އަމިއްލަ ހިޔާލު: ކެމްޕެއިން ވައުދުތަކުން ހާމަވަނީ ދިވެހިންގެ ވިސްނުމުގެ ފެންވަރު!

28 ޖެނުއަރީ 2024 - 13:58

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސިޔާސީ ފަރާތްތަކުން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެތެރޭގެ އިންތިހާބުތައް ބާއްވަމުން އަންނަ އިރު އަނެއް ބަޔަކު ސީދާ މަޖިލިސް އިންތިހާބަށް ވަނީ ކެމްޕެއިން ފަށައިފައެވެ. ކެމްޕެއިންގެ ތެރެއިން އެންމެ މުހިންމު ކަމެއް ދީފައި ވަނީ މީހުންގެ ހިތް ދަމައިގަންނާނެހާ މޮޅެތި ވައުދުތައް ވުމަށެވެ. އެއް ބަޔަކު މިކަން ވަރަށް ސީރިއަސްކޮށް ކުރިއަށް ގެންދާ އިރު އަނެއް ބަޔަކަށް ކުރިމަތިލައިގެން މިއުޅެނީ ކީއްކުރަންކަން ވެސް ނޭނގޭހެން ހީވެއެވެ.

ރައްޔިތުންގެ މަޖިލިސް ނުވަތަ އެހެން ގޮތަކަށް ބުނާ ނަމަ ގާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި އެކަން ކަށަވަރުކުރުމަށް ބޭނުންވާ ގާނޫނުތައް ހެދުމެވެ. އަދި އެ ގާނޫނުތަކާ އެއްގޮތަށް ދައުލަތް ހިނގައިތޯ ފާރަވެރިވުމާއި އެ ކަމަށް ބޭނުންވާ އެހެނިހެން ކަންކަމަށް މަގުފަހިކުރުމަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ.

advertisement

ހަމަ އެހެންމެ ނިޒާމުގެ ތެރޭގައި ރައްޔިތުން ތަމްސީލްކުރުން ވެސް ހިމެނެއެވެ. ހަގީގީ މަސައްކަތާއި މަގުސަދަކީ މިއީ ކަމަށްވީ ނަމަވެސް މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން ވަމުންދާ ވައުދުތަކާއި ހިންގާ ކެމްޕެއިންގެ ތެރެއިން ފެންނަނީ މިކަންކަމާ ގުޅުމެއް ނެތް ބީރައްޓެހި ކަމެކެވެ. 

މަޖިލީހުގެ އިންތިހާބަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށީ ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމް ކޯލީޝަނުންނެވެ. އެކިފަހަރު މަތިން ޕްރައިމަރީގެ ތާރީހްތައް ލަސްކޮށް ހޮނިހިރު ދުވަހު މި ވަނީ އިންތިހާބު ބާއްވާފައެވެ. އެ ޕާޓީގެ މެންބަރުންގެ މެދުގައި އޮތީ ފޯރިގަދަ ވާދަވެރި ކެމްޕެއިނެކެވެ. 

އެއް ކެންޑިޑޭޓަކަށް ވުރެ އަނެއް ކެންޑިޑޭޓަކު މޮޅެތި ވައުދުތައްވޭ

ބައެއް ދާއިރާތަކުގައި ކެމްޕެއިންގެ ފޯރިގަދަވެ، އެއް ކެންޑިޑޭޓަކަށް ވުރެ އަނެއް ކެންޑިޑޭޓަކު މޮޅެތި ވައުދުތައް ވަމުން ދިޔައެވެ. އަދި ކެމްޕެއިންގެ ތެރޭގައި ރައްޔިތުންގެ “ހެވާ ލާބަޔަށް” ބައެއް ކަންކަން ވެސް ކުރިއެވެ. އެ ގޮތުން ނިޔަމި ކޯސް ހިންގުމާއި އައި މެޑިކަލް އަދި އައި ކޭމްޕްތައް ބޭއްވުން ފަދަ ކަންކަން ކޮށްފައި ވެއެވެ. މިކަންކަން ކޮށްފައި ވަނީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުގެ ނަމުގައެވެ. އެހެން ނަމަވެސް ޕްރޮމޯޓްކުރަމުން ދިޔައީ ކެންޑިޑޭޓުންނެވެ.

ކެމްޕެއިންގެ ތެރެއިން މިހާރު ވެސް ބޮޑެތި ވައުދުތައް ފެންނަމުން އެބަދެއެވެ. އެހެން ނަމަވެސް އެއީ ގާނޫނު ހަދާ މަޖިލީހާ ސީދާ ގޮތެއްގައި ގުޅުން ހުރި ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް ސަރުކާރުގެ ތެރެއިން ހިންގަންޖެހޭ މަޝްރޫއުތަކާ ގުޅުން ހުރި ވައުދުތަކެވެ. އެހެންކަމުން ވެރިކަންކުރާ ޕާޓީގެ ޓިކެޓް ހޯދުމަށް ވައުދުތައް ވުމުގައި ސަރުކާރާއި ނުވަތަ ވެރިންނާއި އޮންނަ ގުޅުން ހާމަކުރުމަށް އެއް ކެންޑިޑޭޓަކަށް ވުރެ އަނެއް ކެންޑިޑޭޓަކު ކުރި ހޯދޭތޯ ބަލައެވެ. 

ވައުދުތައް ވުމުގައި ހައްދެއް ސުމާރެއް ނެތް 

ދާއިރާގައި ނުނިމި ހުރި ޕްރޮޖެކްޓްތައް ނިންމޭނީ ތިމަންނާ ހޮވައިގެންނޭ، ވެރިންނާއި އެންމެ ބޮޑު ގުޅުމެއް އޮތީ ތިމަންނާގެއޭ ބުނެ ރައްޔިތުން ވާވެއްދޭތޯ ދަނީ މަސައްކަތްކުރަމުންނެވެ. އެއްބަޔަކު ތިމަންނާއަކީ މިވެނި މީހެއްގެ ޓީމު އަދި އަނެއް ބަޔަކު ތިމަންނާއަށް މިވެނި ލީޑަރެއްގެ ސަޕޯޓް އޮތްކަމަށް ދަނީ ބުނަމުންނެވެ.

ވައުދުތައް ވުމުގައި ހައްދެއް ސުމާރެއް ނެތް އިރު އެއް ބަޔަކު އަނެއް ބަޔަކަށް ވުރެ މޮޅު ވައުދުތައް ވެވޭތޯ ބަލަނީއެވެ. އެއް ބަޔަކު ބޮޑެތި މެނިފެސްޓޯތައް ވެސް ހަދައިގެން ވެސް އެބަ އުޅެވެ. ސަރުކާރުގެ މަޝްރޫއުތައް އަވަސްވާނެ ގޮތްތައް ލިޔެވެގެން އެބަ އުޅެވެ. އެކަންކަން ކުރުމުގައި ސަރުކާރުގެ ޒިންމާދާރުކުރުވާނެ ކަމަށް ދަނީ ބުނަމުންނެވެ.

އަނެއް ބައެއްގެ ވައުދުތަކުން ހީވަނީ އެކަންކަންކުރާނީ ސީދާ މެންބަރުކަމުގައި އެ މެންބަރެއްގެ އަމިއްލަ ޖީބުންނޭ ބުނާހެންނެވެ. ވައުދުތަކަށް ބަލައިލުމުން ފެންނަނީ އެ ކެންޑިޑޭޓުންގެ ފެންވަރެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބެކޭ އެއްގޮތަށް ގިނަދާއިރާތަކުގައި މަޖިލީހަށް މެންބަރުން ހޮވުމުގައި ވެސް އޮތީ އެއް އުސޫލެކެވެ. އެއީ ޕާޓީގެ ލޯގޯއެވެ. 

އަދި އެއާ އެކު ފައިސާއެވެ. ގިނަ ފައިސާ ކެމްޕެއިންގައި ހަރަދުކޮށްގެން ގޮނޑި ގަންނަންޖެހޭ ދާއިރާތައް ވެސް ވަކި މަދެއް ނޫނެވެ. ކުރުކޮށް ބުނާނަމަ ކެމްޕެއިން ވަދުތަކުން ހާމަވަނީ ލަދުގަންނަންޖެހޭ މިންވަރަކަށް ދަށްވެފައިވާ ދިވެހިންގެ ވިސްނުމުގެ ފެންވަރެވެ.

ރިއެކްޝަންސް
0
0
0
0
0
0
0