އަމިއްލަ ހިޔާލު: ތަރައްޤީގެ ނަމުގައި ގަސްތައް ކަނޑައި ތާރުއަޅައި ރާއްޖެ ހަލާކުގެ ތެރެއަށް

9 މެއި 2024 - 13:36

މިއީ ހަމައެކަނި ރާއްޖެ އަށް ދިމާވެފައިވާ މައްސަލައެއް ނޫންނެވެ. ތަރައްގީވަމުން އަންނަ އަދި ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް މިއީ ބޮޑު މައްސަލައެކެވެ. ތަރައްގީ އަށް ހިންގާ އެކި މަޝްރޫއުތަކުގައި ތިމާވެށީ ގުރުބާންކުރަންޖެހުމެވެ. ނަތީޖާއަކަށްވެފައި ވަނީ ދުނިޔޭގެ ފިނިހޫނު މިނަށް ބޮޑެތި ބަދަލުތަކެއް އައުމެވެ. މޫސުމީ އެތައް މައްސަލަތަކެއް ކުރިމަތިވުމެވެ. ރާއްޖެ އަށް ވެސް މި ވަނީ މިކަން ތަހައްމަލުކުރަން ޖެހިފައެވެ. 

އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެކެވެ. ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ، ނުރައްކާ މިންވަރަކަށް ބިން ތިރި ގައުމެކެވެ. ކަނޑުގައި އުފެދޭ ކުޑަކުޑަ ރާޅަކުން ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިމުގެ ފުރުސަތު އޮވެއެވެ. އިންޑޮނީޝިއާގެ ސުމަޓްރާ އަށް 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައި ބާރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީގައި ރާއްޖެ އަށް ލިބުނު ގެއްލުން އެކަމަށް ފުދެއެވެ. އަދި އޭގެ ފަހުން ވެސް އުދަ އެރުން ފަދަ ހާދިސާތަކުގައި ރާއްޖެ އަށް ލިބުނު ގެއްލުންތައް ބޮޑެވެ. 

advertisement

އެންމެ ފެހިކަން ގަދަ މަގުތަށް މިހާރު އޮތީ ހިޔާކޮޅެއް ނެތި އުޑުތިލަ ހާމައަށް

ރާއްޖޭގެ ރަށްތައް ހަލުވި މިނެއްގައި އަންނަނީ ކުރިއަރަމުންނެވެ. އެ ގޮތުން ރަށްތަކުގެ މަގުތައް ހެދުމަށް ފަހުގެ ސަރުކާރުތަކުން އިސްކަމެއް ދީފައި ވެއެވެ. އެ މަގުތައް ހެދުމަށް ބޮޑެތި ބިޔަ ގަސްތައް ނަގަންޖެހެއެވެ. މާލޭގެ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ހެދުމުގައި ވެސް މިކަން ހިނގީ މި ގޮތަށެވެ. ކުރިން އެންމެ ފެހިކަން ގަދަ މަގެއްގެ ގޮތުގައި އޮތް އަމީނީ މަގު މިހާރު އޮތީ ހިޔާކޮޅެއް ނެތި އުޑުތިލަ ހާމައަށެވެ. އެ މަގުގައި ހުރި ގަސްތައް ޖެހުނީ ނަނގާށެވެ. ބޮޑުތަކުރުފާނު މަގު ހެދުމުގައި ވެސް ކަންވީ އެހެންނެވެ. 

ތޮއްޖެހިފައިވާ މާލޭގެ އިތުރު މަގުތައް ހެދުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތާ އެކު، މާލެ އަށް މިހާރު ވެސް ލިބިފައިވާ ކުޑަ ފެހިކަން ވެސް ނެތި ހިނގައިދާނެއެވެ. މި ފަހަކަށް އައިސް ބައެއްގެ ބުރަ މަސައްކަތުން މާލޭގެ ބައެއް މަގުތައް ވަރަށް ބޮޑަށް ފެހިވެފައި ވެއެވެ. ސޯސަން މަގާއި ޖަނަވަރީ މަގާއި ލޮނުޒިޔާރަތް މަގާއި މާވެޔޮ މަގުގެ އެކި ހިސާބުތަކުގައި ގަސްތައް ގިނައެވެ. ހާއްސަކޮށް މާލޭގެ ބައެއް ސަރަހައްދުތަކުގައި އަނބުގަސްތައް ވެސް އިންދާފައި އެބަހުއްޓެވެ. އެހެން ނަމަވެސް މަގުތައް ހެދުމުގެ ތެރެއިން މި ގަސްތައް ނަގަންޖެހޭނެއެވެ. 

އަމީނީ މަގު ހެދުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ނަގަމުން ދިއުމާ ގުޅިގެން ގިނަ ބައެއް ފާޑުކިޔުން އޭރު އަމާޒުވިއެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ ގަސްތައް ނުނަގައި އެ މަގު ހެދެން ނެތް ކަމަށެވެ. އަދި ނަގާ ބޮޑެތި ގަސްތައް އެހެން ސަރަހައްދުތަކުގައި އިންދާނެ ކަމަށް ބުނެފައި ވެއެވެ. 

އަދި ނަގާ ގަސްތަކުގެ ބަދަލުގައި މަގު ހަދައި ނިމުމުން ގަސްތައް އިންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ. މިހާރު އެ މަގު ވަނީ ހަދާފައެވެ. ގަސްތައް ހެއްދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. އެހެން ނަމަވެސް ކުރިން ހުރި ގޮތަށް ހިޔާ ލިބެން އަދި އަހަރުތަކެއް ނަގާނެއެވެ. 

ކުރިން ހުރި ބޮޑެތި ބިޔަ ގަސްތަކުން ލިބެމުން ދިޔަ ހިޔާ ރުއްތަކުން ލިބޭނޭތަ؟ 

ބޮޑުތަކުރުފާނު މަގުގައި ޖެހީ ކަދުރު ރުކެވެ. ކޮންމެވެސް ވަރަކަށް އެ ރުއްތައް އެބަ ހެދެއެވެ. ބަލާލަން ވެސް ރީއްޗެވެ. ނަމަވެސް ސުވާލަކީ އެއީ ރާއްޖެއާ ގުޅޭ ނުވަތަ އެކަށީގެންވާ ގޮތެއްގައި ހެއްދި ދާނެ ބާވަތެއް ހެއްޔެވެ؟ ނުވަތަ ކުރިން ހުރި ބޮޑެތި ބިޔަ ގަސްތަކުން ލިބެމުން ދިޔަ ހިޔާ އެ ރުއްތަކުން ލިބޭނޭ ހެއްޔެވެ؟ 

މާލެ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ބޮޑެތި ގިނަ ރަށްތަކެއްގެ މަގުތައް ހެދުމުގެ މަސައްކަތް ފާއިތުވި އަހަރުތަކުގައި ވަނީ ކޮށްފައެވެ. މިދިޔަ ސަރުކާރުން ހއ. ހޯރަފުށީގެ ގިނަ މަގުތަކެއްގައި ތާރު އަޅާފައި ވެއެވެ. އެހެން ނަމަވެސް އެ މަގުތަކުގެ ފެހިކަން މިހާރު ވަނީ ނެތި ގޮސްފައެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ އާއި ފުވައްމުލަކު އަދި ދެކުނުގެ ބައެއް އެހެން ރަށްތަކުގެ މަގުތައް ވެސް ތަރައްގީކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދެއެވެ. އެއާ އެކުއެކީގައި އެ ރަށްތަކުގެ ފެހިކަން ވެސް ނެތި ދާނެއެވެ. 

މަގު ހެދުން އެކަންޏެއް ނޫނެވެ. ބިން ހިއްކުމާއި ފަޅުތައް ހިއްކުމުގެ ސަބަބުން ވެސް ރާއްޖޭގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއެވެ. މޫސުމީ ބަދަލުތައް އަންނަމުންދާކަން ކަމާ ބެހޭ ފަރާތްތަކުން އެ ގެންދަނީ ބުނަމުންނެވެ. އޭގެ ނަތީޖާ ވެސް އެބަ ފެނެއެވެ. މިއިން ޒަމާނަކު ރާއްޖޭގެ ހޫނު މިން މައްޗަށް ނުދާ ވަރަށް މި އަހަރުގެ ތެރޭގައި މައްޗަށް ގޮސްފިއެވެ. ގިނަ އަދަދަކަށް ވާރޭ ވެސް ވެހިއްޖެއެވެ. އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ވެސް ބޮޑެވެ. 

ތަރައްގީއަކީ ނޫނެކޭ ބުނެ ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. މަގުތަކުން ފެހިކަން ގެއްލުނު ނަމަވެސް ކޮންމެ މީހަކު ވެސް ބޭނުން ވަނީ ތާރު އެޅި މަގުތަކެވެ. ފަޅުތައް ހިއްކައިގެން ވިޔަސް ރިސޯޓްތައް ހަދަންޖެހެއެވެ. އެއަޕޯޓްތައް އަޅަންޖެހެއެވެ. އިމާރާތްތައް ކުރަންޖެހެއެވެ. މީގެ ކުރިން ފެހިކަން ގަދަ އެތައް ރަށެއް މިހާރު ފެންނަނީ އިމާރާތްތަކުން ފުރިފައިވާ ތަނެވެ. އިގްތިސާދަށް ލިބޭ މަންފާ ކިތަންމެހާ ވެސް ބޮޑެވެ. ނަމަވެސް ގުރުބާންކުރަންޖެހެނީ ތިމާވެއްޓެވެ. 

ތަޖުރިބާކާރުން ދެކޭ ގޮތުގައި ތަރައްގީ ގެނައުމުގައި ވެސް ތިމާވެއްޓަށް އިސްކަންދޭންޖެހެއެވެ. ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްގައި މަގުތައް ހެދުމާއި ބިން ހިއްކުމާއި ފަޅު ކޮނުން ފަދަ ކަންކަން ކުރާ އިރު އޭގެ ސަބަބުން ތިމާވެށި ރައްކާކުރެވޭނެ ގޮތްތަކަށް އިސްކަން ދޭންޖެހެއެވެ. ނޫން ނަމަ ހޫނު ގަދަވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށް ގިރުމަކީ ކުރިމަތިނުވެ ނުދާނެ ކަންކަމެވެ. މިއީ މިހާރު ވެސް ރާއްޖޭގެ ގިނަ ރަށްތައް ތަހައްމަލުކުރަން ޖެހިފައިވާ ކަންކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0