ފެންވަރު ދަށް ބިދޭސީ ޑޮކްޓަރުންގެ ސަބަބުން ދިވެހި ސިއްހީ ދާއިރާ ނުރައްކަލެއްގައި!

19 ޖޫން 2026 - 17:50

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ފެށުނީއްސުރެ ބަރޯސާވެފައި އޮތީ ބިދޭސީ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ މައްޗަށެވެ. ދިވެހިން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކުރި ނަމަވެސް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި އަދިވެސް ބިދޭސީންގެ އަދަދު ގިނަ އެވެ. މީގެ ތެރެއިން ވެސް ޑޮކްޓަރުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ ރާއްޖެ ގެނެވޭ ބައެއް ޑޮކްޓަރުންނަކީ އެކަށީގެންވާ ފެންވަރަށް ވުރެ ދަށް ނުވަތަ ތަމްރީނުވުމަށް އަންނަ ޑޮކްޓަރުންނެވެ. ހާއްސަކޮށް މި ފަހަކަށް އައިސް ޑޮކްޓަރުން ރެކްރޫޓުކުރުމުަގއި ބޮޑެތި ގޯސްތައް ހަދަމުންދާކަން ފާހަގަކޮށްލެވެއެވެ. އޭގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހިނގަމުންދާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. މިއީ ހަމައެކަނި ސިއްހީ މައްސަލައެއް ނޫނެވެ. މީގެ ފަހަތުގައި ކޮރަޕްޝަނާއި، އިގްތިސާދީ ބޮޑެތި އިސްރާފުތަކެއް ވެސް އެކުލެވިގެންވެއެވެ.

ވަޒީފާތަކަށް މީހުން ގެނައުމުގައި ހިނގާ ކޮރަޕްޝަން

advertisement

ފެންވަރު ދަށް އަދި ތަޖުރިބާ ނެތް ޑޮކްޓަރުން ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއަށް ވަދެގެންދާ މައިގަނޑު އެއް ސަބަބަކީ ރެކްރޫޓްމަންޓް (މީހުން ވަޒީފާއަށް ހޮވުން) މަރުހަލާގައި ހިނގާ ކޮރަޕްޝަނެވެ. ދިވެހިންގެ ވަކި ބަޔަކަށް މަންފާވާ ގޮތަށް މިކަމުގެ ތެރޭގައި ބިދޭސީން ހަރަކާތްތެރިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ މީގެ ކުރިން ވެސް ކަން ހިނގަމުން އައި ގޮތެވެ. ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަރުހަލާގެ ތެރެއިން ބަޔަކު ދަނީ ނާޖާއިޒު ފައިދާ ނަގަމުންނެވެ. އެ ގޮތުން ރެކްރޫޓްމަންޓް އެޖެންސީތަކުން މީހުން ހޯދުމުގައި ކޮލިޓީ އަށް ވުރެ ބޮޑަށް ލިބޭ ފައިދާއަކަށް އިސްކަން ދޭ ފަހަރު  މަދެއް ނޫނެވެ. 

ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކުން ބޮޑު ކޮމިޝަނެއް ހޯދުމުގެ ބޭނުމުގައި، ޝަރުތު ހަމަނުވާ އަދި ޝަރުތުތަކަށް ފެތޭވަރުގެ ގާބިލްކަން ނެތް މީހުންގެ ލިޔެކިޔުންތައް އޮޅުވާލައިގެން ރާއްޖެއަށް ފޮނުވަމުންދެއެވެ. ޑޮކްޓަރުންގެ ސާޓިފިކެޓްތަކާއި ކުރީގެ މަސައްކަތުގެ ރެކޯޑްތައް ހަރުދަނާ ގޮތެއްގައި ވެރިފައިނުކޮށް، ނުފޫޒާއި ރިޝްވަތުގެ ބޭނުންކޮށްގެން ވަޒީފާ ހަމަޖައްސައިދޭކަމުގެ ތުހުމަތުތައް ވަނީ ބޮޑުވެފައެވެ. އެފަދަ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައި ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި މުޅި މައްސަލަ އަށް ހައްލެއް ނުހޯދެއެވެ. 

ބޭކާރު ބޭސް ދިނުމާއި އިސްރާފު އިތުރުވުން

ގާބިލްކަން ކުޑަ ޑޮކްޓަރުންގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ބަލި މީހާއަށް އެކަންޏެއް ނޫނެވެ. އޭގެ ނޭދެވޭ އަސަރު މުޅި ނިޒާމަށް ފޯރަ އެވެ. ބަލި ދެނެގަންނަން ނޭނގުމުގެ ސަބަބުން، ގިނަ އަދަދެއްގެ ބޭކާރު ބޭސްތައް ބަލި މީހާ އަށް ދެއެވެ. ރާއްޖެއަކީ ޔުނިވާސަލް ނިޒާމެއްގެ ދަށުން ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާ ހިލޭ ކުރެވޭ ގައުމަކަށް ވުމުން މިހެން ލިޔެދޭ ބޭކާރު ބޭސްތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ އިންތިހާއަށް އިތުރުވެއެވެ. ބޭނުމެއް ނެތް އެތައް ބޭހަކާއި ޓެސްޓުތަކެއް ލިޔެދިނުމުގެ ސަބަބުން ދައުލަތުގެ އާސަންދަ ނިޒާމުން ކުރާ ހޭދަ އިންތިހާއަށް އިތުރުވެ، ދައުލަތުގެ ސިއްހީ ބަޖެޓުން ރައްޔިތުންނަށް ލިބެންޖެހޭ ހަގީގީ މަންފާ ނުލިބިދެއެވެ. 

މީގެ އިތުރުން އާސަންދައިން ނުލިބޭ ބޭސްތައް އަމިއްލަ ޖީބުން ގަންނަން ޖެހުމުން، އާންމު ރައްޔިތުން އިގްތިސާދީ ގޮތުން އިތުރަށް ހާލުގައި ޖެހެއެވެ. އަދި ހަގީގީ ބަލި ދެނެނުގަނެވުމާއި ނުބައި ބޭސްތައް ކެއުމުގެ ސަބަބުން އިތުރަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަންޖެހި، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންޖެހުމަކީ ވެސް ވަރަށް ގިނަ ފަހަރަ ކުރިމަތިވާ ކަންތައްތަކެވެ.

އިތުބާރު ގެއްލުން!

ސިއްހީ ނިޒާމަކީ ވަރަށް ބޮޑު އިތުބާރެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ކުރާ އިތުބާރު ކުޑަވުމަކީ ވެސް މުޅި މުޖުތަމައަށާއި ޖުމްލަކޮށް ދައުލަތުގެ މާލިއްޔާ އަށް ލިބޭ ގެއްލުމެވެ. މައިގަނޑު އެއް ސަބަބަކީ މިފަދަ ތަންތަނުގެ އިތުބާރު ގެއްލުމުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންދާ މީހުންގެ އަދަދު ގިނަވުމެވެ. މީގެ އިތުރުން ރާއްޖެއިން ފަރުވާ ހޯދެން ހުރި ބަލިތަކަށް ފަރުވާ ހޯދުމަށް ބޭރަށް ދާ މީހުން ގިނައެވެ. އަދި މިފަދަ ގިނަ މީހުން ރައްޖެއިން ބޭރަށް ދަނީ ދައުލަތުގެ ވެސް ބޮޑު ހޭދައަކާ އެކުއެވެ. ލިޔެކިޔުންތައް އޮޅުވާލައިގެން ނުވަތަ ކޮންމެ ވެސް ނުފޫޒެއް ތެރެއިން އާސަންދަ ހޯދައިގެން ދަތުރުކުރާ މީހުން ވެސް މަދެއް ނޫނެވެ. އަދި އާސަންދަ ނުލިބޭ ނަމަ އެންސްޕާގެ ސިއްހީ މާލީ އެހީތެރިކަމާއި ދެކޮޅު ޓިކެޓް ހޯދައިގެން ދަތުރުކުރާ މީހުން ވެސް މަދެއް ނޫނެވެ. 

ބޭސްފަރުވާ ކުރަށް ދަތުރުކުރާ މީހުންނަށް ބޭންކުން ވެސް އިތުރަށް ޑޮލަރު ދޫކުރެއެވެ. އެ ގޮތުން އަމިއްލަ އަށް ހަރަދުކޮށްގެން ދަތުކުރރާ ފަރާތްތަކަށް ވެސް 1،000 ޑޮލަރު ދޫކުރާ އިރު އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރާ ނަމަ އިތުރަށް ޑޮލަރު ދެއެވެ. މިއިން ކޮންމެ ދަތުރަކީ ވެސް ރާއްޖެއިން ބޭރުވާ އެތައް ސަތޭކަ ޑޮލަރެވެ. ބޭރު ފައިސާއެވެ. މިއި އިގްތިސާދީ ގޮތުން ބަލާ ނަމަ ވެސް ދައުލަތަށް ލިބޭ ބޮޑު ގެއްލުމެކެވެ. މިހެން މެދުވެރިވާ މައިގަނޑު ސަބަބަކީ ވެސް ސިއްހީ ނިޒާމަށް އޮތް އިތުބާރު ކުޑަވުމެވެ.

އާންމު ސިއްހަތަށް ބޮޑު ގެއްލުމެއް!

ބޭނުން ނޫން އެތައް ބޭސްތައް (ހާއްސަކޮށް އެންޓިބަޔޮޓިކްސް) ގިނައިން ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ދެރަވެ، ދިގުމުއްދަތުގެ ބޮޑެތި ގެއްލުންތަކާ ރައްޔިތުން ކުރިމަތިލާން ޖެހެއެވެ. ނުބައިކޮށް ބަލި ދެނެގަނެވުން އަދި އެކަމުގެ ސަބަބުން ނުބައި ފަރުވާ ދެވުމުގެ ސަބަބުން، އާދައިގެ ބަލިތައް ބޮޑެތި ބަލިތަކަށް ބަދަލުވެ، ބައެއް ފަހަރު ފުރާނައަށް ގެއްލުންވެފައިވާ ހާދިސާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީގެ ކުރިން ވެސް ރިޕޯޓްކޮށްފައި ވެއެވެ. 

ހައްލު އޮތީ ދިވެހިން ތަމްރީންކުރެވިގެން!

ރާއްޖޭގެ ސިއްހީ ދާއިރާ މި ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ވަގުތުން ވަގުތަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅަކީ މީހުން ރެކްރޫޓްކުރުމުގައި އޮތް ކޮރަޕްޝަންގެ ވިއުގަ ރޫޅާލުމެވެ.  ރާއްޖެއަށް ގެންނަ ކޮންމެ ޑޮކްޓަރެއްގެ ސާޓިފިކެޓާއި ތަޖުރިބާ މޯލްޑިވްސް މެޑިކަލް ކައުންސިލުން ހަރުދަނާ ގޮތެއްގައި ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކުން ވެރިފައިކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި އިދާރާތައް ފާރަވެރިވެ ރެކްރޫޓް އެޖެންސީތަކުން ހިންގާ ނޭދެވޭ ކަންކަން ބެލުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ.  މީހުން ގެންނަ އެޖެންސީތަކުގެ މަސައްކަތްތައް ހާމަކަން ބޮޑުކޮށް ބަލައި، ކޮރަޕްޝަން ހިންގާ އެޖެންސީތަކަށް ހަރުކަށި އަދަބު ދޭންޖެހެއެވެ.  ޑޮކްޓަރުން ލިޔެދޭ ބޭސްތަކާއި ދޭ ފަރުވާތައް ހޮސްޕިޓަލްތަކުގެ ކްލިނިކަލް އޮޑިޓްތަކުން ދާއިމީ ގޮތެއްގައި ބަލައި ސުޕަވައިޒްކުރުމަކީ ވެސް މި ވަގުތަށް ވެސް ކުރެވިދާނެ ކަންކަމެވެ. 

އެހެން ނަމަވެސް މިހުރިހާ ކަމަކަށް ވުރެ ވެސް މުހިންމު ކަމަކީ ފެންވަރު ރަނގަޅު ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމެވެ. ރާއްޖޭގައި ލޯނުގެ އެހީގައި ތަމްރީނުކުރާ ޑޮކްޓަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް ކިޔެވުމުގެ ފުރުސަތު ކުރިއަށް ވުރެ ވެސް މިހާރު ތަނަވަސްވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އެ ގޮތުން މީގެ ކުރިން ވަކި އަދަދަކަށް ވަކި ދުވަސްވަރެއްގައި ފުރުސަތު ހުޅުވާލުމުގެ ބަދަލުގައި އަބަދު ވެސް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް މި ސަރުކާރުން ވަނީ ލޯން ސްކީމް ބަދަލުކޮށްފައެވެ. މިއީ ސިއްހީ ދާއިރާ އަށް ދިވެހިން ތަމްރީނުވުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުސަތެކެވެ. 

ދިވެހި ރައްޔިތުންގެ ސިއްހަތަކީ ވިޔަފާރިއަކަށް ހަދައި، ކޮރަޕްޝަންގެ ތެރެއިން ފެންވަރު ދަށް މީހުންނަށް ފުރުސަތު ދިނުން މިހާރުން މިހާރަަށް ހުއްޓުވަން ޖެހެއެވެ. ރާއްޖެއަކީ ބިދޭސީން ޑޮކްޓަރުން ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުން ވަޒީފާ ހޯދުމަށް ތަމްރީނުވުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި އަދި ސީވީ ފުރިހަމަކުރުމަށް ބޭނުންކުރާ މަރުކަޒެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް ގެންނަންޖެހެއެވެ.  ނޫން ނަމަ، މުޅި ސިއްހީ ނިޒާމު އިނދަޖެހި، އޭގެ ހިތާމަވެރި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ ދިވެހި ރައްޔިތުންނަށެވެ. އާހިރުގައި މުޅި ނިޒާމުގެ ބުރަ އުފުލަންޖެހެނީ ދައުލަތަށެވެ. ދައުލަތުގެ ބަޖެޓަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0