އަމިއްލަ ހިޔާލު: އެއަރޕޯޓް އެޅުމުގައި ރައްޔިތުން ހައްދުންނައްޓާފައި

19 މާޗް 2024 - 12:07

ވަކިވަކިން އޮތް ރާއްޖޭގެ ރަށްތަކަށް ކަނޑު މަގުން ދަތުރުކުރަންޖެހުމުން ދަތިތަކެއް ހުރެއެވެ. ހާއްސަކޮށް ކަނޑުގަދަ ދުވަސްވަރެއް ނަމައެވެ. ސިޓީ ސެންޓަރެއްގެ ގޮތުގައި އޮތް މާލެ އާއި ރަށްތަކާ ގުޅުވައިދޭ މައި ޓްރާންސްޕޯޓް ސިސްޓަމެއްގެ ގޮތުގައި އަދިވެސް އޮތީ ކަނޑުދަތުރުފަތުރެވެ. 

އެހެންކަމުން ކޮންމެ ރަށަކަށް ވެސް ވައިގެ މަގުން ދަތުކުރެވޭނެ ގޮތެއް ވުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާ ގޮތެވެ. ސަރުކާރުގައި ކަމަކަށް އެދޭ އިރު ކޮންމެ ރަށަކުން ވެސް އެ ރަށެއްގައި ނުވަތަ އެ ރަށާ އިންވެގެން އޮންނަ ތަނެއްގައި އެއާޕޯޓެއް އެޅުމަށް އެދެއެވެ. އެހެން ނަމަވެސް ސުވާލަކީ މިއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟

advertisement

ކޮންމެ ރަށަކަށް ވެސް ވައިގެ މަގުން ދަތުކުރެވޭނެ ގޮތެއް

ކުރިން އޮތް މައި ފަސް ވަރަކަށް އެއާޕޯޓުގެ އިތުރުން އާ ގިނަ އެއާޕޯޓްތަކެއްގެ މަސައްކަތް އިއުލާންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރުގެ ސިޔާސަތެއްގެ ގޮތުގައި ގެންގުޅުނީ ކޮންމެ ވިހި މިނިޓަކުން ދެވޭ ހިސާބުގައި އެއާޕޯޓެއް އެޅުމެވެ. އެއާ އެކު އެއް އަތޮޅެއްގައި ދެ އެއާޕޯޓް ވެސް އެޅުމާއި ގާތްގާތުގައި އެއާޕޯޓްތައް އެޅުމުގެ ވާހަކަތައް ދެކެވެން ފެށިއެވެ. 

ހަނިމާދޫ އާއި އިންވެގެން އޮތް ކުޅުދުއްފުށީގައި ވެސް އަވަސް އަރުވާލައިގެން އެއާޕޯޓެއް އަޅަންޖެހުނެވެ. ރަނގަޅަށް ނުނިމި އުޅެނިކޮށް ބޯވާރޭގެ ތެރޭގައި ހުންނަވައި ރައީސް އެ އެއާޕޯޓް އިފްތިތާހުކޮށްދެއްވަން ޖެހިވަޑައިގަތީ ވެސް ސިޔާސީ ބޭނުމަށްޓަކައެވެ. މީގެ އިތުރުން ވެސް ބައެއް ތަންތަނުގެ މަސައްކަތް ފެށިއެވެ. މި “ޓްރެންޑް”އާ އެކު ސިޔާސީ ފަރާތްތަކުން ކެމްޕެއިން ތެރޭގައި އެންމެ ހަރު އަޑުން ދައްކާ ވާހަކައަކަށް ވެސް މި ކަން ވެގެން ދިޔައެވެ. 

ރައީސް ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމުން ވެސް އެމްޑީޕީ ސަރުކާރުން ވެސް ދައްކަން ފެށީ އެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބާއި އަދި ދައުރުގެ އެކި ހިސާބުގައި އޮތް މުހިންމު ބައި އިލެކްޝަންތަކާ ދިމާކޮށް ކުރި ކެމްޕެއިންތަކުގައި ވެސް މައިގަނޑު ވައުދަކަށް އޮތީ އެއާޕޯޓް އެޅުމުގެ ވައުދެވެ. 

އެހެންކަމުން ރައީސް އާއި ވަޒީރުން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާ ދިމާކޮށް ރަށްރަށުން ގިޑިގެ ފަދަ ތަންތަން ހަދާ އިރު ވެސް މަތިންދާބޯޓެއް ނުވަތަ ރަންވޭއެއް ރަމްޒުކޮށްދޭ މަންޒަރެއް ހިމަނާފައި ހުރެއެވެ. ނަތީޖާއަކަށް ވަނީ ކުރިން އިއުލާނުކުރުމެއް ނެތް އެތައް އެއާޕޯޓެއްގެ ވާހަކަ ކެމްޕެއިންގެ ތެރެއިން އިވިގެން ދިއުމެވެ. އަދި ބަޖެޓްކުރެވިފައި ނެތް ކިތަންމެ އެއަޕޯޓެއް އުފަންވުމެވެ. ރ. އަތޮޅުގައި ޖެހިޖެހިގެން ދެ އެއާޕޯޓެއްގެ ވާހަކަ ދެކެވުނީ ވެސް މި ބީދައިންނެވެ.

ރައްޔިތުންގެ ރުހުން ހޯދަން އެންމެ ހަރުއަޑުން ދެކެވޭ ވާހަކައަކީ އެއާޕޯޓް އެޅުމުގެ ވާހަކަ

ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވެސް ތަކުރާރުކުރައްވަމުން ގެންދަވަނީ ހަމަ ކުރީގެ ވެރިން ވެސް ކުރެއްވި ކަންކަމެވެ. މި ވެރިކަމުގައި ވެސް ރައްޔިތުންގެ ރުހުން ހޯދަން އެންމެ ހަރުއަޑުން ދެކެވޭ ވާހަކައަކީ އެއާޕޯޓް އެޅުމުގެ ވާހަކައެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި ވެސް އާ އެއާޕޯޓްތައް އެޅުމުގެ މަޝްރޫއުތައް ރައީސް ގެންދަވަނީ ހާމަކުރައްވަމުންނެވެ.

އެ ގޮތުން މި ސަރުކާރަށް އެންމެ މުހިންމު ކަމަށް ގިނަ ބަޔަކު ބުނާ އެއް ގޮނޑި ކަމަށްވާ ނިލަންދޫ ދާއިރާގެ ގޮނޑި ހޯދުމަށް ސަރުކާރުން ދައްކާ މައިގަނޑު އެއްޗަކީ އެއާޕޯޓެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާގެ ޕީއެންސީ ޓިކެޓްގައި ވާދަކުރައްވަނީ ރައީސްގެ ކޮއްކޯފުޅެވެ. 

ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ސާވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާއިރު ޖެހިގެން އޮތް ފ. މަގޫދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ނިލަންދޫގައި އެއަޕޯޓެއް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ އިއުލާންކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭގެ ފަހުން އެ މަޝްރޫއު ބަޖެޓުގައި ވެސް ޖަހައިގެން ކުރިއަށް ދަނިކޮށް ރައީސް ސޯލިހްގެ ވެރިކަމުގައި އިސްކަން ދެއްވީ މަގޫދޫ އަށެވެ. އަދި އެ ވަރިކަމުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ބިން ހިއްކައި އެއާޕޯޓްގެ އަމަލީ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތް އިރު ކެމްޕެއިންގައި ރަށްތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވާ ދަތުރުފުޅުތަކުގައި އިތުރު އެއާޕޯޓްތައް އުފަންވާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ސުވާލަކީ މިއީ ފީސިބަލް ކަމެއް ހެއްޔެވެ؟ ނުވަތަ ކޮންމެ ދެ ރަށެއްގެ ދެމެދުގައި އެއާޕޯޓެއް މުހިންމު ހެއްޔެވެ؟

ރާއްޖޭގެ ގިނަ ޑޮމެސްޓިކް އެއާޕޯޓްތައް މިހާރު ވެސް ހިންގަނީ ބޮޑު ގެއްލުމާ އެކުއެވެ. ގިނަ އެއާޕޯޓްތަކަށް ދަތުރުކުރަނީ ވެސް ހަމައެކަނި ގައުމީ އެއާލައިނުންނެވެ. މޯލްޑިވިއަނުން ދަތުރުތައް ކުރަނީ ފައިދާ އާއި ގެއްލުމަށް ބަލައިގެންނެއް ނޫނެވެ. އެކަންކުރަނީ އެއީ ސަރުކާރުން އަޅާފައިވާ އެއާޕޯޓަކަށް ވާތީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ބޭނުމުގައެވެ. ނަތީޖާއަކަށް ވެފައި ވަނީ އެއާޕޯޓްތަކުން ދައުލަތަށް ލިބޭ ގެއްލުމުގެ އިތުރުން މޯލްޑިވިއަން އަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުމެވެ.

އެއާޕޯޓްތަކުން ފައިދާ ނެރެވޭނެ ގޮތްތަކެއް ސަރުކާރަކަށް މިހާތަނަށް ހޯދިފައެއް ނެތް

އެއާޕޯޓްތައް އިތުރުކުރުމުގެ ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އެހެން ނަމަވެސް އެއީ ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދައެކެވެ. އެތަންތަނުން ފައިދާ ނެރެވޭނެ ގޮތްތަކެއް ސަރުކާރަކަށް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އަދި އެއީ ފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ. އެއާޕޯޓްތައް ދެކޮޅު ޖެއްސެން އޮތީ ދަތުކުރާނެ މީހުން ވެސް ލިބިގެންނެވެ. 

ފ. އަތޮޅުގެ މުޅި އާބާދީ 5،000 އަށް ނާރާ އިރު ދެ އެއާޕޯޓަށް ބޭނުންވާ ފަސިންޖަރުން ހޯދާނީ ކިހިނެއް ހެއްޔެވެ؟ މި ތަންތަނުން ލިބޭ ގެއްލުން ކިރިޔާ ވެސް ފޫބެއްދެން އޮތީ ވައިގެ މަގުން ދަތުކުރާނެ ޓުއަރިސްޓުން އިތުރުކުރެވިގެންނެވެ. އެނދުގެ އަދަދު އިތުރުކުރެވިގެންނެވެ. ނަމަވެސް މިއީ ވެސް ކޮންމެ އަތޮޅެއްގައި ދެ އެއާޕޯޓް އަޅާ ނަމަ ފޫބެއްދޭނެ ކަމެއް ނޫނެވެ. 

އެހެން ނަމަވެސް ބަޔަކު ދިވެހިން ވާވައްދައިފިއެވެ. ސިޔާސީ ބޭނުމަށްޓަކައި އެއް އަތޮޅެއްގައި ދެ އެއާޕޯޓް ވެސް ސަރުކާރުން އަޅާނެ ކަން އެ ވަނީ ހާމަވެފައެވެ. އެހެން ކަމުން ރަށްރަށުގެ ރައްޔިތުން ވެސް އިތުރު ވިސްނުމެއް ވިސްނާކަށް ނުޖެހޭ ނޫން ހެއްޔެވެ؟

ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަށް ރައްޔިތުން ބޭނުން ވަނީ އެއީ ސަރުކާރުން ކޮށްދޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭތީއެވެ. އެހެން ނަމަވެސް ދައުލަތުގެ އާމްދަނީއާ ނުބައްދަލު ހަރަދަކަށް މަގުފަހިވާ ގޮތަށް އެއާޕޯޓްތައް އެޅުމަކީ ކުޅަދާނަ ކަމެއް ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
0
0
0