އަމިއްލަ ހިޔާލު: އެންޓި ޑީފެކްޝަން ބިލް — ގޮނޑި ވިއްކުން ހުއްޓުވިދާނެތަ؟

6 އެޕްރީލް 2024 - 11:37

އެންޓި ޑިފެކްޝަން ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކުރުމުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަ ގާނޫނަކީ ބަރުލަމާނީ ނިޒާމުގެ ތެރޭގައި އޮންނަ ސިފައެކެވެ. މައިގަނޑު ބޭނުމަކީ އެ ނިޒާމުގައި އޮންނަ ގޮތަށް ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑި ލިބޭ ބަޔަކަށް ވެރިކަން ކުރުމަށް މަގުފަހިކުރުމެވެ.

އެހެން ނަމަވެސް ރާއްޖޭގައި މިއޮތް މަސްހުނި ރިޔާސީ ނިޒާމުގެ ތެރެއަށް ވެސް މިފަދަ ގާނޫނެއް ބޭނުން ބޭނުންވާ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. 

advertisement

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ފަދަ އެއްވެސް ވާހަކައެއް ގާނޫނު އަސާސީގައި ލިޔެފައެއް ނެތް

ސިޔާސީ ޕާޓީތައް އެކުލެވޭ ގޮތަށް ވެރިކަން ބައްޓަންވެގެން އައީ އާ ގާނޫނު އަސާސީގެ ދަށުންނެވެ. އެ ގާނޫނު އަސާސީގެ ދަށުން ޕާޓީތައް ހިމެނޭ އިންތިހާބު 2008 ވަނަ އަހަރު ބޭއްވިއެވެ. އެހެން ނަމަވެސް ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ފަދަ އެއްވެސް ވާހަކައެއް ގާނޫނު އަސާސީގައި ލިޔެފައެއް ނުވެއެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެންޓި ޑިފެކްޝަންގެ ވާހަކަތައް އެންމެ ފުރަތަމަ ހިމަނަންޖެހެނީ ގާނޫނު އަސާސީގައެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ޕާޓީތަކާ ބެހޭ ގާނޫނަކީ ގާނޫނު އަސާސީގެ ދަށުން އެކުލަވާލާފައިވާ ގާނޫނެއް ކަމަށް ވުމުން ސިޔާސީ ޕާޓީތަކާ ގުޅޭ އެހެން ގާނޫނުތައް ހެދުމަކަށް މިހާރު އޮތް ގާނޫނު އަސާސީ ހުރަހެއް ނާޅައެވެ. މި ބަހުސް މީގެ ކުރިން ސުޕްރީމް ކޯޓުގައި ވެސް ކޮށްފައި ވެއެވެ. އަދި ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ ކަމަށް ގާނޫނު އަސާސީން ހުރަސް ނާޅާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެ 2017 ވަނަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމެއް ނެރުނެވެ. ދުސްތޫރީ މައްސަލައެއްގެ ތެރެއިން އޭރު އެ ހުކުމް ނެރުނީ ސިޔާސީ ކުލަ ޖެހިފައި އޮތް ސުޕްރީމް ކޯޓަކުންނެވެ. އެ ހުކުމުގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ގާނޫނެއް ހެދުމަށް ވެސް މަޖިލީހުގެ މައްޗަށް ލާޒިމް ވެސް ކުރިއެވެ.

އެ ފަހަރު ސުޕްރީމް ކޯޓުން ހުކުމް ނެރުނީ މަޖިލީހުގައި ތިބި ސަރުކާރަށް ނިސްބަތްވާ 12 މެންބަރަކު އިދިކޮޅަށް އެނބުރުމުން އެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ މަގުސަދުގައެވެ. ސަރުކާރުން އެންޓި ޑިފެކްޝަން ގާނޫނެއް ވުޖޫދުކުރިއެވެ. އޭރު އިދިކޮޅު އެމްޑީޕީން އެ ކަމަށް އިންކާރުކުރިއެވެ. އެއީ ސައްހަ ގާނޫނެއް ނޫން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ދިޔުމުން ސުޕްރީމް ކޯޓުން ވެސް ބުނީ ގާނޫނު އަސާސީއާ ހިލާފު ނޫން ކަމަށެވެ.

އޭރު ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނާ މެދު ހިޔާލު ތަފާތުވީ އެއީ ވަކި މަގުސަދެއްގައި ހަދާފައި އޮތް ގާނޫނެއް ކަމަށް އެމްޑީޕީ އާއި އެ ޕާޓީއާ ގުޅީފައި އޮތް އެހެން ކުދި ޕާޓީތަކުގެ މެންބަރުންނަށް ގާބޫލުކުރެވިގެންނެވެ. އަދި އާ ސަރުކާރެއް އިންތިހާބުވެ 2018 ވަނަ އަަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރުމަށް ތައްޔާރުވަމުން ދިޔަ އިރު މަޖިލީހުން އުވައިލި ގާނޫނުތަކުގެ ތެރޭގައި އެންޓި ޑިފެކްޝަން ގާނޫނު ވެސް ހިމެނެއެވެ. 

އޭގެ ފަހުން މިއަދު އަނެއްކާ ވެސް މި ވަނީ އެފަދަ ބިލެއް މަޖިލީހުން ފާސްކޮށްފައެވެ. މިފަހަރު އަނެއްކާ ވެސް އިދިކޮޅުގައި އޮތް އެމްޑީޕީން ބޭނުން ވެގެންނެވެ. މަޖިލީހުގެ މުއްދަތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް އެންޓި ޑިފެކްޝަން ބިލެއް މިފަހަރު ފާސްކޮށްފައި މި ވަނީ ކުރީގެ ގާނޫނުގައި ހުރި ބައެއް ކަންކަން އިސްލާހުކުރުމަށް ފަހުއެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ މަޖިލީހަށް މި ބިލް ހުށަހެޅި އިރު އޮތް ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.

މިހާރު ބިލް އޮތް ގޮތުން އަސްލު މަގުސަދު ހާސިލްވުމަށް ހުރަސްތަކެއް އެބަ އޮތް

އެއްބަޔަކު ދެކޭ ގޮތުގައި މިހާރު ބިލް އޮތް ގޮތުން އަސްލު މަގުސަދު ހާސިލްވުމަށް ހުރަސްތަކެއް އެބަ އޮތެވެ. އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރުން އަހްމަދު އަބްދުﷲ ފުރަތަމަ ބިލް ހުށަހެޅުއްވި އިރު އޮތް ގޮތާ ހިލާފަށް މިހާރު ބިލްގައި މެންބަރުކަމުން ގެއްލޭނެ ހާލަތްތަކުގެ ބަދަލުގައި އޮތީ އިސްތިއުފާ ދޭންޖެހޭނެ ހާލަތްތަކެއް ހިމަނާފައެވެ. 

އެ ގޮތުން އިންތިހާބުވި ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ހާލަތެއްގައި ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ ހާލެއް ނުވަތަ އަމިއްލަ މެންބަރަކު ސިޔާޓީ ޕާޓީއަކާ ގުޅޭ ހާލަތެއްގައި އެ މެންބަރަކު އަމިއްލަ އަށް ޕާޓީން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބިލްގައި ހިމަނާފައި ވެއެވެ. އެހެން ނަމަވެސް އިހްތިޔާރީ ގޮތެއްގައި މިކަން ހިމަނާފައިވާ އިރު އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ ހަދާނެ ގޮތެއްގައި ބިލްގައި ހިމަނާފައެއް ނުވެއެވެ.

މީގެ އިތުރުން މެންބަރުންގެ ގޮނޑީގެ ސައްހަކަމާ މެދު ރައްޔިތުންގެ ހިޔާލު ނުވަތަ ރީކޯލް ވޯޓް ނެގުމުގެ ވާހަކަ ވެސް މުޅިން އުނިކޮށް އެހެން މާއްދާތަކަށް ގެނެވުނު ބަދަލުތަކާ އެކު އެ މަގުސަދު ހާސިލްކުރެވޭނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައި ވެއެވެ. މެންބަރުންގެ އިތުރުން ސިޓީ ކައުންސިލްތަކާއި އަތޮޅުގެ އިތުރުން ރަށު ކައުންސިލްތަކުގެ މެންބަރުންނާ މެދު ވެސް އަމަލުކުރެވޭނީ މި ގާނޫނުގެ ދަށުން ކަމަށް މި ބިލްގައި ހިމަނާފައި ވެއެވެ.

ރީކޯލް ވޯޓުގެ ވާހަކަ އުނިކޮށް ކޮމިޓީން ގެނައި އަނެއް ބަދަލަކީ ޕާޓީން މެންބަރަކު ވަކިކޮށްފި ނަމަ އެ މެންބަރަކަށް ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ކަމަށް ބުނެފައި އޮތުމެވެ. އެހެން ނަމަވެސް މިފަދަ މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ސަބަބެއް ނެތް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. 

އަދި މީގެ ކުރިން އެންޓި ޑިފެކްޝަން ގާނޫނާ މެދު ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައިވާ އިރު އެކަމުގައި ގާނޫނީ ހިލާފެއް އޮތް ކަމަކަށް ބަލާނެ ފުރުސަތެއް ނެތެވެ. ސުވާލެއް އޮތް ނަމަ އޮންނާނީ އެ މެންބަރަކު ޕާޓީން ވަކިކުރި ގޮތް ސައްހަތޯ ނުވަތަ ނޫންތޯއާ މެދުގައެވެ.

ރީކޯލް ވޯޓު ނަގަންޖެހޭނެ ކަމަށް އޮތް މާއްދާ އުވާލީ އެކަމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ހަމައެކަނި އެމްޑީޕީގެ މެންބަރުން ހިމެނޭ ކޮމިޓީ އަށް ގަބޫލުކުރެވިގެންނެވެ. ބިލް ދިރާސާކުރި ކޮމިޓީގައި ހިމެނުމަށް އެހެން ޕާޓީތަކުގެ މެންބަރުން އުޒުރުވެރިވީއެވެ. ކޮމިޓީގެ މެންބަރުންނަށް އެގޮތަށް ގަބޫލުކުރެވުނު ނަމަވެސް މިހާރު ވެސް ބާއްވާ ބައިއިލެކްޝަންތަކެއް މަދެއް ނޫނެވެ. 

ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަންތައް މިހާރު ވެސް މަހަކު ދެކޮޅު ބާއްވާ އިރު މެންބަރަކު ޕާޓީ ބަދަލުކޮށްގެން ވޯޓަށް އަހަންޖެހޭ ފަހަރު ގިނަ ވާނެ ކަމަށް ބަލައި ހަގީގަތުގައި ވެސް އެ ބަދަލު ގެނައީ ހަރަދު ބޮޑުވާނެތީތޯ ސުވާލު އުފެދެއެވެ.

ކޮމިޓީން ގެނައި މި އިސްލާހުތަކުގެ ސަބަބުން ބިލްގެ މަގުސަދު ހާސިލްނުވާނެ ކަމަށް މަޖިލީހުގައި ބައެއް މެންބަރުން ވެސް ފާހަގަކޮށްފައި ވެއެވެ. އެ ގޮތުން ޕާޓީ ބަދަލުކުރުމުގައި ރައްޔިތުންގެ ރައުޔު ހޯދުމަށް ކުރިން ބިލްގައި ހިމަނާފައި އޮތް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ. ކުރިން އޮތް ގޮތުން އެފަދަ ހާލަތެއްގައި އެ ދާއިރާއެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކޮށްފައި ވެއެވެ.

ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލެންޖެހޭ ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރި ސާވޭ އިން ވެސް ދައްކާ ގޮތުން ގިނަ ބަޔަކު އެކަމާ ރުހެއެވެ. އެ ގޮތުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލެންޖެހޭ ކަމަށް ސާވޭގައި ބައިވެރިވި 1،174 މީހުންގެ ތެރެއިން 73 ޕަސެންޓް މީހުން ގަބޫލުކުރެއެވެ. އެ ސަވޭގައި އެކަން ގަބޫލުކުރާ މިންވަރު ދަރަޖަ ވެސް ކޮށްފައި ވެއެވެ. އެ ގޮތުން އެކަން ވަރަށް ބޮޑަށް ގަބޫލުކުރާ މީހުންގެ ނިސްބަތަކީ 47 ޕަސެންޓެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް މުހިންމުވާ އެއް ސަބަބަކީ ކޮރަޕްޝަން ހުއްޓުވުން

އެންޓި ޑިފެކްޝަން ގާނޫނެއް މުހިންމުވާ މައިގަނޑު އެއް ސަބަބަކީ ކޮރަޕްޝަން ހުއްޓުވުމެވެ. ޕާޓީ ބަދަލުކުރުމަކީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި މީހުން ގަބޫލުކުރެއެވެ. އެ ގޮތުން ދާދި ފަހުން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވެރިކަންކުރާ ޕީއެންސީ އަށް ބަދަލުވުމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތުތައް ކުރެވިފައި ވެއެވެ. އެޗްއާރުސީއެމްގެ ސާވޭ އިން ވެސް ދައްކާ ގޮތުން އެ މެންބަރުން ބަދަލުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ބިލް ތަސްދީގުކުރައްވާނެ ދުވަހެއް އަދި ނޭނގެއެވެ. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ މެންބަރުކަން ލިބެނީ ވަކި ސިޔާސަތުތަކެއް ވިއްކައިގެން ކަމަށްވާ އިރު އެ ސިޔާސަތުތަކުގެ މަތީގައި ދެމިހުންނަންޖެހޭނެ އެވެ. އެ އަސާސްތައް ދޫކޮށް އެހެން ޕާޓީއަކަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ދާދި ފަހުން އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.

މިހާރު ބިލް އޮތް ގޮތުން ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެ ގޮތުން ކުރިން ވެސް ފާސްކުރި ގާނޫނު ގޮތަށް ވަކި މަގުސަދެއް ހާސިލްކުރުމަށް ނުނިޔަތެއް ހިމެނޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންކަމުން މި ބިލް ގާނޫނަކަށް ވިޔަސް މި މަހު އޮންނަ މަޖިލީހުގެ އިންތިހާބާ އެކު އެ ގާނޫނުގެ ކުރިމަގާ މެދު ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0