ރިޕޯޓު: އޭރުވެސް މިހާރުވެސް އެޓޯލްސް މިނިސްޓްރީ އެކި ނަންނަމުގައި

7 މާޗް 2024 - 13:51

ލާމަރުކަޒީ ނިޒާމު ތައާރަފްވުމާ ހަމައަށް ރަށްރަށުގައި ކުރަންޖެހޭ ކޮންމެ ކަމެއްގައި ފަހުގެ ނިންމުން ނިންމާ އިދާރާއެއްގެ ގޮތުގައި އޮތީ އެޓޯލްސް މިނިސްޓްރީއެވެ. މަގެއް ސާފުކުރަން ޖެހުނަސް ނުވަތަ ތަނެއްގެ އިންފާރު ވަކިކޮށްލަން ވިޔަސް އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ އެކަމެއް ނުކުރެވެއެވެ. އެކަމަށް ބަދަލެއް އަންނަން ފެށީ އާ ގާނޫނު އަސާސީއާ އެކު ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުމުންނެވެ. އާ ގާނޫނު އަސާސީ އާއި އާ ގާނޫނުތަކާ އެކު ރަށްތައް ހިންގުމުގެ ފުރިހަމަ ބާރު ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވީ ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް އޮތީ ހިނގައި ނުގަނެވިއެވެ.

ރަށްރަށުގެ ކަންކަން ހިންގުމަށް ރައްޔިތުންގެ ވޯޓުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް ނަގާފައިވީ ނަމަވެސް އަމަލީ ގޮތެއްގައި އަދިވެސް ރަށްތަކުގެ ކަންކަން ނިންމުމުގައި ތަފާތު އެކި ނަންނަމުގައި ހުރި އިދާރާތަކުން ގެންދަނީ ނުފޫޒު ފޯރުވަމުންނެވެ. އެކި ވެރިކަންތަކުގައި މިކަން އޮތީ އެކި ގޮތަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވީ ހަތް ސަރަހައްދަކަށް ވަޒީރުން ހަމަޖައްސަވައިގެން ހިންގުމުގެ ވައްޓަފާޅިއެކެވެ. 

advertisement

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ ކައުންސިލްތައް އުފެދުނު ނަމަވެސް އޭގެ ފަހުން އައި ހުރިހާ ވެރިކަމެއްގައި ވެސް ކައުންސިލްތައް ކޮންޓްރޯލްކުރުމުގެ ވިސްނުމުގައި މަސައްކަތްތަކެއް ކުރިއެވެ. ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ ބަލަދުވެރިއަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެވެ. އެހެން ނަމަވެސް އެއީ ކައުންސިލްތަކުގެ މައްޗަށް ބާރު ފޯރުވަން އޮތް އިދާރާއެއް ނޫނެވެ. ކައުންސިލްތަކަކީ މިނިވަން ކަމާއެކު އަމިއްލަ އަށް ކަންކަން ނިންމުމުގެ ބާރު ލިބިދީފައިވާ ގާނޫނީ ވަކި ސަހުސެކެވެ. ނަމަވެސް އަމަލީ ގޮތެއްގައި މިކަން އޮތީ މިހެންނެއް ނޫނެވެ. އެކި ވެރިކަންތަކުގައި އެކި ގޮތް ގޮތަށް ކައުންސިލްތަކުގައި މަރުތަޅު އަޅުވާފައި އެބަ ހުއްޓެވެ.

ކުރީ ސަރުކާރުތަކުގައިވެސް ކައުންސިލްތައް މައި ސަރުކާރު ދަށުގައި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެލްޖީއޭ މެދުވެރިކޮށްގެންނާއި އަދި ސީދާ ސަރުކާރުގެ ނިންމުންތަކާ އެކު ކައުންސިލްތަކުގެ ބާރުތަކަށް އަރައިގެންފައި ވެއެވެ. ބިންތަކުގެ ކޮންޓްރޯލް މާލޭގެ ވުޒާރާއަކަށް ނެގުމާއި އެހެނިހެން ކަންކަމުގައި ވެސް މައި ސަރުކާރުން ހުއްދަ ހޯދަންޖެހޭ ގޮތަށް ކަންކަން ބަދަލުކުރި އެވެ. އިދިކޮޅަށް މެޖޯރިޓީ އޮތް ކައުންސިލްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އަޅާފައި ވެއެވެ. މުސާރަ ނުލިބޭ ގޮތަށް އެތައް ކައުންސިލަރުންނެއް ސަސްޕެންޑްކޮށްފައި ވެއެވެ. މާލޭ ސިޓީ ކައުންސިލް އޮތީ ވާގި ދުއްވާލާފައެވެ. އެ ކައުންސިލްގައި ހުރި މަސައްކަތްތައް އެކި އިދާރާތަކުގެ ދަށަށް ގެންގޮސް ދައުރު ނިމުނު އިރު ސިޓީ ކައުންސިލުން ކުރަން އޮތް ކަމަކީ އަލަށް ވިހާ ކުދިންނާއި މަރުވާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުން އެކަންޏެވެ. ތިބި އިމާރާތުން ބޭރުކޮށް އެތައް ދަތިތަކެއް ކުރިމަތިކުރުވިއެވެ. 

އެވެރިކަން ނިމި 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސް ކަމަށް ވަޑައިގެން ވަރަށް ގިނަ ކަންކަން އިސްލާހުކުރެއްވިއެވެ. ކައުންސިލްތަކަށް ބާރު ދެއްވިއެވެ. އެހެން ނަމަވެސް އެ ވެރިކަމުގައި ވެސް ނުކިއްސަރު ގިނަ ކަންކަން ހުއްޓެވެ. މާލޭ ސިޓީގެ މޭޔަރާއި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅުން ނެގުމުން ހުރަސްތަކެއް ކުރިމަތިކުރުވިއެވެ. ކައުންސިލާއި ސަރުކާރާ ދެމެދު ގުޅުން ކުޑަވިއެވެ. ކައުންސިލުން ކުރަން ބޭނުންވި ކަންކަމަށް ސަރުކާރުން މަގުފަހިކޮށްދީގައި ނުވާ ކަމުގެ ތުހުމަތުތައް އަބަދު ވެސް އޮތެވެ. 

ކައުންސިލްތައް ދުވަހެއް ދުވަހަކަށް ބާރުވެރިކުރުވުމަށް ރައްޔިތުންގެ މަޖިލީހުން ގިނަ ކަންތައްތަކެއް ނިންމާފައި ވެސް އެބަހުއްޓެވެ. އެންމެ ފަހުން ގެނައި އިސްލާހުތަކުގައި ކައުންސިލްތަކުގެ ނަމުގައި ވިޔަފާރިކުރުމަށް ކުންފުނިތައް އުފެއްދޭ ގޮތް ހިމަނާފައި ވެއެވެ. އަދި ކަންކަން ނިންމުމުގައި މައި ސަރުކާރަށް ބަރޯސާވުން ކުޑަކުރުމަށް ވެސް މަގުފަހިކޮށްފައި ވެއެވެ. އެހެން ނަމަވެސް އަދިވެސް އެކަން ބިނާވެފައި އޮތީ ސަރުކާރަށް ތާއީދުކުރުމާއި ނުކުރުމުގެ މައްޗަށް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ގާނޫނީ ބާރު ދީފައި އޮތް ނަމަވެސް ހުރަސްތައް އަދިވެސް މަދެއް ނޫނެވެ. 

އަލަށް އުފެއްދި އެޓޯލްސް މިނިސްޓްރީ: ލާމަރުކަޒީ ރޫހާއި ހިލާފު

އާ ސަރުކާރާ އެކު ކައުންސިލްތަކަށް ކުރިމަތިވި އެންމެ ބޮޑު ބިރުވެރިކަމަކަށް އޮތީ ކައުންސިލްތަކުގެ ކަންކަން ބެލެހެއްޓުމަށް އަނެއްކާ ވެސް އެޓޯލްސް މިނިސްޓްރީއެއް އުފައްދައި ވަޒީރަކު އައްޔަންކުރުމެވެ. އެކަން އެ ގޮތަށް ނުކުރުމަށް އެތައް ބަޔަކު ގޮވާލަމުން ދިޔައެވެ. އޭގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްތަކާއި ނުފޫޒު ފޯރާނެ ކަމުގެ އިންޒާރު ދިޔައީ ދެމުންނެވެ. ގާނޫނީ ގޮތުން އެލްޖީއޭ މަތިކޮށްފައި ވަނިކޮށް އޭގެ މައްޗަށް މިނިސްޓްރީއެއް އޮތުމުގެ ބޭނުމެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެއެވެ. 

އެޓޯލްސް މިނިސްޓްރީއެއް އުފެއްދުމުން ކައުންސިލްތަކަށް ނުފޫޒު ފޯރުވުން އިތުރުވާނެ ކަމަށް ކުރެވުނު އަންދާޒާ މިހާރު މި ވަނީ އަސްލަކަށް ބަދަލުވާން ފަށާފައެވެ. އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތަކަށް އިންޒާރު ދިނުން އަނެއްކާ ވެސް އިތުވާން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އަށް ސަނާ ނުކިޔާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ. އެ ގޮތުން ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. ކެނދިކުޅުދޫއަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެލްޖީއޭއިން ވަނީ އަންގާފައެވެ އެއީ ކައުންސިލަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އެލްޖީއޭ އިން ބުނެއެވެ.

އެލްޖީއޭގެ މި ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ އެލްޖީއޭގެ މި އަމަލަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު އަމަލެއް ކަމަށެވެ. އެލްޖީއޭގެ އަމާޒަކަށް ވާންވާނީ ކައުންސިލްތަކުގެ ގާނޫނީ ބާރުވެރިކަން ދެމެހެއްޓުމާއި ހިންގުމުގެ ރަނގަޅު އުސޫލުތައް ކުރިއަރުވައި، ކައުންސިލުތައް ބާރުވެރިކޮށް ވާގިވެރިވުން ކަމަށް ވެސް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެސް ވަނީ އެލްޖީއޭގެ މި އަމަލު ކުށްވެރިކޮށްފައެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ މި އަމަލަކީ ކައުންސިލްތަކަށް ގާނޫނުން ލިބިދޭ ބާރު ކަނޑުވާލައި ނުފޫޒު ފޮރުވުމުގެ އަމަލެއް ކަމަށެވެ. އަދި މި ސަރުކާރުން އުފައްދާފައިވާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އެ ޕާޓީން ސިފަކުރަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން އުފައްދާފައިވާ “އެޓޯލްސް މިނިސްޓްރީ”ގެ ގޮތުގައެވެ. އަދި ބިރު ދެއްކުން ހުއްޓާލައި އެޓޯލްސް މިނިސްޓްރީ އުވާލަން ވަނީ ގޮވާލާފައެވެ. 

ލާމަރުކަޒީ ގާނޫނު ކައުންސިލްތަކަށް އެތައް ބާރުތަކެއް ލިބިދީފައިވީ ނަމަވެސް އެ ބާރުތަކުގެ ކޮންޓްރޯލް އަދިވެސް އޮތީ ސަރުކާރުގެ އަތުގައެވެ. އެލްޖީއޭއަކީ ސަރުކާރުން އައްޔަންކުރާ ބަޔަކު އިސްވެ ތިބެ ހިންގާ އިދާރާއެކެވެ. އެހެންކަމުން ސަރުކާރު ނުރުހޭ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ސަރުކާރަށް އޮތް ބާރެކެވެ. ކައުންސިލްތަކަށް ބަޖެޓް ދެނީ ސަރުކާރުންނެވެ. އެހެން ކަމުން މާލީ ކޮންޓްރޯލްގެ ބޮޑުބައެއް ވެސް އޮތީ ސަރުކާރުގެ އަތްމަތީގައެވެ. މަޝްރޫއުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދީފައިވީ ނަމަވެސް އެ ބާރު ވެސް ސަރުކާރުން ވަނީ ނަގައިފައެވެ. އޭގެ އެއް މިސާލަކީ މާލޭ ސިޓީގެ މޭޔަރަކަށް އިދިކޮޅު މެންބަރަކު ހޮވުމާ އެކު ހުވާކުރުމުގެ ކުރިން މާލޭ ސިޓީގެ މަޝްރޫއުތަކެއް ސަރުކާރުގެ އެކި ވުޒާރާތަކަށް ބަދަލުކުރުމަށް ކައުންސިލްގެ މެޖޯރިޓީ ބޭނުންކޮށްގެން ނިންމުމެވެ. މިފަދަ އެތައް ކަމެއް ސަރުކާރުން ދަނީ ކުރަމުންނެވެ. 

ރަސްމީ ދަތުރުފުޅެއްގައި ރައީސް ރަށަކަށް ވަޑައިގަންނަވާ ނަމަ ދައުލަތުގެ އިދާރާތަކުން އެކަމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ލާޒިމް ކަމެކެވެ. އެހެން ނަމަވެސް ރައީސަށް ސަނާކިޔުމަކީ ކައުންސިލްގެ މައްޗަށް ލާޒިމް ކަމެއް ނޫނެވެ. އަދި އެފަދަ ދަތުރެއްގައި ކަންކަން ގޯހުން ދާ ނަމަ އެކަމާ މެދު ބަސް ބުނުމަކީ ކައުންސިލްތަކަށް ލިބިދޭ މިނިވަން ކަމެކެވެ. އެކަމުގެ މައްޗަށް އެހެން ބަޔަކު ބަސްކިޔައި ކައުންސިލްތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމަކީ ހަގީގަތުގައި އެޓޯލްސް މިނިސްޓްރީގެ ސިފައެކެވެ. އެފަދަ ވުޒާރާއެއް ބޭނުމެއް ހަމަ އެއްގޮތަކަށް ވެސް ނުފެނެއެވެ. އެފަދަ ވުޒާރާއެއް ވުޖޫދު ނުކުރުމަށް ގޮވާލީ މިފަދަ އެތައް ސަބަބުތަކަކާ ހުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0