މޯދީގެ އިލްތިމާސް: ރާއްޖެ އަށް އަސަރުކުރާނީ ކިހާވަރަކަށް؟

19 މެއި 2026 - 9:31

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ އިގްތިސާދު އަޑިއަޅާނުލައި ހިފެހެއްޓި މައިގަނޑު އެއް ސަބަބަކީ އެހެން ގައުމުތަކަށް ވުރެ ކުރިން ރާއްޖޭގެ ބޯޑަރު ޓުއަރިސްޓުންނަށް ހުޅުވާލުމެވެ. ނަތީޖާއަކަށްވީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުވެފައި ތިބި އެތައް ބަޔަކު އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެކި ރާއްޖެ އައުމެވެ. ހާއްސަކޮށް އަވަށްޓެރި އިންޑިއާ އިންނެވެ. ކޮވިޑްގެ ބަލިމަޑު ކަމަށް ފަހު އެންމެ ރަނގަޅު މާކެޓެއްގެ ގޮތުގައި އޮތީ ވެސް އިންޑިއާ އެވެ. ރާއްޖެ އިން ވެސް އިންޑިއާގެ މާކެޓަށް ހާއްސަ ސަމާލުކަމެއް ދިނެވެ. އިންޑިއާގެ މަޝްހޫރު ފަންނާނުން މެދުވެރިކޮށް އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރިއެވެ. ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިންޑިއާގެ މާކެޓް ރަނގަޅުވުމެވެ. 

ސިޔާސީ ދެބަސްވުމުގެ އަސަރު!

advertisement

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކާއި، މަރުކަޒީ ބޭންކުގެ ރިޕޯޓުތަކުގެ އިތުރުން ސަރަހައްދީ އިގްތިސާދީ ނިޝާންތަކަށް ބަލާއިރު، ރާއްޖޭގެ އިގްތިސާދުން ހިފެހެއްޓުންތެރިކަމެއް ދެއްކި ނަމަވެސް، ބޭރުގެ ސިޔާސީ އަދި މެކްރޯއިކޮނޮމިކް ބަދަލުތަކަށް ރާއްޖެ ބިނާވެފައި އޮތް މިންވަރު އަދިވެސް ވަރަށް ބޮޑެވެ.

ކޮވިޑަށް ފަހު އިންޑިއާ އޮތީ ރާއްޖޭގެ އެއް ނަންބަރު މާކެޓްގެ ގޮތުގައެވެ. އަދި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އައި މާކެޓަކީ ވެސް އެއީ އެވެ. ހަމަ އެކަނި މެދު ފަންތިއެއް ނޫނެވެ. އިންޑިއާގެ ވިޔަފާރިވެރިންނާއި އެކި ދާއިރާތަކުގެ ފަންނާނުންނާއި މުއްސަނދި ކްރިކެޓް ކުޅުންތެރިންގެ މަންޒިލަކަށް ވެސް ވީ ރާއްޖެއެވެ. ނަތީޖާއަކަށްވީ އެ މީހުންގެ ދިރިއުޅުން ކޮޕީ ކުރަމުން އައި އެތައް ބަޔަކު ރާއްޖެ އަށް ހިތްޖެހުމެވެ މީގެ ކުރިން އެ މީހުންގެ ހުވަފެނީ މަންޒިތައް ކަމަށްވާ ޔޫރަޕާއި ނިއު ޒީލެންޑް ފަދަ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ވެސް ހިމެނުނެވެ. 

އެހެން ނަމަވެސް މި ކުރިއެރުން ހަމަ ކުއްލިއަކަށް ހުއްޓުނެވެ. ސަރުކާރު ބަދަލުވުމާ ގުޅިގެން ޚާރިޖީ ސިޔާސަތަށް އައި ބަދަލުތަކާ އެކު ދެ ގައުމުގެ ގުޅުން ގޯސްވި އެވެ. އަދި ރާއްޖޭގެ ވެރިންގެ ބަސް މަގު ހުރި ގޮތުން އިންޑިއާގެ ސިޔާސީ ފަރާތްތަކުން ވެސް ރާއްޖެ އަށް ރައްދު ދެމުން ގެންދިއުމުގެ ނަތީޖާއަކަށްވީ ވާހަކަތައް ވިހަވެ ރާއްޖެ ބޮއިކޮޓްކުރުމުގެ ހަރަކާތްތަކެއް ފެށިގެން ދިއުމެވެ. އޭގެ އަސަރު ހަމަ ކުއްލިއަކަށް ޓުއަރިޒަމަށް ކުރަން ފެށިއެވެ. އިންޑިއާގެ ރައްޔިތުންނަކީ ވަތަނީ ބައެކެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބީޖޭޕީގެ ސަރުކާރުގެ މަތި އޮމާންކުރަން ގެންގުޅޭ އައިޓީ ސެލްތަކަކީ ނުފޫޒު ގަދަ ވިއުގައެކެވެ. ރާއްޖެ ބޮއިކޮޓްކުރުމުގެ ހަރަކާތުގެ މުގުލުގައި ތިބީ ވެސް އެ ސެލްތަކެވެ. ނަތީޖާއަކަށްވީ އިންޑިއާ އިން ރާއްޖެ އަށް އަންނަ ޓުއަރިސްޓުންގެ އަދަދު ގާތްގަނޑަކަށް ހުއްޓުވުމަކަށް އައުމެވެ.  އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސް، 2024 ގެ މެދުތެރެއާ ހަމައަށް އައިއިރު އިންޑިއާ ވަނީ ހަވަނަ އަށް ވެއްޓިފައެވެ.

އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން އަންދާޒާކުރާ ގޮތުން ނަމަ އޭގެ ސަބަބުން ދެ ބިލިއަނެއްހާ ޑޮލަރުގެ ގެއްލުން ރާއްޖެ އަށް ލިބުނެވެ. ނަމަވެސް އޭރު އެހެން މާކެޓްތައް ވެސް ރަނގަޅުވެފައިވުމާއި ކޮވިޑްއާ ގުޅިގެން އެއްކޮށްހެން ހުއްޓިފައި އޮތް ޗައިނާ މާކެޓަށް އަލުން ދިރުން ލިބެން ފެށުމުން މުޅި އިގްތިސާދަށް އޭގެ އެނގުމެއް މާ ބޮޑު ނުވީއެވެ. 

ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބި ދެ ގައުމުގެ ވެރިންގެ ބައްދަލުވުމަށް ފަހު އިންޑިއާގެ ޓުއަރިސްޓުން ރާއްޖެ އައުން އިތުރުވާން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މޯދީގެ އާ އިލްތިމާސް!

އީރާނު ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ދަނީ ނޭދެވޭ އަސަރުކުރަމުންނެވެ. ހާއްސަކޮށް އީރާންގެ ތެލަށް ބަރޯސާވެފައިވާ އިންޑިއާގެ އިގްތިސާދަށް ވަރަށް ބޮޑަށް ދަނީ އޭގެ އަސަރުކުރަމުންނެވެ. ޕެޓްރޯލްގެ އަގު އުފުލި ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި ފައިސާގެ އަގު ވެއްޓެމުން ދިއުމުގެ ނަތީޖާއަކީ ހަރަދު ކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ވެސް މަޖުބޫރުވުމެވެ. ހަރަދު ކުޑަކުރުމަށް އިންޑިއާ ސަރުކާރުން ވެސް ދަނީ ބާރު އަޅަމުންނެވެ.

ދާދި ފަހުން ބޮޑު ވަޒީރު މޯދީ ވަނީ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްތަކެއް ކުރައްވާފައެވެ. މައިގަނޑު ގޮތެއްގައި މި އިލްތިމާސްތައް ބިނާވެފައި ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާ އެވެ. މޯދީގެ އިލްތިމާސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގައުމުން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މި ވަގުތު ނުކުރުމަށް ރައްޔިތުންނަށް ކުރި އިލްތިމާސް އެވެ. މީގެ އިތުރުން ވެސް ރަން ގަނެ ރައްކާކުރުން މަޑު ޖައްސާލުމާއި ހަރަދުތައް ކުޑަކުރުމަށް އެޅެން ހުރި އެހެން ފިޔަވަޅުތައް އެޅުމަށް ވެސް މޯދީ ވަނީ އިލްތިމާސްކުރައްވާފައެވެ. މޯދީގެ މި އިލްތިމާސްތަކަކީ މައިގަނޑު ގޮތެއްގައި އިންޑިއާގެ އަމިއްލަ ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަކުރުމަށާއި ފޮރިން އެކްސްޗޭންޖް ރިޒާވް ހިފެހެއްޓުމަށް އެޅި ފިޔަވަޅުތަކެކެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި އިލްތިމާސްގެ ސަބަބުން ސީދާ ގޮތެއްގައި ރާއްޖެ އަށް އަސަރުތައް ކުރާނެއެވެ. ސަބަބީ 2024 ވަނަ އަހަރުގެ ތެރޭގައި އުފެދުނު ސިޔާސީ ދެބަސްވުމުގެ ސަބަބުން އަޑިއަޅާލާފައިވާ އިންޑިއާ މާކެޓް ކުރިއަރަމުން އަންނަނިކޮށް ދަތުރުތައް މަޑުޖައްސާލުމަށް މޯދީ ގޮވައިލެއްވުމެވެ. މޯދީގެ މި ގޮވައިލެއްވުމާ އެކު ބީޖޭޕީގެ އައިޓީ ސެލްތަކުން ދަނީ މިކަން ޕްރޮމޯޓްކޮށް ގައުމުން ބޭރުވާ ފައިސާގެ އަދަދު މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ޕްރޮމޯޓްކުރަމުންނެވެ. އެ ގޮތުން ޗުއްޓީ ހޭދަކުރުމަށް ގައުމުން ބޭރަށް ދިއުމުގެ ބަދަލުގައި ގައުމުގައި ހުރި އެފަދަ ފުރުސަތުތަކަށް މީހުން ހިތްޖެއްސުމުގެ އާ ކެމްޕެއިނެއް ވަނީ ފަށާފައެވެ. މީގެ އަސަރު ކުއްލިއަކަށް ނުކުރި ނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު ރާއްޖެ ފަދަ މަންޒިލްތައް އިންޑިއާގައި ޕްރޮމޯޓްކުރުމަށް ހުރު ފުރުސަތުތަކަށް ހުރަސް އެޅި އިންޑިއާގެ މާކެޓް އަނެއްކާ ވެސް ވެއްޓޭނެ ކަމަށް އަންދާޒާކުރެވެެ އެވެ. 

ޗައިނާގެ މާކެޓް ރަނގަޅު!

ޓުއަރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާގެ މާކެޓް މިޙާރު ރަނގަޅެވެ. ހާއްސަކޮށް ޔޫރަޕްގެ ހޫނު މޫސުމުގައި ރާއްޖެ އަށް ޓުއަރިސްޓުން މަދުވެ ލޯ ސީޒަންގައި ޓުއަރިޒަމަށް ކުޑަ ވެސް ދިރުމެއް ލިބެނީ ޗައިނާ އާއި އިންޑިއާ އަދި އިރުމަތީ އޭޝިޔާގެ މާކެޓްތައް ރަނގަޅު ވެގެންނެވެ. 

މި ވަގުތަށް ބަލާއިރު ޗައިނާ އޮތީ ރާއްޖޭގެ ޓުއަޒިމް މާކެޓްގެ އެންމެ ކުރީގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނަމަ އެޕްރީލް މަހު ޗައިނާ ވަނީ މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް 100،000 ޓުއަރިސްޓުން ހަމަވި ފުރަތަމަ ގައުމަކަށް ވެފައެވެ. އަދި 15 ޕަސެންޓްގެ ކުރިއެރުމެއް ވެސް ދައްކައެވެ. 

މީގެ ކުރިން މާޗް އަދި އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގެ ޓުއަރިޒަމަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް ތެރޭގައި އީރާނު ހަނގުރާމައިގެ ސަބަބުން އެ ކުރިއެރުން މިއަހަރު ދެމެހެއްޓޭ ގޮތް ވަނީ ނުވެފައެވެ. މާޗް މަހު ގާތްގަނޑަކަށް 21 ޕަސެންޓް ވެއްޓުމެއް ފެނުނު އިރު މިއީ މެދު އިރުމަތީގެ ޓްރާންސިޓް ހަބްތައް ބަންދުވުމުގެ ސަބަބުން ދަށްވި ދަށްވުމެކެވެ. އެހެން ނަމަވެސް އިންޑަސްޓްރީގެ ފަރާތްތަކުން ދެކޭ ގޮތުގައި މިވަރުގައި ވެސް ހިފެހެއްޓުނީ ޗައިނާ އާއި އިންޑިއާގެ މާކެޓް ރަނގަޅުވަމުން އައުމުގެ ސަބަބުންނެވެ. 

އެހެން ނަމަވެސް ކުރިއަށް އޮތް ދެތިން މަހަކީ ރާއްޖެ އަށް ގޮންޖެހުން ބޮޑު ދެތިން މަހެވެ. ހާއްސަކޮށް ޖޫން މަހުގެ ތެރޭގައި ޗައިނާގެ ސްކޫލްތަކުގެ މައި އިމްތިހާނުތައް ކުރިމަތިވާނެތީ ޗައިނާ މީހުން ގައުމުން ބޭރަށް ދަތުރުކުރާ މިންވަރު ވަރަށް ބޮޑުތަނުން ދަށަށްދާނެއެވެ. އެހެން ނަމަވެސް ޖުލައި މަހުގެ ތެރޭގައި އަނެއްކާ ޗައިނާގެ މާކެޓް ރަނގަޅުވާނެއެވެ. ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރަށް ވުމުން ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުވާނެއެވެ.

ގުޅުން ރަނގަޅު ކުރުން މުހިންމު

އިންޑިއާގެ މާކެޓަށް މަޑުޖެހުން އަންނަ މިދަނޑިވަޅުގައި ރާއްޖެ އިން އަނެއްކާ ވެސް ޗައިނާ މާކެޓަށް އަމާޒު ހިފުން ބުއްދިވެރިއެވެ. ދަނޑިވަޅުގެ ފައިދާ ނަގައި ޗައިނާ އިން ރާއްޖެ އަންނަ ޓުއަރިސްޓުން އިތުރުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުން ބުއްދިވެރިއެވެ. ހާއްސަކޮށް ސިޔާސީ ގޮތުން ގުޅުން ރަނގަޅުކުރުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެކެވެ. އާ ވެރިކަމަކާ އެކު ޗައިނާއާ އެކު ރަނގަޅު ގުޅުމެއް އުފެދުނެވެ. މިއީ އެ ގުޅުން އިތުރަށް ވަރުގަދަކުރަންވީ ދަނޑިވަޅެވެ. ހާއްސަކޮށް ޓުއަރިޒަމް ފުޅާކޮށް އަދަދުތައް އިތުރުކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހެއެވެ. ޗައިނާގެ ރައްޔިތުންނަކީ ދަތުރުކުރުމަށް ލޯބިކުރާ ބައެކެވެ. އެ މީހުންގެ ހުވަފެނީ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. އެހެންކަމުން ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީންތަކުން ވެސް މި ކަމަށް ހާއްސަ ސަމާލުކަމެއް ދީ ކުރިއަށް އޮތް ދުވަސްތަކުގެ ފައިދާ ނަގަން ޖެހެއެވެ

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުންނާއި ސިޔާސަތު ބައްޓަންކުރާ ފަރާތްތަކުން ވެސް މިދަނޑިވަޅުގައި މުހިންމު ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. މޯދީގެ ގޮވައިލެއްވުމާ އެކު އިންޑިއާގެ މާކެޓަށް ކުރާ އަސަރު ދެނެގަނެ އަދި ނޭދެވޭ އަސަރު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަންނަންޖެހެއެވެ. ވަކި އަތަކަށް ނުޖެހޭ ސިޔާސަތެއްގެ ދަށުން އިންޑިއާ އާއި ޗައިނާގެ އިތުރުން އިރުމަތީ އޭޝިޔާއަކީ ވެސް ޔޫރަޕްގެ ހޫނު މޫސުމުގައި ސަމާލުކަން ދޭންޖެހޭ މާކެޓްތަކެވެ. ރާއްޖޭގެ ހާލަތާއި ދައުލަތުން ކުރާ ހޭދަ އަށް ބަލާއިރު އިގްތިސާދު ދެމެހެއްޓެން އޮތީ މުޅި އަހަރު ތެރޭގައި ވެސް ޓުއަރިސްޓުން ގެނެވިގެންެނެވެ. އެކަމަށްޓަކައި މަސައްކަތްތަކެއް ވެސް ކުރަންޖެހެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0