ރިޕޯޓް: ޒިންމާދާރުކަމެއް ނެތް ބެލެނިވެރިންނާހެދި ޖީލެއް ހަލާކުގެ ތެރޭގައި

14 އެޕްރީލް 2024 - 10:52

އުމުރުން 18 އަހަރު ނުވާތީ އެއީ ކުޑަކުދިންނެވެ. ނަމަވެސް ތަފާތު އެކި ކުށްތަކަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ހިމެނޭކަން ފުލުހުންގެ ރެކޯޑްތަކުން ދައްކައެވެ. ކުޑަކުއްޖަކަށް ވީތީ ގަނޫނީ ގޮތުން އަދަބެއް ދެވެން ނެތުމުން މުޖުތަމައުއަށް ދޫވެފައި ތިބީއެވެ. އެންމެ ފަހުން ބޮޑެތި ކުށްތަކަށް އަރައިގަންނަނީއެވެ. އާދައިގެ ވައްކަންތަކުން ފެށިގެން މަސްތުވާތަކެއްޗާއި ބޮޑެތި މާރާމާރީތަކާއި އަދި މަރުގެ މައްސަލަތަކުގައި ވެސް 18 އަހަރު ނުފުރޭ ކުދިންގެ ހިމެނިފައި އެބަހުއްޓެވެ. ކަމާ ބެހޭ އިދާރާތަކަށް ވެސް އެކަން އެނގެއެވެ. ނަމަވެސް ދެން ހަދާނެ ގޮތެއް ކުރާނެ ކަމެއް ނިޒާމުގެ ތެރެއިން ހޯދިފައި ނެތީއެވެ!


އއ. ރަސްދޫގައި މިސްކިތެއްގެ ފާހަނާ ސަރަހައްދުގައި ކުޑަ ކުދިންތަކެއް ކުޑަކުއްޖަކަށް އަނިޔާކޮށް ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ އެކު މުޅި މުޖުތަމައު ކެކިގަނެއްޖެއެވެ. ހަމަ ކުއްލިއަކަށް އިދާރާތައް ވެސް ހޭލައިފިއެވެ. ދެން ކަންކުރަންވީ ގޮތްތަކާ މެދު ބަހުސްތައް ފެށިއްޖެއެވެ. ކަމާ ބެހޭ އިދާރާތަކުގެ އަވަސް ފިޔަވަޅުތައް ހާމަކުރަން ފަށައިފިއެވެ.

advertisement

ކުށުގެވެށީގައި ހަރާކަތްތެރިވާ އެތައް ކުދިންނެއް: ހައްލެއް ނެތް


ކަމާ ބެހޭ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވޭ 200 ވަރަކަށް ކުދިން އެބަ ތިބި ކަމަށާއި އެ ކުދިން އިސްލާހްކުރުމަށް ގާނޫނުގައި ބުނާ ބައެއް ކަންކަން މިހާތަނަށް ކުރެވިފައި ނުވާ ކަމަށެވެ. އެ ގޮތުން 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާ ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ އިރު އެފަދަ މަރުކަޒުތައް މިހާތަނަށް ވެސް ގާއިމުކޮށްފައި ނުވާ ކަމަށެވެ. އެ ގޮތުން ގާނޫނުގައި ބުނާ ސްޓެޕްތައް އެބަ ހުރި ކަމަށާއި އެކަން ތަރުތީބުން ކޮށްފައި ނުވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ވަނީ ދ. ކުޑަހުވަދޫގައި ޖުވެނަލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް މި ސަރުކާރުން ހެދި އިންސްޕެކްޝަނުން ދައްކާ ގޮތުން ރެސިޑެންޝަލް ޓްރީޓްމަންޓް ހުރީ ހިދުމަތް ދެވޭ ގޮތަށް ނޫން ކަމަށާއި އެހެން ކަމުން އެތަނަށް ބަދަލުތައް ގެންނަން ކޮންޓްރެކްޓަރަށް އަންގާފައިވާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. ގާނޫނުގައި ބުނެފައި ވަނީ ރެސިޑެންޝަލް ފަރުވާ އަށް ފަހު ކުދިން ބަދަލުކުރަންޖެހެނީ ހާފްވޭ ހައުސް އަކަށެވެ. އެ ކަމަށް ހާއްސަކޮށް ހއ. ހޯރަފުށީގައި ހާފްވެ ހައުސްއެއް ހަދާފައި ވެއެވެ. މިނިސްޓަރު ވިދާޅުވީ ރެސިޑެންޝަލް ޓްރީޓްމަންޓް ނުދީ ހާވްފޭ ހައުސް އަށް ކުދިން ބަދަލުނުކުރެވޭނެތީ އެތަން ނިމެންދެން ހޯރަފުށީގައި ހުރި ތަން ރެސިޑެންޝަލް ޓްރީޓްމަންޓް ދޭ ތަނެއްގެ ގޮތުގައި ބޭނުންކުރަން ފަށަން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.


މި ނޫން ވެސް ފިޔަވަޅުތައް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އެ ގޮތުން ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ކަމަށް މިހާރު ގާނޫނުގައި އޮތް 15 އަހަރުގެ ބަދަލުގައި އެ އުމުރު 12 އަހަރަށް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ގާނޫނު އައުމުގެ ކުރިން ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރުގެ ގޮތުގައި އޮތީ 10 އަހަރެވެ. އަދި އިސްލާމް ދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރަކަށް އޮތީ 13 އަހަރެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު ގެނައި ބަދަލުގެ ސަބަބުން ކުޑަކުދިންނަށް އަދަބު ނުދެވޭ ކަމުގެ ޝަކުވާތައް ގިނަވިއެވެ. އަދި ތަކުރާރުކޮށް ބޮޑެތި ކުށްތަކަށް އަރައިގަތް ނަމަވެސް ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ގޮތުގައި ބަލައި މުޖުތަމައުގެ ތެރެއަށް އެތައް ކުދިންނެއް ދޫވެފައި އެބަ ތިއްބެވެ.
އއ. ރަސްދޫގެ ހާދިސާ އަށް ފަހު ކުޑަކުދިން ވެސް ޖަލަށް ލައި އަދަބު ދިނުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. އެހެން ނަމަވެސް މިއީ ހައްލެއް ހެއްޔެވެ؟ ކުދިން ހަލާކުވެ ދިއުމުގައި އެތައް ދިމާއަކުން އިހްމާލު ފެންނަން އޮތް އިރު އެ ކުދިންނަށް އޮތް ހަމައެކަނި ގޮތަކީ ޖަލުގެ ތޭރިތައް ހެއްޔެވެ؟ ނުވަތަ ކުށަށް ޒިންމާވާ އުމުރު ހަގު ކުރުން ހެއްޔެވެ؟

ޖަލަށްލައި އަދަބުދިނުމަކީ ހައްލެއްތަ?


ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ޝާއިއުކުރި ލިޔުމެއްގައި ވިދާޅުވެފައި ވަނީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ ކަމަށާއި ކުށްކުރާ ކޮންމެ ކުއްޖަކު ޖަލަށް ލައި އަދަބު ދޭ ނަމަ އުފެދޭނީ ހުސް ކުށްވެރިން ކަމަށެވެ.

“އަޅުގަނޑުމެން އެންމެންވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެހުރިހާ ކުަށަކަށް އަދަބުދީ، ޖަލަށްލީ ހެދި ނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުއެއް ތިބޭނެއެވެ….ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާއެވެ. އަދަބެއް ނޫނެވެ،” ޝަމީމް ލިޔުއްވާފައި ވެއެވެ.
ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގުކުރުމަކީ ވެސް މި ކަމަށް އޮތް ހައްލެއް ނޫނެވެ.


“ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީ ވެސް މިކަމުގައި އޮތް ހައްލެއް ނޫނެވެ. އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފި ނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެކެވެ. އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެއެވެ. އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުމެވެ.” ޝަމީމް ލިޔުއްވާފައި ވެއެވެ،


ޝަމީމްގެ އިތުރުން ވަރަށް ގިނަ ފަރާތްތަކަކުން ގެންދަނީ މި ކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ކުރީގެ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު (ސީޕީ) ވެސް ވިދާޅުވެފައި ވަނީ ކުށުގެ ޒިންމާ ނަގާ އުމުރު ހަގުކުރުމަކީ ހައްލެއް ނޫން ކަމަށެވެ، އޭގެ ބަދަލުގައި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އެ ކުދިން ސަލާމަތްކުރަން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ހަމީދު ވިދާޅޫވިއެވެ.


ޝަމީމް އާއި ހަމީދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ކުށުގެ ވެށީގައި އާންމުކޮށް އުޅޭ ފަންސާހަކަށް ކުދިންނަށް ސަރުކާރުން ފޯކަސްކޮށް އެ ކުދިން އިސްލާހްކުރުމުގެ އެކަށީގެންވާ ޕްރޮގްރާމެއް ހިންގިއްޖެ ނަމަ މި މައްސަލަ އަށް ހައްލެއް ލިބޭނެއެވެ. ނަމަވެސް ސުވާލަކީ އެކަން މިހާތަނަށް ނުވެ އޮތީ ކީއްވެ ހެއްޔެވެ؟ އަނެއްކޮޅުން އުމުރު ހަގުކުރުމުން އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ މީގެ ކުރިން ކުށްތަކުގައި 18 އަހަރުން ދަށުގެ ކުދިން ގިނަ އެވެ. ގާނޫނާ އެކު ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރުން 15 އަށް ބަދަލުކުރުމުން ދެން ކުށްތަކުގައި ތުހުމަތުކުރެވެން ފެށީ އެއަށް ވުރެ ހަގު އުމުރުގެ ކުދިންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވެސް ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިންގެ ތެރޭގައި އުމުރުން 12-14 އަހަރާ ދެމެދުގެ ކުދިން ގިނައެވެ.


ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ކުޑަކުދިން ލައްވާ ބޮޑެތި ކުށްތައް ކުރުވާ ބޮޑެތި މީހުން އެބަ ތިއްބެވެ. އެ މީހުން ކުރިން ބޭނުންކުރަމުން ދިޔައީ 18 އަހަރު ނުފުރޭ ކުދިންނެވެ. މިހާރު 15 އަހަރުން ދަށުގެ ކުދިންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި އާއި މާރާމާރީތަކާއި ވައްކަންތަކުގައި ވެސް މި ކުދިން ބޭނުންކުރަނީއެވެ.

ކުށްކުރުމާއި ސްކޫލްތަކުގެ ތެރޭގައި ބުލީ ކުރުމުގެ މައްސަލަތައް ވެސް ދުވަސްދުވަހުން ފެންމަތިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން ސްކޫލްތަކުގެ ތެރޭގައި ބްލީކުރުމުގެ 26 މައްސަލަ މި އަހަރުގެ މިހާތަނަށް ވެސް ފާހަގަކުރެވިފައި ވެއެވެ.

މައިންބަފައިންގެ އިހުމާލު


އއ. ރަސްދޫގައި ކުޑަކުއްޖާ އަށް އަނިޔާކުރާ ކުދިންގެ އިތުރު ވީޑިއޯތަކެއް ވެސް އާންމުވެފައި ވެއެވެ. އެކަމުގައި ޝާމިލްވި ކުދިންނަކީ އެފަދަ ކަންކަން ތަކުރާރުކޮށް ކުރަމުންދާ ކުދިންކަން ބަޔަކަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ވީޑިއޯއެއް އާންމުވުމާ އެކު ރަށުގެ ކައުންސިލް ވެސް ހޭލައިފިއެވެ. އަދި އެ ތަނުން އެއް ކުއްޖަކީ ކައުންސިލަރެއްގެ ދަރިއަކަށްވުމުން އެ ކައުންސިލަރާ މެދު ވެސް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ގެންގުޅޭކަން އެ ރަށު ކައުންސިލުން ގެންގުޅެއެވެ.
“މީގެ ތެރެއިން އަނިޔާކުރި އެއްކުއްޖަކީ ކައުންސިލް އަންހެން މެމްބަރުގެ ދަރިއެއް، އަޅުގަނޑުގެ ވިސްނުން އެބަހުރި ކައުންސިލް މެމްބަރަށް ފިޔަވަޅު އެޅުމަށް. އަޅުގަނޑު ދެކޭގޮތުގައި ކޮންމެވެސް ވަރެއްގެ އިހުމާލެއް މައިންބަފައިންގެ ވެސް އެބައޮތް. އަޅުގަނޑު ޤަބޫލުކުރަނީ އެވަރުގެ އިހުމާލެއް އުޅޭތީ މިވަގުތު އެންމެ އެކަށީގެނެއް ނުވެޔޭ މިވަގުތު ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް، އެހެންނަމަވެސް ގޮތެއް ނިންމާނީ ކައުންސިލް މެމްބަރުންނާ މަޝްވަރާ ކުރުމަށްފަހު،” ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.


އެތައް ކުޑަކުދިންނެއް ކުށުގެ ވެށީގެ ތެރެއަށް ވަނީ ގެނބިފައެވެ. މިހެންވެގެން ދިޔައީ ހަމައެކަނި ނިޒާމު ފެއިލްވެގެން ނޫނެވެ. މުޅި މުޖުތަމައު ވެސް ފެއިލްވެގެންނެވެ. އެންމެ ފުރަތަމަ މައިން ބަފައިންނެވެ. ޒިންމާދާރުކަން ކުޑަ މައިންބަފައިންގެ ސަބަބުން ހަލާކުވި، އަދި ހަލާކުވަމުންދާ އެތައް ކުޑަކުދިންނެއް އެބަ ތިއްބެވެ. ސްކޫލްތަކުގެ ތެރެއިން ކުރަންޖެހޭ އެތައް ކަމެއް ނުކުރެވުމުގެ ސަބަބުން ހަލާކުވަމުންދާ ކުދިން ވެސް މަދެއް ނޫނެވެ. ކުށްކުރާ ކުދިން އިސްލާހުކުރުމަށް މަތިކޮށްފައިވާ އިދާރާތައް ވެސް ވަނީ ފެއިލްވެފައެވެ. މިކަން ގޮސް ގުޅެނީ އިޖުތިމާއީ އެތައް މައްސަލައަކާ އެވެ. ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން އެތައް ބަޔަކު އެއްތަނެއްގައި ދިރިއުޅެންޖެހުމާއި ދިރިއުޅުމަށްޓަކައި ދަރިންނަށް ދޭންޖެހޭ ވަގުތު ނުދީ ދެމަފިރިން ވެސް މަސައްކަތްކުރަންޖެހުމާއި އެފަދަ ހާލެއްގައި ދަރިންގެ ކަންކަން ބެލެހެއްޓޭނެ ނިޒާމްތައް ގާއިމުވެފައި ނެތުމާއި މިހެން ގޮސް އެތައް އެތައް ކަމެއް އެބަހުއްޓެވެ. ޒިންމާދާރުކަމެއް ނެތް ބެލެނިވެރިންނާހެދި ޤައުމެއް ފުޑު ފުޑު ވެގެން މިއޮތްދަނީއެވެ.

ރިއެކްޝަންސް
0
0
0
7
0
0
2