އަމިއްލަ ހިޔާލު : ދަރަނި ނެގުމަށްފަހު ފިލައިގެން އުޅޭ ރަށްޓެހިން

15 ޖެނުއަރީ 2024 - 14:56

އާންމު ގޮތެއްގައި ހަފުތާއަކު ދެތިން ރޭ އެކުގައި ކޮފީ ބޮއި އުޅުނު ރަހުމަތްތެރިއެކެވެ. ކުއްލި ކަމެއް ދިމާވެގެން، ޖެހިގެން އަންނަ މަހު ދޭ ގޮތަށް ފަސް ހާސް ރުފިޔާ ދިނުމަށް އެދުނެވެ. ވަރަށް ގާތްކޮށް އުޅޭތީ މާބޮޑު ކަމަކަށް ނުހަދައި ދިނީމެވެ. ކުރިން ވެސް އުޅުނު ގޮތަށް އެކުގައި ކޮފީ ބޮއި ހަދައެވެ. އެއް މަސް ހޭދަވެ ދެ މަސް ފާއިތުވެއްޖެއެވެ. ފަސް ވަރަކަށް މަސް މި ގޮތުގައި ހިނގައްޖެއެވެ. 

ގާތްކަން އޮންނާތީ އާއި ފައިސާ އަށް ވެސް އަތްމަތި ވެސް ދަތިނުވާތީ އެ ވާހަކަ ނުދައްކަމެވެ. ނަމަވެސް ހައެއްކަ މަސް ފަހުން އޭގެ ވާހަކަ އަހާލާނަމޭ ހިތަށް އެރިއެވެ. ދިމާއަށް ބުނަން ނުކެރޭތީ ރާއްޖެއިން ބޭރަށް ދާން އުޅޭ ކަމަށް ހަދާފައި ޑޮލަރު ކޮޅެއް ހޯދަދޭން ބުނެފީމެވެ. އަދި ދޭން އޮތް ފައިސާ އިން ޑޮލަރު ގަނެފައި ދިނުމަށް ނުސީދާކޮށް އެދުނީމެވެ. ބަލާލާނަމޭ ބުންޏެވެ.

advertisement

މިއަދަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއެވެ. އެ ވާހަކަ ދެއްކި ދުވަހުން ފެށިގެން ރަހުމަތްތެރިޔާ ކޮންމެޔަކަސް ވަރަށް “ބިޒީ” ވެއްޖެއެވެ. ކޮފީއެއް ބޯލަން ވެސް އާދެވޭ ކަމަކަށް ނުވެއެވެ. އޮޅިގެން ދިމާ ވިޔަސް ވާހަކައެއް ފެށުމުގެ ކުރިން ނައްޓާލައެވެ. ފޯނެއް ކުރިޔަސް ނަގަނީއެއް ނޫނެވެ. ދޭތެރެ ދުރުކޮށް މެސެޖެއް ކޮށްލިޔަސް ބުނަނީ މި ވަގުތު އަތްމަތި ދަތި ކަމަށާއި ޖެހިގެން އަންނަ މަހު މުސާރަ ލިބުނީމާ ޓްރާންސްފާ ކޮށްލާނެ ކަމަށެވެ. 

އެހެން ނަމަވެސް އެ ދުވަހެއް ނައެވެ. އަތްމަތި ދަތި ކަމަށް ބުނާ މީހާގެ ސޯޝަލް މީޑިއާ ހާވާލުމުން ފެންނަނީ އެންމެ ޒަމާނީ ރެސްޓޯރެންޓްތަކުގައި ލޯބިވެރިޔާއާ އެކު ހޭދަކުރާ ވަގުތު ތަކެވެ. ނޫނީ ކޮންމެ ވެސް ތަނަކަށް އެކުގައި ކޮށްފައި ހުންނަ ދަތުރުތަކެވެ.

އެހެން މީހެއްގެ ވާހަކައެވެ. އާންމުކޮށް ސޯޝަލް މީޑިއާގައި ވަރަށް މީމްތައް އެ މީހަކަށް އަމާޒުވާ މީހެކެވެ. އެންމެ ސަމާލުކަން ލިބެނީ އޭނާގެ މަޖާ ސްޓެޓަސްތަކަށެވެ. ކާންބޯން މާ ބޮޑު މަސައްކަތެއް ނުކުރިޔަސް ނިކަން ފައިސާ ގެންގުޅެއެވެ. މައިގަނޑު ގޮތެއްގައި ކުރާކަމަކީ ބޭރު ގައުމުތަކަށް ބޭސް ފަރުވާއަށާއި ޗުއްޓީ އަށް ދާ މީހުންނާއި ގްރޫޕްތައް ގޮވައިގެން އެހީތެރިއެއްގެ ގޮތުގައި ދަތުރުކުރުމެވެ. 

ވަރަށް ހިތްހެޔޮ ސަކަ މިޒާޖެއްގެ އެކަނި ހުންނަ މީހެކެވެ. އެހެން ކަމުން އެހެން ދާ ދަތުރުތަކުގައި ރައްޓެހި ރަހުމަތްތެރި، އަދި މާ ގާތް ނޫން ނަމަވެސް ދެކި ފަރިތަ މީހުން ބުނާ ކަންކަން ކޮށްލައިދީ އުޅެއެވެ. ބޭހާއި އެ ނޫން ވެސް ތަކެތި ގަނެގެން ގެނެސްދެއެވެ. 

އެހެން ނަމަވެސް އޭނާގެ މަޖާ ސްޓެޓަސްތަކުން ފާހަގަކުރެވޭ އެއްކަމަކީ އެހެން ގެންނަ އެއްޗެއްސަށް އޭނާ އަށް ވެސް ބައެއް ފަހަރު ފައިސާ ނުލިބޭ ކަމެވެ. މީހުން ބުނީމާ ކޮށްދެނީ އޭގެ އަގު ފަހުން ލިބޭނެ ކަމަށް ބަލައިގެންނެވެ. އެހެން ނަމަވެސް ދޭތެރެއަކުން އޭނާ ސޯޝަލް މީޑިއާ އަށް ދޫކޮށްލާ މަޖާ ސްޓެޓަސްތަކުގައި ވެސް މި ސީރިއަސް މައްސަލަ ފާހަގަކުރެވެއެވެ. ފަހުން ދޭނެ ކަމަށް ބުނެ ދީފައިވާ އެތައް ހާސް ރުފިޔާއެއް އޭނާ އަށް ވެސް ނުލިބި ހުންނަކަން ފާހަގަކުވެއެވެ. ދޭތެރެ ދޭތެރެއިން މަޖާ ގޮތަކަށް އެ ވާހަކަ ގޮވާލައި ޝަކުވާކޮށްލައި ހަދައެވެ.

މި މުޖުތަމައުގައި އާންމު ކަމެއް

މިއީ މި މުޖުތަމައުގައި ހަމަ ކޮންމެ މީހަކަށް ވެސް ދިމާވާ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކުގައި އުޅޭ ރައްޓެހި، ރަހުމަތްތެރިން ފަހުން ދޭ ގޮތަށް ނަގާ ފައިސާއާ ހުރެ މޫނު ކެނޑި އަދި ގުޅުން ކެނޑޭ ގޮތް ވުން ވަރަށް އާންމެވެ. ވަރަށް އެކުގައި އުޅެފައި ހަމަ ކުއްލިއަކަށް ގެއްލެނީއެވެ. ފަހުން ދޭ ގޮތަށް ނެގި ފައިސާ ވެސް ނުލިބެއެވެ. ފައިސާ ނުލިބުމަށް ވުރެވެސް ބޮޑު ހިތާމައަކީ އެ “ލޯނާ” އެކު އެކުވެރި ރަހުމަތްތެރިކަން ވެސް ގެއްލޭތީއެވެ.

އެކުވެރިން އަތުން ފައިސާ ނަގާފައި ފިލައިގެން އުޅުމަކީ މި މުޖުތަމައުގައި އާންމު ކަމެކެވެ. ގާތްކަން އޮންނާތީ ހާލުގައި ޖެހޭ ދުވަހު ނުވަތަ ބޭނުމެއް ޖެހޭ ދުވަހު އެހީތެރިކަން ފޯރުކޮށްދެނީ ހެޔޮ ނިޔަތުގައެވެ. އެހެން ނަމަވެސް އެއީ އެނބުރާ ދޭނެކަމުގެ ޔަގީން ކަމާއި އުންމީދުގައި، އޮންނަ ގުޅުމެއްގެ ސަބަބުން ދޭ އެއްޗެކެވެ. ފާޑުފާޑުގެ ސްކޭމްތަކުގައި ޖެހި ގެއްލިގެންދާ ފައިސާއަކީ ދެން އަނބުރާ ލިބޭނެ އެއްޗަކަށް ނުވާތީ އެފަދަ ގޮތަކަށް ގެއްލޭ ފައިސާއާ މެދު މާ ބޮޑު އުންމީދެއް ނުކުރެވެއެވެ. އަދި ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަނީ ވެސް އެއީ ދެން ނުލިބޭނެ އެއްޗަކަށް ބަލައިގެންނެވެ. 

އެހެން ނަމަވެސް އަނބުރާ ލިބޭނެ ކަމުގެ އުންމީދުގައި މީހަކަށް ދޭ ފައިސާއާ މެދު އަބަދުވެސް އުންމީދެއް އޮވެއެވެ. ހާއްސަކޮށް ގާތް މީހުންނަށް ވާތީ ކަމެއް ޖެހޭ ފަހަރެއްގައި އެ ފައިސާ އަނބުރާ ލިބޭނެ ކަމަށް އުންމީދު ކުރެވެނީއެވެ. އެހެން ނަމަވެސް ކަން ވަނީ އެހެނެއް ނޫނެވެ. ފައިސާ އަނބުރާ ދޭން ބުނާ ހިސާބުން ގާތްގުޅުން ވެސް ދުރުވަނީއެވެ. ނޫނީ ފިލައިގެން އުޅެނީއެވެ. އެއްބަސްވުމެއް ހަދައިގެން ދިން އެއްޗަކަށް ނުވާތީ ކޯޓަކަށް ގޮސް ދައުވާއެއް ވެސް ކުރެވޭކަށް ނޯވެއެވެ. އަދި ގާތް މީހަކަށްވާތީ އަބަދު އެ ވާހަކަ ގޮވާކަށް ވެސް ނުމެކެރެއެވެ.

 ދުރު މީހެއް ކައިރީގައި ނުކުރާހާ އާދޭސް ކުރަންޖެހޭ

ބޭރުކަރަތަކުން ވާރިދުވެގެން އައިސްފައިވާ މުހާވަރާއެއްގައި އޮވެއެވެ. ސަލާންޖަހަން ދަސްކުރަން އެންމެ މޮޅު ގޮތަކީ ގާތް މީހަކަށް ފަހުން އަނބުރާ ދޭ ގޮތަށް ފައިސާ ދިނުމެވެ. އެ ފައިސާ ހޯދަން ދުރު މީހެއް ކައިރީގައި ނުކުރާހާ އާދޭސް ކުރަންޖެހޭނެއެވެ. އަދި ތަފާތު މޮޅު ބަހަނާތައް އުފަންކުރުވޭނެއެވެ. ފައިސާ އަނބުރާ ހޯދުމަށް ބޭންކަކަށް ވެސް ނޭނގޭހާ މޮޅު ބަހަނާތައް ދަސްވާނެއެވެ. މިއީ މި މުޖުތަމައުގެ ހަގީގަތެވެ.

ވަރަށް ކުދި ކުދި ކަންކަމުގައި ވެސް މިކަން އޮތީ މިހެންނެވެ. 

އަންހެންވެރިންނަށް މިކަށް އަދި ވަރަށް ބޮޑަށް އެނގޭނެއެވެ. ގާތް ތިމާގެ މީހުންނަށް ކާ އެއްޗެހި އަޅައިގެން ގެންދާ ރީތި ތެލިތަށި ފަދަ ތަކެއްޗަކީ އެ މީހުން ހިތުން ފިލައިގެން ނުދާނެ އެއްޗެއްސެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން ތިމާގެ މީހެއްގެ ގެއަށް ފޮނިކާ އެއްޗެއް އަޅައިގެން ގެންދިޔަ ބިއްލޫރި ތައްޓެއްގެ ވާހަކަ މިހާރު ވެސް އަންހެނުން ދޭތެރެ ދޭތެރެއިން ދައްކައެވެ. 

އެ ގެއަށް މަދުން ނަމަވެސް ދާއިރު އެ ތަށީގެ މަތިން އެ ގޭ މީހުން ހަނދާން ނުވަނީބާއޭ ތިމަންނާ ހިތަށް އަރަޔޯލައެވެ. ނަމަވެސް ގާތް ބަޔަކަށް ވާތީ ބުނަން ނުކެރެނީޔޯލައެވެ. ނަމަވެސް މީގެ 10 އަހަރު ފަހުން ވެސް އެ ތަށީގެ ވާހަކަ ދެއްކޭނެއެވެ. އެއީ އަނބުރާ ގެންނާނެ ކަމުގެ އުންމީދުގައި ދިން އެއްޗަކަށް ވާތީއެވެ.

އެކުވެރިންނަށް ލޯނު ދިނުމަކީ އަލިފާނަށް އެޅުން ފަދަ ކަމަކަށް ވާނީ ވެފައެވެ. މުޖުތަމައުގައި މިކަން ވަނީ އާންމު ކަމަކަށް ވެފައެވެ. ފައިސާ

ނުދޭތަނުގައި ހަދާ ދޮގުތައް އެހާ މޮޅެވެ. ހިލޭ މީހުން ވެސް ނުހަދާނެހާ މަކަރު ހަދައެވެ. އެހެން ނަމަވެސް އެފަދަ ކަމަކުން ހިތަށް ކުރާ އަސަރު އެނގޭނީ އެ މީހެއްގެ އަތުން ފަހުން ދޭނެ ކަމަށް ބުނެ މީހަކު އެއްޗެއް ގެންދާ ހިސާބުންނެވެ. ފާޑު ފާޑުގެ ސްކޭމްތައް ހިންގާ މީހުންނަށް ވުރެ ފަހުން ދޭ ގޮތަށް ފައިސާ ގެންގޮސް ފިލައިގެން އުޅޭ ރައްޓެހިންގެ ނުރައްކާ މާ ބޮޑެވެ.

ރިއެކްޝަންސް
1
2
2
4
0
0
0