މަލީހުގެ އިތުބާރު ނެތް ކަން ހުށަހަޅަން އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕަށް!
17 ނޮވެމްބަރ 2020 - 10:40
ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕަށް ހުށަޅައިފިއެވެ.
ދިހަ މެންބަރަކު ސޮއިކުރައްވައި އެމްޑީޕީގެ ޕީޖީ އަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، އެޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ ދެ އަހަރު ވެގެން ދިޔަ އިރު ވެސް ހައްދަވާފައި ނުވާ ކަމަށެވެ. އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، އެ ޤާނޫނުން ހެދުމަށް ލާޒިމްކުރާހިނދު، ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްކަކަށް ވެފައި، އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ކަމަށް ވެސް އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އިންޓަނެޓް އަގު ހެޔޮކުރުމުގަ އާއި ޓެލެކޮމިއުނިކޭޝަން
ދާއިރާ އިން އެކަށީގެންވާ މަސައްކަތްތަކެއް މަލީހަށް ނުކުރެއްވޭ ކަމަށް ބުނެ މީގެ
ކުރިން ވެސް އެތައް ބަޔަކު ދިޔައީ މަގާމުން ދުރުކުރުމަށް ގޮވާލަމުންނެވެ. ތަފާތު
އެކި ފަހަރު މަތިން އެމްޑީޕީގެ މެންބަރުން ވެސް މަލީހަށް ފާޑުވިދާޅުވެފައި ވެއެވެ.
މެންބަރުންނާއި މަލީހާ ދެމެދު އިތުރަށް މައްސަލަ ހޫނުވީ ޓީވީ ޕްރޮގްރާމެއްގައި
މަލީހް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ގޮތުން ސަރުކާރު ހިންގާނެ ގޮތް
މަޖިލީހަށް ނޭންގޭނެ ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ފުރުސަތު ނުދެއްވާ ކަމަށް
މަލީހް ވިދާޅުވުމާ ގުޅިގެން ގިނަ މެންބަރުންތަކެއް ވަނީ މަލީހް މަގާމުން
ދުރުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށް
މަސައްކަތް ފެށުމާ އެކު މަލީހް ކުރެއްވި ޓްވީޓެއްގައި މެންބަރުންނަށް ވަނީ ރައްދު
ދެއްވާފައެވެ. މަލީހް ވިދާޅުވެފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް
ވައްދަން އުޅެނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ
މިނިވަންކަން ބޭނުންކުރެއްވުމުން ކަމަށާއި އެކަމުގައި އިސްކޮށް އުޅުއްވާ ގަލޮޅު
ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް
ވަޑައިގަންނަވާނެ ކަމަށެވެ.
މީގެ ކުރިން ވެސް އެމްޑީޕީގެ މެންބަރުންތަކެއް ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ވެސް އެމްޑީޕީގެ ޕީޖީ އަށް ހުށަހަޅާފައެވެ. އެ ފަހަރު އެ މައްސަލަ ޕީޖީގެ އަގުލަބިއްޔަތުން ފެއިލްވި ނަމަވެސް ޕީޖީގެ ނިންމުމާ ހިލާފަށް ބައެއް މެންބަރުން ވަނީ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާފައެވެ. އޭގެ ފަހުން އަމީން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.
މަލީހްގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އިދިކޮޅު ފަރާތްތަކުން ހުށަހެޅި މި މައްސަލަ ބަޖެޓަށް ފަހު ތާވަލްކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.