⁠ޕެކެޓު ކާނާގެ ހިޔަނީގައި ދިވެހި ސިއްހަތު: ނޫޑްލްސް، ސޮސެޖު އަދި ހަކުރުގެ ނުރައްކާ!

22 މެއި 2026 - 15:48

މާލޭގެ ކަންމަތީ ފިހާރައަކަށް ވަދެ ބަލާލާށެވެ. ހެނދުނުގެ ނާސްތާގެ ވަގުތު. ސްކޫލް ޔުނީފޯމުގައި ހުރި ކުޑަކުއްޖަކު ފެން ފުޅިއެއް ގަންނާކަށް ނޫނެވެ، އައިސް ހުއްޓެނީ. އޭނާގެ އަތުގައި އޮތީ ހަކުރު ގިނަ ޖޫސް ޕެކެޓެކެވެ. ކައިރީގައި ހުރި ބޮޑުމީހާގެ ވިޔަފާރީގައި ހިމެނެނީ ބޭރުން ޕެކެޓްކޮށްގެން ގެނެސްފައި ހުންނަ ތައްޔާރީ ނޫޑްލްސް ފޮއްޓެއް، ސޮސެޖު ދަޅެއް އަދި ފުޅި ބުއިމެކެވެ. މިއީ މިއަދުގެ ދިވެހި ކެއުމުގެ “ނާސްތާ” ކަމަށް ވެފައި އޮތް ހިތާމަވެރި ހަގީގަތެވެ.

ރާއްޖޭގެ ކާބޯތަކެތީގެ އާދަކާދައަށް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިވެހިންގެ ސުފުރާމަތިން ކުރިން ފެންނަމުންދިޔަ ގުދުރަތީ، ސިއްހަތަށް ފައިދާހުރި ތާޒާ ކާނާގެ ބަދަލުގައި، މިއަދު އެންމެ އާންމުކޮށް ފެންނަނީ ފަސޭހައިން ތައްޔާރުކޮށްލެވޭ ކާނާއެވެ. ވަގުތުން ތައްޔާރުކުރެވޭ ނޫޑްލްސް، ސޮސެޖް ފަދަ ޕްރޮސެސްކޮށްފައިވާ މަސް، އަދި ހަކުރު ގިނައިން އެކުލެވޭ ބުއިންތަކާއި އެނަރޖީ ޑްރިންކްތަކަކީ މިއަދު ގިނަ ދިވެހިންގެ ދުވަހުގެ ތާވަލުގެ މުހިންމު ބަޔަކަށް ވަނީ ވެފައެވެ. ނަމަވެސް، މިއީ ސިއްހަތަށް ހުރި ނުހަނު ބޮޑު، އަދި ސިއްރު ނުރައްކަލެކެވެ.

advertisement

ނޫޑްލްސް: ފަސޭހަ ނަމަވެސް ފައިދާއެއް ނެތް ކެއުމެއް!

އިންސްޓަންޓް ނޫޑްލްސްއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ވަޒީފާގެ ބުރަކަމުން ނުވަތަ ކެއްކުމަށް ވަގުތު ނެތުމުގެ ސަބަބުން ގިނަ ގޭބިސީތަކުގައި ނޫޑްލްސް ބޭނުންކުރާ މިންވަރު ވަރަށް ގިނައެވެ. ނޫޑްލްސްއަކީ ހަށިގަނޑަށް ފައިދާހުރި މާއްދާތައް (ނިއުޓްރިއެންޓްސް) ވަރަށް މަދު އެއްޗެކެވެ. މީގެ ބަދަލުގައި މީގައި ގިނަ އަދަދަކަށް ލޮނު (ސޯޑިއަމް) އަދި ރަހަ މީރުކުރުމަށް އަޅާ ކެމިކަލެއް ކަމަށްވާ އެމްއެސްޖީ އެކުލެވިގެން ވެއެވެ. ދިގު މުއްދަތަކަށް ނޫޑްލްސް ކާނަމަ، ލޭމައްޗަށް ދިއުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. އަދި ހަޖަމްކުރުމުގެ ނިޒާމަށް ބާރުބޮޑުވެ، ގޮހޮރުގެ މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ.

ސޮސެޖާއި ޕްރޮސެސްކުރި މަހުގެ ބާވަތްތައް!

ހެނދުނުގެ ނާސްތާގައާއި ސްކޫލް ކުދިންގެ އިންޓަވަލްގައި ސޮސެޖަކީ މިހާރު ވަރަށް އާންމު އެއްޗެކެވެ. މީގެ އިތުރުން ހަވީރުގެ ސައިގައާއި ކެފޭ ރެސްޓޯރެންޓްތަކުން ލިބެން ހުންނަ ކާނާގައި ވެސް ސޮސެޖް ވަރަށް ގިނައިން ބޭނުންކުރެއެވެ.

ޕްރޮސެސްކޮށްފައި ހުންނަ މަހުގެ ބާވަތްތަކުގައި ގިނަ އަދަދަކަށް ސަރުބީ (ފެޓްސް) އަދި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓުމަށް ބޭނުންކުރާ ކެމިކަލް (ޕްރިޒަވޭޓިވްސް) ހިމެނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ ސޮސެޖް ފަދަ ޕްރޮސެސްޑް މީޓް ގިނައިން ކެއުމަކީ ކެންސަރު (ޚާއްސަކޮށް ގޮހޮރުގެ ކެންސަރު) ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމެއްކަން ހާމަކޮށްފައެވެ. މީގެ އިތުރުން މިއީ ކޮލެސްޓްރޯލް މައްޗަށް ގޮސް ސްޓްރޯކް އަދި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުކުރާ ކަމެކެވެ.

ސޮސެޖާއި ހޮޓްޑޮގުތަކަކީ “ޕްރޮސެސްޑް މީޓް” އެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރ (އައި.އޭ.އާރު.ސީ) އިން 2015 ވަނަ އަހަރު ނިންމާފައިވާ ގޮތުން ޕްރޮސެސްޑް މީޓަކީ ގްރޫޕް 1 ކާސިނޯޖަން (އިންސާނުންނަށް ކެންސަރު ޖައްސާ މާއްދާ) އެކެވެ.. މިއީ ދުންފަތާ އެއް ކެޓަގަރީއެކެވެ.

ހަކުރު ގިނަ ބުއިންތަކާއި އެނަރޖީ ޑްރިންކްސް

ފިނިބުއިންތަކާއި (ސޮފްޓް ޑްރިންކްސް)، ޕެކެޓް ޖޫސް އަދި އެނަރޖީ ޑްރިންކްސް ބޭނުންކުރާ މިންވަރު ރާއްޖޭގައި ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޒުވާނުންނާއި ކުޑަކުދިން ފެން ބުއިމުގެ ބަދަލުގައި މިފަދަ ބުއިންތައް ބޭނުންކުރާ ތަން އާންމުކޮށް ފެނެއެވެ.

މިއިން ކޮންމެ ދަޅެއްގައި ނުވަތަ ފުޅިއެއްގައި ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވަރަށް ވުރެ މާ ގިނައިން ހަކުރު އެކުލެވިގެންވެއެވެ. މިފަދަ ބުއިންތަކުގެ ސަބަބުން، ޅައުމުރުގައި ހަކުރުބަލި (ޓައިޕް 2 ޑައިބެޓީސް) ޖެހުމާއި، އާދަޔާހިލާފަށް ފަލަވުމުގެ (އޮބީސިޓީ) މައްސަލަތައް ރާއްޖޭގައި ދަނީ އާންމުވަމުންނެވެ. އަދި ދަތްފަނިކެއުމާއި ދަތްތައް ހަލާކުވުން ފަދަ މައްސަލަތައް ކުޑަކުދިންގެ މެދުގައި ވަރަށް ގިނައެވެ.

އަދަދުތަކުން ދައްކައިދޭ ނުރައްކާ!

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ އަންހެނުންގެ 14.1 ޕަސެންޓް އަދި ފިރިހެނުންގެ 7.9 ޕަސެންޓަކީ ފަލަ ބަލި (އޮބީސިޓީ) ޖެހިފައިވާ މީހުންނެވެ. ދެކުނު އޭޝިއާ ސަރަޙައްދުގެ އެވްރެޖަކީ 10.3- 7.5 ޕަސެންޓާ ދެމެދެވެ.. ހަމައެއާއެކު ހަކުރު ބަލި ޖެހިފައި ތިބޭ އަންހެނުންގެ ނިސްބަތަކީ 12.1 ޕަސެންޓް ފިރިހެނުންގެ 13.4 ޕަސެންޓެވެ. ކޮންމެ ހަތް ދިވެއްސަކުން އެކަކަށް ވުރެ ގިނައިން ހަކުރު ބަލި ޖެހިފައިވުމަކީ ކުޑަ ކަމެއް ނޫނެވެ.

ދުނިޔޭގެ ހެލްތު އޮބްޒަވޭޓަރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ނުރައްކާތެރި ކެއުމާއި ހަށިގަނޑުގެ ހަރަކާތް މަދުވުމުގެ ސަބަބުން، ދިވެހިންގެ 30 އިންސައްތަ މީހުންނަކީ ފަލަ މީހުންނެވެ. އެންމެ ހައިރާންވާންޖެހޭ ކަމަކީ 2015 ވަނަ އަހަރު އެކަނި 4.7 މިލިއަން ލިޓަރުގެ އެނާޖީ ޑްރިންކްސް ދިވެހިރާއްޖެ އެތެރެކޮށްފައި ވުމެވެ. މިއީ 410,000 މީހުންގެ އާބާދީއަކަށް ނިސްބަތްކޮށް ބަލާއިރު އިންތިހާއަށް ގިނަ އަދަދެކެވެ. 

މުޅި މުޖުތަމައުއާއި ސިއްހީ ނިޒާމަށް އޮތް ބުރަ!

ކެއުންބުއިމުގެ މި ނުރަނގަޅު އާދަތަކުގެ ސަބަބުން ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ދަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންނެވެ. ހަކުރުބަލި، ކިޑްނީގެ ބަލިތައް، ކެންސަރު އަދި ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން، ދައުލަތުން ސިއްހީ ފަރުވާއަށް، ޚާއްސަކޮށް ‘އާސަންދަ’ އަށް ކުރަންޖެހޭ ހޭދަ ދަނީ އަހަރުން އަހަރަށް އިންތިހާއަށް ބޮޑުވަމުންނެވެ. މިއީ އިގްތިސާދީ ގޮތުން ވެސް ގައުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ދިވެހި ސަރުކާރުގެ ޕްލޭންތައް – ކަރުދާހުގައި

ހެލްތު މިނިސްޓްރީން ނެރުނު “ނޭޝަނަލް މަލްޓި-ސެކްޓޯރަލް އެކްޝަން ޕްލޭން ފޯ ދަ ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޮފް ނޮން-ކޮމިއުނިކަބަލް ޑިޒީޒަސް އިން މޯލްޑިވްސް (2023-2031)” ގައި 2025 ވަނަ އަހަރުގެ ޓާގެޓްތައް ކަނޑައަޅާފައި ވެއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މަސައްކަތްތައް ލަސްވުމުން، މި ޓާގެޓްތައް ހާސިލުކުރުމަށް 2031 ވަނަ އަހަރާ ހަމައަށް ދައްމާލާފައި ވެއެވެ. ނަމަވެސް އާންމު ދިވެހި ރައްޔިތެއްގެ ދިރިއުޅުމުގައި މި ޕްލޭންތަކުގެ ހިޔަންޏެއް ނުފެނެއެވެ. ދިވެހިރާއްޖެއިން ޑައެޓު-ރިލޭޓެޑް ނޮން-ކޮމިއުނިކަބަލް ޑިޒީޒް ޓާގެޓްތައް ހާސިލުކުރުމުގައި ދައްކާފައިވާ ކުރިއެރުމަކީ ވަރަށް މަދު މިންވަރެކެވެ.

ހައްލަކީ ކޮބާ؟

މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ އާންމުން ހޭލުންތެރިވުމެވެ. އަމިއްލަ ސިއްހަތަށް ރައްކާތެރިވެ، ފަސޭހައިން ލިބޭ ޕްރޮސެސްޑް ކާނާއާ ދުރުވެ، ތާޒާ މޭވާ އާއި، ތަރުކާރީ އަދި ގުދުރަތީ ކާނާ ކެއުމަށް އާދަކުރުމެވެ. ހާއްސަކޮށް ކުޑަކުދިންނަށް ދޭ ކާނާއަކީ ސިއްހަތަށް ފައިދާހުރި ކާނާއަށް ހެދުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. 

ހަކުރު ބުއިންތަކަށް ހާއްސަކޮށް ޓެކްސް ނެގުމަކީ މެކްސިކޯ، ޔޫކޭ، އަދި ދެކުނު އެފްރިކާ ފަދަ ޤައުމުތަކުން ކާމިޔާބު ހޯދާފައިވާ ފިޔަވަޅެކެވެ. ކޮކާކޯލާ، ޕެޕްސީ، އަދި އެނާޖީ ޑްރިންކްތަކުގެ އަގު މަތިކޮށްލުމުން، ކުޑަކުދިންނާއި ޒުވާނުންގެ ހަކުރު ބުއިން ވަރަށް ބޮޑުތަން މަދުވިއެވެ. ޕެކެޓު ކާނާގެ ފުރަގަހުގައި އންޒާރުގެ ލޭބަލް ޖެހުމާއި، ސްކޫލްތަކުގެ ކެންޓީންތަކުން ޕްރޮސެސްޑް ކާނާ އާއި ހަކުރު ބުއިން ވިއްކުން މަނާކުރުމަކީ ވެސް މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، ސްކޫލްތަކާއި އާންމު ތަންތަނުގައި މީޑިއާގެ ވަސީލަތްތަކުގައި މިފަދަ ތަކެތި އިޝްތިހާރުކުރުމާއި ވިއްކުން ކޮންޓްރޯލްކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރުން މުހިންމެވެ. ސިއްހަތަކީ އެންމެ ބޮޑު ނިއުމަތް ކަމަށްވާއިރު، އަޅުގަނޑުމެންގެ ސުފުރާމަތިން މި “ސިއްރު ގާތިލުން” ދުރުކުރުމަށް މިއަދު ފިޔަވަޅު ނާޅައިފި ނަމަ، މާދަމާ މުޅި ގައުމު އޭގެ ހިތާމަ ކުރަން ޖެހިދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0