ބައްދަލުވުންތަކާއި ހަފްލާތަކަށް ކުރާ ބޮޑު އިސްރާފު ކުޑަކުރަންޖެހޭ!

22 އޯގަސްޓް 2026 - 16:50

ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ އަދި މަގުސަދަގީ ވެސް މަރުކަޒީ ސަރުކާރުން ބޮޑު ހޭދަކޮށްގެން ދޭ ހިދުމަތްތައް ރައްޔިތުންނާ ވީހާ ވެސް ކައިރިން ދިނުމެވެ. ހަރަދު ކުޑަކޮށް ނުވަތަ ކުރާ ހޭދައިން ސީދާ ރައްޔިތުންނަށް މަންފާކުރުމެވެ. ނަމަވެސް ރައްޔިތުންނާ ކައިރިން ހިދުމަތް ދިނުމަށް ގެނެވޭ ބަދަލުތަކުގެ އަގު އިންތިހާ އަށް ބޮޑުވާ ނަމަ މުޅި ނިޒާމުގެ މަހުފޫމް ވެސް އޮޅުނީއެވެ. 

ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ރަށުގެ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ ވެސް މި ނިޒާމުގެ މަގުސަދެކެވެ. އެހެންކަމުން ރައްޔިތުންގެ ހިޔާލު ހޯދައި މަޝްވަރާކުރުމަށް މަދުވެގެން އަހަރަކު ދެ ފަހަރު ޓައުން ހޯލް ބައްދަލުވުން ބާއްވަން ގާނޫނު ލާޒިމް ކުރެއެވެ. މިއީ ބޭރުގެ މިފަދަ ނިޒާމުތަކުގައި ވެސް ހިމެނޭ ކަމެކެވެ. ބައެއް ގައުމުތަކުގައި ރައްޔިތުންގެ ތަމްސީލުކުރާ މެންބަރުންނަށް ވެސް މިކަން ކުރަން ލާޒިމްކޮށްފައި އޮވެއެވެ. އެހެން ނަމަވެސް މި ބައްދަލުވުން ވެސް މި ވަނީ ބޮޑު ސަކަރާތަކަށް ވެފައެވެ. މީގެ އިތުރުން ރަށްރަށުގައި މައި ސަރުކަރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވަޒީރުންނާ މަޝްވަރާކުރުމަށް ވަފުދު ހަދައިގެން މާލެ އަށް ޒިޔާރަތްކުރުމަކީ ވެސް ކައުންސިލްތަކުގައި އޮތް އާދައެކެވެ. 

މާލޭ ސިޓީ ކައުންސިލުން ބައްދަލުވުމަށް އެތައް މިލިއަން ރުފިޔާއެއް!

ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ މިފަދަ ބައްދަލުވުމެއް ބާއްވާފައެވެ. ވަރަށް ހައިބަތު ބޮޑު ބައްދަލުވުމެކެވެ. މުޅި ހޯލުގައި ފޮތި ދަމައި ކައުމާއި ބުއިންތައް ހިމެނޭ ގޮތަށެވެ. މުޅި ބައްދަލުވުމުގެ ހަރަދު 500،000ރ. އަށް ވުރެ ބޮޑެވެ. މި އަހަރު ދެ ބައްދަލުވުން ބޭއްވި އިރު ޖުމްލަ 1.1 މިލިއަން ރުފިޔާ ހޭދަވެފައި ވެއެވެ. 

ބައްދަލުވުމުގެ ހަރަދުތަކުގެ ތަފްސީލްތަކަށް ބަލާއިރު ބައްދަލުވުން އިންތިޒާމުކުރުމަށް އިވެންޓް މެނޭޖްމަންޓް ކުންފުންޏަކަށް 360،000ރ. ދީފައި ވެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަހްމަދު އައިހަމް ނަމަކަށް ކިޔާ މީހަކު ހޯދައި އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުން ބައްދަލުވުން ލައިވްކޮށް ވީޑިއޯ ހެދުމަށް ވެސް 170،000ގާތްގަނޑަކަށް ރ. ހޭދަކޮށްފައިވެ އެވެ. ބައްދަލުވުމުގެ ބެނާ އަށް އެކަނި ވެސް 30،000 އަށް ވުރެ ގިނަ ރުފިޔާ ހޭަދަކޮށްފައި ވެއެވެ. 

އިވެންޓް މެނޭޖްކުރުމަށް ބަޔަކު ހޯދުމަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ އަގުގެ ތެރޭގައި 400 މީހުންގެ ޖާގައިގެ ގޮނޑިއާއި މޭޒު އަތުރައި ކަވަރު އެޅުމާއި، ސައުންޑް، ލައިޓިންގ، ޕޯޑިއަމް އަދި ސްޓޭޖް ބެކްޑްރޮޕް ތައްޔާރުކުރުމާއި 400 މީހުންނަށް ކެއުން ތައްޔާރުކުރުން ފަދަ ކަންކަން ހިމެނިފައި ވެއެވެ. މި ފަދަ ބައްދަލުވުންތަކަށް ދަނީ މަދު ބައެކެވެ.

އެތައް ބައެއްގެ ފާޑުކިޔުން!

ކައުންސިލުން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމު ވުމުން ވެސް އެތައް ބައެއްގެ ފާޑުކިޔުން އޭރު ވެސް އަމާޒުވި އެވެ. މިއީ އަލަށް ކުރާ ކަމަކަށް ނުވާތީ މީގެ ކުރިން ބޭއްވި އެފަދަ ބައްދަލުވުންތަކަށް ވެސް އާންމުންގެ ފަރާތުން ފާޑުކިޔުން އަމާޒުވި އެވެ. ކައިވެނި ހަފުލާއެއްހެން ޖަރީކޮށް މުޅި ތަން ދިއްލައި ފޮތި ދަމައިގެން ރައްޔިތުންނަށް ބައްދަލުކުރަންޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. 

އަނެއްކޮޅުން މާލޭގެ އާބާދީގައި އެތައް ހާސް ބަޔަކު ތިބި އިރު އަދި މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމަކަށްވާ އިރު ހަމަ އެކަނި 400 މީހުންނަށް ބަލައިގެން ކެއުން ތައްޔާރުކުރީ ކޮން އުސޫލަކުން ކަމެއް ނޭނގެއެވެ. ދެތެކެވެ. މިފަދަ ބައްދަލުވުންތަކަށް ކިރިޔާ ހުކުރު ހަމަވާ ވަރަށް މީހުން ދިޔަކަމަށް ވިޔަސް މާލެ ފަދަ ސިޓީއެއްގައި އަދި ވެރިކަން ކުރާ ރަށުގައި ވަކި ބަޔަކަށް ކާންދޭ ގޮތަށް ބައްދަލުވުން ބޭއްވީ ކީއްވެ ހެއްޔެވެ؟ ސުވާލަކީ އެ އަށް ވުރެ ގިނައިން މީހުން ދިޔަ ނަމަ އެ އެންމެންނަށް ކެއުން ދޭން ކައުންސިލަށް މަޖުބޫރު ވާނެ ހެއްޔެވެ؟ ނުވަތަ ވަކި ބަޔަކަށް ކާން ދޭނީ ހެއްޔެވެ؟

ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހުން ދެކޭ ގޮތުން އެފަދަ ބައްދަލުވުމަށް ދާ މީހުންނަށް ކޮންމެހެން ކާންދޭންޖެހޭ ހެއްޔެވެ؟ އަދި މުޅި ތަނުގައި ފޮތި ދަމައި ކުލަ ބޮކި ދިއްލައި ހަވާ އަރުވައިގެން ރއްޔިތުންނާ ބައްދަލުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ 

ފިލްމް އުފައްދާ ކުންފުންޏެއް ކަމަށްވާ ޑާކް ރެއިންގެ ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މުހައްމަދު އަލީ (މޮގާ) ދެކެވަޑައިގަންނަވާ ގޮތުގައި އޮލިމްޕަސް ކުއްޔަށް ހިފިޔަސް އެންމެ ގިނަވެގެން ދާނީ ލައްކައެއްހާ ރުފިޔާ އެވެ. އެއީ ލައިޓާއި ސައުންޑާއި ސްކްރީން ވެސް ހިމެނޭހެން ގިނަ ބަޔަކަށް ޖާގަ އޮތްތަނެކެވެ.

އެހެން މީހަކު ބުނެފައި ވަނީ ސްކޫލް ހޯލެއް ކުއްޔަށް ހިފި ނަމަ ވެސް ހުރިހާ އިންތިޒާމަކަށް އެންމެ ގިނަވެގެން ވެސް ދާނީ 50،000ރ. ކަމަށެވެ. ނަމަވެސް ސްކޫލް ކުއްޔަށް ހިފާކަށް ވެސް ނުޖެހެއެވެ. މާލޭގައި ޕްރީ ސްކޫލްތައް ކަމަށްވާ ގަލޮޅު ސްކޫލް ފަދަ ތަންތަނަކީ ސިޓީ ކައުންސިލްގެ ދަށުގައި ހުރި ތަންތަނެވެ. އެހެންކަމުން އެއީ ހިލޭ ލިބޭނެ ތަންތަނެވެ. ސަލްޓަން ޕާކްގައި ގޮނޑި ޖަހާލައިގެން ވެސް އެކަން ކުރެވުނީ ހެވެ. ބެނާއެއް ދަމާލާލައިގެން އެ ބައްދަލުވުން ބޭއްވިޔަސް ރައްޔިތުން އެކަމާ ޝަކުވާއެއް ކުރާނެހެން ހިޔެއް ނުވެއެވެ. ކާނިވަލާއި އާޓިފިޝަލް ބީޗާއި އަދި ރީތި ބަގީޖާއެއް އޮތް އަދި ގިނަ ކައިވެނި ހަފުލާތައް ބާއްވާ ހެންވޭރު ޕާކަކީ ވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނެވެ. އެ ތަނުގައި ޖަހާނެ ގޮނޑި ސްކޫލްތަކުން ހިލޭ ލިބޭނެ އެވެ. ނުވަތަ އެމްޑީޕީ ފަދަ ޕާޓީއެއްގައި ވެސް ވަރަށް ގިނަ ގޮނޑި ހުންނާނެއެވެ.  ކައުންސިލްގައި ބޮޑު މެޖޯރިޓީއެއް އެމްޑީޕީގެ އޮތް އިރު މޭޔަރު އާދަމް އާޒިމްގެ އެދިވަޑައިގަތުމަކަށް އެ ޕާޓީން ވެސް އެވަރު ކަމެއް ކޮށްދީފާނެއެވެ. 

މޭޔަރު ހަރަދު ދިފާއުކުރެއްވުމުގައި!

މި ހަރަދާ ބެހޭ ގޮތުން މީޑިއާ އިން ރިޕޯޓްކުރުމުން މޭޔަރު އާދަމް އާޒިމް ދެއްކެވީ ސިޔާސީ ވާހަކައެކެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު އަދި ޕީއެންސީ ނުވަތަ ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލްގައި އޮތް އިރު ބޭއްވި ބައްދަލުވުންތަކަށް އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެއްވި ކަމަށާއި މިހާރުގެ ކައުންސިލުން ބޭއްވި ދެ ބައްދަލުވުމަށް ހޭދަވީ މިލިއަނެއްހާ ރުފިޔާ ކަމަށް އާޒިމް ވިދާޅުވިއެވެ. 

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އެ ހަރަދު ދެބައިކުޅަ އެއްބައި އެ ވަނީ ދަށްކުރެވިފައެވެ. އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް އާންމު ރައްޔިތު މީހާގެ ސުވާލަކީ އެވަރު ވެސް ހޭދަކުރަންޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ. އެފަދަ ބައްދަލުވުމެއް ބޭއްވޭ ވަރަށް ކައުންސިލްގައި މުވައްޒަފުންނާއި ވަސީލަތްތައް ނެތީ ހެއްޔެވެ. ނޫނެކެވެ. ކައުންސިލްގެ ބައްދަލުވުންތައް މިހާރު ވެސް ލައިވްކުރެއެވެ. އެހެންކަމުން ލައިވްކުރާ ވަސީލަތްތައް ނެތެކޭ ވެސް ބުނެވޭކަށް ނެތެވެ. ދެން ކޮންމެހެން ޓީވީއަކުން ނުވަތަ އޮންލައިން މީޑިއާތަކުން އެ ޖަލްސާގެ ކަވަރޭޖް ހަދަން ބޭނުން ނަމަ ރާއްޖޭގެ ހުރިހާ މީޑިއާކަށް ދައުވަތު ދީގެން އެކަން ކުރެވުނީހެވެ. ދައުވަތު ދިނުމުން ކޮންމެ ވެސް ބަޔަކު އެކަން ކުރާނެކަން ޔަގީނެވެ.  އެހެންކަމުން އެކަމަށް ވެސް ހޭދައެއް ކުރަންޖެހޭ ހެއްޔެވެ؟ އަނެއްކޮޅުން ކައުންސިލްގެ ކަންކަން ޕްރޮމޯޓްކުރުމަށް މިހާރު ވެސް ބޮޑު މީޑިއާ ޓީމެއް އޮވެއެވެ. ބޮޑު މުސާރަ ދީފައި މީޑިއާ އެޑްވައިޒަރަކު ވެސް ހުރެއެވެ.

ރަށްރަށުގެ ކައުންސިލަރުން މާލެ އައުން!

ރައްޔިތުންނާ ބައްދަލުކުރުން އެކަންޏެއް ނޫނެވެ. ލާމަރުކަޒީ ނިޒާމުގެ އަސްލު އޮޅޭ ގޮތަށް ރަށްރަށުގެ މޭޔަރުންނާއި ކައުންސިލަރުން އިރުއިރުކޮޅާ މާލެ އައުމަކީ ވެސް ހުއްޓާލަންޖެހޭ ކަމެކެވެ. ޒޫމް ކޯލަކުން ނިންމާލެވެން އޮތް ކަމެއްގައި މާލޭގެ ވުޒާރާތައް ވަށައިގެން މުގޯލި އެޅުމަކީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ކުރަން ހެޔޮވާ ވަރު ކަމެއް ނޫނެވެ. މިފަދަ ކޮންމެ ބައްދަލުވުމަކަށް މާލެ އައިސް ހޭދަވާ ކޮންމެ ދުވަހަކަށް ހޭދަކުރަންޖެހެނީ ރައްޔިތުންގެ ޖީބުންނެވެ. މާލޭގައި ހަފުތާއެއްހާ ދުވަހު މަޑުކުރަންޖެހޭ އިރު ތިބުމުގެ ހަރަދާއި ކެއިން ބުއިމާއި މިހެން ގޮސް އެތައް ކަމަކަށް ކައުންސިލްގެ ބަޖެޓުގައި ޖަހާފައި އޮވެއެވެ. 

މިއީ ސީދާ އިސްރާފެކެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިއަށް ވުރެ ރަނގަޅަށް މިކަން އިންތިޒާމު ކުރެވެންޖެހެއެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އޮތް އިރު ވަކި ނިޒާމެއްގެ ތެރެއިން ސަރުކާރުގެ މިނިސްޓްރީތަކުގެ ވެރިންނާ އެކު ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސެންޖެހެ އެވެ. އަދި އެއީ ވަކި އުސޫލެއްގެ ދަށުން އޮންލައިންކޮށް ކުރެވޭނެ ކަމެކެވެ. ރަށްރަށުގެ ތަރައްގީ އަށް މައި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވުޒާރާތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވޭނެ ތާވަލެއް އެލްޖީއޭ އަށް އެކުލަވައިނުލެވެންވީ ސަބަބެއް ނެތެވެ. އަހަރަކު ދެ ފަހަރު ރައްޔިތުންނާ ބައްދަލުކުރަން ލާޒިމްކޮށް ގާނޫނުގައި ލިޔުނު ފަދައިން މިނިސްޓްރީތަކުގެ އަޕްޑޭޓްތައް ދެވޭނެ ގޮތަކަށް ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމެއް ވެސް ހަމަ އެ ގާނޫނަށް ގެންނަ އިސްލާހެއްގެ ތެރެއިން ނުކުރެވެންވީ ސަބަބެއް ނެތެވެ. ބޭނުން ވަނީ ހަރުދަނާ އުސޫލެކެވެ. އެކަމަށްތަކައި ވަފުދު ހަދާފައި މާލެ އައިސް މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އޮޕޮއިންޓްމަންޓަށް އިންތިޒާރުގައި ތިބެންޖެހުމަކީ ލާމަރުކަޒީ ސިފައެއް ނޫނެވެ.

ހަރަދުތައް ކުޑަކުރުން އެންމެންގެ ޒިންމާއެއް!

ސަރުކާރުގެ ހަރަދުތައް ބޮޑު ކަމަށް މޭޔަރު އާޒިމް ވެސް އިރުއިރުކޮޅާ ވިދާޅުވެ އެވެ. އިގްތިސާދީ ދަތި މި ހާލަތުގައި ކައުންސިލުން ކުރާ ހޭަދަ ކުޑަކުރުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. ކައުންސިލްތަކުގެ ހަރަދުތައް ވެސް ހަމަޖައްސަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އެހެންކަމުން ވަޒީރުންގެ ފައިންޕުޅު ދެކެން މާލެ ޒިޔާރަތްކުރުމާއި ބޮޑު ހޭދަކޮށްގެން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުން ފަދަ ކަންކަމަކީ ލާމަރުކަޒު ކުރުމުގެ މަގުސަދާ ހިލާފު ކަމެކެވެ. 

ރައްޔިތުންގެ ބައްދަލުވުންތަކުގައި ބެކް ޑްރޮޕެއް ހެދުމަށް ލައްކައިން ފައިސާ ހޭދަކުރަންޖެހޭ ސަބަބެެއް ވެސް ނެތެވެ. އާދައިގެ ގޮތަކަށް އެކަން ކުރިޔަސް ރައްޔިތުން ޝަކުވާއެއް ނުކުރާނެއެވެ. އިންތިޒާމުތައް ހަމަޖެއްސުމަށް މީހަކު ނެތިއްޔާ ރައްޔިތުންނަށް ގޮވާލިޔަސް ހިލޭ ސާބަހަށް އެކަން ކޮށްލަދޭނެ ބަޔަކު ވެސް ވީހެވެ. ކައުންސިލްގައި ދޭސީންނާއި ބިދޭސީ އެތައް މުވައްޒަފުން މިހާރު ވެސް އެބަ ތިއްބެވެ. 

ދެ ބައްދަލުވުމުގެ ހަރަދު ދެ މިލިއަނުން މިލިއަނަކަށް ތިރިކުރެއްވީތީ މޭޔަރަށާއި ކައުންސިލަށް ޝުކުރު އަދާކުރަންޖެހެއެވެ. ނަމަވެސް އެއީ ވެސް ބޭކާރު ހޭދައެއް ކަމުން ދެން ފަހަރަކުން އެ ހަރަދު ވެސް ނުކޮށްވާނެ ގޮތެއް އޮތް ނަމަ އެ މަގެއް އިހްތިޔާރުކުރުމަށް ގިނަ ބަޔަކު ދަނީ ކައުންސިލަށް ގޮވައިލަމުންނެވެ. ޖަލްސާތައް ބޭއްވުމަށާއި މާލޭ ޒިޔާތްކުރުމަށް ކުރާ ހޭދަ ހުއްޓަލަންޖެހެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0