ވިޔަފާރި ބަނދަރަށް ޗައިނާ އިން މިސާލެއް!
24 ޖޫން 2026 - 17:47
ޗައިނާގެ ތަރައްގީ ހަމަލޮލުން ފެނި ތަޖުރިބާކުރެވިއްޖެ ނަމަ ހަމަ ޔަގީނުން ވެސް ކަށަވަރުވާނެ އެއް ކަމަކީ ޗައިނާ ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ވުރެ 50 އަހަރު ކުރީގައި ކަމެވެ. އަދި ވާދަވެރި ބޮޑެތި ބާރުތަކަށް ވުރެ 30 ވަރަކަށް އަހަރު ކުރީގައި ކަމެވެ. ހާއްސަކޮށް އާންމު ދިރިއުޅުމުގަ އާއި އިގްތިސާދުގައި ބޭނުންކުރާ ޒަމާނީ އީޖާދުތަކުގެ ރޮނގުން އެތައް ތަނަކުން ކުރި ހޯދާފައި ވެއެވެ.
ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް ޗައިނާ އިން ހާސިލްކުރެވިދާނެ އެތައް މިސާލެއް އެބަ ހުއްޓެވެ. ހާއްސަކޮށް ތަރައްގީގެ ބިޔަ މަޝްރޫއުތަކުގައެވެ. ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން މާލޭ ކޮމާޝަލް ހާބާ ނުވަތަ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަާހަގަކޮށްލެވެ. މި މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެމްޑީޕީގެ ވެރިކަމުގައި ރާވާފައި އޮތީ ގުޅީފަޅުގައި މުޅިން އާ ޒަމާނީ ބަނދަރެއް ތަރައްގީކުރުމަށެވެ. ނަމަވެސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ގުޅީފަޅުގެ ޕްލޭނަށް ގެންނެވި ބަދަލުތަކާ އެކު މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ ކޮމްޕޯނަންޓެއް ވެސް ބަދަލުކުރުމަށް ނިންމަވާފައި ވަނީ ތިލަފުއްޓަށެވެ. އެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް އެބަ ދެއެވެ.
ތިލަފުށި ބަނދަރު ތަރައްގީކުރުން!
ސަރުކާރުން ކުރިން އަންދާޒާކޮށްފައިވާ ގޮތުގައި މިއީ 250 މިލިއަން ޑޮލަރު ހޭދަވާނެ މަޝްރޫއެކެވެ،. މިތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ އިރު މަޝްރޫއު މުޅިން ނިމޭ އިރު 600 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލެއް ގާއިމުކުރެވޭނެއެވެ. އެއީ އެއްފަހަރާ އެންމެ ބޮޑެތި ސައިޒުގެ ތިން ބޯޓަށް ހިދުމަތް ދެވޭ ވަރުގެ ކީވޯލެކެވެ. މި މަޝްރޫއުއަށް މާލޭ ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތިލަފުށިން 20 ހެކްޓަރުގެ ބިން ހާއްސަކޮށްފައިވެއެވެ. މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ ފެބްރުއަރީ 2026ގައެވެ. މި ކުންފުންޏާ ހަވާލުކޮށްފައިވަނީ 125 މީޓަރުގެ ބާތެއްގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރު ބަނދަރުކުރެވޭނެ ސަރަހައްދެއް ތަރައްގީކުރުމަށެވެ. އަދި ބަނދަރުގައި ބޭނުންކުރާނެ ކްރޭން ހަރުކުރުމާއި، މަޝްރޫއަށް ބޭނުންވާ ސާވޭ އާއި ޑިޒައިންގެ މަސައްކަތްތައް ކުރުމަށްވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.
ޗައިނާގެ ބަނދަރުތަކުން!
ޗައިނާގެ ބަނދަރުތަކަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރުތަކެވެ. އެ ގައުމުތެރެއިން ދަތުރުކުރާ ކޯރުތަކުގައި ގާއިމުކޮށްފައިވާ ބަނދަރުތަކާއި އެއްގަމު ބަނދަރުތަކަކީ ވެސް އާދަޔާ ހިލާފަށް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހިންގާ ބަނދަރުތަކެވެ. ބައެއް ބަނދަރުތަކުގައި މުޅި އޮޕަރޭޝަން ހިންގަނީ އޮޓޮމެޓިކް މެޝިންތަކާއި އޭއައިގެ އެހީތެރިކަމާ އެކުގައެވެ. ރާއްޖޭގައި އަލަށް ބަނދަރެއް ގާއިމުކުރާ އިރު ޗައިނާގެ އެހީތެރިކަމާ އެކު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބަނދަރު ތަރައްގީކުރުމުގެ މުހިންމުކަން އިންތިހާ އަށް ބޮޑެވެ.
ޗައިނާ އިން ފާހަގަކޮށްލެވޭ ބައެއް ބަނދަަރުތައް!
ލުޖުއޯ ޕޯޓް:

މިއީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ޔަންގްޒީ ކޯރުގައި ގާއިމުކޮށްފައިވާ އެތެރެވަރީގެ މުހިންމު ކާގޯ ބަނދަރެކެވެ. މިއީ ހައިވޭ، ރޭލު އަދި ކަނޑުގެ ދަތުރުފަތުރު ގުޅުވައިދޭ މައިގަނޑު މަރުކަޒެކެވެ. މިއީ ސިޗުއާން ޕްރޮވިންސްގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ބަނދަރެކެވެ. އެ ޕްރޮވިންސްގެ ކޮންޓެއިނަރ މުއާމަލާތްތަކުގެ 60 އިންސަތަ އަށް ވުރެ ބޮޑު އަދަދެއް ދަތުކުރަނީ މި ބަނދަރުގެ ތެރެއިންނެވެ. މި ބަނދަރު ސްމާޓް ބަނދަރަކަށް ބަދަލުކުރުމުގެ މަސައްކަތް ބިނާވެފައިވަނީ “ފައިވްޖީ ސްމާޓް ޕޯޓް” އޮނިގަނޑުގެ މައްޗަށެވެ. 2022 ވަނަ އަހަރު ގާއިމުކުރެވުނު 5G ޕްރައިވެޓް ނެޓްވޯކާ އެކު، ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މީގެ ތެރޭގައި ޑިޖިޓަލް ޓްވިން ސިސްޓަމް، އައި.އޯ.ޓީ މެނޭޖްމަންޓް، އޭއައި ކެމެރާގެ ނިޒާމު އަދި ސްމާޓް ގޭޓް ސިސްޓަމް ހިމެނެއެވެ. މުދާ އަރުވާ ބޭލުމަށް ބޭނުންކުރާ ކެރޭންތައް އޮޕަރޭޓްކުރަނީ އޮޓޮމެޓިކް ނިޒާމުގެ ތެރެއިން ޑްރައިވަރުން ބޭނުން ނުކޮށެވެ. މި ކަމުގައި އިންސާނުންގެ އެހީތެރިކަން ބޭނުންކުރަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
މި ބަނދަރުގެ މައިގަނޑު ސިފަތަކުގެ ތެރޭގައި ޓްރަކް ޑްރައިވަރުންނަށް ވީޗެޓް އެޕްލިކޭޝަން މެދުވެރިކޮށް ދުރާލާ އެޕޮއިންޓްމަންޓް ހެދެއެވެ. ބަނދަރަށް އައުމުން ލައިސަންސް ޕްލޭޓާއި ކޮންޓެއިނަރު ނަންބަރު އެންމެ 20 ސިކުންތު ތެރޭގައި ސިސްޓަމުން ދެނެގަނެއެވެ. ކޮންޓްރޯލް ސެންޓަރުގައި ހުންނަ ސްމާޓް ޑޭޝްބޯޑުން ކްރޭންތަކާއި، ވެހިކަލްތަކާއި، ކޮންޓެއިނަރުތަކުގެ ރިއަލް-ޓައިމް މައުލޫމާތު ބަލައި، ހުރިހާ ކަމެއް މަރުކަޒީކޮށް މޮނިޓަރު ކުރެއެވެ. އަމިއްލައަށް ދުވާ އިލެކްޓްރިކް ޓްރަކްތަކަކީ އާދަޔާ ހިލާފު މޮޅު އީޖާދެކެވެ. ބެޓެރީ ހަކަތައިން ދުއްވާ މު އުޅަނދުފަހަރަކަށް ޑްރައިވަރެއް ބޭނުމެއް ނުވެއެވެ. އެ ބަނދަރުގައި 2024 ގައި “ކިޔު ޓްރެކް” ގެ ނަމުން ނަންދެވިފައިވާ، ޑްރައިވަރުންނާ ނުލާ ދުއްވާ ދެ އިލެކްޓްރިކް ޓްރަކް ތައާރަފުކުރެވުނެވެ. މިއީ ސެންސަރާއި، އޭއައި އަދި ބެއިޑޫ ޕޮޒިޝަނިންގް ބޭނުންކޮށްގެން ދުވާ ވެހިކަލްތަކެކެވެ. މިހާރު މިފަދަ އެތައް އުޅަނދުފަހަރެއް މި ބަނދަރުގައި ބޭނުންކުރެއެވެ.
މި ނިޒާމުތަކުގެ ސަބަބުން ބަނދަރުގެ ހިންގުމުގެ އެފިޝަންސީ (ހަލުވިމިން) 10 އިންސައްތައަށް ވުރެ އިތުރުވިއެވެ. އަދި ޑީސަލް ޓްރަކްތަކާ އަޅާބަލާއިރު ހަކަތައަށް ހިނގާ ހަރަދު 50 އިންސައްތައަށްވުރެ ކުޑަވެ، އަހަރަކު 300 ޓަނުގެ ކާބަން ބޭރުވުން މަދުކުރެވުނެވެ. މީގެ އިތުރުން، ޑްރައިވަރުން ވަރުބަލިވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތަކުން ސަލާމަތްވެ، ރައްކާތެރިކަން ވަނީ އިތުރުވެފައެވެ.
ލުޖޯއު ޕޯޓުން މިހާރު ދަނީ ޓެކްނޮލޮޖީ ބައިވެރިންނާ ގުޅިގެން، އެތެރެވަރީގެ ކޯރު ބަނދަރުތަކަށް ހާއްސަ އައު ޖީލެއްގެ ސްމާޓް ވެހިކަލްތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މުސްތަގުބަލުގައި މުޅިން “އިންސާނުންނާ ނުލާ ހިންގާ ބަނދަރަކަށް” ވުމުގެ ތަޞައްވުރާއެކު، މި ބަނދަރުގެ ސްމާޓް ބަދަލުތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާނެއެވެ. މިހާރު ވެސް ބަނދަރު އޮޕަރޭޝަންތަކުގައި އިންސާނުންގެ އެހީތެރިކަން ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. މީގެ ސަބަބުން މަސައްކަތްތަކަށް ހަލުވިކަން ލިބުމުގެ އިތުރުން ކުށްޖެހޭ މިންވަރު ގާތްގަނޑަކަށް ނެތިކޮށްލެވެއެވެ.
ޗިންޒޫ އޮޓޮމޭޓަޑް ކޮންޓޭނަރ ޓާމިނަލް:
މިއީ ޗައިނާގެ އެންމެ ފުރަތަމަ ފުރިހަމައަށް އޮޓޮމޭޓްކުރެވިފައިވާ ރޭލް-ސީ އިންޓަރމޯޑަލް ޓާމިނަލްއެވެ. އަދި މިއީ ވެސްޓަން ލޭންޑް-ސީ ކޮރިޑޯގެ ފާހަގަކޮށްލެވޭ މުހިންމު މަޝްރޫއެކެވެ. މިތަނުގެ އާދަޔާހިލާފު ޔޫ-ބައްޓަމުގެ ފަރުމާގެ ސަބަބުން އިކުއިޕްމަންޓްތައް ދަތުރުކުރަންޖެހޭ ރާސްތާ 35 ޕަސެންޓަށް ކުޑަކޮށްދީ، ހަކަތައަށް ހިނގާ ހަރަދު 30 ޕަސެންޓަށްވުރެ ބޮޑަށް ދަށްކޮށްދެއެވެ. މީގެ އިތުރުން، ކައިރީގައިވާ ރޭލްވޭއާ ފުރިހަމައަށް ގުޅާލެވިފައިވުމުން ވަގުތުން ވަގުތަށް މައުލޫމާތު ބަދަލުކުރުމަށް މަގުފަހިވެ، އިންޓަރމޯޑަލް ޓްރާންސްފާގެ އެފިޝަންސީ (ހިންގުންތެރިކަން) 50 ޕަސެންޓަށް އިތުރުކޮށްދެއެވެ. މިއީ އެއްގަމާއި ކަނޑުމަގު ގުޅުވައިދޭ މުހިންމު ބަނދަރެކެވެ.
މި ޓާމިނަލްގައި 12 ކްރޭނާއި، 42 އޮޓޮމޭޓަޑް ރޭލް-މައުންޓަޑް ގޭންޓްރީސް ބޭނުންކުރާ އިރު މިއި އިންސާނުން ބޭނުން ނުކޮށް އޮޕަރޭޓްކުރާ އާލާތްތަކެވެ. އަދި އޭއައިސިސްޓަމްތަކުން މެނޭޖްކުރާ 72 ކޮމްޕެކްޓް އައި.ޖީ.ވީ ހުރެއެވެ. މިހާރު މިއީ ދުނިޔޭގެ 393 ބަނދަރަކާއި، ޗައިނާގެ 18 ޕްރޮވިންސެއްގެ އެތެރޭގެ 163 ރޭލްވޭ ސްޓޭޝަނާ ގުޅުވައިދޭ ތަނެކެވެ. މިއީ އާސިއާން ގައުމުތަކާއި ޗައިނާގެ އެތެރޭގެ ސަރަހައްދުތަކާ ދެމެދު އޮތް ބައިނަލްއަގުވާމީ މުހިންމު ދޮރާށްޓެއްގެ ގޮތުގައި އޮތް ގަނދަރެކެވެ.

މާލޭ ވިޔަފާރި ބަނދަރު ހުޅުވުން 2027ގެ ނޮވެމްބަރު 11ގައި!
މާލޭ ބައިނަލްއަގުވާމީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެމަނިކުފާނު އެ ބަނދަަރު ހުޅުވައިދެއްވާނެ ކަމަށެވެ. ހުރިހާ ކަމެއް ތަރުތީބުވަމުން އަންނަނީ މި ތާރީހަށް އަމާޒުކޮށްގެންނެނެވެ. އެމަނިކުފާނު ވަނީ ތަފާތު އެކި ހަފުލާތަކާއި މުނާސަބާތަކުގައި މި ތަރީހް ތަކުރާރުކުރައްވާފައެވެ. އެހެންކަމުން މަސައްކަތްކުރާ ފަރާތްތަކުގެ ތާވަލްތައް ބިނާކޮށްފައިވާނީ މި ތާރީހަށް ބަލައިގެން ކަން ޔަގީނެވެ.
ހަމައެކަނި ބަނދަރެއް ނޫން! ބޮޑު އިންގިލާބެއް!
މިއީހަމައެކަނި ބަނދަރެއް ނޫނެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ވެސް އަންނާނެ ބޮޑު އިންގިލާބީ ބަދަލެކެވެ. ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގައި މިހާރު ވެސް ބަނދަރުން މުދާ ކްލިއަކުރުން ލަސްވުން މައިގަނޑު ސަބަބެއްގެ ގޮތުގައި ހިމެނެއެވެ. ބަދަލުގައި ގިނަ ދުވަސްތައް ހޭދަކުރުންޖެހުމާއި މޫސުމް ގޯސްވެއްޖެ ނަމަ މުދާ ނުބޭލުމާއި މިހެން ގޮސް ބަނދަރުގައި ހުރި މައްސަލަތައް އިންތިހާ އަށް ބޮޑެވެ. ތަކެތީގެ އަގު ބޮޑުވުމުގައި މި ސަބަބުތައް ހިއްސާކުރެއެވެ.
އާ ބަނދަރާ އެކު މުދާ ކްލިއާކުރެވޭ ވަގުތު ކުޑަވެ، މުދާ ކްލިއާކުރެވޭ އަދަދު އިތުރުވެގެން ދިއުމުގެ ސަބަބުން އޮޕަރޭޝަންތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. އަދި ޗައިނާ ފަދަ ގައުމުތަކުގެ އެހީތެރިކަމާ އެކު ގާއިމުކުރެވޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ބަނދަރުގެ މަސައްކަތްތައް ހަލުވިގެންދާނެ އެވެ. މިއީ ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކަށް ވެސް އިތުރު އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.
މީގެ އިތުރުން މިއީ ބަނދަރެއްގެ އިތުރުން އެކަމާ ގުޅޭ އިތުރު އެތައް ހިދުމަތްތަކެއް ވެސް ގާއިމުކުރެވޭނެ ސަރަހައްދެކެވެ. އަލަށް އާބާދުވާން ތައްޔާރުވެފައި އޮތް ގުޅިފަޅާއި ތިލަފުއްޓާއި ވިލިމާލެ އަދި މާލެ ގުޅުވައިދޭ ބްރިޖާ އެކު މި ބަނދަރުގެ ބޭނުން އިތުރަށް ބޮޑުވެގެންދާނެއެވެ. އިތުރު އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ އިގްތިސާދީ އިތުރު އެތައް މަސައްކަތްތަކަށް ދޮރުތައް ހުޅުވިގެންދާނެއެވެ.
ހަމަ މިއާ އެކު މާލޭގެ ހާބަރު ހުސްވުމުގެ ސަބަބުން އެ ސަރަހައްދުން ވެސް ބޮޑު ތަނެއް އެހެން ބޭނުންތަކަށް ހުސްކުރެވޭނެއެވެ. ކުރިން ހާމަކޮށްފައިވާ ޕްލޭންތަކަށް ބަލާއިރު އެ ސަރަހައްދުގައި ކްރޫޒްތަކަށް ހާއްސަ މަގަތު ފާލަމެއް ހެދުމާއި އާންމު ޕާކްތަކާއި އެ ނޫން ވެސް މުހިންމު ތަންތަން އެ ތަނުގައި ބިނާކުރުމަށް ހަމަޖައްސާފައި ވެއެވެ. މި ބަދަލުތައް ފެންނަން ދުވަސްތަކެއް ނެގި ނަމަވެސް މިފަދަ ތަންތަން ތަރައްގީކުރުމުގައި ޗައިނާ ފަދަ ގައުމުތަކުން ތަޖުރިބާ ހޯދުން މުހިންމެވެ. އާންމު ދިރިއުޅުމަށް ކުރިއެރުން އަންނާނެ ގޮތަކަށް އަދި ތިމާވެށި ރައްކާތެރިކުރެވި ރައްކާތެރި ހަކަތަ ބޭނުންކުރާ ވަސީލަތްތައް ގާއިމުކުރުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. މިފަދަ ކަންކަން ކުރުމުގައި ޗައިނާއަކީ މިސާލެއް ކަމަށް ބަލައިގެން ކަންކަން ރޭވުން މުހިންމެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ޗައިނާ އިން ހޯދަމުން އަންނަ ކުރިއެރުންތަކުން ތަޖުރިބާ އާއި އެހީ ހޯދުން މުހިންމެވެ.


