
ތާރީހްގެ ތެރެއިން: ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ!
26 ޖޫން 2025 - 21:43
މުތަގައްދިމް ޕާޓީ
ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަލަމަތި ފެންނަން ފެށީ ޖުމްހޫރިއްޔާއަކާ ދިމާއަށް ދަތުރުކުރުމުގެ ތެރެއިންނެވެ. ހާއްސަކޮށް ވިލާތުގެ ތައުލީމުގެ ތެރެއިންނާއި މައުލޫމާތުތަކުގެ ތެރެއިން ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އިސްކޮށް ހުންނަވައިގެންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ސިޔާސީ ޕާޓީ އަށް ކިޔަނީ “ރައްޔިތުންގެ މުތަގައްދިމް ޕާޓީ” އެވެ. ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރީ 23 ސެޕްޓެމްބަރ 1951 ގައެވެ. ރަސްމީކޮށް އިފްތިތާހުކުރީ 09 އޮކްޓޫބަރ 1951 އެވެ. އަމީންގެ އިތުރުން ދެން ތިއްބެވީ ދައުލަތުގެ އިސް ބޭފުޅުންނެވެ. އިސް ނައިބު ރައީސަކަށް ހުންނެވީ އަމީންގެ ވެރިކަމުގެ ބޮޑު ވަޒީރަކަށް ހުންނެވި އިބްރާހީމް މުހައްމަދު ދީދީއެވެ. ދެ ވަނަ ނައިބު ރައީސަކީ އަހުމަދު ހިލްމީ ދީދީ އެވެ. ދެ ސެކްރެޓަރީން ތިއްބެވިއެވެ. އެއީ ހަސަން ހިލްމީ ދީދީ އާއި އިބްރާހިމް ޝިހާބުއެވެ.
ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މައިގަނޑު ސަބަބެއް ކަމަށް އަމީން ދީދީ ވިދާޅުވީ އާއިލާތަކުން ސަރުކާރު ހިންގަމުން އައި އުސޫލަށް ބަދަލު އައިސް ޕާޓީ ނިޒާމުގެ ތެރެއިން ވެރިކަން ކުރުމުގެ ވަގުތު ޖެހުމެވެ. އިފްތިތާހީ ޖަލްސާގައި އަމީން ވިދާޅުވި އެވެ.
“ޕާޓީއެއް އުފެއްދުމުގެ ޒަރޫރަތްތެރިކަން ވަރަށް ވެސް ބޮޑުވެއްޖެ ކަން އަޅުގަނޑުމެންނަށް ޔަގީން ވަނީ އަޅުގަނޑުގެ ނެތިއްޖެ ދުވަހެއް އައުމާ އެކު ވަރަށް ގުދުރަތީ ގޮތެއްގައި އަދި ދިވެހި ރާއްޖޭގައި ތަމްސީލު ވެގެންދާނޭ ކަމަށް އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކަށްޓަކަ އެވެ…. އަޅުގަނޑުމެނަށް ސިފަވެވޭ މަންޒަރަކީ ގާތްގަނޑަކަށް ދައުލަތް ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އެޅިފައިވާ މީހާ ނެތުމުން ދައުލަތް ހިންގުމުގެ މެޝިނަށް އަރާނެ ބުރޫތަކެވެ.”
ޕާޓީގެ މުހިންމު މަގުސަދުތަކުގެ ގޮތުގައި އަތްމަތީ ފޮތުގައި ލިޔެފައި އޮތީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރުމާއި ދިވެހި ރައްޔިތުން ސިޔާސީ ގޮތުން ހޭލުންތެރިކުރުވުމާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން ކަމުގައެވެ.
އާއިލާގެ ނަމުގައި “ޕާޓީތަކެއް”!
ރާއްޖޭގެ ތާރީހްގައި ވެރިކަން އަބަދު ވެސް ދެމިގެން އައީ “ޕާޓީތަކުގެ” ތެރެއިންނެވެ. ރާއްޖޭގައި ފުރަތަމަ ސިޔާސީ ޕާޓީއެއް ރަސްމީ ސިފައެއްގައި އުފެއްދެވި ރައީސް އަމީން ދީދީ ވެސް ވިދާޅުވެފައި ވެއެވެ. އެއްވެސް ހާލެއްގައި “މުތަގައްދިމް” ޕާޓީއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީއެއް ނޫނެވެ. ރާއްޖާގައި އެހާތަނާ ޖެހެންދެން ވެސް ވެރިކަން ހިންގަމުން އައީ ސިޔާސީ ޕާޓީތަކޭ ނުކިޔަސް ޕާޓީތަކެއްގެ ތެރެއިންނެވެ. އަމީން އެ ވިދާޅުވި ޕާޓީތަކަކީ އާއިލީ ވެރިކަންތަކުގެ ވާހަކައެވެ.
ރާއްޖޭގެ ވެރިކަން އަބަދު ވެސް ދެމިގެން އައީ އާއިލާތަކެއްގެ ތެރެއިންނެވެ. “ކަކާގޭ” އާއިލާ އާއި “އަތިރީގޭ” އަދި “އެއްގަމުގޭ” އާއިލާ ފަދަ އާއިލާތަކުގެ ތެރެއިންނެވެ. ރަސްކަމުގެ ދަރިފަސްކޮޅު ދެމިގެން އައީ މި އާއިލާތަކުގެ ތެެރެއިންނެވެ. ދައުލަތް ހިންގަމުން އައީ މި އާއިލާތަކުންނެވެ. ވެރިންނަށް ތިއްބަވަނީ އާއިލާގެ އެންމެ އިސް ބޭފުޅުންނެވެ. ބާރުތައް ބެހިގެންދަނީ އާއިލާގެ ތެރޭގައެވެ. އެހެންކަމުން ސިޔާސީ ޕާޓީއެކޭ ނުކިޔަސް ވެރިކަން ކުރަމުން އައީ އެއް ވިސްނުމެއްގައި ތިބޭ އެއްބައެއްގެ ތެރޭގައެވެ.
ވެރިކަން ހޯދުމުގެ ރޫހު ވެސް އޮތީ އެ ގޮތުގައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އަބަދު ވެސް ރާވަމުން ގެންދިޔައީ ވެރިކަން ހޯދާނެ ގޮތްތަކެވެ. އާއީލީ ބައްދަލުވުންތައް ބާއްވައި ތާއިދުކުރާނެ ފަރާތްތަައް ހޯދައި ރޭވިގެން ހިންގަމުން ދިޔައީ މިހާރު ވެސް ސިޔާސީ ޕާޓީތަކުން ކުރަމުން އައި ކަންތައްތަކެވެ. ތަފާތަކީ އޭރު އެކަން ކުރީ ސިއްރިއްޔާތުގައި އާއިލާގެ ތެރޭގައި ރޭވުންތައް ރާވައިގެން ކަމެވެ. މިހާރު ފާޑުކިޔުމާއި ރޭވުންތައް އޮންނަނީ ބައްދަލުވުންތަކާއި މެނިފެސްޓޯ ފަދަ ކަންކަމުގެ ތެރެއިންނެވެ.
ފުރަތަމަ ޕާޓީގެ ނިމުން!
ބައެއް އިލްމުވެރިން ސިފަކުރައްވާފައިވާ ގޮތުގައި އަމީން ދީދީ ގެންނަވަން ފެއްޓެވި ބަދަލުތަކަކީ އޭރު ދިވެހިންގެ ތެރެއިން ގިނަ މީހުންގެ ވިސްނުމަށް ވެސް ނާންނަ ބަދަލުތަކެކެވެ. އެވަރުގެ ހޭލުންތެރިކަމެއް ވެސް ދިވެހިންގެ ތެރޭގައި ނެތީއެވެ. ބަދަލުތައް ބަލައިގަންނަން ވެސް ދަތިވީއެވެ. ސިޔާސީ ޕާޓީއަކީ ވެސް މި ފާހަގަކުރި ފަދަ ބަދަލެކެވެ. ގިނަ މީހުންނަށް އެއީ ކީއްވެ، ކޮން މަގުސަދެއްގައި، ކީއްކުރަން ކުރާ ކަމެއްކަން ވެސް އޮތީ ނޭނގިފައެވެ.
ސިޔާސީ ޕާޓީއެއް އުފެއްދި ނަމަވެސް ސިޔާސި ޕާޓީގެ ނިޒާމެއް އޭރު ރާއްޖެއަކު ނެތެވެ. އެންމެ މައިގަނޑު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ވެރިކަން ކުރާ ޕާޓީ ޖަވާބުދާރީކުރުވާނެ އިދިކޮޅު އެހެން ޕާޓީއެއް ވުޖޫދު ނުވުމެވެ. ޒަމާނުއްސުރެ ގަބޫލުކުރެވިފައި އޮތީ އިދިކޮޅުވުމަކީ ބަޣާވާތެއްގެ ގޮތުގައެވެ. އެހެންކަމުން މުތަގައްދިމް ޕާޓީ އާއި ނުވަތަ ވެރިކަމާ ދެކޮޅު ވިސްނުންތަކެއް ހުރި ނަމަވެސް ސިޔާސީ ޕާޓީއެއްގެ ސިފައިގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވެސް ނެތީއެވެ.
ބައެއް އިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ޕާޓީ ނިޒާމެއްގެ އުންސުތައް ހަމަވުމަށް ބޭނުންވާ ގިނަ ކަންތައްތައް އޭރު ހުރީ ފުރިހަމަ ނުވެއެވެ. އެ ގޮތުން ވެރިކަމުގެ ނިޒާމުގައި މުޅި ރައްޔިތުން ތަމްސީލުނުވުން ފާހަގަކޮށްލެވެއެވެ. ސިޔާސީ ޕާޓީއެއް އުފެދުނު ނަމަވެސް އެކަން އޮތީ މާލޭގެ ހަތަރު ފާރުގެ ތެރޭގައެވެ. މުތަގައްދިމު ޕާޓީގެ މަޝްވަރާ ކޮމެޓީގައި ބައެއް ރަށްރަށުގެ މީހުން ހިމެނިފައި ވީނަމަވެސް ރާއްޖޭގެ އެހެން ކަންކޮޅުތަކުގެ ބައިވެރިވުމެއް ވިސްނުމެއް ވެސް ވެރިކަމުގެ ނިޒާމުގެ ތެރޭގައެއް ނެތެވެ. ހަމައެއާ އެކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް އެފަދަ ވިސްނުމެއް ނެތީއެވެ.
އަމީން ދީދީ ޕާޓީ އުފެއްދުމުގެ މަގުސަދު ހާސިލްނުވެ ބަޣާވާތެއްގެ ތެރެއިން އެ ވެރިކަން ނިމުނު ފަދައިން ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ވެސް ކަފުންކޮށް ސަންދޯކަ ލެވުނީއެވެ. އަމީން ދީދީގެ ކުރު ވެރިކަމާ އެކު މުތަގައްދިމް ޕާޓީ ވެސް 1954ގައި އުވާލީއެވެ.
ދެ ވަނަ ސިޔާސީ ޕާޓީ އާއި މަލްޓި ޕާޓީ ޑިމޮކްރަސީ
މުތަގައްދިމް ޕާޓީއާ އެކު ސިޔާސީ ޕާޓީތަކުގެ ނިމުން އައި ނަމަވެސް އޭރު އުފަންވި އެ ހިޔާލުތައް މަޒީގެ ތެރެއިން ދެމިގެން ފޭދި، ފުރޭނިގެން ޒަމާންތަކަކަށް ދެމިގެން އައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގެ ތެރެއިން އިދިކޮޅު އަޑުތައް އުފުލިގެން އައިސް އެތައް ބައެއްގެ މިންނެތް މަސައްކަތުން ރާއްޖޭގައި ދެ ވަނަ ފަހަރަށް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރީ 26 ޖޫން 2005 ގައެވެ. ދެ ވަނަ ފަހަރަށް ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީކުރީ އިދިކޮޅު ޕާޓީއެކެވެ. އެއީ މިއަދު 20 އަހަރު ފުރުން ފާހަގަކުރަމުން އަންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އޭގެ ފަހުން އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުފެއްދެވިއެވެ. އަދި އޭގެ ފަހުން ރާއްޖޭގައި އެތައް ޕާޓީއެއް އުފައްދައި މިހާރު މިދެކޭ މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމުގެ ދަށުން ވެރިކަން ކުރަން ފެށުނީ 2008 ވަނަ އަހަރު އެވެ.