ރިޕޯޓް: އަނެއްކާ ވެސް އެ ވާހަކަ! އިންތިހާބުތައް އެއްކޮށްލުން!

7 މެއި 2024 - 13:48

ގިނަ ގިނައިން އިންތިހާބުތައް ބޭއްވުމަކީ ރައްޔިތުން ކަންކަމާ ދެކޭ ގޮތް އެނގިގެންދާ ކަމެކެވެ. އެހެން ކަމުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އިންތިހާބުތައް ގިނައިން ބޭއްވުމުން ސިޔާސީ ޕާޓީތަކުގެ މަގުބޫލުކަން ހުރި ނެތް މިންވަރު ވެސް “ދޭތެރެ ދޭތެރެއިން” ސާފުވެގެން ދާނެ ކަމަށެވެ. 

އެހެން ނަމަވެސް މިއީ އެތައް ބައެއްގެ ވަގުތާއި އެތައް ފައިސާއެއް އެކަމުގައި ހިމެނޭ ކަމެކެވެ. އެހެން ކަމުން ގިނަގިނައިން އިންތިހާބުތައް ބޭއްވުމުގެ ބަދަލުގައި މުހިންމު ބޮޑެތި އިންތިހާބުތައް އެއްކޮށް ބޭއްވުމުގެ ވާހަކަ އަބަދު ވެސް ދެކެވެއެވެ. 

advertisement

ރާއްޖޭގެ އެންމެ ބޮޑު ދެ އިންތިހާބަށް ބަލާއިރު ރިޔާސީ އިންތިހާބު ބާއްވާތާ އަހަރެއް ނުވަނީސް ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވައެވެ. ކައުންސިލް އިންތިހާބުތައް މިހާތަނަށް އެކި ދުވަސްވަރު ބާއްވާފައި ވެއެވެ. ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކުގެ އިންތިހާބު ވެސް ދެން ބާއްވާނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުއެވެ. މިހާރު އޮތް ގޮތުން ކައުންސިލް އިންތިހާބު ދެން އެންމެ އަވަހަށް އޮންނާނީ 2026 ވަނަ އަހަރުއެވެ. މީގެ ކުރިން ތިން އަހަރުގެ ދައުރެއް އޮތް ކައުންސިލްތަކުގެ އުމުރު މިހާރު ވަނީ ފަސް އަހަރަށް ބަދަލުކޮށްފައެވެ. 

ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބާ ހިލާފަށް ކައުންސިލްތަކުގެ އިންތިހާބީ މުއްދަތު ބަލަނީ އެ މެންބަރަކު އިންތިހާބުވެ، މަގާމާ ހަވާލުވާ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށެވެ. އެހެން ކަމުން 2026 ގައި ބާއްވާ އިންތިހާބުގައި އޮންނާނީ އެ ވަގުތަށް ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމެވެ. އިސްތިއުފާ ދިނުން ފަދަ ކަންކަމާ ގުޅިގެން ގޮނޑި ހުސްވެ، އިންތިހާބުތައް ބާއްވާތީ ކައުންސިލްތަކުގެ މެންބަރުންގެ ދައުރު ބަދަލުވާނީ އެކި ދުވަސްވަރެވެ. 

ހުރިހާ އިންތިހާބެއް ވެސް ކާމިޔާބުކުރަނީ އެ އިރެއްގައި އޮންނަ ސަރުކާރެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް މަހުގެ ތެރޭގައި މި ވަނީ ނިމިފައެވެ. ނަތީޖާ ބުރަވީ ސަރުކާރު ކޮޅަށެވެ. މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން އިދިކޮޅު އެމްޑީޕީ އަށް ލިބުނީ އެންމެ 12 ގޮނޑިއެވެ. ސަރުކާރަށް ނިސްބަތްވާ ޕާޓީ އާއި ތާއިދުކުރާ ފަރާތްތަކާ އެކު މަޖިލީހުގެ ސުޕް މެޖޯރިޓީ އޮތީ ސަރުކާރަށެވެ. 

މިއީ އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި ފަހުން 2009 ވަނަ އަހަރު ފިޔަވައި އެހެން ހުރިހާ އިންތިހާބެއްގައި ވެސް ފެންނަމުން އަންނަ މަންޒަރެކެވެ. އެ އިންތިހާބުގައި ވާދަވެރި ގޮތަކަށް އިދިކޮޅު ފަރާތްތަކުން މެޖޯރިޓީ ނެގިއެވެ. އެހެން ނަމަވެސް އޭގެ ފަހުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިންތިހާބެއް ވެސް ކާމިޔާބުކޮށްފައި ވަނީ އެ އިރެއްގައި އޮންނަ ސަރުކާރަކުންނެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލަންޖެހޭ ކަން އިންތިހާބުގެ ނަތީޖާތަކުން ދައްކައެވެ. ރައްޔިތުން ބޭނުން ވަނީ އެ އިރެއްގައި އޮންނަ ސަރުކާރަކަށް މަޖިލީހުގެ ކޮންޓްރޯލް ވެސް ދޭންކަން މި ފާއިތުވި އިންތިހާބުތަކުން އެނގިގެން ހިނގައްޖެއެވެ. މީގެ ކުރިން އެމްޑީޕީން ވަކާލާތުކުރި ބަރުލަމާނީ ނިޒާމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދިނުމުގެ ކޮންސެޕްޓް ވެސް ބިނާ ވަނީ އިންތިހާބުތައް އެއްކޮށްލުމުގެ މައްޗަށެވެ. 

އެހެން ނަމަވެސް ރިޔާސީ ޒިނާމެއްގެ ތެރެއިން ވެސް މިއީ ނުކުރެވޭނެ ކަމެއް ނޫނެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު މިހާރު ވެސް އޮންނަނީ ވަރަށް ގާތްގާތުގައެވެ. އެފަދަ ހާލަތެއްގައި އިންތިގާލީ މަރުހަލާއަކާ އެކީގައި ނުވަތަ ދައުރަށް ގެނެވޭ އިންތިގާލީ ބަދަލަކާ އެކީގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްނުލެވެންވީ ސަބަބެއް ނެތެވެ. 

މީގެ ކުރިން ސުނާމީގެ ހާދިސާ އާއި ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހާ އެކީގައި ވެސް މަޖިލީހުގެ ދައުރަށް ބަދަލުތައް ގެނެސްފައި ވުމަކީ އެކަން އެ ގޮތަށް ކުރެވޭނެ ކަމުގެ ހެއްކެކެވެ. އަދި މީގެ ތެރެއަށް ކައުންސިލް އިންތިހާބު ވެއްދުމަށް ކައުންސިލްގެ ދައުރަށް ބަދަލު ގެނައުން ނުވަތަ އިންތިގާލީ މަރުހަލާއަކުން އެއް ހަމަކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

އަވަސް އަވަހަށް އިންތިހާބުތައް ބޭއްވުމުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހަރަދު ވެސް އިންތިހާ އަށް ބޮޑެވެ. އެ ގޮތުން މައިގަނޑު ތިން އިންތިހާބުގެ އިތުރުން ބައި އިލެކްޝަންތަކަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހެވެ. ކޮންމެ މަހަކުން ދެތިން އިންތިހާބު ބާއްވާތީ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބޭއްވުމަށް އިލެކްޝަނުން ވެސް މަސައްކަތް ކުރިއެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބޭއްވުމަށް މިދިޔަ އަހަރުގެ ތެރޭގައި ގާނޫނު އިސްލާހުކުރުމަށް ވެސް މަސައްކަތް ކުރެވުނެވެ.

އޭރު ގާނޫނުގައި އޮތީ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް ފާސްވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބޭއްވުމަށެވެ. ކައުންސިލްތަކަށް މި ބަދަލު ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަކީ ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތަށް ކުޑަ މުސާރައެއް ހިމެނޭ މަގާމަކަށްވާތީ އެ މަގާމުގައި ދެމި ތިބޭ ފަރާތްތައް މަދުވުމުން އަވަސް އަވަހަށް ބައި އިލެކްޝަން ބާއްވަންޖެހުން އޮތީ އިލެކްޝަންސް ކޮމިޝަނަށް ވެސް ވަރަށް ބޮޑު އުނދަގުލަކަށް ވެފައެވެ. 

ކޮންމެ މަހަކު ދެތިން ބައި އިލެކްޝަން ބޭއްވުމަކީ ދައުލަތަށް ވެސް އޮތް ބޮޑު ބުރައެއް

ބައި އިލެކްޝަންތައް އެއްކޮށް ބޭއްވުމަށް ވަކާލާތުކުރައްވަމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ ކޮންމެ މަހަކު ދެތިން ބައި އިލެކްޝަން ބާއްވަންޖެހޭ އިރު އެއީ ދައުލަތަށް ވެސް އޮތް ބޮޑު ބުރައެއް ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ބަޖެޓް ވެސް އެ ކޮމިޝަނަށް ނުލިބޭތީ އިންތިހާބުތައް ބާއްވަން ވަކިން ބަޖެޓް ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

“މިސާލަކަށް އައްޑޫ ހިތަދޫ ދާއިރާގަ. އެ ދާއިރާ ބެހިފަ އޮންނަ ގޮތުން ވާ ގޮތަކީ ހުރިހާ މެންބަރުންނަކީ ވެސް ހަމަ މުޅި ހިތަދޫ ވޯޓު ލައިގެން ނެގިފަ ހުންނަ ގޮތަށް، ހިތަދޫގަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެންމެ ގޮޑިއެއް ހުސްވި ނަމަވެސް ގާތްގަނޑަކަށް 10 ވަރަކަށް ހާސް މީހުން ވޯޓު ލާނެ،” ފުއާދު ވިދާޅުވެފައި ވެއެވެ. 

ފުއާދު ވިދާޅުވެފައިވާ ގޮތުން ހަރަދު ބޮޑުވަނީ ބައި އިލެކްޝަންތަކުގައި ކިތަންމެ މަދުން މީހުން ވޯޓު ލިޔަސް ޝަރުތު ހަމަވާ އެންމެންނަށް ވޯޓު ކަރުދާސް ޗާޕްކުރަންޖެހުމާއި އޮފިޝަލުން ބޭނުންކުރަން ޖެހުން ފަދަ ކަންކަމުގެ ސަބަބުންނެވެ”. 

ގޮނޑިތަކަށް ހޮވޭ މީހުން އެހާ ޔަގީންކަން ކުޑަ ގޮތެއްގައި ގޮނޑިތަަށް ހޮވޭތީވެ، މިއީ ހަމަ މި ދެންނެވީ ދައުލަތުންވެސް އަދި އަޅުގަނޑުމެންވެސް އަދި އެހެން މުއައްސަސާތަކުންވެސް ވަރަށް ބޮޑަށް ވިސްނަށް ޖެހޭކަމެއް. ދައުލަތުގެ މާލިއްޔަތު އެއީ ހަމަ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ އެކިއެކި ކަންކަން ކުރަން ހުރި ފައިސާ މި ގޮތަށް ބައި އިލެކްޝަންސްތައް ބާއްވަން އެތައް ލައްކަ ރުފިޔާއެއް ކޮންމެ މަހެއްގެ މައްޗަށް ހަރަދުވެގެން ދިޔުމަކީ ވަރަށް ބޮޑު އިސްރާފެއް،” ފުއާދު ވިދާޅުވެފައި ވެއެވެ. 

ރާއްޖޭގައި އިންތިހާބުތައް ބާއްވަމުން އަންނަ ގޮތަށް އިސްލާހުތައް ގެނައުމަށް މީގެ ކުރިން ކަމާ ބެހޭ ވަރަށް ގިނަ ފަރާތްތަކުން ގޮވާލާފައި ވެއެވެ. އިންތިހާބުތައް އެއްކޮށް ބޭއްވުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މީގެ ކުރިން އެކި ފޯރަމްތަކުގައި ގޮވާލާފައި ވެއެވެ. މަޖިލީހުގައި ބައެއް މެންބަރުން ވަކާލާތު ވެސް ކުރެއްވިއެވެ. 

މިދިޔަ ވެރިކަމުގެ ފަސް އަހަރުގެ ދައުރެކޭ އެއްގޮތަށް މި ފަހަރު ވެސް ސަރުކާރަށް ބޮޑު މެޖޯރިޓީއެއް އެބަ އޮތެވެ. މިކަމަށް ހައްލެއް ގެނައުމަށް ބޭނުން ވަނީ ސަރުކާރުގެ ނިޔަތެވެ. މަޖިލީހުގެ މެންބަރުންގެ މެދުގައި އެކަށީގެންވާ ގޮތެއްގައި މަޝްވަރާކުރެވި ދައުލަތަށް ވެސް ފައިދާ ހުރި ގޮތަކަށް މިކަން ކޮޅެއްގައި ޖެއްސުން މުހިންމެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0