މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 70 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
9 ޑިސެމްބަރ 2020 - 9:55
މާލެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.
ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަތުލައިގަތީ މަސްތުވާކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށެވެ. އޭގެ މަގުމަތީގެ އަގު 17 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ޝަރުއީ
ނިޒާމުގައި އުނި ކަންތައްތަކެއް ހުރި ނަމަވެސް މަސްތުވާތަކެތި ޓްރެފިކް ކުރުން
ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަަމަށް
ވެސް އެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ކޮމިޝަނަރު
ކުރެއްވި އެހްނ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި އޮޕަރޭޝަނުގައި މިހާތަނަށް 10
މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ
މި އޮޕަރޭޝަންގައި މަގުމަތިން ދުއްވާފައި ދިޔަ ކާރެއް ފަރީދީ މަގުން ހުއްޓުވައި
ބަލައި ފާސްކުރުމުގެ ތެރޭގައި ކާރުގެ ޑިކީ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި
ދެ ގޯނި ފުލުހުން އަތުލައިގަނެފައި ވެއެވެ. އޭގެ އިތުރުން ދެ ސޫޓްކޭހެއް ވެސް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
މަސްތުވާކަތެއްޗާ ގުޅޭ އޮޕަރޭޝަނެއް މިދިޔަ ހަފުތާގެ ތެރޭގައި ނޫސްވެރިންނާ އެކު ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. އެ ގޮތުން މަސްތުވުމަށް ބޭނުންކުރާ އައްޑާތަކަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަން މެދުކަނޑާލީ ނޫސްވެރިންނާ އެކު އޮޕަރޭޝަން ހިންގާތީ ބައެއް ފަރާތްތަކުން ސުވާލު އުފެއްދުމާ ގުޅިގެންނެވެ. އެ ގޮތުން ބައެއް ވަކީލުން ވަނީ ގާނޫނީ ގޮތުން ކުރިމަތިވެދާނެ ކަންތައްތަކެއް ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.