އިރާން ހަނގުރާމައިގައި ރާއްޖެއިން އަމަލުކުރީ ރަނގަޅަށްތަ؟
11 މާޗް 2026 - 13:23
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި، ހާއްސަކޮށް އީރާނާއި، އިސްރާއީލް އަދި އެމެރިކާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ރާޅުތައް މުޅި ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ އައްސޭރިތަކަށް ދަނީ ބިންދަމުންނެވެ. މިފަދަ ނާޒުކު އަދި އުނދަގޫ ދަނޑިވަޅެއްގައި، ދިވެހިރާއްޖެ ފަދަ ކުދި، ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމެއްގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާ ގޮތަކީ ހަމައެކަނި ޑިޕްލޮމެޓިކް ނިންމުމެއް ނޫނެވެ. އެއީ ގައުމުގެ އިގްތިސާދީ މުސްތަގުބަލާއި ދިރިހުރުމާ ސީދާ ގޮތުން ގުޅިފައިވާ ކަމެކެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ރާއްޖެއިން އަރަބި އަދި އިސްލާމީ ގައުމުތަކާ އެކު ސާބިތުވެ, ހުރުމަށް ނިންމި ނިންމުމަކީ، ހަމައެކަނި ދީނީ ނުވަތަ ސަގާފީ ގުޅުމެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް ބެލުމަކީ ގޯހެކެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހަގީގަތްތަކަށް ރިއާޔަތްކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ނިންމާފައިވާ ޕްރެގްމެޓިކް (އަމަލީ ގޮތުން ފައިދާހުރި) ނިންމުމެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
އިގްތިސާދީ މައި ނާރު: އުމްރާނީ ތަރައްގީ އާއި އަރަބި ފަންޑުތައް!
ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެންމެ ލުއި ގޮތްތަކެއްގައި ފޯރުކޮށްދޭ މައިގަނޑު ބައިވެރިންނަކީ މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ މާލީ އިދާރާތަކެވެ. ދުނިޔޭގެ ބޮޑެތި ކޮމާޝަލް ބޭންކުތަކުން ބޮޑު އިންޓްރެސްޓުގައި ލޯނު ނެގުމުގެ ބަދަލުގައި، ރާއްޖެއިން ބަރޯސާވަނީ އަރަބި ފަންޑުތަކުން ދޭ ކޮންސެޝަނަލް (ލުއި) ލޯނުތަކަށެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީގައި މެދު އިރުމަތީގެ ގައުމުތަކުގެ ހިއްސާ ބޮޑެވެ. އެހެންކަމުން ރާއްޖެ އިން އަބަދު ވެސް މެދުއިރުމަތީގެ ގައުމުތަކާ ގުޅުން ބާއްވައެވެ. ބައެއް ސަރުކާރުތަކުގައި މެދު އިރުމަތީގެ ބައެއް ގައުމުތަކާ މައްސަލަ ޖެހުނު ނަމަވެސް ބައިނަލްއަގުވާމީ މައްސަލަތަކުގައި އަދި ޚާރިޖީ ސިޔާސަތުގައި މެދުއިރުމަތީގެ ވިސްނުމާއި ރާއްޖޭގެ ވިސްނުން ވަރަށް އެއްގޮތެވެ.
މިފަދަ ނާޒުކު ބައިނަލްއަގުވާމީ މައްސަލައެއްގައި އަރަބި ގައުމުތަކާ ފެޔަށް ޖެހުމަކީ ނުވަތަ އެ ގައުމުތަކުގެ ޚާރިޖީ މަސްލަހަތާ ފުށުއަރާ ގޮތަކަށް އަމަލުކުރުމަކީ، ރާއްޖެއަށް މިވަގުތު ލިބެން ހުރި މާލީ އެހީތެރިކަމަށް ހުރަސްއެޅިދާނެ ކަމެކެވެ. މުސްތަގުބަލަށް އަދި މިހާރަށް ބަލާއިރު ވެސް ރާއްޖެ އަށް މޮޅު އިތުރު ގޮތަކީ މެދުއިރުމަތީގެ އަރަބި ގައުމުތަކާ ވީހާ ވެސް ގާތުން މަސައްކަތްކުރުމެވެ.
ރާއްޖޭގެ ތަރައްގީގައި އަރަބި މާލީ އިދާރާތަކުގެ ހިއްސާ:
- ސައުދީ ފަންޑް : ރާއްޖޭގެ އިގްތިސާދުގެ މައި ދޮރޯށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ތަރައްގީކުރުމުގެ އެންމެ ބޮޑު މާލީ އެހީތެރިޔާ، ހުޅުމާލޭގެ ބޯހިޔާވަހިކަން
- އަބޫދާބީ ފަންޑް: މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް، ކުނި މެނޭޖްކުރުން (ވެމްކޯ) އަށް އެހީވުން، އުމްރާނީ ތަރައްގީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ބޮޑެތި ގްރާންޓްތަކާއި ލޯނުތައް ދީފައިވޭ.
- ކުވައިތު ފަންޑް : ރަށްރަށުގެ ބަނދަރު ހެދުން، ގޮނޑުދޮށް ހިމާޔަތްކުރުން، ހޮސްޕިޓަލްތައް، 1970 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ އަސާސީ އުމްރާނީ ތަރައްގީގެ އެންމެ ދުވަސްވީ އެއް ބައިވެރިޔާ.
- އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް: ނަރުދަމާ ނިޒާމުތައް، ކަރަންޓުގެ ހިދުމަތް، ކުދި ވިޔަފާރިތަކަށް އެހީވުން، 57 އިސްލާމީ 57 ގައުމު ހިމެނޭ މި ބޭންކުން ރާއްޖޭގެ ރަށްފުށުގެ ތަރައްގީއަށް ގިނަގުނަ އެހީތަކެއް ދީފައިވޭ.
ފަތުރުވެރިކަމާއި ހަކަތައިގެ ރައްކާތެރިކަން
ރާއްޖޭގެ އިގްތިސާދުގެ ލޭނާރަކީ ފަތުރުވެރިކަމެވެ. މެދުއިރުމަތީގެ އެއަރލައިންތަކަކީ (އެމިރޭޓްސް، ގަތަރު އެއަރވޭޒް، އިއްތިހާދު ފަދަ އެއާިލައިންތައް) ޔޫރަޕާއި ދުނިޔޭގެ އެހެން ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން އުފުލައިދޭ މައިގަނޑު ބްރިޖެވެ. އެހެންކަމުން މި އެއާލައިންތައް މެދުވެރިކޮށް ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ އަދަދު ވަރަށް ބޮޑެވެ. މި އެއާލައިންތައް ނިސްބަތްވާ ގައުމުތަކާ އެކު ރާއްޖެއިން އަބަދު ވެސް އަންނަނީ ރަނގަޅު ގުޅުމެއް ދަމަހައްޓަމުންނެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ މަތީ ފަންތީގެ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އަރަބި ދުނިޔެއާ އެކު އޮންނަ ގާތް ގުޅުން ހީނަރުވެއްޖެ ނަމަ، އޭގެ ސީދާ ގެއްލުން ރާއްޖޭގެ ރިސޯޓުތަކަށާއި އޭވިއޭޝަން ދާއިރާއަށް ކުރާނެއެވެ.
ފަތުރުވެރިކަމުގެ އިތުރުން ރާއްޖެއަކީ މެދު އިރުމަތީގެ ތެލަށް ބަރޯސާވެފައިވާ ގައުމެކެވެ. ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމުގައި ވެސް މެދުއިރުމަތީގެ ސަޕްލައި ޗޭނަށް ބަރޯސާވާންޖެހޭތީ، މިއީ ހަކަތައިގެ ރައްކާތެރިކަމާ ވެސް ގުޅިފައިވާ ނިންމުމެކެވެ.
ފަރުދުންގެ ހިޔާލު ތަފާތުވުންތަކާއި ދައުލަތުގެ ޒިންމާ!
މިފަދަ ބޮޑެތި ބައިނަލްއަގުވާމީ މައްސަލަތަކުގައި ގައުމެއްގެ ހައިސިއްޔަތުން ވަކި ގޮތަކަށް ނިންމި ނަމަވެސް، މުޖުތަމައުގެ އެކި ފަރުދުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރުމަކީ ޠަބީއީ ކަމެކެވެ. މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެމެރިކާ އާއި އިޒްރާއީލުން އީރާނަށް އަމާޒުކޮށް ދޭ ހަމަލަތާކާ ގުޅިގެން ހިނގާ ހަމަނުޖެހުންތަކަކަށް ވިޔަސް އޭގެ ތެރެއަށް މެދުއިރުމަތީގެ އިރަބި އިސްލާމީ ގައުމުތައް ވެސް އެ ވަނީ ވަދެފައެވެ.
އީރާނުން ބުނާ ގޮތުން އެ މީހުންނާއި މެދުއިރުމަތީގެ އަރަބި ގައުމުތަކާ އެއްވެސް މައްސަލައެއް ނެތެވެ. އަދި ދެކޮޅުވެރިކަމެއް ވެސް ނެތެވެ. ނަމަވެސް އެ މީހުންގެ މައްސަލައަކީ މެދުއިރުމަތީގައި އެމެރިކާ އިން ގާއިމުކޮށްފައިވާ އިސްކަރީ މަރުކަޒުތަކެވެ. އަދި އީރާނަށް ހަމަލާ ދިނުމުގައި އެ ތަންތަން ބޭނުންކުރުމެވެ. ހަނގުރާމަ ފެށުމުގެ ކުރިން ވެސް އީރާނުން ބުނަމުން ދިޔައީ އެމެރިކާ އިން ހަމަލާ ދީފި ނަމަ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތައް ހަމަލާ ދޭނެ ކަމަށެވެ. ޔޫއޭއީ އާއި ގަތަރާއި އެހެން ވެސް މެދުއިރުމަތީގެ ގައުމުތަކަށް މިހާރު އަމާޒުވަމުންދާ ހަމަލާތަކަކީ އެފަދަ ހަމަލާތަކެއް ކަމަށް ބުނި ނަމަވެސް އީރާންގެ މިސައިލްތައް ހުއްޓުވުމަށް ކުރާ މަސައްކަތްގެ ތެރެއިން މި ގައުމުތަކުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ގެއްލުންތައް ދަނީ ލިބެމުންނެވެ. މިއީ ހަނގުރާމައެއްގެ ތެރޭގައި ކަންވާނެ ގޮތެވެ.
ބައިނަލްއަގުވާމީ މިފަދަ ބޮޑު މައްސަލައެއްގެ ތެރެއަށް ދިވެހި ރާއްޖެ ވަންނަ އިރު ވިސްނަންޖެހެނީ ގައުމީ ހައިސިއްޔަތަކުންނެވެ. މިއީ އާންމު ރައްޔިތުންގެ ވިންދާ ހިލާފަށް ވެސް ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމެކެވެ.
- ވަކިއަތަކަށް ބުރަނުވާ ވިސްނުން: ބައެއް ރައްޔިތުން ދެކޭ ގޮތުގައި، ކުޑަ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ވަކި އަތަކަށް ނުޖެހި، މުޅިން ނިއުޓްރަލް (ވަކި ފަރާތަކަށް ނުޖެހޭ) ސިޔާސަތެއް ގެންގުޅުން މުހިންމެވެ.
- ހުޅަނގުގެ ބާރުތަކަށް ތާއީދުކުރުން: އަނެއް ބަޔަކު ބުރަވަނީ އެމެރިކާ ފަދަ ހުޅަނގުގެ ބާރުތަކާ އެކު ގުޅުން ބަދަހިކުރުމަށެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދީ އަދި އަސްކަރީ ބާރުތަކަށް ވާތީއެވެ.
- ދީނީ އަދި އިންސާނީ ނަޒަރިއްޔާތު: ގިނަ ދިވެހިން ދެކެނީ ދީނީ އަދި އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާއިރު، އަރަބި އަދި އިސްލާމީ އުއްމަތާއެކު ހުރުމަކީ އަހްލާގީ އަދި ދީނީ ވާޖިބެއް ކަމަށެވެ.
ނަމަވެސް، ސަރުކާރެއްގެ އެންމެ އިސް ޒިންމާއަކީ ވަކިވަކި ފަރުދުންގެ ޖަޒުބާތުތަކަށް ވުރެ ބޮޑަށް، މުޅި ގައުމުގެ ޖުމްލަ ފައިދާއަށް ވިސްނައި، ދެމެހެއްޓެނިވި ގޮތަކަށް ދައުލަތުގެ ނިންމުންތައް ނިންމުމެވެ. ރާއްޖޭގެ ދަރަނީގެ ހާލަތާއި، ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ހުރި ގޮންޖެހުންތަކަށް ބަލާއިރު، އަރަބި ގައުމުތަކާ އެކު އެއް ސަފެއްގައި ތިބުމަކީ ދިވެހި ދައުލަތުގެ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނެ، އަދި އެންމެ ރައްކާތެރި މަގެވެ. މި ހަނގުރާމައިގައި އީރާނުގެ ހަމަލާތައް ކުށްވެރިކުރާ ފަދައިން އެމެރިކާ އާއި އިޒްރާއީލްގެ ހަމަލާތައް ވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. އެ ގޮތުން އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށާއި ރާއްޖެއިން އިޒްރޭލް އާއި ހުރިހާ ގުޅުމެއްކަނޑާލައިފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެވެ. މެދުއިރުމަތީގެ ހަމަޖެހުމަށް ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މަގު އިހްތިޔާރުކުރުމަށް ވެސް ރައީސް ވަނީ ގޮވާއްލައްވާފައެވެ..
އިރާން، އިޒްރޭލް އަދި އެމެރިކާގެ މައްސަލައިގައި އަރަބި ގައުމުތަކާ އެކު ރާއްޖެއިން ސާބިތުވެ ތިބުމަކީ ހަމައެކަނި ޑިޕްލޮމެޓިކް ބަޔާނެއް ނޫނެވެ. އެއީ ރާއްޖޭގެ އެއަރޕޯޓުތަކާއި ބްރިޖުތައް ބިނާކުރުމަށާއި، ރިސޯޓުތަކަށް ފަތުރުވެރިން ގެނައުމަށާއި، ދައުލަތް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކުރުމަށް އެޅި ވަރަށް މުހިންމު އިގްތިސާދީ ފިޔަވަޅެކެވެ. ފަރުދުންގެ ލެވެލްގައި ޚިޔާލުތަފާތުވުންތައް އޮތް ނަމަވެސް، ގައުމުގެ ހުންގާނުގައި ތިބޭ ފަރާތްތަކުން މިސްރާބު ކަނޑައަޅަންޖެހެނީ މުޅި އޮޑީގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެންނެވެ. މިއީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ބެލިކަމުގައި ވިޔަސް، ރާއްޖެއަށް މިވަގުތު އޮތް އެންމެ ބުއްދިވެރި ނިންމުމެވެ.


