ދިއްފުށި ފަތުރުވެރިންނަށް މަރުޙަބާ ކިޔައިފި
December 7, 2020
ކޯވިޑް19 އަށްފަހު ފުރަތަމަ ފަތުރުވެރިންގެ ގުރޫޕަށް ދިއްފުށިން މަރުޙަބާ ކިޔައިފިއެވެ. ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު ދިއްފުއްޓަށް ފުރަތަމަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
ގެސްޓްހައުސް ހުޅުވުމާއިއެކު ދިއްފުއްޓަށް އައި ފުރަތަމަ ފަތުރުވެރިންގެ ގުރޫޕްގައި ހިމެނެނީ އަންހެނަކާއި ފިރެހެނެކެވެ. މި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ދިވެހިވަންތަ ޙާއްސަ ހަރަކާތްތަކެއް ރަށުގެ ރައްޔިތުން ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ދިވެހި ބޮޑުބެރާއިއެކު މި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.
ދިއްފުށީގެ 3 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދޫކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އަރާމު ހޮލިޑޭސް އެންޑް ސްޕާއާއި، ކްލަބް ކާފުގެ އިތުރުން އިންފިނިޓީ ދިއްފުށިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން 109 ގެސްޓްހައުސްއެއް އަލުން ހުޅުވައި ޙިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ. އެޗްޕީއޭއިން އެންމެފަހުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގެ ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށްދާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި ބޭރަށް ނިކުމެއުޅޭއިރު އިޖްތިމާއީ ގައިދުރުކަން އެކަކު އަނެކަކާއި ދެމެދު ބަހައްޓަންޖެހެއެވެ.



