އަމިއްލަ ހިޔާލު: ހަވީރު ނޫސް — ޑރ. ޒާހިރުގެ މިލްކެއް! ރައްޔިތުންގެ ވެސް ހައްގެއް!

5 މާޗް 2024 - 10:25

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން އުފެއްދެވި ހަވީރު ނޫހަކީ ހަމައެކަނި ނޫހެއް ނޫނެވެ. އެއީ ރާއްޖޭގެ އެތައް ތާރީހެއް އޭގައި ރައްކާކުރެވިފައިވާ ދިވެހި ރާއްޖޭގެ އެންމެ ބޮޑު އާކައިވްއެވެ. މައުލޫމާތުގެ ހަޒާނާއެވެ. މައުލޫމާތު ހިފެހެއްޓިފައި އޮތް ޒަމާނެއްގައި ސަރުކާރުގެ މައުތު ޕީސްއެއްގެ ގޮތުގައި އޮތް ނަމަވެސް ސިޔާސީ ކަންކަމުގެ އިތުރުން ކުޅިވަރާއި އިޖުތިމާއީ އަދި އިގްތިސާދީ އެތައް މައުލޫމާތެއް އެ ނޫހިގައި ރައްކާކުރެވިފައި ވެއެވެ. ގިނަ ބަޔަކު އެ ނޫސް ސިފަކުރަނީ ގައުމީ އާކައިވްގެ ގޮތުގައެވެ.

ޗާޕްކޮށްގެން ނެރެމުން އައި ހަވީރު ނޫސް ޒަމާނީ ބަދަލުތަކާ އެކު އޮންލައިން އަށް ބަދަލުކުރުމުން ތާރީހީ އެތައް މައުލޫމާތެއް އާންމު މީހާގެ އިނގިލިކުރިއާ ހަމައަށް އައެވެ. ނޫސްވެރިކަމުގެ އެތައް ތާރީހަކާއި އެތައް ބަދަލެއްގެ ފެށުން އައީ ހަވީރު ނޫހުގެ ތެރެއިންނެވެ. ރާއްޖޭގެ އެހެން އެއްވެސް ޕްލެޓް ފޯމެއްގައި ނެތް އެތައް މައުލޫމާތެއް އެ އޮންލައިން މެދުވެރިކޮށް ވެސް އާންމުންނަށް ލިބެމުން އައެވެ. އެހެން ނަމަވެސް މީގެ އަށް އަހަރު ކުރިން ހައި ކޯޓުގެ އަމުރަކާ އެކު އެ ހަޒާނާގައި ތަޅު އެޅުވުނެވެ. 

advertisement

ހަވީރު ނޫހުގެ މިލްކުވެރިކަމުގެ މައްސަލަ ފެއްޓުނު ހިސާބު

ހަވީރު ނޫސް ހުއްޓާލަން މެދުވެރިވީ “ހަވީރު ނިއުސް އެޖެންސީ”ގެ ހައްގު އެ ނޫހުގައި އޮތް ކަމަށް ބުނެ އެ އެޖެންސީގެ ބައިވެރިން ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި ފާރޫގު ހަސަން ކުރި ދައުވާއަކާ ގުޅިގެންނެވެ. އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ދެ މީހުންނަކީ ހަވީރުގައި ޒާހިރުގެ މުވައްޒަފުންގެ ގޮތުގައި ގެންގުޅުއްވި ދެ ބޭފުޅުންނެވެ. އެހެން ނަމަވެސް ހަވީރު ނިއުސް އެޖެންސީގެ ނަމުގައި ޒާހިރާއި މި ދެ މީހުންގެ އިތުރުން ޒާހިރުގެ ޗާޕްހާނާ ލޯމާފާނު ޕްރިންޓް ހިންގުމާ ހަވާލުވެ ހުރި މޮނާޒާ މުހައްމަދު ނައީމު ގުޅިގެން އެޖެންސީއެއް އުފެއްދިއެވެ. އެހެން ނަމަވެސް މިއީ ހަވީރު ހިންގުމަށް އުފެއްދި ނިއުސް އެޖެންސީއެއް ނޫނެވެ. އެކަން އެނގެނީ އޭގެ ފަހުން ވެސް ހަވީރާއި ލޯމާފާނު ޕްރިންޓްގެ އެއްވެސް މުދަލެއް އެ އެޖެންސީގެ ދަށަށް ބަދަލުކޮށްފައި ނުވުމުންނެވެ. އަދި ހަވީރު ހިންގުމުގައި ވެސް އަދި ހަވީރު ތަރައްގީކުރުމުގައި ވެސް މިއިން އެއްވެސް މީހަކު ބައިވެރިވުމެއް ނެތުމުންނެވެ. ހަވީރުގެ ކުރިއެރުންތަކުގައި ހުރިހާ ޒިންމާއެއް އަދި ގުރުބާނީއެއް ވެވަޑައިގެންނެވީ ޑރ. ޒާހިރެވެ.

ޑރ. ޒާހިރުގެ މައްޗަށް ރަޝީދު މޫސާ އާއި ފާރޫގު 2013 ވަނަ އަހަރުގެ މޭ މަހު ހަވީރުގެ މިލްކުވެރިކަމުގެ ދައުވާ ސިވިލް ކޯޓަށް ވެއްދީ ހަވީރު ވިއްކާލުމަށް ޑރ. ޒާހިރު ނިންމެވުމާ ހަމައިންނެވެ. ހަވީރު ނޫހުގައި އިސްކޮށް އުޅުއްވި ބޭފުޅުން އާންމުކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަވީރު ވިއްކާލެއްވުމަށް ޒާހިރު ނިންމެވީ އަމިއްލަފުޅަށް ގިނަ ހަރަދުތަކެއް ކުރައްވައި އެތައް ލޯނެއް ނަންގަވައިގެން ފުޅާކުރެއްވި ވިޔަފާރިން މާ ބޮޑު ފައިދާއެއް ލިބިވަޑައި ނުގަންނަވާތީ އާއި އެ ވަގުތަށް ބަލާއިރު ރަނގަޅު ހުށަހެޅުމެއް ވެސް ލިބިފައި އޮތުމުންނެވެ.

އެ ނިންމެވުން ނިންމެވި އިރު އަގު ބޮޑު އެތައް މެޝިނެއް އެ ތަނުގައި ހުއްޓެވެ. ބޮޑު ލޯނެއް ނަންގަވައިގެން އެންމެ ފަހުގެ ޗާޕްކުރާ މެޝިނެއް ހަވީރަށް ގެނައިތާ ވެސް މާ ގިނަ ދުވަހެއް ނުވެއެވެ. އެއީ ވެސް 12 މިލިއަނެއްހާ ރުފިޔާގެ މެޝިނެކެވެ. މެޝިންތަކާއި ހަވީރުގެ އާކައިވް އާއި އެ ނޫން ވެސް އެތައް މުދަލަކާ އެކު ހަވީރުގެ ބްރޭންޑްގެ އަގު ގާތްގަނޑަކަށް 6 މިލިއަން ޑޮލަރު (މިހާރުގެ މާކެޓް ރޭޓުން ނަމަ 100 މިލިއަން) ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. 

ރަޝީދު މޫސާ އާއި ފާރޫގުގެ އެދުންވެރިކަން އެ ހިސާބުން ހިލިގަނެ ކޯޓަށް މައްސަލަ ވެއްދި ނަމަވެސް ސިވިލް ކޯޓުން އެންމެ ފުރަތަމަ މައްސަލަ ނިންމީ ޒާހިރާ އެއްކޮޅަށެވެ. ނިންމި މައްސަލާގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ހަވީރު ނޫހާއި ހަވީރު ނިއުސް އެޖެންސީއަކީ މުޅިން ދެ އެއްޗެއް ކަމަށާއި ހަވީރުގައި އެ ދެ މީހުންގެ ހައްގެއް އޮތް ކަމަށް ސާބިތު ނުވާ ކަމަށެވެ. ހަމައެކަނި ބާވެ ވީރާނާވާން ކައިރިވެފައި އޮތް ކަރުދާސްކޮޅެއްގެ އަލީގައި ކުރި ދައުވާގެ އެ މައްސަލަ އެ ހިސާބުން އޮބިގެން ދިޔައެވެ. އިސްތިއުނާފުގެ މުއްދަތު ފަހަނަ އަޅައިދިޔަ އިރު ވެސް މައްސަލަ ހައި ކޯޓަށް ހުށަނޭޅީ ސިވިލް ކޯޓުގެ ހުކުމުން ހަވީރަކީ ޒާހިރުގެ މިލްކެއްކަން ޝައްކެއް ނެތް މިންވަރަށް އެ ދެ މީހުންނަށް ވެސް ސާބިތުވާތީ ކަމަށް ބެލެވެއެވެ. 

ސިޔާސީ ބޭނުމާއި ނޫސްވެރިކަމާ ދެކޮޅު ރޫހު

ހަވީރުގެ ވެރިން އަދި މަސައްކަތްކުރި ފަރާތްތަކުން ދެކޭ ގޮތުން ނަމަ ދެ ވަނަ ފަހަރަށް ފާރޫގާއި ރަޝީދު މޫސާ ލައްވައި ވަލު ދޮރާށިން ހައި ކޯޓަށް މައްސަލަ ވެއްދީ ސިޔާސީ ބޭނުމެއްގައި އޭރު ސަރުކާރުގައި އިސްކޮށް ތިބި ފަރާތްތަކެއްގެ ނުފޫޒުންނެވެ. މައިގަނޑު މައްސަލައަކަށްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަމުން ދިޔަ ކޮރަޕްޝަންގެ މައްސަލަތައް އެހެން ބައެއް މީޑިއާތަކެކޭ އެއްގޮތަށް ހަވީރުން ވެސް ފެންމަތިކުރަމުން ގެންދިއުމެވެ. އެ ވެރިކަމުގައި އޮތީ ނޫސްވެރިކަމާ ދެކޮޅު ރޫހެކެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ތަޅު އެޅުވުމަށް އެތައް މީޑިއާތަކަކަށް އެކި ހަމަލާތައް ދެމުން ގެންދިޔަ ދުވަސްވަރެއް ކަމުން އެ ވާހަކަތަކަށް ބާރު ދެއެވެ. ރާއްޖެ ޓީވީ ޖޫރިމަނާކޮށް ނޫސްވެރިން ހައްޔަރުކޮށް ދައުވާކޮށް އަބުރުގެ ގާނޫނެއް އުފަންކުރުވުމަކީ އޭގެ ހެކިތަކެވެ. ހަވީރަށް ވެސް ޖެހުނީ އެހެން ބައެއް މީޑިއާތަކަށް ޖެހުނު ދަތުރެވެ.

ހައި ކޯޓުގައި އޮތް ހަވީރުގެ މައްސަލަ ހުކުމާ ހަމައަށް ގޮސްފައި ވަނިކޮށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ރާއްޖޭގެ އެހެން ސަރަހައްދަކަށް ފޮނުވާލައްވައި ނެރުނު ހުކުމުގައި ވަނީ ފާރޫގާއި ރަޝީދު މޫސާގެ ހައްގު ހަވީރުގައި އޮތް ކަމަށާއި އެ ހައްގު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. ހައި ކޯޓުން 2016 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ ހަވީރު ހިންގަންވާނީ މައްސަލަ ހުށަހެޅި ދެ މީހުންގެ ބައިވެރިވުމާ އެކުގައި ކަމަށެވެ. އެއާ އެކު ޑރ. ޒާހިރު ނިންމެވި އެ ބޭފުޅުން ބައިވެރިކޮށްގެން ނޫސް ނުހިންގުމަށެވެ. އަދި ވަގުތުން ވަގުތަށް ހަވީރާއި ލޯމާފާނުގައި ތަޅު އެޅުވިއެވެ. ޑރ. ޒާހިރުގެ ފަރާތްޕުޅުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެއްވި ނަމަވެސް ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ބުނެ ޝަރީއަތާ ހަމައަށް ވެސް މައްސަލަ ނުގެންގޮސް މައްސަލަ ބޭރުކޮށްލީއެވެ. 

ޑރ. ޒާހިރަށް މިލްކުވެރިކަން ކަށަވަރު, އެކަމަކު ލިބޭނެ ގެއްލުމެއް އޮތީ ލިބިފައި

ހަވީރުގައި އިސްކޮށް ތިބި ފަރާތްތައް ދެ މަހެއްހާ ދުވަހުގެ ތެރޭގައި “މިހާރު”ގެ ނަމުގައި އާ ނޫހެއް ރަޖިސްޓްރީކޮށް ވުޖޫދުކުރިއެވެ. ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން އެ ހިސާބުން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. އެ ނޫސް ވެސް ހުއްޓުވޭތޯ ކުރި މަސައްކަތުގެ ތެރެއިން ސަބަބުވެރި އިންސާނާގެ ހަމަ ބުއްދި އަށް އަށް ވެސް ގަބޫލުނުކުރެވޭ އަމުރެއް ސިވިލް ކޯޓުން އޭރު އޮތީ ނެރެފައެވެ. މަޝްހޫރު ގާނޫނީ ވަކީލް އަދި އޭރު ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ހަލީމް (ހަލީމްބާއީ) ނެރުނު ހުކުމުގައި ބުނެފައި އޮތީ ހަވީރުގެ އެއްވެސް ނޫސްވެރިއަކަށް ދެ އަހަރު ވަންދެން ނޫސްވެރިކަމުގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. 

މުޅި ރާއްޖެ ހިލުވައިލި 1 ފެބްރުއަރީގެ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓަށް ސިފައިން ވަދެ ބައެއް ފަނޑިޔާރުން ހައްޔަރުކުރި އިރު ހަވީރުގެ މައްސަލައިގެ އާ ކަންތައްތަކެއް ވެސް ފެންމަތިވިއެވެ. އަދި ހަވީރުގެ މުވައްޒަފުން ކުރިން ކުރި ތުހުމަތުތަކަށް ބާރު ލިބޭ އާ ހެކިތަކެއް ފާޅުވިއެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމާ ގުޅިގެން އެ ބޭފުޅުންނާ ދެކޮޅަށް ހެކި ބަސް ދިން ގާޒީ ހަލީމް ބުނެފައިވާ ގޮތުން ހަވީރުގެ މައްސަލައަކީ ވެސް ސުޕްރީމް ކޯޓުގެ ނުފޫޒާ އެކު ނިންމި މައްސަލައެކެވެ. އެ ގޮތުން ހަވީރު ނޫހުގެ މުވައްޒަފުންނަށް މަސައްކަތްނުކުރެވޭ ކަމަށް ހުކުމުގައި އޮތް ބަޔަކީ ފުރަތަމަ ހުކުމް ތައްޔާރުކުރި އިރު އޮތް ބައެއް ނޫން ކަމަށާއި އެ ބައި ލިޔުނީ ފަނޑިޔާރު އަލީ ހަމީދު ކަމަށް ބުނެފައި ވެއެވެ. 

ފޮރުވިފައިވާ މިފަދަ އެތައް ކަމެއްގެ ތެރެއިން 37 އަހަރުގެ ބޮޑު އާކައިވްއެއް އޮތް ހަވީރު ނޫހުގައި އެޅުވި ތަޅު އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނައްޓުވާލާފައެވެ. އަބްދުﷲ ޔާމީނުގެ ވެރިކަން ބަދަލުވުމާ އެކު އެ ވެރިކަމުގައި ނިންމި ބައެއް ނިންމުންތައް އަލުން ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު ޑރ. ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އާދީއްތަ ދުވަހު އައީ ޒާހިރާ އެއްކޮޅަށެވެ. ހައި ކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ނިންމި މައްސަލައި އެނގިގެން ދިޔައީ ހަވީރުގައި ފާރޫގާއި މޫސާ ރަޝީދުގެ ހައްގެއް ނެތް ކަމަށާއި ހަވީރަކީ ޑރ. ޒާހިރުގެ މިލްކެއް ކަމަށެވެ. އަދި ހަވީރު ނިއުސް އެޖެންސީ ރަޖިސްޓްރީކުރި އިރު ޒާހިރުގެ ނަން އޭގައި ނެތް ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. 

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހަވީރުގައި އެޅުވިފައިވާ ތަޅު ނެއްޓުނު ނަމަވެސް ދެން އޮތް ސުވާލަކީ މިދިޔަ އަށެއްކަ އަހަރުގެ ތެރޭގައި ޑރ. ޒާހިރަށާއި ހަވީރަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނީ ކިހިނެއް ހެއްޔެވެ؟ މެޝިންތައް ހުރީ ދަބަރަށްވެ ހަލާކުވެފައެވެ. ހައްގު އޮތް ކަމަށް ގަބޫލުކޮށްގެން ތިބި ދެ ފަރާތުން ވެސް އަޅާ ނުލުމުން ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ވަގުން ވަނީ ހަވީރުގެ އިމާރާތުގައި ހުރި އެތައް މުދަލެއް ވަގަށް ނަގާފައެވެ. ސުޕްރީމް ކޯޓުގެ ހުކުމާ އެކު ރާއްޖޭގެ އެންމެ ބޮޑު އާކައިވް އަނބުރާ ލިބިދާނެއެވެ. އެހެން ނަމަވެސް ސުވާލަކީ މިދިޔަ އަށް އަހަރުގެ ތެރޭގައި 100 މިލިއަން ރުފިޔާގެ އަގު ބޮޑު ބްރޭންޑަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

ރިއެކްޝަންސް
0
2
0
0
0
0
0