ރިޕޯޓް: މަޖިލީހަށް ކޮންމެ ފަދަ މީހަކު ވެސް ރައްޔިތުން ހޮވައިފާނެ!

18 ޖެނުއަރީ 2024 - 14:08

އަވަށްޓެރި އިންޑިއާގެ މަޖިލީހުން ބޮޑެތި ގޭންގްތަކުގެ ލީޑަރުންނާއި ކުށްވެރިން އަދި ލިޔަންކިޔަން ނޭނގޭ މީހުން ވެސް ފެނެއެވެ. އެއީ އަވަށްތަކާއި ސްޓޭޓްތައް ތަމްސީލްކުރުމަށް މީހުން ކަނޑައެޅުމުގައި މާ ބޮޑު ޝަރުތުތަކެއް ހިމަނާފައި ނުވާތީއެވެ.

 އެމީހުން ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީގައި ރައްޔިތުންގެ އަޑު އުފުލުމަށް ފާހެއް ނުވަތަ ކޮލޮފިކޭޝަނެއް މުހިންމެއް ނޫނެވެ. ރާއްޖޭގައި ވެސް ކަން އޮތީ މިހެންނެވެ. ސިޔާސީ މަގާމުތަކާއި މަޖިލީހަށް މެންބަރުން ކަނޑައެޅުމުގައި މާ ބޮޑު ޝަރުތުތަކެއް ނެތެވެ.

advertisement

މެންބަރުން ކަނޑައެޅުމުގައި މާ ބޮޑު ޝަރުތުތަކެއް ނެތް

ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ވެފައިވާ ދިވެހި މުސްލިމަކަށްވުމެވެ. ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމަށް އެއްގޮތަށް ފައިސާ ދައްކަމުން ދިއުމާއި 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމަކީ ވެސް ޝަރުތެކެވެ. އަދި 12 މަސް ދުވަހަށް ވުރެ ދިގު ހުކުމެއް އޮތް މީހެއް ނަމަ އެ ހުކުމެއް ތަންފީޒުކުރިތާ ނުވަތަ މައާފް ލިބުނުތާ ތިން އަހަރު ވެފައިވާ ނަމަ އެ މީހަކަށް މަޖިލީހަށް ކުރިމަތިލެވޭނެއެވެ. 

މާނައަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ޝަރީއަތް ހިނގަމުން ދިޔުމަކީ ވެސް މައްސަލައެއް ނޫން ކަމެކެވެ. އެފަދަ ހާލަތެއްގައި ވެސް މަޖިލީހަށް ހޮވިއްޖެ ނަމަ ގޮނޑި ގެއްލޭނީ ކުށް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އަތުވެއްޖެ ނަމައެވެ.

މަޖިލީހުގެ މެންބަރުންނާއި އަދި ސިޔާސީ މަގާމުތަކާ މެދު އާންމުން އެންމެ ބޮޑަށް ޝަކުވާކުރާ އެއް ކަމަކީ ތައުލީމީ ފެންވަރެއް ކަނޑައެޅިފައި ނުވުމެވެ. އެހެން ނަމަވެސް އިންޑިއާ ފަދަ ބޮޑެތި ޑިމޮކްރަސީތައް ގަބޫލުކުރާ ފަދައިން ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ރާއްޖޭގައި ވެސް ފާހެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން ކޮންމެ ފެންވަރެއްގެ މީހަކަށް ވެސް މަޖިލީހަށް ކުރިމަތިލެވެއެވެ.

ކޮންމެ ފެންވަރެއްގެ މީހަކަށް ވެސް މަޖިލީހަށް ކުރިމަތިލެވޭ

ކަންބޮޑުވުން އޮތީ ކޮންމެ މީހަކަށް ކުރިމަތިލޭވޭ ގޮތަށް ގާނޫނު އަސާސީ އާއި ގާނޫނުތައް ހުޅުވާލެވިފައި އޮތް އޮތުން އެކަންޏެއް ނޫނެވެ. އެއަށް ވުރެ ވެސް ކަންބޮޑުވާންޖެހޭ ކަމަކީ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވުމުގައި ރައްޔިތުން ވެސް  މާ ބޮޑު ވިސްނުމެއް ނުވިސްނާ ކަމެކެވެ. ސިޔާސީ ޕާޓީއެއްގެ ލޯގޯ އަށް ބަލައިގެން ކޮންމެ ފަދަ މީހަކު ވެސް މަޖިލީހަށް ހޮވައިފާނެވެ. މިހާރު އޮތް މަޖިލީހުން ވެސް އެކަން ފާހަގަކުރެވޭނެއެވެ. އިއްޔެ ބާޒާރުމަތީގައި ދަމާކަނޑަން އުޅުނު މީހުން ނުވަތަ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ވެސް މަޖިލީހުގައި ތިބޭތަން އެބަ ފެނެއެވެ.

ކުރިއަށް އޮތް މާޗް މަހުގެ ތެރޭގައި އަލުން މަޖިލިސް އެކުލަވައިލެވޭނެއެވެ. ރައްޔިތުންގެ ތާއީދު ހޯދުމަށް އެކި ފަރާތްތަކުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ތަފާތު މޫނުތައް ފެނެއެވެ. ވަރަށް ތައުލީމީ ގާބިލް ފަރާތްތަކާއި މާ ބޮޑު ތައުލީމެއް ތަހުޒީބެއް ނެތް ނަމަވެސް ޕާޓީތަކުގެ ތެރޭގައި ނުފޫޒު ފަދަ އެތައް ބަޔަކު ތިބީ މަޖިލީހަށް ފައިނަގައިގެންނެވެ. 

ޕްރައިމަރީތަކުގައި ވާދަކުރުމަށް ކެމްޕެއިން ކުރަމުން އެބަ ގެންދެއެވެ. މަޖިލީހަކީ ބޮޑު މުސާރަ އާއި އެތައް އިނާޔަތްތަކަކާއި އެތައް މަންފާތަކެއް ލިބޭ ތަނަކަށްވާތީ އެ ފުރުސަތު ލިބޭތޯ އަޖުމަ ބަލާލަން ކުރިމަތިލާ މީހުން ވެސް މަދެއް ނޫނެވެ. އަދި ވާދަވެރި ކެންޑިޑޭޓްގެ އަތުން މަންފާއެއް ހޯދުމުގެ ބޭނުމުގައި ކުރިމަތިލާ މީހުން ވެސް އުޅެއެވެ

މަޖިލީހުގައި މަހުޖަނުންނަށް އޮންނަ ފުރުސަތު ބޮޑު

އެނގޭ ކަމަކީ އެފަދަ މީހުން ހޮވާލުމުގައި ރައްޔިތުން މާ ބޮޑު ވިސްނުމެއް ނުވިސްނާ ކަމެކެވެ. ކޮންމެ ފަދަ މީހަކު ވެސް މަޖިލީހުގެ މެންބަރު ކަމަށް ހޮވައިފާނެ ކަމެކެވެ. ހާއްސަކޮށް ޕާޓީތަކުގެ ނަމުގައި ކުރިމަތިލާ އިރު ބަލަނީ ޕާޓީގެ ލޯގޯ އަށެވެ. އަދި ބައެއް ދާއިރާތަކަކީ ވަކި ވިޔަފާރިވެރިންނަށް ފަތް ލިޔެފައިވާ ދާއިރާތަކެވެ. މަޖިލީހުގައި މަހުޖަނުންނަށް އޮންނަ ފުރުސަތު ބޮޑެވެ. 

ސަބަބީ މުޖުތަމައުގެ ތެރޭގައި ވޯޓު ގަނެ ވިއްކުން ވެސް އިންތިހާ އަށް އޮތުމެވެ. ގިނައިން ޚަރަދުކުރާ މީހާ އަށް ފުރުސަތު ބޮޑެވެ. މީހާ އަށް ބަލައިގެން ވޯޓު ދެނީ މަދު ފަހަރަކުއެވެ. އެހެން ކަމުން ކުރިއަށް އޮތް މަޖިލީހުގައި ވެސް ހަމަ ކޮންމެ ފަދަ މީހަކަށް ވެސް ރައްޔިތުން ވޯޓު ދީގެން ހޮވައިފާނެއެވެ.

ރިއެކްޝަންސް
1
0
0
1
1
0
1