ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކިކުރުން ހުއްޓުވޭނީ އައްޔަންކުރުން ހުއްޓުވައިގެން!
24 ޖުލައި 2026 - 11:00
ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުގައި ސިޔާސީ ނުފޫޒު ފޯރުވުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ހާއްސަކޮށް ވެރިކަން ބަދަލުވާ ކޮންމެ ދަނޑިވަޅެއްގައި ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން މުވައްޒަފުން ވަކިކުރުމާއި، ސިޔާސީ ބޭނުމަށް އާ މުވައްޒަފުން އައްޔަންކުރުމަކީ އާންމުވެފައިވާ ސަގާފަތެކެވެ. ނަމަވެސް، ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކިކުރުން ހުއްޓުވޭނީ ސިޔާސީ ބޭނުމަށް މުވައްޒަފުން އައްޔަންކުރުން ހުއްޓުވައިގެންކަން ގަބޫލުކުރަންޖެހެއެވެ.
ސިޔާސީ ބޭނުމަށް މުވައްޒަފުން އައްޔަންކުރުން: މައްސަލައިގެ ފެށުން
ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކިކުރުމުގެ މައްސަލަ އުފެދެނީ މުވައްޒަފުން ވަޒީފާއަށް ނަގާ މަރުހަލާއިން ފެށިގެންނެވެ. ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމާއި، ތަޖުރިބާ އާއި، ގާބިލުކަމުގެ ބަދަލުގައި އިންތިހާބުތަކުގައި ކޮށްދިން މަސައްކަތަށް ނުވަތަ ސިޔާސީ ޕާޓީގެ ވަފާތެރިކަމަށް ބަލައިގެން މުވައްޒަފުން ނެގުމަކީ އާންމު ކަމެކެވެ. މިއީ ހަމަ އެކަނި ސިޔާސީ ވަޒީފާތަކެއް ވެސް ނޫނެވެ. ކުންފުނިތަކުގެ އެކި މަސައްކަތްތަކަށް މުވައްޒަފުން ނެގުމުގައި ވެސް ކަން ހިނގާ ގޮތެވެ.
ސިޔާސީ ގޮތުން އައްޔަންކުރެވޭ މުވައްޒަފުންނަކީ ހާމަކަން ބޮޑު އުސޫލަކުން ނެގޭ ބަޔަކަށް ނުވާތީ، ވެރިކަން ބަދަލުވުމާއެކު ނުވަތަ ސިޔާސީ އެހެން ކަމަކާ ގުޅިގެން ވެސް އެ މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އަބަދު ވެސް އޮވެއެވެ. ދާއިމީ ވަޒީފާތަކަކަށް ނުވާތީ ކޮންމެ ދަނޑިވަޅެއްގައި ވެސް ވަޒީފާ ގެއްލިދާނެއެވެ. ދެރަކަމަކީ މިފަދަ ގޮތަކަށް ނަގާ މުވައްޒަފުންގެ ވަޒީފާ ގެއްލުނަސް އިންސާފު ހޯދަން އޮތް މަގު ވެސް ހަނިވުމެވެ. ނުވަތަ ބަދަލެއް ހޯދޭނޭ މަގެއް ނެތުމެވެ.
އައްޔަންކުރުމާއި ވަކިކުރުމުގެ ގުޅުން!
ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރުމާއި އައްޔަންކުރުމަކީ ގުޅިލާމެހިފައިވާ ދެކަމެވެ. އާ ސަރުކާރެއް އައުމުން، ކުރީގެ ސަރުކާރުން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މުވައްޒަފުން ވަކިކޮށް، އެ މަގާމުތަކަށް އާ ސަރުކާރުގެ ސަޕޯޓަރުން ނުވަތަ ސަރުކާރު ގެނައުމަށް މަސައްކަތްކޮށްދިން މީހުން ނުވަތަ އިސް މަގާމުތަކަށް އަންނަ މީހުންގެ އާއިލީ މީހުންނާއި ގާތް މީހުންނާއި އެކި ނުފޫޒުތަކުގެ ތެރެއިން އަންނަ މީހުން އައްޔަންކުރެއެވެ. މިއީ ސިޔާސީ ދާއިރާގައި ނުވަތަ ވެރިކަމުގައި މުވައްޒަފުން ބަދަލުވަމުންދާ ގޮތެވެ.
ވަޒީފާއަށް މީހުން އައްޔަންކުރުން “މެރިޓް” ނުވަތަ ގާބިލުކަމުގެ މައްޗަށް ބިނާނުކުރާ ނަމަ، އެ މުވައްޒަފަކު ވަކިކުރުމުގައި ވެސް ގާނޫނީ އަދި އަހްލާގީ ހަމަތަކަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް އުންމީދުކުރުމަކީ މޮޔަކަމެކެވެ. މިފަދަ މަގާމުތަކަކީ ސަރުކާރަށް ނުވަތަ ކުންފުނިތަކަށް ކޮންމެހެން ބޭނުން ވެގެން އުފައްދާ ވަޒީފާތަކެއް ނޫނެވެ. މިއީ ވަކި ބަޔަކަށް ފަހައިދޭ ކޯޓުތަކެކެވެ، އެހެންކަމުން އެ ކޯޓުތައް ފަހައިދިން މީހުންގެ ބާރު ކެނޑޭ ހިސާބުން އެ ވަޒީފާއެއް ގެއްލުމަކީ އާންމު ކަމެކެވެ.
ދައުލަތަށް ކުރާ ނޭދެވޭ އަސަރު ބޮޑު!
ދައުލަތަށް ވެސް އަދި ކުންފުނިތަކަށް ވެސް މިއަދު ކުރިމަތިވެފައިވާ ގެއްލުމުގެ އަސްލު ހަގީގަތަކީ ސިޔާސީ މަގާމުތައް ގިނަވުމާއި ސިޔާސި ބޭނުންތަކަށް ސަރުކާރުގެ ކުންފުނިތަކަށް ވައްދާފައިވާ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވުމެވެ. މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ސާފު އަދަދެއް މިހާތަނަށް ވެސް އެނގިފައެއް ނުވެއެވެ. ކުންފުނިތަކަށް ވައްދާފައިވާ އަދަދު ވެސް އެތައް ހާހަކުން ގުނާލެވެއެވެ. ދައުލަތުގެ ހަރަދު އިންތިހާ އަށް ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ވެސް ސިޔާސީ މަގާމުތަކާއި ތަފާތު އެކި މިނިސްޓްރީތަކުގައި އުފައްދާފައިވާ ބޭކާރު ވަޒީފާތައް އިތުރުވުމެވެ. ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަންޖެހެނީ މުސާރަ ދިނުމަށާއި އޮފީސްތަކުގެ ހަރަދަށެވެ. ގައުމުގެ ތަރައްގީ އާއި އިގްތިސާދު ހަރުދަނާކުރުމަށް ހޭދަކުރަން ލިބެނީ މަދު އަދަދެކެވެ. ނުވަތަ އެފަދަ މަޝްރޫއުތައް ހިންގަންޖެހެނީ ކޮންމެ ވެސް ބޭރުގެ އެހީތެރިކަމާ އެކު ނުވަތަ އެތެރެއިންނާއި ބޭރުން ލޯނުތަައް ނަގައިގެންނެވެ.
ކުންފުނިތަކަށް ވެސް އޮތީ މި ހާލަތެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ފައިދާގައި ހިންގަނީ މަދު ކުންފުންޏެކެވެ. މިފްކޯ އާއި ފެނަކަ އާއި ސްޓެލްކޯ އަދި ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ބޮޑެތި ކުންފުނިތަކުގައި ވެސް ބިލިއަނުން ދަރަނި އެބަ އޮތެވެ. ގިނަ ކުންފުނިތަކަށް އެއީ ބަނގުރޫޓުވެފައިވާ ނުވަތަ ވުމުގެ މަގުމަތީގައި ހުރި ކުންފުނިތަކެވެ. މާބޮޑު އެސެޓެއް ނެތި ހަމައެކަނި ހަރަދުކުރަން އުފައްދާފައި ހުރި ކުންފުނިތައް ވެސް މަދެއް ނޫނެވެ. އެމްޓީސީސީ އާއި އެސްޓީއޯ ފަދަ މަދު ކުންފުންޏެއް ފައިދާގައި ހިންގި ނަމަވެސް އެ ކުންފުނިތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ވެސް ހޭދަކުރަންޖެހެނީ ސިޔާސީ ބޭނުންތަކަށް އިތުރުކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އެހެންކަމުން ހަގީގަތުގައި މި ކުންފުނިތަކަށް ލިބޭ އާމްދަނީއާ ގާތަށް ވެސް ދައުލަތަށް ފައިދާއެއް ނުލިބެއެވެ.
ނަތީޖާއަކަށް ވެފައި ވަނީ މި ހަރަދުތައް ފޫބެއްދުމަށް އެކި ވެރިކަންތަކުގައި ނަގަމުން ދިޔަ ދަރަނި ފުނި ޖެހި ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ދައުލަތުން ހަރަދު ކުރަންޖެހުމެވެ. ނުވަތަ ލޯނު ދެއްކުމަށް އިތުރު ލޯނުތައް ނަގަން ޖެހުމެވެ. މި އަހަރުގެ ތެރޭގައި ވެސް ލޯނުގެ ގޮތުގައި ބިލިއަނެއްހާ ޑޮލަރު ދައުލަތުން ދައްކަންޖެހެއެވެ. އޭގެ ތެރެއިން ބޮޑު ބައި އެކި ގޮތްގޮތުން ސަރުކާރުން މިހާތަނަށް ވަނީ ދައްކާފައެވެ. ނަމަވެސް މިއަހަރު އަދިވެސް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް އެބަ އޮތެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ.
ގާނޫނީ ބުރަ ބޮޑު!
ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިކުރުމުގެ ސަބަބުން ކޯޓުތައް މެދުވެރިކޮށް ދޭންޖެހޭ ބަދަލުތަކާއި، ބޭކާރު ގޮތުގައި މަގާމުތައް އިތުރުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގެއްލުންތައް ވެއެވެ. މީގެ އިތުރުން ސިވިލް ސަރވިސް އާއި ސަރުކާރު ކުންފުނިތަކަށް އާންމުން ކުރާ އިތުބާރު ކުޑަވެ، މުއައްސަސާތަކުގެ މިނިވަންކަން ގެއްލިގެންދެއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް މި ސަރުކާރުން ވެސް ނިންމާފައި ވެއެވެ. އަދި ތިން މަސްދުވަހުގެ ތެރޭގައި 30 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް އެކަން އިއުލާންކުރި ފަހުން ވެސް އެތައް ބަޔަކަށް ވަޒީފާތައް ވަނީ ދީފައެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް އެތައް ސަތޭކަ ވަޒީފާތަކެއް ދިނެވެ. އަދި އޭގެ ފަހުން ދައުލަތުގެ އިސް މަގާމުތަކަށް ގެނައި ބަދަލުތަކާ އެކު ވަކިކުރި ފަރާތްތަކަށް އަލުން ބޮޑެތި މަގާމުތައް ދަނީ ދެމުންނެވެ. އެޑްވައިޒަރުކަމާއި ސަފީރުކަމާއި މިހެން ގޮސް އެތައް ވަޒީފާތަކެވެ. މިއިން ކޮންމެ ވަޒީފާއަކާ އެކު ވެސް ދައުލަތުން ކުރަންޖެހޭ ހޭދަ އިންތިހާ އަށް ބޮޑުވެގެންނެވެ.
އިހްލާސްތެރިކަމެއް ނެތް!
މި ކަމަށް ހައްލެއް އަންނަން އޮތީ ގައުމުގެ ވެރިން އިހްލާސްތެރިވެގެންނެވެ. ނަމަވެސް މިއީ ވެދާނެ ކަމެއް ހެއްޔެވެ؟
ގާނޫނީ އޮނިގަނޑުތަކެއް ހަދައި ގާބިލު ފަރާތްތަކަށް ވަޒީފާތައް ދިނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް ގާނޫނެއް ހެދި ނަމަވެސް އެ ގާނޫނަކަށް އަމަލުނުކުރާ ނަމަ އޭގެ ބޭނުމެއް ވެސް ނެތެވެ. މިހާރު ވެސް ގާނޫނުތައް ގިނައެވެ. ނަމަވެސް ބައެއް ގާނޫނުތަކަށް އަމަލުކުރުމާއި ނުކުރުން އޮންނަނީ ވެރިންގެ އިހްލާސްތެރިކަމުގެ މައްޗަށް ދޫކޮށްލެވިފައެވެ. ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރުނުކުރާނެ ކަމަށް ސަރުކާރުތަކުން ބުނަމުން އައި ނަމަވެސް ކުރިން ވެރިކަންކުރި އެމްޑީޕީ އާއި އަދި މިހާރު ވެރިކަން ކުރަމުން އަންނަ ޕީއެންސީން ވެސް މި އަދަދަށް ވުރެ އިތުރަށް ސިޔާސީ މަގާމުތައް އުފައްދާފައި ވެއެވެ.
ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކިކުރުން ހުއްޓުވުމަކީ ހަމައެކަނި ވަކިކުރާ ވަގުތު އަޑުއުފުލައިގެން ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ހުއްޓުވޭނީ ވަޒީފާއަށް މުވައްޒަފުން އައްޔަންކުރުމުގެ މަރުހަލާއިން ފެށިގެން ސިޔާސީ ނުފޫޒު ނައްތާލައި، ގާބިލުކަމަށް އިސްކަންދޭ ނިޒާމެއް ގާއިމުކުރެވިގެންނެވެ. މުޅި ނިޒާމު އިސްލާހުކޮށް، ވަޒީފާގެ މާހައުލަކީ ސިޔާސީ ފިކުރަށް ނުބަލައި، މަސައްކަތުގެ ފެންވަރަށް ބަލައި ވަޒަންކުރެވޭ ތަނަކަށް ހެދުމަކީ ގައުމުގެ ކުރިއެރުމަށާއި އިގްތިސާދީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.



