އަމިއްލަ ހިޔާލު: ބޮޑު ދެ ސިނާއަތް ބިދޭސީންގެ އަތްމަތީގައި!

19 ފެބުރުއަރީ 2024 - 11:26

ރާއްޖޭގެ އާބާދީގައި ދިވެހިންނަށް ވުރެ ބިދޭސީންގެ އަދަދު އިތުރުވަން ދެން މާ ގިނަ ދުވަހެއް ނެތެވެ. އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑެތި ވިޔަފާރިތަކުގައި އެ މީހުންގެ ނުފޫޒު ގަދައެވެ. ހާއްސަކޮށް ވަޒީފާގެ ބާޒާރުގައެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ޓުއަރިޒަމް ދާއިރާގެ ވަޒީފާތަކުގައި ވެސް މިހާރު އޮތީ އެ މީހުންގެ ނުފޫޒެވެ. 

ރާއްޖޭގެ ގާނޫނާއި ގަވާއިދު ބުނާ ގޮތުން މަސްވެރިކަމާއި ޓުއަރިޒަމް ދާއިރާގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ ވަކި މިންވަރަކަށެވެ. އެހެން ނަމަވެސް ރިސޯޓްތަކަށް ބެލި ނަމަވެސް ވަޒީފާތަކުގައި ތިބި ދިވެހިންގެ ނިސްބަތް އުޅެނީ ވިއްސަކަށް ޕަސެންޓްގައެވެ. އަނެއް 80 ނޫނީ 70 ޕަސެންޓަކީ ބިދޭސީންނެވެ. 

advertisement

ބިދޭސީން ގެންގުޅެވޭނެ އަދަދުތަކެއް ކަނޑައަޅާފައިވޭ

ރިސޯޓްތަކުގެ ވަޒީފާގައި ދިވެހިން ގެންގުޅެންޖެހޭ ނިސްބަތް ވަކި މިންގަނޑެއްގައި ބެހެއްޓުމަކީ ލާޒިމް ކަމެއް ނަމަވެސް އެކަމުގައި ވެސް ރިސޯޓްތަކުން މަކަރު ހަދާކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ބައެއް ކަހަލަ މަސައްކަތްތައް އައުޓް ސޯސްކުރުމުގެ ނަމުގައި އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދެއެވެ. މި ގޮތަށް ހެދުމުން ރިސޯޓް ހިންގާ ކުންފުނީގެ ދަށުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދު ކަމަށް ދައްކާނެއެވެ. 

އަދި ސާވިސް ޗާޖް ދިނުން ފަދަ ކަންކަމުގައި ވެސް މީގެ ސަބަބުން މަކަރު ހެދުމަށް މަގުހަފިވެއެވެ. އަދި ގަވާއިދާ ހިލާފު އެތައް ބިދޭސީންނަކަށް ވެސް ރިސޯޓްތަކުގައި މަސައްކަތްކުރުމަށް މަގުފަހިވެގެން ދެއެވެ. މިއީ ބޮޑު އޮޅުވާލުންގަނޑެއްގެ ތެރެއިން ބަޔަކު ހިންގާ ކަމެކެވެ.

ދާދި ފަހަކާ ޖެހެންދެން މަސްވެރިކަމުގައި ބިދޭސީން ހަރަކަތްތެރިވުން އޮތީ ލިމިޓްކޮށްފައެވެ. އޭގެ ކުރިން އެއްކޮށް މަނާކޮށްފައެވެ. މިހާރު ވެސް އޮޑިދޯނިފަހަރުގައި ބިދޭސީން ގެންގުޅެވޭނެ އަދަދުތަކެއް ކަނޑައަޅާފައި އޮވެއެވެ. އެހެން ނަމަވެސް ގަވާއިދުން ބަލާނެ ބަޔަކު ނެތި ދޫކޮށްލެވިފައި އޮތުމުން އެކަން ވަނީ ބޮއްސުންލާފައެވެ. ބައެއް މަސް އޮޑިފަހަރުގައި ދެތިން ދިވެހިން ފިޔަވައި ދެން ތިބެނީ ހުސް ބިދޭސީންނެވެ. 

ގަވާއިދާ ހިލާފަށް އުޅޭ އެތައް ބިދޭސީންނެއް ވެސް މަސްއޮޑިފަހަރުގައި އެބަ އުޅެއެވެ. އެ މީހުންނަށް އުޅެން ވެސް ފަސޭހައީއެވެ. ނިދާނެ ތަނާއި ކާން ބޯން ލިބޭނެ މަގު ފަހިވެފައި އޮވެއެވެ. އެކަށީގެންވާ އާމްދަނީއެއް ވެސް ލިބެއެވެ. 

ރާއްޖެ އަށް ބޭރު ފައިސާ ނުވަތަ ޑޮލަރު ލިބޭ މައިގަނޑު އޮތީ ދެ މަސައްކަތެވެ. އެއީ ޓުއަރިޒަމް އިންޑަސްޓްރީ އާއި މަސްވެރިކަމެވެ. މަސް އެކްސްޕޯޓްކޮށްގެން ގިނަ އަދަދެއްގެ ޑޮލަރު ލިބެއެވެ. އެހެން ނަމަވެސް މަސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު ގިނަ ވުމުން ދިވެހި ރުފިޔާ އިން މުސާރަ ދިނަސް އެ މީހުން އެ ޑޮލަރަށް ބަދަލުކޮށް ގައުމަށް ފޮނުވަ އަދަދު ވެސް އިންތިހާ އަށް ވަނީ އިތުރުވެފައެވެ. 

އަދި ދިވެހިންގެ ނަމުގައި ބައެއް އޮޑިދޯރިފަހަރު އޮޕަރޭޓްކުރުމުގައި ވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ އިރު އެ އޮޑިފަހަރަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ވެސް ރާއްޖެއިން ބޭރު ވެގެން ދެއެވެ.

“ދިވެއްސެއްގެ ނަމުގައި ދޯނި އޮޕަރޭޓްކުރަނީ. އެކަމަކު ދިވެހި މީހާ އަށް ލިބެނީ މަހު ކުރި. ލިބޭހާ ފައިސާއެއް ކޮންޓްރޯލް މިކުރަނީ ބަންގާޅު މީހާ. މިއީ މިހާރު އެ މީހުންގެ މަސައްކަތެއް. ދިވެހިންގެ ލޭނާރެއް ނޫން،” ބިދޭސީއަކު ކޮންޓްރޯލްކުރާ ދޯންޏެއްގައި މަސައްކަތްކުރާ ހަތަރު ދިވެހިންގެ ތެރެއިން އެކަކު ބުންޏެވެ. 

އޭނާ ބުނީ އެ ކަންނެލި ދޯނީގައި 17 މީހުން ތިބި އިރު ހަތަރު މީހުން ފިޔަވައި ދެން ތިބީ ހުސް ބިދޭސީން ކަމަށާއީ ދޯނީގެ މާލީ ހިސާބުތައް ބަލަހައްޓަނީ ވެސް ބިދޭސީންތަކެއް ކަމަށެވެ. މަސްވެރިކަމުގައި ދިވެހިންގެ ބަސް ނުވިކޭ ކަމަށް އޭނާ ބުންޏެވެ. މިއީ މާލޭ މާރުކެޓް ސަރަހައްދަށް ގޮސް ބަލައިލުމުން ވެސް ފާހަގަކުރެވޭ ކަމެކެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގައި ވެސް ބިދޭސީން އިންތިހާ އަށް ގިނަ އެވެ. މިފްކޯގެ މަސް ފެކްޓަރީގައި ވެސް އެތައް ބިދޭސީންނެއް އެބަ ތިއްބެވެ. އެހެން ކަމުން މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުގެ ތެރެއިން ވެސް ބޮޑު ބައެއް ބޭރު ވެގެން އެބަ ދެއެވެ.

ޓުއަރިސްޓުން ކިތަންމެ ވަރަކަށް އިތުރުވިޔަސް ލިބޭ އާމްދަނީ ދައުރުނުވުމަށް ގިނަ ސަބަބުތަކެއް

ޓުއަރިޒަމް ދާއިރާގައި ވެސް ކަން އޮތީ މިހެންނެވެ. ރިސޯޓްތަކުން ޑޮލަރުގެ ގޮތުގައި މުސާރަ އާއި ސާވިސް ޗާޖް ދޭ އިރު އޭގެ ތެރެއިން 70 ނޫނީ 80 ޕަސެންޓް ވަރު މި ދަނީ ބޭރަށެވެ. ލިބޭ އާމްދަނީގެ ބޮޑު ބައެއް ވެސް ގައުމުން ބޭރަށް ދެއެވެ. 

ބޭރާއި ދިވެހި ވިޔަފާރިވެރިން ވެސް އިންތިޒާމްތައް ހަމަޖައްސާފައި ހުރީ ލިބޭ އާމްދަނީގެ ބޮޑު ބައެއް ބޭރުގެ ބޭންކްތަކަށް ޖަމާވާ ގޮތަށެވެ. މާލީ ގޮތުން ރާއްޖޭގައި ހުރި ދަތިތަކެއްގެ ސަބަބުންނާއި ބައެއް ކަންކަމުން ރެކުމުގެ ބޭނުމުގައި މި ގޮތަށް އަމަލުކުރުމުގެ ސަބަބުން ގައުމަށް ލިބެންޖެހޭ ހަގީގީ ފައިދާ ނުލިބެއެވެ. 

ޓުއަރިސްޓުން ކިތަންމެ ވަރަކަށް އިތުރުވިޔަސް ލިބޭ ދިވެހި ބޭންކްތަކުގެ ތެރޭގައި އެ އާމްދަނީ ދައުރުނުވުމަށް ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. ރިސޯޓްތަކުގެ އާމްދަނީގެ ތެރެއިން ދިވެހި ބޭންކްތަކުގެ ތެރެއަށް ވަންނަނީ ވަރަށް ކުޑަ ނިސްބަތެކެވެ. މުވައްޒަފުންނަށް ދޭ މުސާރައިގެ ބޮޑު ބައެއް ވެސް ދިވެހި މާކެޓަށް ވަނުމުގެ ބަދަލުގައި ބޭރު މީހުން ފޮނުވަނީ އެ މީހުންގެ އާއިލާތަކަށެވެ. 

މަސް ދޯނިތަކަށް ލިބޭ އާމްދަނީ ވެސް ބޭންކްތަކަށް ވަނުމުގެ ބަދަލުގައި ނުވަތަ ވަނުމާ އެކު ނުކުމެގެން ގޮސް ޑޮލަރަށް ބަދަލުވެ، ވަލު ދޮރޯށިން ބޭރުވެގެން ދިއުމުގެ ސަބަބުން ބޭންކްތަކަށް ޑޮލަރުގެ ތާށިކަން އިންތިހާ އަށް ކުރިމަތިވެއެވެ. ބްލެކް މާކެޓްގައި ޑޮލަރު ތިޔާގި ވަނީ މި ސަބަބުތަކަށްޓަކައެވެ. މާރުކޭޓު ގޮޅިން ފެށިގެން އެންމެ ބޮޑު ދެ އިންޑަސްޓްރީގެ ކޮންޓްރޯލް ވެސް ބިދޭސީން މި ވަނީ ނަގާފައެވެ. 

ރިއެކްޝަންސް
0
0
0
1
0
0
2