ރިޕޯޓް: ޤައުމަށްޓަކައި ޖީލެއް ބިނާކުރުމުގައި މައިންގެ ގުރުބާނީ

25 ފެބުރުއަރީ 2024 - 15:53

ދަރިން ބަލާ ބޮޑުކުރުމުގައި މައިންބަފައިންގެ ޒިންމާ ހަމަހަމަ އެވެ. އެހެން ނަމަވެސް މިއީ ކަން އޮންނަންވީ ގޮތް ކަމަށް ވިޔަސް ގިނަ ފަހަރަށް މި ޒިންމާގެ ބޮޑު ބައި އުފުލަންޖެހިފައި އޮންނަނީ މައިންނަށެވެ. އެކަނިވެރި ބަފައިން ނޫޅެއެކޭ ނޫނެވެ. ނަމަވެސް ކައިވެންޏެއް ރޫޅުމުން ވެސް ގިނަ ފަހަރަށް ދަރިންގެ ޒިންމާ އޮންނަނީ މައިމީހާގެ ބޮލުގައެވެ. އެހެން ކަމުން ޖީލެއް ބިނާކުރުމުގައި މައި މީހާ ވާ ގުރުބާނީ ބޮޑެވެ.

ދަރިން ބެލުމުގައި މައިމީހާ އަދާކުރާ ދައުރު ބޮޑުވުމުގައި ގިނަ ސަބަބުތަކެއް

ދަރިން ބެލުމުގައި މައިމީހާ އަދާކުރާ ދައުރު ބޮޑުވުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު ގިނަ ނަމަވެސް ދަރިން ބެލުމުގެ މައިގަނޑު ޒިންމާތައް އާންމު ގޮތެއްގައި އޮންނަނީ މައިމީހާގެ އެވެ. ދަރިންނާ އެކު ހޭދަކުރާ ވަގުތުތައް ގިނައެވެ.

advertisement

ދިވެހި ޖީލެއް ހަލާކުވެގެން ދިއުމުގައި ވެސް އަދި ރަނގަޅު ދަރިންތަކެއް އުފެދުމުގައި ވެސް މައިންގެ ޒިންމާ އެބަ އޮތެވެ. ރޫޅިދާ އާއިލާތަކުގެ ތެރެއިން މަސްތުވާކަތީގެ ވަބާގައި ޖެހޭ އެތައް ޒުވާނުންނެއް ތިބި އިރު އެކަނި ބަލާ ބޮޑުކުރާ އަހްލާގު ރަނގަޅު އެތައް ދަރިންނެއް ވެސް އެބަ ތިއްބެވެ.

ދިވެހި ސިވިލް ސާވިސް އަށް ބަލާއިރު ވެސް އަންހެނުންގެ ނިސްބަތް ގިނައެވެ. ހާއްސަކޮށް އެޑްމިނިސްޓްރޭޓިވް ލެވެލްގައެވެ. ބުރަކޮށް މަސައްކަތްކުރަމުން ވެސް ގޭގެ ޒިންމާތައް އަދާކުރާ އެތައް ދިވެހި އަންހެނުންނެއް އެބަ ތިއްބެވެ. ދަރިންގެ ތައުލީމުގެ ކަންކަމުގައި ވެސް މައިންގެ ޒިންމާ ބޮޑެވެ. ސްކޫލްތަކުގައި ބާއްވާ ބެލެނިވެރިންގެ ބައްދަލުވުންތަކުން ވެސް އެ މަންޒަފު ފެނެއެވެ. 

މިފަދަ ބައްދަލުވުންތަކުގައި ދެމަފިރިން އެކުގައި ފެންނަލެއް މަދެވެ. ހަމަ އެހެންމެ މިފަދަ ބައްދަލުވުންތަކުގައި ފިރިހެނުން ފެންނަލެއް ވެސް މަދެވެ. ދަރިން ސްކޫލަށް ގެންގޮސް ގެނެސްދިނުމުގައި ފިރިހެނުންގެ ދައުރު ކުޑައެކޭ ނުބުނަމެވެ. އެހެން ނަމަވެސް ސްކޫލް ކަންކަމުގައި އެވްރެޖްކޮށް އަންހެނުންގެ ދައުރު ބޮޑެވެ.

މިއީ މިންތީގެ ހަމަހަމަ ކަމަށް ދައުވާކުރާ ޒަމާނެކެވެ. ހުރިހާ ދާއިރާއެއްގައި ވެސް އެ ވާހަކަ ދެކެވެއެވެ. ދަރިންގެ ޒިންމާ އުފުލުމާއި ވަޒީފާގެ މާހައުލާއި އަދި ގައުމުގެ އެކި ބާރުތަކާއި ސިޔާސީ މައިދާނުގައި ވެސް މި ހަމަހަމަކަމުގެ އަޑުގަދައެވެ. މި އަޑު ގަދަކޮށް ދެކެވެނީ ހަމަހަމަކަން ކުޑަވުމުންނެވެ. ގައުމީ ތަރައްގީގައި އަންހެނުންގެ ދައުރު ބޮޑު ނަމަވެސް ސިޔާސީ އަދި މަތީ ފަންތީގެ މަގާމުތަކަށް ބަލާއިރު އަންހެނުންގެ ނިސްބަތް މަދެވެވެ.

ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ނިސްބަތް 10 ޕަސެންޓަށް ވެސް ނާރައެވެ. ސިޔާސީ މަގާމުތައް ދިނުމުގައި އަންހެނުންނަށް އިސްކަން ދޭނެ ކަމަށް ވެރިން ވިދާޅުވި ނަމަވެސް އެންމެ ފަހުން އެކުލަވައިލި ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކުގައި ވެސް އަންހެނުންގެ ނިސްބަތް މަދުވެ. ކެބިނެޓްގައި 22 ވަޒީރުން ތިބި އިރު ތިބީ ތިން އަންހެން ބޭފުޅުންނެވެ.

ފާޑުކިޔުންތައް ވެސް ބޮޑުވިއެވެ. އޭގެ ދަށު ލެވެލްގައި ވެސް އަންހެނުންގެ ނިސްބަތް މަދެވެ. ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުން ބުނީ ކުންފުނިތަކުގެ ވެރިންގެ ތެރޭގައި އަންހެނުން ގިނަ ވާނެ ކަމަށެވެ. ނަމަވެސް މަންޒަރު ތަފާތެވެ. ފާހަގަކޮށްލެވޭ އަންހެން ބޭފުޅުން ކޮޅަކަށް މެނޭޖިން ޑިރެކްޓަރުކަން ދިން ނަމަވެސް ކުންފުނިތަކުގެ ނިސްބަތުން އެއީ މަދު އަދަދެކެވެ.

ކޮންމެ ދިމާއަކުން ވެސް ފެންނަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންވާ ގުރުބާނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވެސް ކަން އޮތީ އެހެންނެވެ. މަޖިލީހުގައި ވާދަކުރަން ހުޅުވާލުމުން ކުރިމަތިލީ އަންހެނުންގެ އަދަދު މަދެވެ. އޭގެ ތެރެއިން ވާދަކުރުމުގެ ފުރުސަތު ވެސް ލިބުނީ ފަންސާހަށް ވުރެ ވެސް މަދު އަދަދަކަށެވެ. 

އަދި އޭގެ ތެރެއިން ވެސް ދާއިރާތައް ތަމްސީލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބެލެވެނީ މަދު އަދަދަކަށެވެ. ކުރިއެކޭ އެއްގޮތަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެން މެންބަރުންގެ އަދަދު ވަރަށް މަދުވާނެއެވެ.

ސިޔާސީ ދާއިރާ އާއި މަތީ ފަންތީގެ މަގާމުތަކުގައި އަންހެނުންގެ އަދަދު މަދު ނަމަވެސް އެ މަގާމުތަކަށް ތައްޔާރުކުރާ ފިރިހެނުންގެ ފަހަތުގައި އަންހެނުންގެ ދައުރު ބޮޑެވެ. ފުރަތަމަ ދަރިންގެ ތަރުބިއްޔަތުންނެވެ. އޭގެ ފަހުން އަނބިންގެ ގޮތުގައެވެ. މުޖުތަމައުގެ ކޮންމެ ދިމާއަކުން ވެސް ފެންނަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންވާ ގުރުބާނީއެވެ. 

އެއީ ހަމައެކަނި އާއިލާއަށްޓަކައިވާ ގުރުބާނީއެއް ނޫނެވެ. އޮށްޓަރު ހުރި ތަރުބިއްޔަތަކުން ބިނާކުރެވޭ ކޮންމެ ދަރިއަކީ ޤައުމަށްޓަކައި މައިން އަދާކުރާ ބޮޑު ވާޖިބެކެވެ. ޖަލު އާބާދީ އާއި އަދަބެއް ނެތް ދަރިންތަކެއް ގިނަ މުޖަތަމައަކުން ޤައުމަށްޖެހޭ ބަލާވެރިކަމުން ޤައުމު ސަލާމަތްކުރުމުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންވަމުންދާ ގުރުބާނީ ޤައުމީ ފެންވަރުގައި ބަލައިގަންނަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0