަމައެކަނި މާލެ އަށް އުފަން މާލޭގެ ގެތަކަށް ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެއް ނޫނެވެ. މަގުތަކުގައި ޕާކްކުރާނެ ތަނެއް ނެތިގެން އުނދަގޫ ވަނީ ވެސް ހަމައެކަނި އެ މީހުންނަކަށް ނޫނެވެ. 

މިހެން ގޮސް މާލޭގައި ހުރި އެތައް އެތައް މައްސަލައެއްގެ ދަތި އުނދަގޫ ތަހައްމަލުކުރަންޖެހެނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށެވެ. އެހެން ނަމަވެސް އެކަންކަން ހައްލުކުމަށް ކައުންސިލްތަކަށް އިންތިހާބުކުރާ ވެރިން ހޮވުމުގެ ހައްގެއް މާލެ ސަރަހައްދުގައި ދިރުއުޅޭ ގިނަ މީހުންނަކަށް ނުލިބެއެވެ. 

ރިއެކްޝަންސް
0
0
0
1
1
0
0