Skip to content
Maldives calendar. Today: Maldives calendar

ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި

ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓޫރިސްޓް ރިސޯޓްތަކާއި، ސަފާރީ އުޅަނދުތަކާއި، ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސަރކިއުލަރގައި ވަކިން ޚާއްސަކޮށް ސްނޯކަލް ކުރުމާއި، ފެނާއި އަދި އެހެނިހެން މޫދު ކުޅިވަރުތަކުގެ ތެރޭގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ގޮވާލާފައެވެ. އަދި އެތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޕްލޭންތައް ތަންފީޒުކުރަން ޖެހޭ ޙާލަތްތަކުގައި ފުރިހަމައަށް ތަންފީޒުކުރުމުގެ އިންތިޒާމްތައް ހުރިތޯ ބަލާ ކަށަވަރު ކުރުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަން ބޮޑު ޤައުމެއްގެ ގޮތުގައި ދުނިޔެއަށް މަޝްޙޫރުވެފައިވާ މިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެއްކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިގޮތައް އަންގާފައިމިވަނީ ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ފަތުރުވެރިޔާ ގެއްލިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެމް.އެން.ޑީ.އެފުން މި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ނަމަވެސް އަދި އެ ފަތުރުވެރިޔާ ފެނިފައެއްނުވެއެވެ.