ރިޕޯޓް: އެމްޓީސީސީ ޓޫރިޒަމަށް، ބޮޑު ގޯހަކާ ދިމާއަށް!

12 މާޗް 2024 - 11:03

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހިމެނެނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސަބްސިޑީއަކާ ނުލައި ހިންގާ މަދު ކުންފުނިތަކުގެ ތެރޭގައެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފައިދާވާ ކުންފުނިތަކުގެ އަދަދު އިނގިލިތަކުން ގުނާލެވޭހާ މަދު އިރު އޭގެ ތެރެއިން ވެސް އެންމެ ބޮޑު ފައިދާއެއް ނެރޭ ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ ހިމެނެއެވެ. 

އެމްޓީސީސީގެ ވިޔަފާރިތައް ފުޅާކުރުމަށް އެކި ސަރުކާރުތަކުން އެކި ކަންކަން ކޮށްފައި ވެއެވެ. އާ ސަރުކާރުންގެ ވިސްނުންތައް ވެސް ގިނައެވެ. އެ ގޮތުން މަސްވެރިކަމާއި ޓުއަރިޒަމް ދާއިރާގައި އެމްޓީސީން އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.

advertisement

މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމްގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ ދަށުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެމްޓީސީސީ ވަނީ ރެކޯޑްތަކެއް މުގުރާލާފައެވެ. މިއިން ޒަމާނަކު ނުހޯދާ ފައިދާ އެ ކުންފުނިން ހޯދާފައި ވެއެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ގިނަ މަޝްރޫއުތަކަކީ ސަރުކާރުގެ މަޝްރޫއުތައް ކަމުން ކުންފުންޏަށް ލިބެންޖެހޭ ގިނަ ފައިސާތަކެއް ނުލިބި އެބަހުއްޓެވެ. 

ކުންފުނި އޮތީ ހީކުރި ގޮތާ ހިލާފަށް ނާޒުކު ހާލަތެއްގައި

އެއީ އޭރު އާޒިމް ވެސް ދައްކަވަމުން ގެންދެވި ވާހަކައެކެވެ. އެ ސަރުކާރުން އެއީ ފައިދާ ބޮޑު ކުންފުންޏެއްގެ ގޮތުގައި ދެއްކި ނަމަވެސް މި ސަރުކާރު އައި ފަހުން ކުންފުނީގެ ކަންކަމާ މެދު އަދި މިހާތަނަށް މުޅިން ވެސް އިވެމުން ދަނީ ޝަކުވާތަކެވެ. އާ މެނޭޖްމަންޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުންފުނި އޮތީ ހީކުރި ގޮތާ ހިލާފަށް ނާޒުކު ހާލަތެއްގައެވެ. 

އާ މެނޭޖްމަންޓުން ބުނަނީ ކުންފުނި އޮތީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އިން ދަރާފައި ކަމަށެވެ. ކުންފުންޏަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އެބަ އޮތެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގައިގެން ލިބެންޖެހޭ ފައިސާއެވެ. ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތް އިރު ކުންފުނީގެ ރިސޯސްތައް ބޭނުންކޮށްފައި ހުރި ގޮތުންނާއި މަޝްރޫއުތަކަށް އެސެޓް މޮބަލައިޒްކޮށްފައި ހުރި ގޮތުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވެސް އާ މެނޭޖްމަންޓުން ބުނެފައި ވެއެވެ. އަދި ބައެއް މުހިންމު އެސެޓްތައް އެކަށީގެންވާ ގޮތެއްގައި މަރާމާތުނުކުރުވެމުގެ ސަބަބުންނާއި އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރުމުގެ ސަބަބުން ވެސް ކުންފުންޏަށް ގެއްލުންތަކެއް ވަމުން ދާކަމުގެ ޝަކުވާ އެބަ އޮތެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ތެރެއަށް ވަނުމަށް އެމްޓީސީސީން އަންނަނީ މަސައްކަތްކުރަމުން

އެހެން ކަމުން މިކަންކަން ބަދަލުކޮށް އާ އިންޑަސްޓްރީތަކުގައި އިންވެސްޓްކުރުމަކީ އާ މެނޭޖްމަންޓްގެ ވިސްނުމެކެވެ. އެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ ޓުއަރިޒަމާއި މަސްވެރިކަމުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެމްޓީސީސީން ދާދި ފަހުން ބުނެފައި ވެއެވެ. ސުވާލަކީ މިއީ ރަނގަޅު ނިންމުމެއް ހެއްޔެވެ؟

މާޒީގައި ކަން ހިނގާފައިވާ ގޮތާއި އަދި މިހާރު ވެސް ފެންނަން ހުރި ހަގީގަތްތަކަށް ބަލާއިރު އަނެއްކާ ވެސް ސަރުކާރުގެ ކުންފުންޏަކުން ޓުއަރިޒަމާއި މަސްވެރިކަމުގެ ތެރެއަށް ވަނުމަކީ ރަނގަޅު ފާލެއް ކަމުގައި ބެލެވޭނެ ޖާގައެއް ނެތެވެ. މަސްވެރިކަމުގެ ދާއިރާގެ ބަލަދުވެރިކަން ސަރުކާރުގެ ބޮލުގައި އެޅިފައި އޮތް އިރު އެކަމުން އެ އުޅެނީ ސަލާމަތް ނުވެގެންނެވެ.

ކުރީ ސަރުކާރުތަކުގައި ވެސް އަދި މި ސަރުކާރަށް ވެސް އޮތް އެންމެ ބޮޑު ފާޑުކިޔުންތައް އަމާޒުވެފައިވަނީ މަސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކާ ގުޅިގެންނެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މިފްކޯ ދުވަހެއް ދުވަހަކަށް ދަނީ ގެނބެމުންނެވެ. ކުންފުންޏަށް ލިބޭ ގެއްލުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު މިހާރު ވެސް ކުންފުނި ހިންގަނީ ދައުލަތުގެ ވަރަށް ބޮޑު ސަބްސިޑީއަކާ އެކުގައެވެ. ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި މަދު އަހަރެއްގައި ނޫނީ މިފްކޯ އަށް ފައިދާވެފައި ނުވާ އިރު މަސްވެރިކަމުގެ ދާއިރާ އިން ސަރުކާރަށް ކުރަންޖެހިފައި ވަނީ ހިތި ތަޖުރިބާއެކެވެ. 

ޓުއަރިޒަމްގެ ދާއިރާގައި ވެސް މިހާތަނަށް ސަރުކާރަށް ލިބުނީ ބޮނޑިއެވެ. މޯލްޑިވްސް ޓުއަރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އުފައްދައިގެން ޓުއަރިޒަމް ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ބައިވެރިވުމާ އެކު ފެށި މަސައްކަތް ވެސް ކޮޅެއްގައި ނުޖެހުނެވެ. ވިޔަފާރިވެރިންތަކެއްގެ މަކަރުވެރިކަމުގައި ޖެހި ސަރުކާރަށް އެ ކަމުގައި ވެސް ލިބުނީ ކޮޅުކެއްސެވެ. 

އެ ކުންފުނިގެ ހިއްސާ އާންމުކޮށް ވިއްކައި އޭގެ ތެރެއިން ބޮޑު ބައެއް މަކަރާއި ހީލަތުން ނެގީ ވިޔަފާރިވެރިންނެވެ. އަދި ދެ އަހަރުގެ ތެރޭގައި ފައިދާ ނަގައި ކުންފުނި އޮޔާލަން ދޫކޮށްލީއެވެ. އެތައް ފަޅު ރަށަކާއި ފަޅެއް އޮވެމެ އެ ކުންފުނި ވެސް އޮތީ ކަރުތާފެނުގައެވެ. ކިރިޔަ ކިރިޔާ ފައިދާވާ، ނުވާ ހިސާބުގައެވެ. ކުރިއެރުމެއް ނެތެވެ

ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަންޖެހޭ

މީގެ އިތުރުން ވެސް މި ދެ ދާއިރާގައި ސަރުކާރުން ބައިވެރިވި ކޮންމެ ކަމެއްގައި ކަހަލަ ގޮތަކަށް ލިބިފައި ވަނީ ކޮޅުކެއްސޭ ބުންނަށް ދޮގަކަށް ނުވާނެއެވެ. އައްޑޫގައި ޓުއަރިޒަމް ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކާ ބައިވެރިވެގެން ހިންގި މަޝްރޫއުތަކުން ވެސް ދައުލަތަށް ވީ ގެއްލުމެވެ. ޝަންގްރިއްލާ ވިލިނގިލި ހިންގަން 30 ޕަސެންޓްގެ ހިއްސާއާ އެކު ސަރުކާރުން ކުރި އިންވެސްޓްމަންޓުން ވެސް ލިބުނީ ގެއްލުމެވެ. ހިއްސާ ދޫކޮށްލަން ނިންމި އިރު ބަދަލުގެ ގޮތުގައި 70 ވަރަކަށް މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.

ޓުއަރިޒަމް ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އިން ސަރުކާރަށް ލިބުނު ގެއްލުންތައް ބޮޑުކަމުން އެ ސިނާއަތުން ސަރުކާރުން އަތް ދޫކޮށްލަންޖެހޭ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އެ ގޮތުން މަސްވެރިކަން ވެސް ޕްރައިވަޓައިޒްކުރުމަށް ކަމާ ބެހޭ ތަޖުރިބާކަރުން އެތައް ފަހަރެއްގެ މަތިން ވަނީ ގޮވާލާފައެވެ. އެކި ސަރުކާރުތަކުން އެކަމާ މެދު ވަރަށް ބޮޑަށް ވިސްނައި މަސައްކަތްތަކެއް ވެސް ކުރިއެވެ. އެހެން ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އެކަން އޮތީ ނުވެއެވެ. 

ސަރުކާރުގެ ކުންފުނިތައް މި ފަދަ ހާލެއްގައި އޮތް އިރު ކަނޑައެޅިގެން އެނގި ހުރެ އެމްޓީސީސީން “އަލިފާންގަނޑެއްގެ” ތެރެއަށް ފުންމާލަނީ ކީއްވެބާއެވެ؟ އަދި ހާއްސަކޮށް ކުންފުންޏަށް މައްސަލަތަކެއް ކުރިމަތިވެފައިވާކަން ހާމަކޮށްފައި، އިތުރު މައްސަލަތަކެއްގެ ތެރެއަށް ވަންނަން އެމްޓީސީސީން ބޭނުން ވަނީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މި ނިންމުމަކީ ސަރުކާރުގެ ދަރަނީގައި އެމްޓީސީސީ ބައިވެރިކުރުމަށް ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

“މި ކުންފުނިން މަސްވެރިކަމާ ގުޅޭ ސިނާއަތަށް ވެސް މަޑުމަޑުން އެބަ ވަންނަން. އޭގެ ތަފްސީލު ފަހުން ހާމަކުރާނަން. އަޅުގަނޑުމެންގެ ވިސްނުމަކީ މިތަނުން ޕްރޮޖެކްޓްތަކަށް އެކަނި ޑިޕެންޑު ނުވުން،” އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެފައި ވެއެވެ.

އާ މެނޭޖްމަންޓުން ދެކޭ ގޮތުގައި އާ ސިނާއަތްތަކަށް އެ ކުންފުނިން ވަންނަނީ ސަރުކާރުގެ މަޝްރޫއުތަކުން ލިބޭ އާމްދަނީ އަށް ބަރޯސާވުން ކުޑަކުރުމަށެވެ. އެމްޓީސީސީ އަށް މިހާރު ލިބޭ އާމްދަނީގެ 85 ޕަސެންޓަކީ ސަރުކާރުގެ މަޝްރޫއުތަކުން ލިބޭ އާމްދަނީއެވެ. ސަރުކާރުގެ މަޝްރޫއުތަކަށް ވުމުން ސަރުކާރަށް ދިމާވާ މާލީ ދަތިކަމުގެ އަސަރު ސަރުކާރުގެ ކުންފުނިތަކަށް ވެސް ކުރެއެވެ. އެހެންކަމުން ސަރުކާރުން އެމްޓީސީސީ އަށް ދޭންޖެހޭ ފައިސާގެ އަދަދު ވެސް ބޮޑެވެ.

ރިސޯޓްތައް ތަރައްގީކޮށް މާކެޓްގައި ވިއްކުމުގައި ކިހާވަރެއްގެ ކުރިއެރުމެއް ހޯދިދާނެ ހެއްޔެވެ؟

ޒިޔާދު ވިދާޅުވި ގޮތުން ނަމަ ޓުއަރިޒަމްގެ ދާއިރާ އިން އެ ކުންފުނިން އިންވެސްޓްކުރުމުގެ ވިސްނުން ހުރީ ފަޅުތައް ހިއްކައި ތަރއްގީކޮށް މާކެޓުގައި ވިއްކައިގެންނެވެ. ފަޅުތައް ހިއްކުމަކީ މިހާރު ވެސް އެމްޓީސީސީން ކުރަމުން އަންނަ ކަމެކެވެ. އަދި އެކަމުގައި އެއީ މާހިރުންނެވެ. އެހެން ނަމަވެސް ސުވާލަކީ ރިސޯޓްތައް ތަރައްގީކޮށް މާކެޓްގައި ވިއްކުމުގައި ކިހާވަރެއްގެ ކުރިއެރުމެއް ހޯދިދާނެ ހެއްޔެވެ؟ 

އަދި އެއީ ދައުލަތުގެ މުދަލަށްވުމުން އާންމު ގޮތެއްގައި ވެސް މި ފަދަ ކަންކަމުން ބަޔަކަށް މާލީ މަންފާތަކެއް އަބަދު ވެސް ލިބޭ އިރު އެމްޓީސީސީ އަށް ލިބޭނީ ކިހާ ވަރެއްގެ ފައިދާއެއް ހެއްޔެވެ؟ މިއީ އަދި އަންދާޒާކުރަން ދަތި ކަމެކެވެ.

ޓުއަރިޒަމް ދާއިރާގައި އިންވެސްޓްކުރުމާ ގުޅޭ ގޮތުން އެމްޓީސީސީން މިހާތަނަށް ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު އެ ކުންފުނީގެ ތަކުރިބާ ހުރި ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެން ނަމަވެސް މަސްވެރިކަމުގެ ދާއިރާގައި އެމްޓީސީސީގެ ތަޖުރިބާއެއް ނެތެވެ. މަސްވެރިކަމުގެ ދާއިރާ އިން އެމްޓީސީސީ ކުރިއަށްދާނީ ކިހިނެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީސީސީއަކީ އިމާރާތްކުރުމުގެ ދެ ވަނައެއް ނެތް ފަދަ ކުންފުންޏެކެވެ. ފަޅުތައް ހެދުމާއި ބިން ހިއްކުމުގައި ވެސް އަރާ ހުރި ކުންފުންނެކެވެ. އެހެންކަމުން އިންވެސްޓްމަންޓްތައް ފުޅާކުރާ އިރު މި ދާއިރާތަކާ ގުޅުން ހުރި ދާއިރާތަކުން އިންވެސްޓްކުރުން މުހިންމު ކަމުގައި ގިނަ ބަޔަކު ދެކެއެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ ރެއަލް އެސްޓޭޓްގެ ވިޔަފާރިއާ ގުޅުން ހުރި ވިސްނުންތަކެއް ގެންގުޅެފައެވެ. 

އަދި އެކަމުގެ ޕްލޭންތަކެއް ވެސް ހެދިއެވެ. އެހެން ނަމަވެސް މިހާރު އެކަން އޮތް ގޮތެއް ނޭނގެއެވެ. މިކަންކަން މިހެން ހުރި އިރު ދައުލަތުން މިހާރު ވެސް ހިތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ސިނާއަތްތަކަށް ސަރުކާރުގެ އެހެން ކުންފުންޏެއް ވަނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ހާއްސަކޮށް މަސްވެރިކަމުގައި ދައުލަތުން ދަރާފައިވާ ދަރަނީގައި ސަރުކާރުގެ އެހެން ކުންފުންޏެއްގެ ބޮލުގައި އެޅޭ ފަދަ ގޮތަކަށް ކަންކޮށްގެން ނުވާނެއެވެ.

ރިއެކްޝަންސް
0
0
1
0
0
0
0