މަޖިލީހުގެ މެންބަރުންގެ ނިންމުންތަކުގެ ޒިންމާ ނަގަންޖެހޭނީ ރައްޔިތުން!

24 އޮކްޓޯބަރ 2026 - 13:04

މަޖިލީސް މެންބަރުންގެ ނިންމުންތަކާއި، ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރުމާއި، ގައުމުގެ ހިންގުން މިހާރު އޮތް މިސްރާބާ މެދު އާންމުންގެ ނުރުހުމާއި ފާޑުކިޔުން އިންތިހާއަށް އެބަ އޮތެވެ. ނަމަވެސް، މި ހުރިހާ ކަމެއްގެ އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭ ބަޔަކީ ހުދު ރައްޔިތުންނެވެ. ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެހުމުގެ ފުރިހަމަ ބާރު އަތުގައި އޮއްވައި، ތައުލީމާއި ގާބިލުކަމަށް ބެލުމެއް ނެތި، ވަގުތީ ފައިދާއާއި ސިޔާސީ އޮއިވަރުގައި ޖެހިގެން މަޖިލީހުގެ ގޮނޑިތަކަށް މީހުން އިންތިހާބުކުރީ ހަމަ އެ ރައްޔިތުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މާ ބޮޑު އިމްތިޔާޒުތަކަކާއި “އިއްޒަތެއް” ދެވިފައިވާ ބައެކެވެ. ހާއްސަކޮށް އާ ގާނޫނު އަސާސީއާ އެކު ގިނަ ޕާޓީތައް ހިމެނޭ ނިޒާމެއް އެކުލަވާލައި ވެރިކަން ކުރަން ފެށި ފަހުން މަޖިލީހުގެ ހައިބަތު ވަނީ ބޮޑުވެފައެވެ. ތިން ބާރު ވަކިވެފައިވާ ކަމަށް ގާނޫނު އަސާސީގައި ލިޔެވިފައިވީ ނަމަވެސް ވެރިކަމުގެ ބާރުން މަޖިލީސް ހިސޯރުކޮށް އަދި މަޖިލީހުން އެހެން ބާރުތައް ހިސޯރުކޮށް މުޅި ނިޒާމު ވަނީ ގަޑުބަޑުވެފައެވެ. 

advertisement
advertisement

މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ވުރެ މާ މަތީ ބައެއްގެ ގޮތުގައި އެ މީހުންނަށް ހީވެގެން އުޅެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިމްތިޔާޒުތައް ބޮޑުވުމާއި އެ މަގާމާ އެކު ލިބޭ މުސާރަ އާއި އިނާޔަތްތަކާއި އެ ނޫން ވެސް “ފައިދާތައް” އެކަމުގައި ހިމެނޭތީއެވެ. އެހެން ނަމަވެސް އޭގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ ރައްޔިތުންނެވެ. 

މެންބަރުން ހޮވުމުގެ ފުރިހަމަ އިހްތިޔާރު!

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގެ ފުރިހަމަ އިހުތިޔާރު ރައްޔިތުންނަށް ލިބެއެވެ. އެހެން ނަމަވެސް އެ އިހުތިޔާރުގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފަނީ ކިތައް މީހުން ހެއްޔެވެ؟ މެންބަރުން ހޮވުމުގައި ރައްޔިތުން އިސްކަންދެނީ ކޮން ކަމަކަށް ހެއްޔެވެ؟ 

ކިތަންމެ ރަނގަޅު އަދި ތައުލީމީ ބަޔަކު ކުރިމަތި ލީ ނަމަވެސް މަޖިލީހަށް ހޮވުމުގެ ފުރުސަތު ގިނަ ފަހަރަށް ބިނާ ވަނީ ސިޔާސީ ބުރަދަނަށެވެ. އެ އިރެއްގައި ތާއީދު އޮތް ސިޔާސީ ޕާޓީއެއްގެ މެންބަރުންނަށް ފުރުސަތު ބޮޑެވެ. އަދި ޕާޓީތަކުގެ އެތެރޭގައި ވެސް އެކަން އޮތީ އެހެންނެވެ. ޓިކެޓް ލިބެނީ ކޮންމެހެން ތައުލީމީ ގޮތުން ނުވަތަ އެ ނޫން ގޮތަކުން ވެސް ގާބިލު ފަރާތްތައް ބަލައިގެނެއް ނޫނެވެ. ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގެ ނަތީޖާތައް ވެސް ގިނަ ފަހަރަށް ބިނާ ވަނީ އެ ޕާޓީއެއްގެ ކޮންޓްރޯލް އޮންނަ ވެރިންނާ އޮންނަ ގުޅުންތަކުގެ މައްޗަށެވެ. މިސާލަކަށް ރައީސާ ގުޅުން އޮންނަ ފަރާތްތަކާއި ޕާޓީ ތެރޭގައި ނުފޫޒު ގަދަ ފަރާތްތަކާއި ނުވަތަ ފައިސާގެ ގޮތުން ތަނަވަސް ކަމަކީ ވެސް ޓިކެޓް ލިބުމުގެ އަސްލެވެ. 

ޕާޓީތަކުގެ ތެރެއިން މަޖިލީހަށް ވަދެވޭނެ މަގު ތަނަވަސް ނުވާތީ އަމިއްލަ ގޮތުން ވެސް ރަނގަޅު އެތައް ބަޔަކު ވާދަކުރެއެވެ. ރަނގަޅު ސިޔާސަތުތައް ހިފައިގެން އަންނަ މީހުން ވެސް ގިނަ އެވެ. އަދި ސިޔާސީ ވަކި މީހެއްގެ ފޮޓޯ ނުދައްކައި އަމިއްލަ ތައުލީމީ ގާބިލްކަން ވިއްކޭތޯ އުޅޭ މީހުން ވެސް ވާދަ ކުރެއެވެ. ނަމަވެސް މިހުރިހާ ކަމެއް ހުރި ގޮތަށް ހުއްޓައި މަޖިލީހުގެ ގޮނޑިތައް ފުރާލަނީ މަގުބޫލުކަން ބޮޑު ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންނެވެ.

ހޮވުމަށް ފަހު ވެސް “ޕަޕެޓުންނަށް”

މަޖިލީހުގައި ތިއްބެވި ބައެއް މެންބަރަކުންނަކީ ވަރަށް ގާބީލު ބޭފުޅުންނެވެ. ސިޔާސީ ގޮތުންނާއި އިލްމީ ގޮތުން ތަޖުރިބާ ގިނަ މެންބަރުން ވެސް އެބަ ތިއްބެވެ. އަދި ކަންކަމުގައި އިސްނަގައި އުޅުނު ޒުވާނުން ވެސް އެބަ ތިއްބެވެ. އެހެން ނަމަވެސް މަޖިލީހަށް ވަނުމަށް ފަހު އެ މެންބަރުން ގެއްލެއެވެ. މެންބަރުންގެ ދޫތަކުގައި ތަޅު އެޅުވެއެވެ. 

ހާއްސަކޮށް މިހާރު އޮތް މަޖިލީހުގައި ބަސް ބުނުމުގެ ފުރުސަތު ވެސް ލިބެނީ މަދު މެންބަރުންނަށެވެ. މުޅި އަހަރު ތެރޭގައި ވެސް މަދު މެންބަރަކަށް ނޫނީ ބިލަކަށް ބަހުސްކޮށްލުމުގެ ފުރުސަތު ވެސް ނުލިބެއެވެ. މި ވަގުތު މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮތީ ވެރިކަން ކުރާ ޕާޓީގެއެވެ. އެހެންކަމުން މަޖިލީހުގައި ކަން ކުރާނެ ގޮތް ނިންމަކީ ވެސް ޕާޓީގެ މަތިފަޑިންނެވެ. ނަތީޖާއަކަށް ވަނީ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭ މެންބަރުންގެ އަދަދު ވެސް އިނގިލިތަކުން ގުނައިލެވޭހާ މަދުވުމެވެ. 

މަޖިލީހުގެ މެންބަރުންނާ މެދު އާންމުންގެ ހިތްހަމަނުޖެހުން ބޮޑު އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ. ރައްޔިތުން އިންތިހާބުކުރި ނަމަވެސް މިއަދު ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ ބާރެއް އެ މެންބަރުންގެ ނެތެވެ. އޭގެ ބަދަލުގައި މަޖިލީހުގެ ތަޅުމުގައި ވަކާލާތުކުރަންޖެހެނީ ޕާޓީތަކުގެ ނުވަތަ ޕާޓީތަކުގެ ވެރިންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށެވެ. އެހެން ނޫން ނަމަ އެ މެންބަރަކަށް “އަދަބ” ދެވޭނެ ގޮތަށް ގާނޫނު އަސާސީ އަށް މިހާރު އޮތް މަޖިލީހުން ވަނީ އިސްލާހު ގެނެސްފައެވެ. ޕާޓީތަކުން ބޭނުން ވެއްޖެ ނަމަ މެންބަރުން ވަކިކުރެވޭ ގޮތަށް ގެނައި އިސްލާހުގެ ސަބަބުން މެންބަރުން ވަނީ “ކަސްދޮޅު” އެޅިފައެވެ. 

“އެހެން ނަމަވެސް މިއަދު ވެގެން އުޅޭ ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ، ހާއްސަކޮށް ވިހި ވަނަ މަޖިލީހުގެ މި ދައުރާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އޮތުން. ރައްޔިތުންނަށް ބޭނުންޖެހިފައިވާ މުހިންމު މައްސަލަތަކަށް މި މަޖިލީހުން ހައްލު ނުގެނެސްދެވުން. ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް މި މަޖިލީހުގައި ކަންކަން ކުރެވެމުން ދިއުން. ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރުން ވަކިކުރުމުގެ ބާރު މި މަޖިލީހުން ވަކި މީހަކަށް ދިނުން. ގާނޫނު އަސާސީގައި މުތުލަގަށް ކަނޑައަޅާފައި ހުރި މުހިންމު ހައްގުތައް ހަނިކޮށް ވަކި މީހަކަށް ބާރުތައް ދިނުން. ރައްޔިތުން މަޖިީހުގެ މެންބަރުން އަމިއްލަފުޅަށް ކަރުގައި މަޅި ޖެއްސުން،” އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާގައި ވިދާޅުވިއެވެ.

މެންބަރުންގެ ކަންކަން ނިންމަނީ ވެސް މެންބަރުން!

ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުން މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކާއި އިމްތިޔާޒުތައް ވެސް ކަނޑައަޅަނީ ހުދު އެ މެންބަރުންނެވެ. ހަމަ އެކަނި އެ މެންބަރުންގެ އެކަންޏެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބާއި، ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ދާއިރާގެ މުސާރަތައް ވެސް ކަނޑައެޅުމުގެ ބާރު އޮތީ އެ މެންބަރުންގެ އަތްމަތީގައެވެ. ނުވިތާކަށް ލާމަރުކަޒީ ނިޒާމުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު ވެސް އޮތީ މަޖިލީހުގެ އަތްމަތީގައެވެ. ކައުންސިލުންގެ މުސާރަތައް ވެސް ކަނޑައަޅަނީ މަޖިލީހުގެ މެންބަރުންނެވެ. 

ދާދި ފަހުން މަޖިލީހުން މި ވަނީ މަޖިލީހުގެ ރައީސްގެ މުސާރަ އަށް ބަދަލު ގެނެސްފައެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ މިހާރު އޮތް ގޮތުން މަޖިލީހުގެ އެހެން މެންބަރުންނަށް  ލިބޭ މުސާރަ އަށް ވުރެ މަޖިލީހުގެ ރައީސަށް ލިބޭ މުސާރަ ކުޑަވުމެވެ. އެހެން ކަމުން އެ ކަމަށް އޮތް ހައްލެއްގެ ގޮތުގައި މަޖިލީހުގެ ރައީސްގެ މުސާރަ އަށް 22،000ރ. އިތުރު ކުރީއެވެ. މާލިއްޔަތު ކޮމިޓީގެ މި ނިންމުމާ އެކު މަޖިލީހުގެ ރައީސް އަށް 91،000ރ. ލިބޭނެ އެވެ. މި ބަދަލު ގެނައި ސަބަބެއް ކަމަށް ބުނެފައި ވަނީ މަޖިލީހުގެ ރައީސް އެއްވެސް ކޮމިޓީއެއްގައި ހިމެނިވަޑައި ނުގަންނަވާތީ އެހެން މެންބަރުންނަށް ލިބޭ ކޮމިޓީ އެލަވަންސް ނުލިބުމެވެ. ނަތީޖާއެއްގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސަށް ވުރެ މަޖިލީހުގެ ރައީސް ގެއަށް ގެންދަވާ އަދަދު ކުޑައެވެ. މަޖިލީހުން ބުނަނީ މި ބަދަލަކީ މި ތަފާތު ނައްތާލުމަށް ގެނައި ބަދަލެއް ކަމަށެވެ. 

މާލިއްޔަތު ކޮމިޓީން ވަނީ ވަޒީރުންނަށް ދޭ މުސާރަ ވެސް ބޮޑުކޮށްފައެވެ. އެ ގޮތުން ވަޒީރުގެ ކާރުކޮޅުގެ ހަރަދަށް މީގެ ކުރިން ދެމުން އައި 7،500ރ. ގެ ބަދަލުގައި 17،000ރ. ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ 2024 ވަނަ އަހަރު މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައަށް ބޮޑުވި އިރު ވަޒީރުންގެ މުސާރަ އާއި އިނާޔަތްތަކަށް ވުރެ އެ އިދާރާތަކުގެ މުސާރަތައް ބޮޑުވެފައި ވުމެވެ. 

މީގެ އިތުރުން ކޮމިޓީން ވަނީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި އަދި މެންބަރުންެގ މުސާރަ ވެސް ބޮޑުކުރަން ނިންމައިފައެވެ. އެ ގޮތުން ކުރިން 25.500ރ. ލިބުނު ރައީސުންގެ މުސާރަ 30،500ރ. އަށް ބޮޑުކުރުމަށް ނިންމާފައިވާ އިރު ނައިބު ރައީސުންގެ މުސާރަ 20،000ރ. އިން 25،000ރ. އަށް ބޮޑުވާނެއެވެ. އަދި ކުރިން 18،000ރ. ލިބުނު ކައުންސިލަރުންގެ މުސާރަ 23،000ރ. އަށް ބޮޑުވާނެއެވެ. 

މުސާރަ ބޮޑުކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން

މުސާރަތަކަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމިޓީން ނިންމި އިރު އެ ކޮމިޓީގައި އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވީ އެންމެ ބޭފުޅެކެވެ. އަދި ވޯޓު ވެސް ދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. 

“އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭ މި ދަނޑިވަޅުގައި މި ބަދަލުތައް ގެންނާކަށް. މިހާރު ވިސްނަންޖެހޭނެ ރާއްޖެ މިއޮތް ހާލަތު. ދުނިޔެ މިއޮތް ހާލަތު،” ޣަފޫރު ވިދާޅުވިއެވެ. 

މީގެ ކުރިން ވެސް ދައުލަތުގެ ވެރިންގެ މުސާރަތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިދިޔަ މަޖިލީހުން ނިންމިއެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އާއި ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަތައް ބޮޑުކުރަން ނިންމި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާ އެކު އެކަން ހުއްޓާލީއެވެ. ނަމަވެސް އެ މަޖިލިސް ނިމުމުގެ ކުރިން މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ބޮޑުކުރިއެވެ. އޭގެ ސަބަބުން އިދާރާތަކުގެ މެދުގައި މުސާރައިގެ “އިންބެލެންސް” އެއް އުފެދިގެން ދިޔައެވެ. މިހާރު ކުރަން އުޅޭ ކަމަކީ އެ ތަފާތު ނައްތާލުމެވެ. ނަމަވެސް ޣަފޫރު ފަދައިން އާންމުން ވެސް ކުރަމުން އަންނަ ސުވާލަކީ މިއީ އެ ދަނޑިވަޅު ހެއްޔެވެ؟

އާންމު ފަރުދުން ހާލުގައި!

އިރާނާއި އެމެރިކާ އަދި މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް ބޮޑުވުމާއި ހޮރުމޫޒު ކަނޑުއޮޅީގެ މައްސަލަތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާ އަށް ވަނީ މައްޗަށް ގޮސްފައެވެ. ޑޮލަރުގެ ތާށިކަމުގެ ސަބަބުން ރާއްޖޭގެ ހާލާތު އިހުނަށް ވުރެ ގޯހެވެ. އާންމު ތަކެތީގެ އަގު ބޮޑުވެ ރައްޔިތުން ތިބީ ދަތި ހާލުގައެވެ. 

މިފަދަ ހާލަތެއްގައި ރައްޔިތުން ތިއްބައި އެކަމުން މިންޖުވާނެ ގޮތެއް ހޯދައި ނުދީ ވެރިންގެ މުސާރަތައް ބޮޑުކުރުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެކެވެ. އެހެން ނަމަވެސް އެކަމުގެ ޒިންމާ މިއަދު އުފުލަންޖެހޭނީ ހަމަ ރައްޔިތުންނެވެ. ރައްޔިތުންނާ މެދު ނުވިސްނާ މެންބަރުންތަކެއް މަޖިލީހަށް ހޮވީ ރައްޔިތުންނެވެ. ރައްޔިތުން ހޮވި މެންބަރުންގެ އަތްބަނުމަށް ގާނޫނު ހެދި އިރު ބަލަން ތިބީ ހަމަ މި ރައްޔިތުންނެވެ. ލާމަރުކަޒީ ނިޒާމު ގަނޑުބަޑުކޮށް މާރުތައް މަރުކަޒީވުމަށް ފުރުސަތު ދެނީ ރައްޔިތުންނެވެ. ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް ވޯޓު ކަރުދާސްކޮޅާ ހަމައިން އިސްކަންދެވެނީ ޕާޓީގެ ފިކުރަށެވެ. ނުވަތަ ގާތްތިމާގެ މީހާ އަށެވެ. ނުވަތަ މުހުތާދުތައް ފިލުވައިދޭ މީހަކަށެވެ. އެހެންކަމުން ގައުމަށް މިހާރު ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް ފުރަތަމަ ޒިންމާ ނަގަންޖެހޭ ބަޔަކީ އާންމު ރައްޔިތުންނެވެ. އެއީ ކަރުދާސްކޮޅުގައި ފާހަގަ ޖެހި ހިސާބުން ފެށިގެންެނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0