އަމިއްލަ ހިޔާލު: ރޯދަމަހާ އެކު ސްކޭމްތައް އިތުރުވެއްޖެ! ސަމާލުވޭ!

14 މާޗް 2024 - 14:06

ރޯދަ މަހަކީ ތަކެތީގެ ޑިމާންޑް އިންތިހާ އަށް ބޮޑު މަހެކެވެ. މިއާ އެކު ވިޔަފާރިވެރިން ވެސް އެ މީހުންގެ މުދާ ވިއްކުމަށް އާ ގޮތްތައް ބޭނުންކުރެއެވެ. ހާއްސަ ޕްރޮމޯޝަންތައް ހިންގައެވެ. މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާޔު ކުއިޒް މުބާރާތްތައް ވެސް އެހެން މަސްތަކާ އަޅާ ބަލާއިރު ރޯދަ މަހު އިތުރެވެ. މި ހުރިހާ ކަމަކަށް ފާރަލައިގެން ބަޔަކު އެބަ ތިއްބެވެ. މިކަންކަމުގެ ތެރެއިން ނާޖައިޒް ފައިދާތައް ނެގޭނެ ފުރުސަތަކަށް ބަލަބަލައެވެ.

މިފަދަ ކަންކަން އޮޕަރޭޓްކުރާ މައި ސެންޓަރަކީ ޖަލުތައް

ރޯދަމަހާ އެކު ސްކޭމަރުންގެ ހަރަކާތްތައް ވެސް މި ވަނީ އިތުރުވެފައެވެ. ތަފާތު ޕްރޮމޮޝަންތައް ހިންގުމުގެ ނަމުގައި އާންމުން ވާވައްދައި ފައިސާކޮޅު ފޭރުން ވަނީ އިތުރު ވެފައެވެ. ކުންފުނިތަކާއި ވިޔަފަރިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ތެރެއަށް ވެސް މި މީހުން ވަނީ އަތްގަދަކޮށްފައެވެ. އެ ގޮތުން އެފަދަ ޕްރޮމޯޝަން ނަކަލުކޮށް ނުބައި ލިންކްތައް ހިމަނައި ކޮމެންޓްކުރުން ފަދަ ކަންކަން ވަނީ އިތުރުވެފައެވެ. އޮޅުވާލައިގެން ފައިސާ ހޯދާ މީހުންގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

advertisement

ފުލުހުން ދާދި ފަހުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިފަދަ ކަންކަން އޮޕަރޭޓްކުރާ މައި ސެންޓަރަކީ ޖަލުތަކެވެ. ހާއްސަކޮށް މާފުށީ ޖަލަށް ފޯނު ވައްދައިގެން މިފަދަ ކަންކަން ކުރާކަން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ. މަކަރާއި ހީލަތުން މީހެއްގެ އަތުން 500،000ރ. އަތުލާފައިވާ މައްސަލައަކާއި އެފަދަ އެހެން މައްސަލައަކާ ގުޅިގެން މިދިޔަ ހަފުތާގައި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ވެސް 22 މޯބައިލް ފޯނާއި އެއާ ގުޅޭ އެހެން ސާމާނު އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރޯދަމަހާ އެކު ސްކޭމަރުންގެ ހަރަކާތްތައް ވެސް މި ވަނީ އިތުރުވެފައި

ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ވެސް ސްކޭމަރުންގެ މަޅީގައި ޖެހި އެކި މީހުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 27 މިލިއަން ރުފިޔާ އަށް ވުރެ ގިނައެވެ. މީގެ ތެރެއިން ފުލުހުންނަށް ހޯދިފައި ވަނީ މިލިއަނެއްހާ ރުފިޔާއެވެ. ފުލުހުން ބުނެފައިވާ ގޮތުން މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. 

އަދި މިފަދަ ކަންކަން ކުރިމަތިވަނީ އެކަށީގެންވާ ވަރަށް ސަމާލުކަން ނުދޭތީ އާއި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންނެވެ. އެހެންކަމުން ގޮތް ނޭނގޭ މީހުންނާ މާލީ ކަންކަމުގައި މުއާމަލާތް ނުކުރުމަށާއި އެކި ޕްލެޓް ފޯމްތައް މެދުވެރިކޮށް ދައުރުކުރާ ގޮން ނޭނގޭ ލިންކްތަކަށް ނުވަދުމަށާއި ކާޑްގެ ޕިން ފަދަ މައުލޫމާތާއި އޯޓީޕީ ފަދަ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާ ނުކުރުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ސްކޭމަރުން އާންމު ގޮތެއްގައި މީހުން މަޅީގައި ޖެއްސުމަށް ބޭނުންކުރަނީ އެ ދުވަސްވަރެއްގައި އާންމުން އެންމެ ބޭނުންވާ ނުވަތަ މީހުންގެ އެދުންވެރިކަން ބޮޑުވާ ފަދަ ކަންކަން ބަލައިގެންނެވެ. އެ ގޮތުން ފްލެޓްތަކުގެ ލިސްޓްތައް އާންމުކުރި ދުވަސްވަރު އަދި އޭގެ ފަހުން ވެސް ފްލެޓް ލިބޭ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ވެސް ސްކޭމަރުން ވަނީ ގިނަ ބަޔަކަށް ލަނޑު ދީފައެވެ. 

މިފަދަ ކަންކަން ކުރިމަތިވަނީ އެކަށީގެންވާ ވަރަށް ސަމާލުކަން ނުދޭތީ

އެ ގޮތުން ދާދި ފަހުން މީހެއްގެ އެކައުންޓުން 200،000ރ. ނެގި މައްސަލައެއް ފުލުހުން ފެންމަތިކޮށްފައި ވެއެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޑީސީން ވެސް އިލްތިމާސްކޮށްފައި ވެއެވެ. ހަމަ އެ ދުވަސްވަރު މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައެއް ވެސް ފުލުހުން ބަލަން ފެށިއެވެ.

ފްލެޓްތަކެކޭ އެއްގޮތަށް ރޯދަމަހަކީ ވެސް ޕްރޮމޯޝަންތަކުގެ މަހެވެ. އެހެންކަމުން ސްކޭމަރުންނަށް ވެސް މިއީ އީދެކެވެ. ކުންފުނިތަކާއި ވިޔަފާރިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނިވަލުގައި ސްކޭމަރުން ތިބީ ސަމާލުވެއެވެ. އިނާމް ލިބުނު ކަމަށް ބުނެ ރެޖިސްޓްރީވާން ފޮނުވާ ލިންކްތައް އިތުރުވެއްޖެއެވެ. އަދި އޭގެ މަޅީގައި ޖެހޭ މީހުން ވެސް އިތުރުވެއްޖެއެވެ. މިފަދަ ކަންކަމަށް ސަމާލުވުން މުހިންމެވެ. 

އެއްޗެއް ލިބޭނެ ކަމަށް ހީކޮށް ނުވަތަ ފައިސާ އާއި މުދަލަށް އޮންނަ ތަހިވެރިކަމެއްގެ ސަބަބުން ވިޔަސް މިފަދަ މަޅިތަކުގައި ޖެހޭ މީހުން ވަރަށް ގިނައެވެ. ސަމާލުވާށެވެ!

ރިއެކްޝަންސް
0
0
0
0
0
0
0