ފުލެޓް ދިނުމުގެ މައިގަނޑު ޝަރުތަކަށް ވާންވީ ކުލީގެ ދިގު މާޒީ!

5 ޖޫން 2026 - 18:34

މާލޭގެ ކުލީގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. އުމުރުން ވީހާ ދުވަހެއް ކުލި ދައްކައިގެން ދިރިއުޅޭ އެތައް ބަޔައްކު މާލޭގައި އަދިވެސް އެބަ ތިއްބެވެ. މިއީ އިޖުތިމާއީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހާސްކަމެވެ. މި މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން އެކު އުކުޅުތައް ބޭނުންކުރަމުން ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އޮތީ ހަލެއް ނުލިބިއެވެ. މައިގަނޑު ގޮތެއްގައި ސަރުކާރުތަކުގެ އަމާޒަކަށް ވަނީ ވީހާ ވެސް ގިނަ ފްލެޓްތަކެއް އަޅައި ޑިމާންޑް ދަށްކުރުމެވެ. އެހެން ނަމަވެސް މާލެ ސަރަހައްދަށް ހިޖުރަކުރާ މީހުންގެ އަދަދަށް މަޑުޖެހުމެއް ނާންނާތީ އެއްވެސް ސަރުކާރަކަށް މިކަމުގައި ކުރި އެރުމެއް ހޯދިފައެއް ނުވެއެވެ. މުޅި މައްސަލަ އަށް ހައްލެއް ނުހޯދެއެވެ.

އަބަދުވެސް ޝަކުވާ!

advertisement

ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން ގިނަ އަދަދެއްގެ މަޝްރޫއު ހިންގާފައި ވެއެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްް ގައްޔޫމުގެ ވެރިކަމުގައި ވެސް ސަރުކާރުގެ ވަކި ފަންތިއެއްގެ ބޭފުޅުންނަށް ގޯތި ދޫކުރުމުގެ އިތުރުން ފްލެޓްތައް ވެސް އަޅާފައި ވެއެވެ. އޭގެ ފަހުން އައި ހުރިހާ ވެރިކަމެއްގައި ވެސް މިހާތަނާ ޖެހެންދެން އައީ ފްލެޓް އަޅަމުންނެވެ. މި ސަރުކާރުގައި ވެސް ފްލެޓްތަކެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އާންމު ގޮތެއްގައި އެ ސަރުކާރަކުން ފަށާ ފްލެޓްތައް ދޫކުރުމުގެ ޒިންމާ އުފުލަންޖެހިފައި އޮންނަނީ ޖެހިގެން އަންނަ ސަރުކާރަކަށެވެ. 

ގިނަ އަދަދެއްގެ ފްލެޓްތަކާއި ރޯހައުސްތައް ދޫކުރި ނަމަވެސް މިހާތަނަށް ވެސް ޝަކުވާތަކަށް ނިމުމެއް ނާދެއެވެ. ސަބަބުތައް ގިނައެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި އޮންނަނީ އެންމެ ބޭނުންޖެހިފައި ތިބޭ ފަރާތްތައް ލިސްޓްތަކުން ފުރުސަތު ނުލިބުމެވެ. ނުވަތަ ކޮންމެ ވެސް ސަބަބަކާ ހުރެ ބަޔަކު އުނިވުމެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ ސިޔާސީ ފަރާތްތަކުން ލިސްޓްތަކަށް އަތް ބޭނުމާއި ޕޮއިންޓް ދިނުމުގައި އެކުލަވާލާ މިންގަނޑުގައި ހުންނަ މައްސަލަތަކެވެ. 

ސަރުކާރުތަކުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުލެޓް ދޫކުރުމުގައި ގެންގުޅޭ މިންގަނޑުތަކާ މެދު އަބަދުވެސް ބޮޑެތި ބަހުސްތަކެއް ހިނގައެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިހެން ދިމާވަނީ މާލޭގައި ކުއްޔަށް އުޅޭ މުއްދަތަށް އިސްކަން ދިނުމުގެ ބަދަލުގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް މަސައްކަތްކުރާތީ އެވެ. މިއީ ފަސޭހަ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގައި ލިބޭ އާންމުދަނީ އަށް ވުރެ ދިރިއުޅޭ ތަނުގެ ޖހާލަތު ބަލާކަން ފާހަގަކުރެވެއެވެ. އޭގެ ނަތީޖާއަކަށް ވަނީ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ކުޑަ ތަނެއްގައި ދިރިއުޅޭ މީހުންނަށް އިސްކަން ދެވުމެވެ. 

އަނެއް ބަޔަކު ދެކޭ ގޮތުގައި ފުލެޓް ހައްގުވާ މީހުން ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެ މުހިންމު އަދި އެންމެ އިންސާފުވެރި މިންގަނޑަކީ، އެމީހަކު ނުވަތަ އެ އާއިލާއަކުން ކުއްޔަށް ދިރިއުޅެމުންދާ ދިގު މާޒީއެވެ.

ކުލީގެ ބުރަކަމާއި އޭގެ ސަބަބުން ކުރިމަތިވާ އިޖުތިމާއީ ނޭދެވޭ އަސަރުތައް!

މާލޭގައި ކުއްޔަށް އުޅޭ އާއިލާތަކުން އެ މީހުންނަށް ލިބޭ އާމްދަނީ އެއްކޮށް ކަހަލަ ގޮތަކަށް ހަރަދުކުރަންޖެހިފައި އޮންނަނީ ކުއްޔަށެވެ. ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ ދެމަފިރިންގެ އިތުރުން ވަޒީފާ އަދާކުރާ އުމުރުގެ ދަރިންގެ ވެސް އާމްދަނީ ހިމަނައިގެންނެވެ. މީގެ ސަބަބުން ކެއިންބުއިމާއި، ތައުލީމާއި، ސިއްހީ ކަންކަމަށް ކުރަންޖެހޭ ހޭދަ ކުޑަކުރަން މަޖުބޫރުވެއެވެ. ދިރިއުޅުމަށް ބޭނުންވާ ގިނަ ކަންކަން ފުއްދަނީ ބޭންކްތަކުން މަހުން މަހަށް ދައްކާ ގޮތަށް މުދާ ނަގައިގެންނެވެ.  ބޮޑު ކަމެއް ޖެހިއްޖެ ނަމަ ލޯނު ނަގައިގެން ނުވަތަ ކޮންމެ ވެސް މީހަކަށް އާދޭސްކޮށްގެންނެވެ. މިއީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫނެވެ.

އިޖުތިމާއީ ބަލިމަޑުކަން!

މިއީ މުޅި އާއިލާގެ ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. ކުލި ބޮޑުވުމުން ގިނަ ބަޔަކު އެއް އެޕާޓްމަންޓެއް ހިއްސާކުރުމަކީ ވެސް އާންމު ކަމެކެވެ. މީގެ ސަބަބުން ދެމަފިރިންނާއި ދަރިން އެއް ތަނެއްގައި ނިދަން ޖެހުމާއި ސިޓީން ރޫމްގައި ނިދަންޖެހުން ފަދަ ދަތި ހާލުގައި އުޅޭ އެތައް އާއިލާއެއް މާލޭ ސަރަހައްދުގައި އެބަ އުޅެއެވެ. މީގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވުމާއި ޖެހޭ މައްސަލަތަކުގެ ތެރެއަށް ދަރިން ވައްދަންޖެހުމާއި ދަރިންގެ ކުރިމަތީގައި ދައްކަން ނުޖެހޭ އެތައް ވާހަކައެއް ދައްކަންޖެހުމާއި ހިއްސާކުރަން ނުޖެހޭ އެތައް ކަމެއް ހިއްސާކުރަން ޖެހުމާއި މިހެން ގޮސް އިޖުތިމާއީ ގޮތުން ދަތި އެތައް ކަމެއް ކުރިވެއެވެ. ތަފާތު ދެ އާއިލާއެއް އެއް ތަނެއްގައި އުޅެން ޖެހި ދިރިއުޅުމުގެ ކަންކަން އާއިލީ އޮޅިގަނޑު ގިރާކޮށް ވާހަކަތައް ފެތުރެން މަގުފަހިވުމަކީ ވެސް ބޮޑު ކުލީގެ ޝިކާރައަކަށް ވެފައިވާ އެތައް އާއިލާތަކަކުން ތަހައްމަލުކުރަންޖެހިފައިވާ ކަންކަމެވެ. 

މީގެ އިތުރުން ގޭތެރޭގެ ތޮއްޖެހުން ބޮޑުވުމުގެ ސަބަބުން، ހެދިބޮޑުވަމުން އަންނަ ފުރާ އުމުރުގެ ކުދިން ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރުމާއި ތަނަވަސްކަން ލިބިގެންވާ ރައްޓެހިންނާ އެކު އެކުދިންގެ ގޭގައި ވަގުތުތައް ހޭދަކުރުމުން ދަރިންގެ ދިރިއުޅުމުގެ ކޮންޓްރޯލް މައިންބަފައިންގެ އަތުން ގެއްލުމަކީ ވެސް ކުލި ބޮޑުވުމުގެ ސަބަބުން ތޮއްޖެހިގެން އުޅެންޖެހިފައިވާ ދިރިއުޅުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ. 

މީގެ އިތުރުން ކުއްޔަށް އުޅޭ ފަރާތްތަކުގެ ބޮލުގެ ރިހުން ބޮޑެވެ ޖެހިގެން އަންނަ މަހުގެ ކުލި ދައްކާފައި އިތުރު ހަރަދެއް ކުރަންޖެހިދާނެ ކަމުގެ ބިރު އަބަދު ވެސް ހިތުގައި އޮވެއެވެ. ދަރިއަކު ނުވަތަ އާއިލާ މީހަކު ބަލިވެ އާސަންދައިން ބޭރުން ހަރަދެއް ކުރަންޖެހުން ނުވަތަ ފޯނު ފަދަ ޒަރޫރީ އާލާތެއް ހަލާކުވެ އެ ހަރަދުކުރަންޖެހިދާނެކަމުގެ ބިރު އަބަދު ވެސް ހިތުތެރޭގައި އޮވެއެވެ. މިއީ ދާއިމީ ހާސްްކަމެކެވެ.

ކުއްޔަށް އުޅުމުގެ ދިގު މާޒީއަށް ބަލަންޖެހޭ ސަބަބުތައް!

އިޖުތިމާއީ ބޯހިޔާވަހިކަމުގެ ހަގީގީ ބޭނުމަކީ އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައިވާ، އަދި އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގެ މާލީ ގާބިލުކަން ނެތް ފަރާތްތަކަށް ހިޔާވަހިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް މިއީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމުގެ ހަގީގީ ހާލަތު ދެނެގަތުމަށް ހަދާ ސާވޭތައް ސައްހަނުވާ ސަބަބުތައް ވެސް އެބަ ހުއްޓެވެ. އޭގެ އެއް މިސާލަކީ ދިރިއުޅުމުގެ ހާލަތު ދެނެގެންނަން އަންނަ އިރު ތިމާ ދިރިއުޅޭ ތަން ނޫން ދަތިކޮށް ހުންނަ ތަނެއް ދެއްކުމެވެ. މިއީ ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތަކަށް ދިރިއުޅުމުގެ ހާލަތު ބަލަން ދިޔުމުން ބައެއް މީހުން ކަންކުރި ގޮތެވެ. އެހެންކަމުން މި މައްސަލައަށް ވެސް އޮތް އެންމެ ބޮޑު ހައްލަކީ ކުއްޔަށް އުޅުނު މުއްދަތު ގުނުމެވެ. މާލޭގައި ދިރިއުޅޭ މުއްދަތަށް ވުރެ ކުއްޔަށް ދިރިއުޅޭކަން ސާބިތުކޮށްދިނުން މުހިންމެވެ، 

 މާލޭގައި އެތައް އަހަރަކު ކުލި ދައްކަމުން، ދަރިން ބޮޑެތިކޮށް، މުޅި ޒުވާން އުމުރު ކުލީގެ އަޅުވެތިކަމުގައި ހޭދަކޮށްފައިވާ ފަރާތްތަކަށް ފުލެޓް ނުލިބި މާލެ ބަދަލުވާތާ މަދު އަހަރެއްވެފައިވާ މީހުން ނުވަތަ ދިރިއުޅުމުގެ ބޮޑު ބައި ކުލި ނުދައްކައި އުޅުނު މީހުންނަށް ވެސް ފްލެޓް ދީފައި އެބަ ހުއްޓެވެ. މިއީ ދިގު މުއްދަތެއްގައި ކުލި ދައްކައިގެން ދިރިއުޅެމުން އަންނަ އާއިލާތަކަށް ވެވޭ ވަރަށް ބޮޑު ނާއިންސާފެކެވެ. 

ނިޒާމަށް އޮންނަ އިތުބާރު

ކުއްޔަށް އުޅޭ މުއްދަތަށް ޕޮއިންޓް ދޭ ނިޒާމެއް ހަރުދަނާކޮށް ހިންގުމުން، ފުލެޓް ދިނުމުގައި ވަކިފަރާތަކަށް ޖެހުމުގެ ފުރުސަތު ކުޑަވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެއެވެ. އެހެން ނަމަވެސް މިއީ ވެސް މަކަރު ހަދާ ފަރާތްތަކުގެ ކިބައިން މުޅި ނިޒާމު ސަލާމަތްކުރެވިދާނެ ގޮތަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ހަރުދަނާ ނިޒާމެއްގެ ދަށުން ބެލިދާނެ ކަންކަން ހުންނާނެއެވެ. މާލޭގައި ދިރިއުޅުނު މުއްދަތު އޮޅުވާލުމަށްޓަކައި ވެސް މާލޭގެ ގެތަކުން ލިޔުން ހުށަހަޅައިގެން އެތައް ބަޔަކު މިހާރު ވެސް ފްލެޓް ހޯދައި ދިރިއުޅެމުން އެބަ ދެއެވެ. އެހެންކަމުން ކުއްޔަށް އުޅުނުކަމުގެ ލިޔުން ހޯދުމަކީ ވެސް ނުކުރެވޭނެ ކަމެކޭ ބުނެވޭކަށް ނެތެވެ. އެހެން ނަމަވެސް އެކަން ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އިތުރުކޮށް ދެ ފުށް ފެންނާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރެވިދާނެއެވެ. 

ގޮންޖެހުންތައް ގިނަވެދާނެ!

މިފަދަ ކޮންމެ ކަމެއްގައި ވެސް ގޮންޖެހުންތަކެއް ހުރެދާނެއެވެ. ތަންތަން ކުއްޔަށް ދިނުމުގައި އެއްބަސްވުމެއް ނެތުމަކީ ވެސް މިކަމަށް އޮތް ގޮންޖެހުމެކެވެ. ހާއްސަކޮށް މީގެ އަހަރުތަކެއް ކުރިން އެއްބަސްވުމެއް ނެތި ވެސް އެތައް ބަޔަކު ތަންތަން ކުއްޔަށް ދީފައި އެބަ ހުއްޓެވެ. އަދި މި އެއްބަސްވުންތަކަކީ އެއްވެސް ކޯޓެއްގައި ރަޖިސްޓްރީނުކުރާ އެއްބަސްވުންތަކަކަށް ވުމުން ގާނޫނީ ހައިސިއްޔަތެއް ނެތުމުގެ ފުރުސަތު ވެސް އޮވެއެވެ. އެހެން ނަމަވެސް މިއީ ވެސް އެކަށީގެންވާ ނިޒާމެއްގެ ދަށުން ހައްލުކުރެވިދާނެ ކަމެކެވެ. 

  1. ސަރުކާރުގެ ޓެނަންސީ ރެޖިސްޓްރީ: ކުއްޔަށް އުޅޭ މީހުންނާއި ކުއްޔަށްދޭ ތަންތަނުގެ ގައުމީ ދަފްތަރެއް އެކުލަވާލުން.
  2. ބޭންކް ސްޓޭޓްމަންޓް: ގަވާއިދުން ކުލި ދައްކާފައިވާކަން ބޭންކް ޓްރާންސެކްޝަންތަކުން ސާބިތުކޮށްދެވޭނެ ނިޒާމެއް ގަބޫލުކުރުން.
  3. ބިލްތަކުގެ ތާރީހު: ކަރަންޓާއި ފެން ބިލުތަކަށް ފައިސާ ދައްކާފައިވާ ތާރީހުތަކާއި، ކުދިން މާލޭގެ ސުކޫލުތަކުގައި ކިޔެވި މުއްދަތަށް ބަލައިގެން ދިރިއުޅުނު މުއްދަތު ކަށަވަރު ކުރުން.

މާޒީން ލިބުނު އެއް ފިލާވަޅަކީ ސަރުކާރުތަކުން މިހާތަނަށް ހިންގި ސޯޝަލް ހައުސިން މަޝްރޫއުތަކުން މުޅި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެން ގޮސްފައި ނެތް ކަމެވެ. ޑިމާންޑް ދަށްކުރުމުގެ އުކުޅަކީ އެހާ އަވަހަށް ކާމިޔާބުކުރެވެން ވެސް އޮތް ކަމެއް ނޫންކަން ހިޔާ ފްލެޓްގެ މަޝްރޫ އާއި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން އިއުލާންކޮށްފައިވާ މަޝްރޫއުތަކުން ވެސް ސާބިތުވެއެވެ. ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން މަޝްރޫއުތަކެއް އިއުލާނުކޮށްފައިވީ ނަމަވެސް ޔަގީނުން ވެސް ކަށަވަރުވާ އެއް ކަމަކީ މި ދައުރުގައި ގިނަ ބަޔަކަށް އެ ތަންތަނަށް ނުވަދެވޭނެ ކަމެވެ. ބިން ދިން ނަމަވެސް އެ ތަންތަނުގައި ވެސް ދިރިއުޅެން ފެށޭނެ އިރެއް ނޭނގެއެވެ. 

އެހެންކަމުން މާކެޓަށް ނެރެވޭ މަދު މަޝްރޫއަކުން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އިސްކަން ދެވޭނެ ގޮތްތަކެއް ހޯދަންޖެހެއެވެ. “ކުއްޔަށް ދިރިއުޅުމުގެ ދިގު މާޒީ” އަށް ބަލައިގެން ފްލެޓް ދިނުމުގެ ޝަރުތު ކަނޑައެޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިއީ އެތައް އަހަރެއް ވަންދެން ގައުމު ބިނާކުރުމުގައި މަސައްކަތްކޮށް، އާމްދަނީގެ ބޮޑުބައި ކުލީގެ ގޮތުގައި ހޭދަކުރި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މުހިންމު ކަމެކެވެ. ލިސްޓް ތަރުތީބުކުރުމުގައި އިސްކަންދޭންޖެހޭ މައިގަނޑު ޝަރުތަކީ ކުލި ދައްކަމުން ދިޔަ މުއްދަތު ކަމަށް ކަނޑައަޅަންޖެހެއެވެ.

ރިއެކްޝަންސް
0
0
1
0
0
0
0