ރިޕޯޓް: ކެމްޕެއިނަށް ފައިސާ މި ހޯދަނީ ކޮންތާކުން؟

17 އެޕްރީލް 2024 - 11:48

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ފޯރި މެކުއަށް ޖަހާފައިވާ އިރު މިހާރު ކޮންމެ ދިމާއަކުން ވެސް އިވޭ އަޑަކީ ވޯޓު ގަނެ ވިއްކާ ވާހަކައެވެ. މިވެނި މީހެއްގެ ނުވަތަ ބައެއްގެ ތާއީދު ހޯދަން މިވެނި އެވެނި ކެންޑިޑޭޓަކު މިތައް ރުފިޔާއެއް ދިން ވާހަކައެވެ. 

ދިމާވާ ވަރަށް ގިނަ މީހުން ބުނެއުޅެއެވެ. މި ފަހަރު ވޯޓު ދޭނީ ބޮޑުކޮށް ދޭ މީހަކަށެވެ. މާނައަކީ ވޯޓު ގަނެ ވިއްކުމުގެ ފިޔަފާރި ވަރަށް ފުޅާ ކަމެކެވެ. ސުވާލަކީ މި ވިޔަފާރި އަށް ފައިސާ މި ހޯދަނީ ކޮންތާކުން ހެއްޔެވެ؟ އިންވެސްޓަރުންތައް ކޮބައި ހެއްޔެވެ؟

advertisement

ސިއްރު އެހެނަސް އެންމެންނަށް އެނގޭ ކަމަކީ މަޖިލީހުގެ ގޮނޑި ހޯދެނީ އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ކަމެވެ. މަޖިލީހުގެ ދައުރެއްގައި މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ޖުމްލަކޮށް ލިބެނީ 4.8 މިލިއަން ރުފިޔާ ކަމެވެ. އެހެން ނަމަވެސް މިއީ މިއަދު މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރަން ކުރަންޖެހޭ ހޭދައިގެ ކުޑަ މިންވަރެކެވެ. 

ދިހަވަރަކަށް މިލިއަނަށް ވުރެ ގިނައިން ހޭދަ ނުކޮށް ގޮނޑިއެއް ކާމިޔާބުކުރުމަކީ ނާދިރު ކަމެއް

ދިހަވަރަކަށް މިލިއަނަށް ވުރެ ގިނައިން ހޭދަ ނުކޮށް ގޮނޑިއެއް ކާމިޔާބުކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކުގައި ޕާޓީތަކުގެ ޕްރައިމަރީ އަށް ވެސް ފަސް ވަރަކަށް މިލިއަން ރުފިޔާ ހޭދަކުރަންޖެހިފައި ވެއެވެ. 

ސުވާލަކީ ފަސް އަހަރުގެ ދައުރެއްގައި ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ބޮޑު ހޭދައެއް ގޮނޑި ކާމިޔާބުކުރަން ހޭދަކުރަނީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ ނުވަތަ އެ ފައިސާ ހޯދަނީ ކިހިނެއް ހެއްޔެވެ؟

މަޖިލީހުގެ އިންތިހާބުގައި ގިނަ އަދަދެއްގެ ފައިސާވެރިން ވެސް ވާދަކުރެއެވެ. އެހެން ނަމަވެސް ތިން ހަތަރު މިލިއަނެއްހާ ރުފިޔާ ހޭދަކުރެވޭ ވަރުގެ ތަނަވަސްކަމެއް ލިބިފައި ތިބީ ވެސް އިނގިލި ކުރިން ގިނައިލެވޭހާ މަދު އަދެއްގެ ކެންޑިޑޭޓުންނަށެވެ. ދެން ތިބި ގިނަ މީހުންނަކީ މާ ބޮޑު ބަޖެޓެއް ނެތި އިންތިހާބުގައި ވާދަކުރާ ކެންޑިޑެޓުންނެވެ. 

އެހެން ނަމަވެސް އެފަދަ ދާއިރާތަކުގައި ވެސް އެ ކެންޑިޑޭޓުން 10 ވަރަކަށް މިލިއަން ތާޅާ ހުސްކޮށްލައެވެ. ފައިސާ ހޯދާ ތަނެއް ނޭނގެއެވެ. އިންތިހާބުގައި ކުރާ ހަރަދުގެ ތަފްސީލް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ރިޕޯޓްގައި މި އަދަދުތަކެއް ނުހުރެއެވެ. އެ ރިޕޯޓްތަކުގައި ހިމަނަނީ އިންތިހާބަށް ކުރާ ހޭދައިގެ ކުޑަ މިންވަރެކެވެ. އަދި އެ ފައިސާގެ އަސްލެއް އަދި ހޯދާ ގޮތެއް އެ ރިޕޯޓްތަކަކުން ނޭނގެއެވެ. 

ދައުލަތުން ލިބޭ ފައިސާ އާއި ސިޔާސީ ހަރަކާތް ހިންގުމަށް ޕާޓީތަކަށް އެހެން ގޮތް ގޮތުން ލިބޭ ފައިސާގެ ތެރެއިން އިންތިހާބުތަކުގައި ޕާޓީތަކުގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނަށް ދެނީ މަދު އަދަދެކެވެ. އަންނަ ހަފުތާގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ ރަސްމީ ބަޖެޓުން ދިނީ ދެ ލައްކައެއްހާ ރުފިޔާ ކަމަށް ވެއެވެ. އެހެން ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓުން ވެސް ކެމްޕެއިނަށް މިލިއަނުން ހަރަދު އެބަ ކުރެއެވެ. 

ސަރުކާރު ހިންގާ ޕީއެންސީ ހަރަދު ކުރުމުގައި އުޅެނީ މާ ކުރީގައެވެ. ތާއީދު ހޯދުމަށް ކުރާ ހޭދައިގެ އިތުރުން ދައުލަތުގެ ކުންފުނިތަކާއި އެކި އިދާރާތަކުން ވަޒީފާ ދޭ ކަމުގެ ތުހުމަތުތައް ވެސް ވަރަށް ގިނައެވެ. ސަރުކާރު ކެންޑިޑޭޓުން ފައިސާގެ އިތުރުން ނުފޫޒު ވެސް ބޭނުންކުރާ ކަމުގެ ޝަކުވާތައް ބޮޑެވެ. ސަރުކާރުގެ ކެންޑިޑޭޓެއް ކަމުގައި ވިޔަސް ކެމްޕެއިނަށް ހޭދަކުރެވެނީ ގާނޫނުގައި ބުނާ ގޮތުގެ މަތިންނެވެ. އެހެން ނަމަވެސް މިއީ ހަމަ އެކަނި ލިޔެކިޔުމުގައި އޮންނަ އެއްޗެކެވެ. ކުރާ ހޭދަ މިލިއަނުން ގުނޭކަން އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. 

ކެމްޕެއިންތަށް ކުރާ ހޭދައިގެ ފަހަތުގައި ގިނައިން ތިބެނީ ދެތިން ވިޔަފާރިވެރިއެކެވެ. އެއްބަޔަކީ ސަރުކާރަށް ތާއީދުކުރާ ވިޔަފާރިވެރިންނެވެ. އަނެއް ބަޔަކީ އިދިކޮޅަށް ތާއީދުކުރާ މީހުންނެވެ. އަދި މީގެ ތެރޭގައި ދެ ފަރާތުގެ ރުހުން ހޯދަން ބޭނުންވާ ވިޔަފާރިވެރިން ދެ ފަޅި އަށް ވެސް ފައިސާ ހޭދަކުރެއެވެ. މީގެ އިތުރުން ބޭރުގެ މަސްލަހަތު އޮންނަ ބައެއް ގައުމުތަކުން ސިއްރިއްޔާތުގައި ކެމްޕެއިންތަކަށް ހަރަދުކުރާ ކަމަށް ޚަބަރުތައް ލިބެއެވެ. އެހެން ނަމަވެސް އޭގެ މާ ބޮޑު ހަގީގަތެއް ނޭނގެއެވެ. 

ކުރާ ހޭދަ މިލިއަނުން ގުނޭކަން އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް

ގެންނަ ތަނެއް، ހޯދާ ތަނެއް އެނގެން ނެތަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އަބަދު ވެސް އެތައް މިލިއަން ރުފިޔާއެއްގެ އަގު ބޮޑު އިންތިހާބެއްކަން އެނގެއެވެ. މީގެ ފަސް އަހަރު ކުރިން ބޭއްވި އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ވުރެ މި ފަހަރު އަދަދު މަދު ނަމަވެސް މި ފަހަރުގެ އިންތިހާބުގައި ކުރާ ހޭދަ އެހެން ހުރިހާ އިންތިހާބަކަށް ވުރެ އިތުރު ކަމަށް އަންދާޒާކުރެވެއެވެ. 

މަޖިލީހުގެ ކޮންޓްރޯލް ހޯދުން ސަރުކާރަށް ވެސް މުހިންމެވެ. އަދި އިދިކޮޅުން އެކަމަށް ކުރާ މަސައްކަތް ވެސް ވަކި ކުޑައެއް ނޫނެވެ. އެހެން ނަމަވެސް މި ރޭހުގައި ކުރި ލިބެން އޮތީ ގިނައިން ހޭދަކުރާ ބަޔަކަށެވެ. ބައެއް ދާއިރާތަކުގެ ގޮނޑި ހޯދަން ވިއްސަކަށް މިލިއަން ރުފިޔާ ހޭދަކުރަންޖެހުނަސް އެކަން ވެސް އެބަ ކުރެއެވެ. މިހާ ގިނަ ފައިސާ ހޯދާ ތަނެއް އެނގޭ ބަޔަކު ނެތެވެ.  

ގޮނޑި ހޯދަން މިހާ ބޮޑު ހޭދައެއް ކުރުމުގެ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ މަޖިލީހުގެ މެންބަރުންނަށް ސަރުކާރާއި އަދި ސަރުކާރާ ދެކޮޅުގައި ތިބެގެން ވެސް ހާސިލްކުރެވޭ ނާޖާއިޒް އެތައް ކަންކަމެއް ހުރުމުންނެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދިވެ، ވިޔަފާރިތައް ފުޅާކުރާތަން ފެނިފައި އެބަ ހުއްޓެވެ. 

ގިނަ ފަހަރަށް ސަރުކާރުގެ މަޝްރޫއުތައް ހިންގަން ހަވާލުކުރުމުގައި ސަރުކާރުގެ މެންބަރުންގެ ނުފޫޒު އޮންނަ ކަމުގެ އަޑުތައް ފެތުރިފައި ވެއެވެ. އަދި ބައެއް މަޝްރޫއުތައް މެންބަރުން ހިއްސާވާ ކުންފުނިތަކުން ހިންގާފައި އަދި ހިންގަމުންދާކަން ވެސް ފެންނަން އެބަ ހުއްޓެވެ. އަދި މެންބަރުންނާ ގުޅުން ހުރި ފަރާތްތަކަށް މަޝްރޫއުތައް ލިބެއެވެ. އިދިކޮޅުގައި ތިބޭ މެންބަރުންގެ ނުފޫޒު ވެސް ކަންކަމުގައި ކުޑައެއް ނޫނެވެ. 

މަޖިލީހުގެ މުސާރަ އާއި އިނާޔާތްތަކާ ނުބައްދަލު ހޭދައެއް ކޮށްގެން ވިޔަސް ގޮނޑި ކާމިޔާބުކުރެވޭތޯ ބަލަނީ ފަހުން ލިބޭ މަންފާ ބޮޑު ކަމުންނެވެ. އިހްލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމަށް މަސައްކަތްކުރާ މަދު މެންބަރުންތަކެއް ނެތެކޭ ނޫނެވެ. އެހެން ނަމަވެސް ލިބޭ މުސާރަ އާއި އިނާޔަތްތަކާ ނުބައްދަލު ހޭދައެއް ކުރާނީ ސަބަބެއް އޮވެގެންތާއެވެ.

ރިއެކްޝަންސް
0
0
0
1
0
0
2