ރިޕޯޓް: އިންތިހާބުގެ ނަތީޖާއިން ފެންނަ މަންޒަރު

23 އެޕްރީލް 2024 - 13:53

އިންތިހާބުގެ ނަތީޖާއިން އެންމެ ބޮޑަށް ފެނިގެންދިޔައީ ބާރުތައް ވަކިވެފައިވާ ރިޔާސީ ނިޒާމެއް އޮތް ރައްޔިތުން ގަބޫލްކުރާގޮތުގައި ސަރުކާރެއް ހިންގެން އޮތީ ގާނޫނު ހަދާ މަޖިލީހުގެ އޮވެގެންކަމަށެވެ. މިގޮތުން ސަރުކާރު ހިންގާ ޕީއެންސީން މި ވަނީ މަޖިލީހުގެ ސުޕް މެޖޯރިޓީ ނަގާފައެވެ. 

ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރި 70 ފަރާތަކުން ގޮނޑި ކާމިޔާބުކޮށްފައިވާ އިރު އެ ޕާޓީ އަށް ނުވަތަ ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ އަދަދު 75 އަށް ވުރެ މަތިވާނެއެވެ. އެއީ ސަރުކާރުގެ ތާއީދާ އެކު ވާދަކުރި ބައެއް އަމިއްލަ ކެންޑިޑޭޓުންނާއި ސަރުކާރަށް ތާއީދުކުރާ ބައެއް ވިޔަފަރިން ގޮނޑި ކާމިޔާބުކޮށްފައި ވާތީއެވެ.

advertisement

މަޖިލީހުގެ އިންތިހާބުން އަބަދު ވެސް ފެންނަން އޮތީ އޭރަކު ހޮވިފައި އޮންނަ ސަރުކާރެއް ބާރާއި ނުފޫޒު

ރިޔާސީ އިންތިހާބަށް ފަހު ހައެއްކަ މަސް ދުވަހުގެ ތެރޭގައި ބާއްވާ މަޖިލީހުގެ އިންތިހާބުން އަބަދު ވެސް ފެންނަން އޮތީ އޭރަކު ހޮވިފައި އޮންނަ ސަރުކާރެއް ބާރާއި ނުފޫޒެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ޖެހިގެން އައި މަޖިލީހުގެ އިންތިހާބު ވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވިއެވެ. 

ހަމަ އެ ގޮތަށް 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަން ހޯއްދެވި އިރު ޖެހިގެން އައި އަހަރުގެ ކުރީކޮޅު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މުޅި ރާއްޖެ ކަހަލަ ގޮތަކަށް ރީނދޫވެގެން ދިޔައެވެ. މިދިޔަ އަހަރު ފަހުކޮޅު ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒު ވެރިކަން ހޯއްދެވީ ބޮޑު އަގުލަބިއްޔަތަކާ އެކުގައެވެ.

ރިޔާސީ އިންތިހާބުގައި ކޮންޓްރޯލް ނުލިބުނު ބައެއް ބޮޑެތި އަތޮޅުތަކުން ވެސް މަޖިލީހުގެ އިންތިހާބުގައި ފުރިހަމަ ކާމިޔާބީއެއް ޕީއެންސީން ހޯދިއެވެ. އޭގެ ތެރޭގައި އައްޑޫ ހިމެނެއެވެ. ރިޔާސީ އިންތިހާބުގައި އައްޑޫގެ ފުރިހަމަ ކޮންޓްރޯލް ޕީއެންސީ އަދި ޕީޕީއެމް އަށް ނުލިބުނު ނަމަވެސް ނިމިދިޔަ މަޖިލިސް އިންތިހާބުގައި އައްޑޫގެ ފަސް ގޮނޑި ޕީއެންސީން ކާމިޔާބުކުރި އެވެ. އިދިކޮޅު އެމްޑީޕީ އަށް ލިބުނީ ދެ ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރި އެއް ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ.

މާލެ އަށް ބަލާއިރު އެންމެ ފަހުން އޮތް ބޮޑު އިންތިހާބު ކަމަށްވާ މާލޭގެ މޭޔަރުކަން ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީން މޭޔަރުގެ ގޮނޑި ހޯދުމުން މަޖިލީހުގެ އިންތިހާބުގައި މާލެއިން ގިނަ ގޮނޑިތަކެއް އެމްޑީޕީ އަށް ލިބޭނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް މާލެ ސަހައްދުގެ 17 ގޮނޑީގެ ތެރެއިން އިދިކޮޅު އެމްޑީޕީ އަށް ލިބުނީ ތިން ގޮނޑިއެވެ. ދެން ބާކީ ގޮނޑިތައް ކާމިޔާބުކުރީ ޕީއެންސީ އާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުންނެވެ. މީގެ ތެރޭގައި އެތައް އަހަރުތަކެއް ވަންދެން އެމްޑީޕީން ކޮންޓްރޯލްކުރަމުން އައި ގޮނޑިތައް ވެސް ހިމެނެއެވެ.

ގޮނޑި ކާމިޔާބުކުރި ފަރާތްތަކުގެ ތެރޭގައި ވިޔަފާރިވެރިން ވެސް ހިމެނޭ

ސަރުކާރު ހިންގާ ޕީއެންސީ ފިޔަވައި ދެން ގޮނޑި ކާމިޔާބުކުރި ފަރާތްތަކުގެ ތެރޭގައި ވެސް ވިޔަފާރިވެރިން ހިމެނެއެވެ. އެ ގޮތުން މަޖިލީހުގައި މިހާރު އެންމެ ގިނަ ދުވަސްވީ އެއް މެންބަރު އަދި ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަނީ ޖޭޕީގެ ޓިކެޓްގައި އެ މަނިކުފާނުގެ ގޮނޑި ދިފާއުކުރައްވާފައެވެ. 

މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ އެމްއެންޕީގެ ޓިކެޓްގައި މާލޭގެ މާފަންނު އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބުކުރައްވާފައެވެ. ވިޔަފާރިވެރިޔާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އޭދަފުށީ ދާއިރާ ދިފާއުކުރެއްވި އިރު ދަރިފުޅު ވެސް މި ފަހަރު ވަނީ މަޖިލީހަށް ވަޑައިގެންފައެވެ. ސަލީމްގެ ދަރިފުޅު އިބްރާހީމް ނައުފަލް ވަނީ މުލަކު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ.

ގާސިމް އާއި ނާޒިމްގެ އިތުރުން ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް (ސަން ސިޔާމް) ވެސް ވަނީ މަޖިލީހުގެ ގޮނޑި ދިފާއުކުރައްވާފައެވެ. މީދޫ ދާއިރާ އިން އަނެއްކާ ވެސް ފެނިގެން ދިޔައީ ސިޔާމްއާ ވާދަކުރުމަކީ ފަސޭހަނުވާނެ ކަމެކެވެ. ސިޔާމް އެ ގޮނޑި ކާމިޔާބުކުރެއްވީ 72 ޕަސެންޓްގެ ބޮޑު ތަފާތަކުންނެވެ. ސިޔާމްގެ ތާއީދާ އެކު އެ ޕާޓީން ވެލިދޫ ދާއިރާ އަށް ވާދަކުރެއްވި އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

އިންތިހާބުން ފާހަގަވި އަނެއްކަމަކީ ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ މާ ބޮޑު ބުރަދަނެއް ނެތް ކަމެވެ. ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމެވެ، އެއީ ސަރުކާރާ އެއްކޮޅު ފިކުރާއި ދެކޮޅު ފިކުރެވެ. ބޮޑެތި ޕާޓީތައް ކަމަށްވާ އަދާލަތު ޕާޓީއަށް މި ފަހަރު ވެސް އެއްވެސް ގޮނޑި އެއް ނުލިބުނެވެ. ޖޭޕީ އަށް ލިބުނީ ގާސިމްގެ ގޮނޑިއެވެ. އެމްޑީއޭ އަށް ދެ ގޮނޑިއެވެ. އެމްއެންޕީ އަށް ނާޒިމްގެ ގޮނޑިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްއާރުއެމްގެ ތާއިދާ އެކު ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ވެސް ކާމިޔާބެއް ނުލިބެއެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ދެ ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި އަހްމަދު ފާރިޝް ހިމެނެއެވެ.

ކުރީގެ ރައީސުންގެ ތަރި ވެސް އޮއްސިފައިވާކަންނަތިޖާތަކުން އެނގި ހާމަވި

ކުރީގެ ރައީސުންގެ ތަރި ވެސް އޮއްސިފައިވާކަން މި އިންތިހާބުގެ ނަތިޖާތަކުން އެނގި ހާމަވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު މަޖިލީހަށް ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ލިބިފައިނުވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އަށް ވެސް އެއްވެސް ގޮނޑިއެއް ނުލިބެއެވެ. އަދި މަޖިލީހުން ގެއްލުނު ފާހަގަކޮށްލެވޭ ގިނަ ގޮނޑިތަކެއް ޑިމޮކްރެޓްސް އަށް ނިސްބަތް ވެއެވެ. 

އޭގެ ތެރޭގައި ރައީސް ނަޝީދު މިހާރު ވެސް މެންބަރުކަމުގައި ހުންނެވި މައްޗަންގޮޅި އުތުރު ދާއިރާ ހިމެނެއެވެ. އެ ގޮނޑި ކާމިޔާބުކުރެއްވީ މީގެ ފަސް އަހަރު ކުރިން ރައީސް ނަޝީދާ ވާދަކުރެއްވި އަދި މިހާރުގެ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުންގެ އެއްބަފާ ބޭބޭފުޅު އިބްރާހީމް މުހައްމަދު (އިއްބެ ޖަނާބު) އެވެ. ޑިމޮކްސްގެ ޓިކެޓްގައި ވާދަކުރެއްވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ފާއިތުވި 15 އަހަރު ވަންދެން ފުރުއްވި އީވާ އަބްދުﷲ އަށް ވެސް ކުރިމަތިވީ ނާކާމިޔާބީއެކެވެ. 

ޑިމޮކްސްގެ ވަރުގަދަ ފަހުލަވާނު އަދި މިހާރު ވެސް މާފަންނު އުތުރުގެ ގޮނޑީގައި އިންނެވި އިމްތިޔާޒު ފަހުމީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އިރު އެ ޕާޓީގެ ރައީސް ހަސަން ލަތީފާއި ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ފަދަ ބޭފުޅުންނަށް ވެސް ކުރިމަތިވީ ނާކާމިޔާބީއެވެ.

ކުރީގެ ރައީސް ސޯލިހް އެ ގޮނޑިއެއްގައި އެތައް ޒަމާނެއް ވަންދެން އިންނެވި ހިންނަވަރު ގޮނޑި ވެސް މި ފަހަރު ވަނީ އެމްޑީޕީގެ އަތްދަށުން ދޫވެފައެވެ. މިހާރުގެ މެންބަރު އަދި ރައީސްގެ އާއިލާގެ ޖީހާން މަހްމޫދުގެ މައްޗަށް ކާމިޔާބު ހޯދީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު އަބްދުއްރަހުމާނެވެ. މިއީ ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ފަސް ދައުރުގައި ރައީސް ސޯލިހް ދިފާއުކުރެއްވި ގޮނޑިއެކެވެ.

އެމްޑީޕީއަށް މިހާބޮޑު ބައްޔެއް ކުރިމަތި ވުމުގެ ފަހަތުގައި ގިނަބަޔަކު ދެކެނީ އެމްޑީޕީގެ ވެރިން މާބޮޑަށް މުސްކުޅިވުމެވެ. މިދައްކަނީ އުމުރަށްވުރެ ފިކުރުގެ ވާހަކައެވެ. ރާއްޖޭގެ މިހާރުގެ އާބާދީގެ އަސްލު ގިނަ މައްސަލަތަކާ ދުރުވެ, ސިޔާސަތުތަށް ރައްޔިތުންގެ ވިންދާ ނުގުޅުމެވެ. މަދުބަޔަކަށް ގެވަޅު ދީގެން ހިންގި ގޯތި ސްކީމުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރާއްޖެތެރޭގެ 85000 ރައްޔިތުންގެ ނަފުރަތު އަމާޒުވުމާއި, ރާއްޖެތެރޭގައި ހިންގި ގިނަ ޕްރެޖެކްޓްތަކުން މިފަރާތްތަކަށް ތަސައްލީއެއް ނުލިބޭނެކަން ނޭގުމަކީ ހެދުނު ބޮޑު ގޯހެކެވެ. 

އެމްޑީޕީއަކީ ވަރުގަދަ ސިޔާސަތު ތަކަކާއެކު އަބަދުވެސް އިންގިލާބީ ބަދަލުތަކަށް ކެމްޕެއިންކުރި ޕާޓީއެކެވެ. ރާއްޖޭގެ ތާރީހުގައި ގެނެވުނު ސިޔާސީ އަދި އިގްތިސާދީ ބޮޑެތި ބަދަލުތަކުގެ ލީޑަރެވެ.  ނަމަވެސް މިފަހަރު ފެނިގެންދިޔައީ ކެމްޕެއިންގެ ފޯކަސް ދޮލަނގަކަށް ގޮސް ހަމަމަގުން ކައްސާލި މަންޒަރެވެ.

ރިއެކްޝަންސް
0
0
1
0
0
0
0