“ހޭބަލިވެގެން” ދުއްވަނީ، މަރަކަށް ފަހު މަރެއް!

2 ސެޕްޓެމްބަރ 2026 - 12:31

އާންމުކޮށް ނޫސްވެރިކަމުގައި ބޭނުން ނުކުރާ ބަހުރުވަ ބޭނުން ކުރަންޖެހޭ ހިސާބަށް ދަނީ ތަކުރާރުކޮށް ކިޔައިދީގެން ވެސް ކަންކަން ހައްލު ނުވީމައެވެ. ދިވެހި ބަހުގައި “ހޭބަލިވުމަކީ ނިދުމަކާ ނުލައި ހިއްސުތައް ބަންދުވެ، ވާނުވާ ނޭނގުމެވެ. ހަގީގަތުގައި ވެސް މި ފާއިތުވި ދުވަސްތަކުގައި ގާތްގާތުގައި ހިނގައިދިޔަ މަގުމަތީގެ އެކްސިޑެންޓްކަށް ނިސްބަތްކޮށް ބުނެވެން އޮތީ މިހެންނެވެ. ގިނަ އެކްސިޑެންޓްތައް ހިނގާފައި  ހުރި ބާރު ސްޕީޑުގައި ނުވަތަ “ހޭބަލިވެގެން” ދުއްވުމުގެ ސަބަބުންނެވެ. 

ކޮންމެ އެކްސިޑެންޓަކުން އިހުމާލު!

advertisement
advertisement

މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ ވެހިކަލްތައް ގިނަވެ ވަނީ ތޮއްޖެހުން އިތުރު ވެފައެވެ. ހާއްސަކޮށް މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅުވައިލުމާ އެކު ޓްރެފިކްގެ މައްސަލަ އިތުރަށް މި ވަނީ ބޮޑުވެފައެވެ. ހަމައެއާ އެކު ބްރިޖާއި އަދި ހުޅުލެ އާއި ހުޅުމާލެ ގުޅުވައިލާ ލިންކް ރޯޑްގައި ހިނގާ އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ. އަދި ހުޅުމާލޭގެ ދެ ވަނަ ފޭހުގައި ވެސް އެކްސިޑެންޓްތައް ގިނަ އެވެ. ނުރައްކާތެރި އެކްސިޑެންޓްތަކުގައި އެތައް ފުރާނައެއް މިހާރު ވެސް ވަނީ ގެއްލިފައެވެ. 

މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކަށް އެކަނި ބަލައިލި ނަމަވެސް މީހުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ވެފައި ވެއެވެ. ހުޅުމާލެ އަރަން އޮންނަ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަގުގެ އެއްފަރާތުގައި ހުރި ސޯލާ ޕެނަލްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ. އަގު ބޮޑު ކާރުގައި އެ ވަގުތު ކުޑަކުއްޖަކު ވެސް އިނނެވެ. ނަސީބަކުން އެ ކާރުގައި ތިބި ފަރާތްތަކަށް މާ ބޮޑު ގެއްލުމެއް ނުލިބުނަސް ކާރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ސޯލާ ޕެނަލްތަކަށް ބޮޑެތި ގެއްލުންތައް ވެފައި ވެއެވެ. 

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިތަށް މޮޅިވެރިކަން ގެނުވީ ހުޅުމާލެ ދޭއްގެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި އެކްސިޑެންޓްގައި އުމުރުން އެންމެ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާ އިންނެވެ. އެ ކުއްޖާ އަށް ފަރުވާ ދެމުން ދަނިކޮށް އަންގާރަ ދުވަހުގެ ފަތިހި އެ ކުއްޖާ ވަނީ ނިޔާވެފައެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ވެސް ބައެއްގެ ފަރުވާ ކުޑަކަމުންނެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގެއްގެ އެ ފަރާތަށް މަޑުކޮށްފައި އޮތް ކާރަކަށް މަގާވީ ފަޅިން އަރަން ދިޔަ މީހެއް ގައިގައި އަރިމަތިން އައި ސައިކަލު ޖެހި ވެއްޓިގެންނެވެ. އެ ހާދިސާގައި އަނިޔާވީ ސައިކަލް ދުއްވަން އިން 18 އަހަރުގެ އަންހެން ކުއްޖަކާއި ކުޑަ ކުއްޖާއަށެވެ. 

މި ނޫނަސް އެތައް އެކްސިޑެންޓެއް މި ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ހިނގާފައި ވެއެވެ. މީޑިއާތަކުގެ ސުރީހަތަކަށް އައީ މީގެ ތެރެއިން މަދު ހާދިސާއެކެވެ. އެހެން ނަމަވެސް އެތައް ބަޔަކަށް ގެއްލުންތައް ލިބިފައި ވެއެވެ.

އެކަށީގެންވާ ފިޔަވަޅު އެޅޭތަ؟

ކުޑަކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ދެ ކާރެއް ޓޯކޮށްފައިވާ ކަމަށެވެ. ސޯލާ ޕެނަލްތައް ހަލާކުވި އެކްސިޑެންޓްގައި ކާރު ދުއްވި މީހާގެ ލައިސަންސް ހިފެހެއްޓި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކާރު ޓޯކުރުމުގެ ބަދަލުގައި އެ ކާރު އޭގެ ވެރިފަރާތާ ހަވާލުކުރި ކަމަށް ފުލުހުން ހާމަކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަގު ބޮޑު ކާރަކަށް ވުމާއި މުއްސަންޖެއްގެ އުޅަނދަކަށް ވުމުން ތަފާތުކުރީ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. 

އާންމުންނަށް ނުރައްކާވާ ގޮތަށް ދުއްވާ ނަމަ މިއަށް ވުރެ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހެއެވެ. މީގެ ކުރިން އާންމުންގެ ކަންބޮޑުވުން އޮތް އެއްކަމަކީ ހަފުތާ ބަންދާ ދިމާކޮށް ބަޔަކު ބާރު ސްޕީޑުގައި ސައިކަލާއި ކާރު ރޭސް ޖަހާ މައްސަލައެވެ. ފުލުހުން ވަނީ ހަރުކަށި ފިޔަވަޅުތަކަކާ އެކު އެކަން ހުއްޓުވާފައެވެ. އެހެން ނަމަވެސް ގަވާއިދާ ހިލާފަށް ދުއްވުން އަދިވެސް ހުއްޓުމަކަށް ނާދެއެވެ. އަދި މަގުމަތީގައި ސްޓަންޓް ޖެއްސުމާއި ބްރިޖް މަތީގައި ނުރައްކާތެރިކޮށް ދުއްވާތަން އަދިވެސް އާންމުކޮށް ފެނެއެވެ. 

ބޭނުމީ ގާނޫނީ ހައްލެއްތަ؟

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި މަގުތަކުގެ ރައްކާތެރިކަން އިތުރުކުމުގެ މަގުސަދުގައި ޒަމާންވީ ގާނޫނެއް އުވާލައި އާ ގާނޫނަކަށް މި ހަފުތާގައި ވަނީ އަމަލުކުރަން ފަށާފައެވެ. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ގާނޫނުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ސަރުކާރުން ބުނެފައި ވަނީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، ދަތުރުކުރާ ފަރާތްތަކާއި، މަގު ބޭނުންކުރާ އެ ނޫން ވެސް ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތިން، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހާ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމަށްޓަކައި ހަމަތަކާއި އުސޫލްތަކެއް ބަޔާންކުރުން ކަމަށެވެ. މި ގާނޫނުގައި އާ އެތައް ކަމެއް ތައާރަފްކުރުމަށް ކަނޑައަޅާފައި ވެއެވެ. 

އާ ގާނޫނުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ބައެއް އާ ފީތައް ނެގުން ހިމެނެއެވެ. އެ ގޮތުން އެކެއްގެ ނަމުގައި އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު ރަޖިސްޓްރީކުރާ ނަމަ ފީއެއް ދައްކަންޖެހުމާއި ބައެއް އުޅަނދުފަހަރުގެ ފީތައް ބޮޑުކުރުމާއި މަގު ހުރަސްކުރަން ކަނޑައަޅާފައިވާ ތަންތަން ނޫން ސަރަހައްދުތަކުން މަގު ހުރަސްކުރާ ނަމަ ޖޫރިމަނާކުރުމާއި އުޅަނދުފަހަރު މަޑުކުރަން ވަކި އުސޫލްތަކެއް ހެދުން ފަދަ ކަންކަން ވެސް މި ގާނޫނުގައި ހިމަނާފައި ވެއެވެ.  މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ މަގުސަދުގައި އުޅަނދުފަހަރުގެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ކަމަށް ވެސް ކަނޑައަޅާފައި ވެއެވެ. ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދު ކަމަށްވާ މާލެ ސަރަހައްދަށް އަމާޒުކޮށްގެން ތިން އަހަރު ދުވަހުގެ ސަންސެޓް ބާބެއް ވެސް ގާނޫނުގައި ހިމަނާފައި ވެއެވެ. 

އެހެން ނަމަވެސް ސުވާލަކީ މިހާތަނަށް ވެސް މާލޭގެ މަގުތަކުގެ ރައްކާތެރިކަން ދެމެހެއްޓިފައި ނެތީ ގާނޫނެއް ނެތިގެން ހެއްޔެވެ؟ ނޫނެކެވެ! ކުރީގައި އޮތް ގާނޫނުގެ ދަށުން ވެސް ކުރަންޖެހޭ ކަންކަން ނުކުރެވި، ތަންފީޒުނުކުރެވިގެންނެވެ. މާލެ ސަރަހައްދަށް އެތެރެކުރާ އުޅަނދުފަހަރު ލިމިޓްކުރަންޖެހޭ ފަރާތްތަކުން އެކަން ނުކުރެވި ދިގުލައިގެން ދިޔައީ ގާނޫނެއް ނެތިގެން ނޫނެވެ. ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށް ފިޔަވަޅު ނޭޅި ދުއްވާ މީހުންނާއި ހިނގާ މީހުންނަށް މަގުމައްޗަކީ ނުރައްކާތެރި ތަނަކަށް ބަދަލުވީ “ހޭބަލިވެފައި” ތިބުމުންނެވެ. ނުރައްކާތެރިކޮށް ދުއްވާ މީހުންނާއި އިދާރާތައް ވެސް މެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0