ރިޕޯޓް: އިންޑިއާ އައުޓުކުރުން މިއީ އަލަށް ހިނގާކަމެއްތަ؟

24 ޖެނުއަރީ 2024 - 14:14

އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމުގެ އަޑު އަނެއްކާވެސް މިވަނީ ގަދަވެފައެވެ. އެންމެ ބޮޑު ސުވާލެއް އުފެދެނީ މިއީ ރާއްޖެއަށް މުޅިން އަލަށް ދިމާވެގެން އުޅޭކަމެއްތޯ އުފެދޭ ސުވާލެވެ. އިންޑިއާގެ ނުފޫޒާއި މަސްލަހަތު ހިމެނޭ ވިޔަފާރިވެރިންނާއި ސިފައިން ބޭލުމުގެ ވާހަކަ އަކީ ދިވެހިންގެ ތާރީހަށް އާ ވާހަކައެއް ނޫނެވެ. 

އަލީރާޖޭގެ ނުފޫޒުން ރާއްޖެ ދުރުކުރުމާއި, ވޯރާވިޔަފާރި ވެރިންގެ ބާރު ރާއްޖެއިން ކަނޑުވާލުމާއި އަދި ނޮވެމްބަރ 3 ގެ ހާދިސާގައި ރާއްޖެ އައި އިންޑިއާ ސިފައިން މުޅީން އަނބުރާ ފޮނުވާލުމަށް ކުރެވެނު މަސައްކަތްތައް ދިވެހި ތާރީހުން ހެކިދެއެވެ. އިބްރާހީމް ނާސިރުގެ ވެރިކަމުގައި އިންޑިއާ އާއި މުޅިން ދުރަށްދާން ކުރި މަސައްކަތުގެ ނަތީޖާއިން ވޯރާ ވިޔަފާރިވެރިން ފައްސާލެވުނަސް, ނާސިރަށް ފަހުން ލިބުނު ލޮޓި ކުޑައެއް ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެއިން ގެންގުޅުނީ މުޅިންވެސް އިންޑިއާއަށް ބަރޯސާ ވުމުގެ ސިޔާސަތެކެވެ. 

ރާއްޖޭގައި ޗައިނާ އެމްބަސީ ހުޅުވައިދެއްވި ރައީސް ނަޝީދުގެ ވެރިކަން ނިމެގެން ދިޔަ ގޮތާއިމެދު އެކިފަރާތްތަކުން ކުރާ ސާފުނުވާ ތުހުމަތުތަކާއި, ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ ބޭރުކުރަން ފަހުވަގުތުގެ ކުރެވެނު މަސައްކަތް ދިވެހިން ރަނގަޅަށް ދަންނާނެއެވެ. 

ރައީސް ސޯލިހުގެ އިންޑިއާ ފަސްޓް ޕޮލިސީއާ ދެކޮޅަށް, ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިފަތުމުގެ ކެމްޕެއިންގައި ވިއްކި އެންމެ ބޮޑު އެއް ސިޔާސަތަކީ ރާއްޖޭގައި ތިބި ކަމަށް ތުހުމަތުކުރާ އިންޑިއާގެ “މިލިޓަރީ” ސިފައިން މި ގައުމުން ފޮނުވާލުމެވެ. 

އިންޑިއާގެ މިލިޓަރީ ބޭނުމަށް ރާއްޖޭގައި ސިފައިން އެބަ ތިބިތަ؟

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އެ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް ދާ ކަމަށް ސަރުކާރުން ބުނެއެވެ. އެހެން ނަމަވެސް އޭގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އިންޑިއާގެ މިލިޓަރީ ބޭނުމަށް ރާއްޖޭގައި ސިފައިން އެބަ ތިބި ހެއްޔެވެ؟ އަދި އެއްވެސް މަސައްކަތެއްގައި ސިފައިން ތިބި ނަމަ އެ މީހުން ބޭލުން ފަސޭހަ ވާނެ ހެއްޔެވެ؟

ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކުން ކުރިން ތުހުމަތުކޮށްފައިވާ ގޮތުން ރާއްޖޭގައި އިންޑިއާގެ ހަތިޔާރު އެޅި އެތައް ހާސް ސިފައިން ތިއްބެވެ. އެމްޑީޕީގެ ސަރުކާރުން ބުނަމުން ދިޔައީ ތިބީ 70 ވަރަކަށް މީހުން ކަމަށާއި ހަތިޔާރު އެޅި އެއްވެސް ސިފައިންގެ މީހަކު ނުހުންނާނެ ކަމަށެވެ.

ތިބި ބަޔަކު ތިބީ އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރުމާއި އެކަމާ ގުޅުން ހުރި އެކި މަސައްކަތްތައް ކުރަން ތިބި ބައެކެވެ. އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސަރުކާރުން ބުނަމުން ދިޔަ ބުނުން ދޮގުކުރެވޭނެ ވަރުގެ ހެއްކެއް ވެސް ދެއްކިފައެއް ނުވެއެވެ. އަދި ތުހުމަތުކުރި އެތައް ހާސް ސިފައިންނެއް ވެސް ފެނުނު ބަޔަކު ނޫޅެއެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް ވަޑައިގެން ދެ މަސް ވެގެންދާ އިރު ވެސް އެ ބުނާ ސިފައިންގެ ފުރިހަމަ އަދަދެއް ވެސް ހާމަކުރެވޭ ވަރެއް ނުވިއެވެ. އެކި ފަހަރު އެކި ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެކި އަދަދުތަކެވެ. އެއް ބޭފުޅަކު 77 ކަމަށް ވިދާޅުވާ އިރު އެންމެ ފަހުން ބުނެފައި ވަނީ 89 ކަމަށެވެ. ސުވާލަކީ ސަރުކާރަށް އެ އަދަދު ސާފު ނުވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟ އަދި ރައީސް ޑރ. މުއިއްޒު ކުރިން ތުހުމަތުކުރެއްވި އެތައް ހާސް ސިފައިން ކޮބައި ހެއްޔެވެ؟

ސަރުކާރުން މިހާރު ހާމަކޮށްފައިވާ މައުލޫމާތުަކަށް ބަލާއިރު, އިންޑިއާގެ ހަތިޔާރު އެޅި ސިފައިންގެ އެއްވެސް މީހަކު ނެތެވެ. ސަރުކާރުން މިހާތަނަށް ހާމަކުރި ހާމަކުރުންތަކަށް ބަލާއިރު ވެސް ތިބި ބަޔަކީ ޕައިލެޓުންނާއި މެއިންޓެނަންސް މަސައްކަތްތައްކުރާ މީހުންނާއި އަދި އެ ނޫން ވެސް އިންޑިއާ އިން ދިން އުޅަނދުފަހަރުގެ އެކި މަސައްކަތްތައް ކުރާ މީހުންނެވެ.

ޑރ. މުއިއްޒު ކުރިން ތުހުމަތުކުރެއްވި އެތައް ހާސް ސިފައިން ކޮބައި؟

ކޮންމެ ބަޔަކު ތިބި ނަމަވެސް އެ ބަޔަކު ފޮނުވާލަން ސަރުކާރުން ވަނީ ފޫގަޅާލާފައެވެ. އަދި މާޗް މަހުގެ 15ގެ ކުރިން އެ ބަޔަކު ގެންދިއުމަށް އިންޑިއާ ސަރުކާރަށް އަންގާފައިވާ ކަމަށާއި އޭގެ ފަހުން އިންޑިއާގެ އުޅަނދުފަހަރު ބޭނުންނުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެކަމާ ގުޅޭ މަޝްވަރާތައް އިންޑިއާ އާއި ރާއްޖެ ގުޅިގެން އުފައްދާފައިވާ ކޯ ގްރޫޕްގައި ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ޚާރިޖިއްޔާ އިން ބުނެއެވެ. 

އެހެން ނަމަވެސް ކޯ ގްރޫޕްގެ ބައްދަލުވުމަށް ފަހު އިންޑިއާގެ ޚަރިޖިއްޔާ އިން ނެރުނު ބަޔާނުގައި އެފަދަ ވާހަކައެއް ނެތެވެ. އިންޑިއާ އިން ބުނަމުންދަނީ އުޅަނދުފަހަރު ބޭނުންކުރުން ހުއްޓައިނުލައި ކުރިއަށް ގެންދެވޭނެ ގޮތްތަކަކާ ބެހޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ދެ ގައުމުން ދައްކާ ވާހަކަތަކުގައި ވަރަށް ބޮޑު ތަފާތުތަކެއް އެބަ ހުއްޓެވެ. ސުވާލަކީ އިންޑިއާގެ ބަސްމަގު ހުރި ގޮތަށް ބަލާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެވިދާނެ ހެއްޔެވެ؟ ނުވަތަ ފަސޭހަ ގޮތަކަށް އެކަން ކުރެވިދާނެ ހެއްޔެވެ؟

އިންޑިއާ ސިފައިން ފޮނުވާލުމަށް މީގެ ކުރިން ރައީސް އަދުބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތްތަކެއް ކުރިއެވެ. އެ ގޮތުން އޭރު ތިބި މީހުންގެ ވިސާ އާނުކޮށްދިނުމާއި އެ މީހުން ގެންދިއުމަށް ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިފައި ވެސް ވެއެވެ. އަދި އެ މައްސަލަ ދުނިޔޭގެ ކަމާ ބެހޭ އިދާރާތަކާ ހަމައަށް ވެސް ގެންދިޔަ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އިންޑިއާ އިން ހަމަ ހިލާ އެ ކަމެއް ނުކުރެއެވެ. އޭގެ ބަދަލުގައި އާ ވެރިކަމާ އެކު އިންޑިއާ އިން ރާއްޖޭގައި ހިންގާ “އޮޕަރޭޝަންތައް” ވަރުގަދަކުރިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑެވެ. 

އިންޑިއާގެ އުޅަނދުތައް ރާއްޖެ އަށް ހަދިޔާކުރީ އެ ތަކެތި ދުއްވުމަށް ޕައިލެޓުންނާއި ބަލަހައްޓާނެ ދިވެހި ސިފައިން ތަމްރީންކުރުމަށް އެއްބަސްވެގެންނެވެ. އެހެން ނަމަވެސް އެތައް އަހަރުތަކެއް ވެގެން ދިޔަ އިރު ވެސް އެ ބުނާ ބަޔަކު ތަމްރީނެއް ނުކުރެވުނެވެ. އަދި ދިވެހިންގެ އަތް މައްޗަށް އެ ތަކެތި ދޫކޮށްލާކަށް އިންޑިއާއަކަށް ނުކެރުނެވެ. ނުވަތަ ބޭނުން ނުވަނީ އެވެ. މިކަމުގައި ދިއުޅި ދެއްމުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

އިންޑިއާ ސިފައިން ފޮނުވާލުމުގައި ދިއުޅި ދެއްމުމުގެ ބޭނުމަކީ ކޮބައި؟

ސަރަހައްދީ ސިޔާސަތުގައި ރާއްޖެއަކީ އިންޑިއާ އަށް ވަރަށް މުހިންމު ގައުމެކެވެ. ހާއްސަކޮށް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އޮތް މުހިންމު ކަމެކެވެ. އަދި  މި ސަރަހައްދުގެ ހަންފެތުރުމުގައި ވެސް އިންޑިއާ އަށް ރާއްޖޭގެ އެއބާރުލުން މުހިންމެވެ. އެހެންކަމުން ރާއްޖޭގައި ކޮންމެ ސިފައެއްގައި ނަމަވެސް ދެމި ތިބުމަކީ އިންޑިއާ ބޭނުންވާނެ ގޮތެވެ. ހާއްސަކޮށް ސަރަހައްދީ ވާދަވެރިޔާ ޗައިނާ އާއި ރާއްޖެއާ ގުޅުން ބަދަހިވުމަކީ އިންޑިއާ އަބަދުވެސް ކަންބޮޑުވާނެ ކަމެކެވެ. އެހެން ނަމަވެސް މި ވަގުތު ރާއްޖޭގައި އޮތީ އިންޑިއާ އަށް ވުރެ ޗައިނާ އަށް އިސްކަންދޭ ސަރުކާރެކޭ ބުނެވިދާނެއެވެ. 

ނިމިދިޔަ ވެރިކަމުގައި އިންޑިއާ އޮތީ ރާއްޖޭގައި ވަރަށް ވަރުގަދަ އަށް ފައި ހަރުކޮށްގެންނެވެ. އެހެންކަމުން ހަމަ ކުއްލިއަކަށް އެ ފައި ނަގައި ދުރަށް ފިޔަވަޅެއް އެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި އިންޑިއާ އަށް މަޖުބޫރުކޮށްގެން އެކަން ކުރުމަކީ ވެސް އޭގެ ނޭދެވޭ އަސަރު ރާއްޖެ އަށް އެކި ގޮތް ގޮތުން ކުރާނެ ކަމެކެވެ. އެހެންކަމުން ތަޖުރިބާކާރުން ދެކޭ ގޮތުގައި ގަދަ ދައްކައިގެން އިންޑިއާ ސިފައިން މި ގައުމުން ފައްސާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ދެ ފަރާތުން މަޝްވަރާކޮށް އެކަމުގައި މެދު މިނުގެ ހައްލެއް ހޯދަންޖެހެއެވެ. 

ރާއްޖެ އަށް ކުރާ އަސަރުކުޑަވާނެ ގޮތްތަކަށް ސަރުކާރުން ވެސް އިސްކަން ދޭންޖެހޭނެއެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ނުތިއްބަސް ގުޅުން ދެމެހެއްޓެނެ ގޮތްތަކެއް ފަހިވާންޖެހެއެވެ. ހާރިޖީ ސިޔާސާތު ފުރިހަމަގޮތުގައި ”ފުރަތަމަ ދިވެހިން“ ސިޔާސަތަކަށްޓަކައި, ހުރިހާ ގައުމުތަކާއިއެކު ރަނގަޅު ގުޅުމެއް އޮތުންއެއީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0