އިޔާދަކުރަނިވި ހަކަތަ: ގައުމީ ސަލާމަތުގެ މައްސަލައެއް!
14 މާޗް 2026 - 15:06
ދުނިޔޭގެ މަސްރަހުގައި ހިނގާ ކޮންމެ ހަނގުރާމައަކާއި، ސިޔާސީ ކޯޅުމެއްގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ބަޔަކީ ދިވެހިންނެވެ. ރާއްޖޭގެ އިގްތިސާދު ޓުއަރިޒަމުން ލިބޭ އާމްދަނީއެއްގެ މައްޗަށް ބިނާވެފައި އޮތުމަކުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ހަކަތައިގެ ނިޒާމު މުޅިންހެން ބިނާވެފައި އޮތީ ވެސް ބޭރުން އެތެރެކުރާ ތެލުގެ މައްޗަށް ކަމަށް ވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭ ކޮންމެ ފަހަރަކު ދިވެހިރާއްޖޭގެ ނާޒުކު އިގްތޮސާދަށް އޭގެ ލޮޅުން އަރައެވެ.
މިއަދު ފެންނަން އޮތް ހަގީގަތަކީ، އިއާދަކުރަނިވި ހަކަތައަށް ނުވަތަ ސޯލާ ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމަށް ދެކެވޭ ވާހަކައެއް ނޫންކަމެވެ. އެއީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އިގްތިސާދީ މިނިވަންކަމާއި ސީދާ ގުޅިފައިވާ އެންމެ މުހިންމު ދިފާއީ ފިޔަވަޅެވެ.
ތެލުގެ އަގަށް އަންނަ ލޮޅުންތައް!
ފަހުގެ ތާރީހަށް ބަލާއިރު، ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ މާކެޓް ހަލަބޮލިވެއެވެ. ހާއްސަކޮށް ތެޔޮ އުފައްދާ ގައުމުތަކުގެ ހަމަނުޖެހުންތަކުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ހާއްސަކޮށް މިހާރު ފެށިފައިވާ ހަނގުރާމައަކީ ތެޔޮ އުފައްދާ މައި މަރުކަޒަރުތައް ހިމެނޭ ސަރަހައްދު ކަމަށްވުމުން އެހެން ފަހަރުތަކާ ހިލާފަށް ދުނިޔޭގެ އިގްތިސާދަށް ކުރާ އަސަރު ބޮޑުވާނެއެވެ. މިފަދަ ބޮޑެތި ކަންކަމުން މީގެ ކުރިން ވެސް ރާއްޖެއަށް ކުރި އަސަރު ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.
• ރަޝިއާ-ޔޫކްރެއިން ހަނގުރާމަ (2022): މި ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އެރިއެވެ. މީގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ދައުލަތުގެ ބަޖެޓުން ކުރިން އަންދާޒާކުރި ވަރަށް ވުރެ އެތައް މިލިއަން ޑޮލަރެއް އިތުރަށް ހަރަދުކުރަން މަޖުބޫރުވިއެވެ. މިއީ ރާއްޖޭގެ ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެގެންދިޔަ މައިގަނޑު އެއް ސަބަބެވެ.
• މެދުއިރުމަތީގެ ނުތަނަވަސްކަން: ފަހަކަށް އައިސް ރަތް ކަނޑުގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، މެދުއިރުމަތީގެ ހަނގުރާމަތަކުގެ ސަބަބުން ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރާ މަގުތަކަށް ހުރަސްއެޅި، ޝިޕިންގ ފްރެއިޓް (މުދާ އުފުލުމުގެ އަގު) ވަނީ އެތައް ގުނައެއް ބޮޑުވެފައެވެ.
މިކަންކަމުން ސާބިތުކޮށްދެނީ، ދުނިޔޭގެ ކޮންމެވެސް އެހެން ކަންކޮޅެއްގައި ބަޔަކު ކުރާ ހަނގުރާމައެއްގެ އަގު، ކަރަންޓު ބިލާއި ތަކެތީގެ އަގު ބޮޑުވުމުގެ ސިފައިގައި ދިވެހި ރައްޔިތުންގެ ޖީބުން ދައްކަން މަޖުބޫރުވެފައި އޮތް ކަމެވެ.
ތެލަށް ކުރާ ބޮޑު ހޭދަ އާއި އިގްތިސާދީ ނުރައްކާ!
ރާއްޖެއަކީ ހަކަތަ އުފައްދާ ގައުމެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ ހުރިހާ ކަމެއް ވެސް ބިނާވެފައި ވަނީ ބޭރުން އެތެރެކުރާ ހަކަތައިގެ ބާވަތްތަކަށެވެ. ދައުލަތުގެ ބަޖެޓާއި އާމްދަނީގެ އިންތިހާއަށް ބޮޑު އިންސައްތައެއް ހޭދަކުރަނީ ޑީސަލް އާއި ޕެޓްރޯލް އަދި ގޭހުގެ ބާވަތްތައް ގަތުމަށެވެ. ރާއްޖެއިން ކޮންމެ އަހަރަކު ގާތްގަނޑަކަށް 500 މިލިއަނާއި 800 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް، ހަމައެކަނި ތެޔޮ އެތެރެކުރުމަށް ހަރަދުކުރެއެވެ.
ތެލަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ސަބްސިޑީއެއް ދޭ ބާވަތެކެވެ. ބާޒާރުގައި ތެލުގެ އަގު މާ ބޮޑަށް މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރުން ބޮޑު ސަބްސިޑީއެއް ދެއެވެ. އެ ގޮތުން މަސްވެރިންނަށް ތެޔޮ ދޫކުރުމަށާއި ކަރަންޓް ބިލް ބޮޑުވިޔަ ނުދިނުމަށް ދައުލަތުން ސަބްސިޑީގެ ގޮތުގައި ބޮޑު ހޭދައެއް ކުރެއެވެ. ތެލުގެ އަގު ބޮޑުވުމުން އާންމު ރައްޔިތުންނަށް ދޭ ކަރަންޓުގެ އަގު ހެޔޮކުރުމަށްޓަކައި ސަރުކާރުން ކަރަންޓު ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އަހަރަކު އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރެއެވެ.
ހަކަތަ އުފެއްދޭ މިންވަރާއި ސޯލާގެ ހަކަތައިގެ ހިއްސާ!
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ޑީސަލް ޖަނަރޭޓަރުތަކަށެވެ. މީގެ އިތުރުން އޮޑި ދޯނިފަހަރުގައި ޑީސަލާއި ޕެޓްރޯލް ގިނަ އަދަދަކަށް ބޭނުންކުރެއެވެ. މުޅި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 95 އަށް ވުރެ ގިނަ އިންސައްތަ އުފައްދަނީ ޑީސަލް އަންދައިގެންނެވެ.
ފަހަކަށް އައިސް ބައެއް ރަށްރަށުގައި ސޯލާ ޕެނަލްތައް ހަރުކޮށްފައި ވެއެވެ. ބައެއް އިމާރާތްތަކުގައި ކޮންމެ ވެސް ވަރަކަށް ސޯލާ ޕެނަލްތައް ޖަހާފައިވާ އިރު ގެސްޓްހައުސް އަދި އުސް އިމާރާތްތަކުގައި ފެން އުފެއްދުމަށް ސޯލާ ހަކަތަ މިހާރަކަށް އައިސް ބޭނުން ކުރެއެވެ. ބައެއް ރިސޯޓްތަކުގައި ވެސް ސޯލާ ހަކަތަ ބޭނުންކުރުމަށް އިސްކަން ދެއެވެ. ނަމަވެސް މިއީ މައުނަވީ ގޮތެއްގައި ކުރެވޭ ކަމެއް ނޫނެވެ. ގައުމީ ފެންވަރުގައި ބަލާއިރު އިއާދަކުރަނިވި ހަކަތައިގެ ހިއްސާ އުޅެނީ ގާތްގަނޑަކަށް 4 – 5 ޕަސެންޓާ ދެމެދުގައެވެ. އަހަރަކު 2،700 އަށް ވުރެ ގިނަ ގަޑިއިރު އިރުގެ އަލިކަން ލިބޭ ގައުމަކަށް ވާއިރު، މިއީ އިންތިހާއަށް ދަށް އަދަދެކެވެ.
ހަކަތައިގެ މިނިވަންކަމަށް އިސްކަންދޭންޖެހޭ ސަބަބު!
ސިޔާސީ މަންފާއަށްޓަކައި ހިންގާ ބޮޑެތި އުމްރާނީ މަޝްރޫއުތަކަށް ވުރެ، މުޅި ގައުމު ސޯލާ ހަކަތައަށް ބަދަލުކުރުމަށް މިއަދު އިސްކަންދޭން އެބަޖެހެއެވެ. އާބާދީ ކުޑަ ރަށްރަށުގައި 15 ނުވަތަ 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެއަރޕޯޓް އެޅުމާއި، ބޭނުން ނުކުރާ ގޮތަށް ފަޅަށް ހުންނަ ބިންތައް ހިއްކުމާއި، މަދު ބަޔަކު ދިރިއުޅޭ ރަށްރަށުގައި ތާރު އަޅައިގެން މަގު ހެދުމުގެ އިތުރުން، ބޭނުންވާ ވަރަށް ވުރެ މާ ބޮޑެތި ބަނދަރުތައް ހެދުމަށް އެތައް މިލިއަން ޑޮލަރެއް ދަނީ ހޭދަކުރަމުންނެވެ. މިއީ ދައުލަތަށް އާމްދަނީއެއް ނުލިބޭނެ ކަންކަމެވެ.
ތާރު މަގަކުން ނުވަތަ ބޮޑު ބަނދަރަކުން ޤައުމުގެ ޑޮލަރު ރިޒާވް ސަލާމަތެއް ނުކުރެވޭނެއެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ނުލިބިއްޖެ ހާލަތެއްގައި ނުވަތަ ތެލުގެ އަގު އަތްނުފޯރާ ފަށަށް ހިނގައްޖެ ނަމަ، ކިތަންމެ ރީތި އެއަރޕޯޓެއް އޮތް ނަމަވެސް، ރަށަށް ކަރަންޓު ނުލިބޭ ނަމަ އެ ތަންތަނުގެ އެއްވެސް ބޭނުމެއް ނުހިފޭނެއެވެ.
ރަނގަޅު އިންވެސްޓްމަންޓެއް ބޭނުންވޭ!
މުޅި ރާއްޖެ އެއްކޮށް އިޔާދަކުރަނިވި ހަކަތަ އަށް ނުވަތަ ސޯލާ ހަކަތައަށް ބަދަލުކުރުމަކީ ކުޑަ ހަރަދަކުން ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް، ސޯލާ ޕެނަލްތައް ހަރުކުރުމާއި ބެޓެރީ ނިޒާމު ގާއިމުކުރުމަށް ގާތްގަނޑަކަށް އެއް ބިލިއަނާއި 1.5 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް އަންދާޒާކުރެވެއެވެ. މިއީ އެއްފަހަރާ ކުރަން ބޮޑު ހަރަދެއް ނަމަވެސް، އަހަރަކު ތެލަށް ކުރާ 500 މިލިއަން ޑޮލަރުގެ ހަރަދު އެއްކޮށް ސަލާމަތް ކުރެވޭނެތީ، މި ފައިސާ އަނބުރާ ހޯދުމަށް ނަގާނީ ތިންނެއް ނުވަތަ ފަސް ވަރަކަށް އަހަރެވެ.
ގައުމީ ސަލާމަތުގެ މައްސަލައަކަށް ވާގޮތް!
ގައުމީ ސަލާމަތަކީ ހަމައެކަނި ބޭރުގެ ފަރާތަކުން ދީފާނެ އަސްކަރީ ހަމަލާއަކުން ރައްކާތެރިވުމެއް ނޫނެވެ. ދިވެހިންނަށް ބޯފެން ފޯރުކޮށްދިނުމާއި، ހޮސްޕިޓަލްތައް ހިންގުމާއި، ކާބޯތަކެތި ރައްކާތެރިކުރުމާއި މުވާސަލާތީ ޚިދުމަތްތައް ދިނުން ގުޅިފައިވަނީ ކަރަންޓާއެވެ. ބޭރު ގައުމުތަކުން ތެޔޮ ނުލިބިއްޖެ ހާލަތެއްގައި މުޅި ރާއްޖެ ހުއްޓުމަކަށް އަންނާނެއެވެ. އެހެންކަމުން، ބޭރުގެ ހަކަތައަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ގައުމުގައި އުފެއްދޭ ހަކަތައަށް ބަރޯސާ ވާންޖެހެއެވެ. ރާއްޖެއަކީ މިހާތަނަށް ތެޔޮ ހުރިކަން ޔަގީންކުރެވިފައިވާ ގައުމެއް ނޫނެވެ. ކޮންމެ ވެސް ވަރެއްގެ ދިރާސާތަކެއް އެކަމާ ގުޅިގެން ކުރި ނަމަވެސް ތެޔޮ ނެގިދާނެ ކަމުގެ މާބޮޑު ހެއްކެއް ނެތެވެ.
އެހެން ނަމަވެސް ރާއްޖެއަކީ ދުނިޔޭގެ އިކުއޭޓާގައި އޮތް ގައުމަަކަށް ވުމުން އެންމެ ގިނަ ދުވަހު އަވިދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެހެންކަމުން ހަކަތަ އުފެއްދުމަށް އޮތް އެންމެ ތަނަވަސް ފުރުސަތަކީ އިރުގެ އަވި ނުވަތަ ސޯލާ ބޭނުންކުރުމެވެ. މިއީ ރާއްޖޭގައި ކުރެވިދާނެ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. ބިޔަ ނޫން ވިޔަސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސޯލާ ހަކަތަ މިހާރު ވެސް އެބަ ބޭނުން ކުރެއެވެ. މާލެ އާއި ހުޅުމާލެ ގުޅުވައިލާ ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކަކީ އެކަން ކުރެވިދާނެކަމުގެ ހެކިތަކެވެ.
އިރުގެ އަވީގެ އިތުރުން ކަނޑުގެ ރާޅު ބޭނުންކޮށްގެން ވެސް ހަކަތަ އުފައްދައެވެ. ރާއްޖޭގައި މިފަދަ މަޝްރޫއެއް މިހާތަނަށް ހިންގާފައި ނެތް ނަމަވެސް މިއީ ވެސް އަޖުމަ ބެލިދާނެ ކަމެކެވެ. މޫދުގެ އޮއިވަރު ބޭނުންކޮށްގެން އެކަން ކުރެވިދާނެއެވެ.
ސަރުކާރުގެ ވިސްނުން!
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް މަގުޗާޓެއް ވަނީ އެކުލަވާލާފައެވެ. ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރިއަށް އޮތް ތަނުގައި އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެއިން ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ކަމަށް މަގުފަހިކުރުމުގެ ގޮތުން އިގްތިސާދީ ހާއްސަ ސަރަހައްދުތައް ކަނޑައެޅުމުގައި ހަކަތައިގެ މަޝްރޫއުތަކަށް އިސްކަންދިނުމަށް ސަރުކާރުން ވަނީ ގާނޫނަށް ބަދަލު ގެނެސްފައެވެ. އެ ގޮތުން ރައީސް ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންސް އެކްޓްގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން އިއުލާންކުރައްވާފައެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވާ ގޮތުން 2027ގެ ނިޔަލަށް ސޯލާ ހަކަތައިގެ ބޮޑު މަޝްރޫއެއް ނިންމުމަށެވެ. އެ ގޮތުން މީގެ އަހަރެއްހާ ދުވަސްކުރިން ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ އިރުގެ އަވިން 100 މެގަވޮޓު އުފައްދާފައި ނެޝެނަލް ގްރިޑަށް ފޯރުކޮށްދިނުމަށްޓަކާ މާލެ އަތޮޅުން ފަޅެއްގައި ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނިމިކް ޒޯން ޑިވޮލޮޕްމެންޓް ޕާމިޓް އިޝޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަން ކުންފުނިން މާލެ އަތޮޅުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފަށާފައެވެ. އެ ގޮތުން އެކަމަށް ބޭނުންވާ ބިން ހިއްކުމާއި މަޝްރޫއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެ ގެނެސްފައިވާ ކަން ޑިސެމްބަރު މަހު ސަރުކާރުން އިއުލާނުކޮށްފައި ވެއެވެ.
އިކޮނިމިކް މިނިސްޓްރީން ކުރިން ބުނެފައި ވަނީ ހުޅުމާލެއާ ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ބޭރުގައި ހިންގާ ޕްރޮޖެކްޓް ސޯލާ ސިޓީގެ ދަށުން، ކަނޑުއަޑިން އަޅާ ކޭބަލެއް މެދުވެރިކޮށް ގައުމީ ކަރަންޓު ވިއުގަޔާ ގުޅާލެވޭ ބޮޑު ފްލޯޓިންގ-ސޯލާ ޕްލެޓްފޯމެއް ބަހައްޓާނެ ކަމަށެެވެ. އަދި އަވިން ހަކަތަ އުފައްދާ ނިޒާމު ބެހެއްޓުމާއި، ބެޓެރި ސިސްޓަމް އަދި މި ނިޒާމު ރަށްތަކާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެޝަން ވިއުގަ ގާއިމުކުރާނެ ކަމަށް ވެސް ބުނެފަައި ވެއެވެ. މިއީ 187 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ މެދު އިރުމަތީގެ ގައުމުތައް ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ދިވެހި ރާއްޖެއިން އެންމެ ބޮޑަށް ވިސްނަންޖެހިފައިވާ އެއް ކަމަކީ ރާއްޖެ އަށް ބޭނުންވާ ތެޔޮ ހޯދުމެވެ.
ތެލުގެ އަގު މިހާރު ވެސް ހުރީ ރޮކެޓެއްހެން މައްޗަށް ހިފާފައެވެ. ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އަރާނެ ކަމަށް ބައެއް ފަރާތްތަކުން އަންދާޒާކުރާ އިރު މި އަދަދަށް ބޮޑުވެއްޖެ ނަމަ ތެލަށް ކުރާ ހޭދަ އިންތިހާ އަށް ބޮޑުވާނެއެވެ. މިއީ މުޅި އިގްތިސާދު ހުއްޓުމަކަށް އަތުވެދާނެ ފަދަ ކަމެކެވެ. މީގެ ސަބަބުން ބިޔަ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ނުލިބުމާއި ތަކެއްޗާއި ހިދުމަތުގެ އަގު އިންތިހާ އަށް ބޮޑުވުމާއި މިހެން އިގްތިސާދީ ބޮޑު ކާރިސާއަކަށް ވެއްޓުމުގެ ބިރު މިވަނީ ބޮޑުވެފައެވެ.
ތެލުގެ އަގު ބޮޑުވުން އެކަންޏެއް ނޫނެވެ. މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުން އެހެން ސަރަހައްދުތަކަށް ތެޔޮ ބޭރުކުރުން ވެސް ވަނީ ހުރަހަކަށް ވެފައެވެ. ރާއްޖެއިން ތެޔޮ ގެންނަ އޮމާން ފަދަ ގައުމުތަކުގެ ކާރުހާނާތަކަށް ވެސް ހަމަލާތައް އަމާޒުވަމުން އެބަ ދެއެވެ. އެހެންކަމުން މިއީ ހަކަތައާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތު މުރާޖައާކޮށް އާ ސްޓްރެޓެޖީތަކެއް ހަދަންޖެހިފައިވާ ދަނޑިވަޅެކެވެ.
ދުނިޔޭގެ މަސްރަހު އޮތްގޮތުން، ތެލުގެ މައްޗަށް ބިނާވެފައި އޮތް އިގްތިސާދެއް ހިފައިގެން ކުރިއަށް ދިއުމަކީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެކެވެ. ކޮންކްރީޓް މަޝްރޫއުތަކަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރުމުގެ ބަދަލުގައި، ދައުލަތުގެ ބަޖެޓާއި ބޭރުގެ ލޯނުތަކުގެ މިސްރާބު ސޯލާ ހަކަތައަށް އަނބުރާލަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. މިއީ ހަމައެކަނި ކަރަންޓު ބިލުގެ މައްސަލައެއް ނޫނެވެ. މިއީ ދިވެހި ދައުލަތުގެ ވިންދާއި ގުޅިފައިވާ ޤައުމީ ސަލާމަތުގެ މައްސަލައެކެވެ.


