ދައުލަތުގެ ދަރަނީގެ ކުރެޑިޓް ނަގާނެ ސިޔާސީ ލީޑަރެއް ނެތްތަ؟

31 ޖުލައި 2026 - 15:02

ބަޔަކު ރަނގަޅު ކަމެއް ކޮށްފި ނަމަ އެ ކަމެއްގެ ކްރެޑިޓް ނެގުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ހާއްސަކޮށް ސިޔާސީ ލީޑަރުންނާއި ޕާޓީތަކުންނެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކުން ކަމެއް ނިންމިޔަސް އެކަމެއްގެ ކްރެޑިޓް ކުރީގެ ސަރުކާރުން ނުވަތަ ސަރުކާރުތަކުން ނަގަން މަސައްކަތް ކުރެއެެވެ. ރާއްޖޭގައި ހިންގާފައި ހުރި ހުރިހާ ބޮޑެތި މަޝްރޫއެއްގައި ވެސް ކަން ހިނގާފައި ހުރީ މި ގޮތަށެވެ. އެއާޕޯޓާއި ފްލެޓްތަކާއި މަގުތަކާއި ބިން ހިއްކުމާއި މިހެން ގޮސް ދެ ދައުރަށް ދެމިގެން ގޮސްފައިވާ ހުރިހާ މަޝްރޫއެއްގައި ވެސް ކަން ހިނގާފައި ހުރީ މިހެންނެވެ. އެ ކަމެއް ނިމުމުން އެކަމަކާ ހަވާލުވާނެ މީހުން ގިނަވެއެވެ. ނަމަވެސް ކަމެއް ނުބައިކޮށް ނުވަތަ ދިގުލައިގެން ގޮސްފި ނަމަ އެކަމެއްގައި އޮންނަނީ ފޫޅު ކެނޑުމެވެ. އިގްތިސާދީ ހާލަތާ ގުޅިގެން ވެސް ކަން އޮތީ މިހެންނެވެ. ދައުލަތުން ނަގާފައިވާ ލޯނުތަކުގައި ވެސް ހަވާލުވާނެ ސަރުކާރެއް ނުވަތަ ސިޔާސީ ލީޑަރެއް ނުވަތަ ސިޔާސީ ޕާޓީއެއް ނެތެވެ. އެއްބަޔަކު އަނެއް ބަޔަކަށް އޮތީ ފޫޅުކެނޑުމެވެ.

ބޮޑުތަކުރުފާނު މަގުގެ ކުރެޑިޓް ނަގަން އެންމެން ކުރީ ސަފުގައި!

މިއީ ވެސް އެފަދަ ދުވަސްކޮޅެކެވެ. މާލޭގެ ވަށައިގެން އޮތް ރިންގް ރޯޑް ނުވަތަ ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ތާރު އެޅުމުގައި ވެސް ކަން ހިނގަނީ މި ބީދައިންނެވެ. މިއީ ތިން ވެރިކަމަކަށް ދެމިގެން ދިޔަ ކަމެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުލެ އާއި ހުޅުމާލެ ގުޅައިލުމަށް ހެދި ބްރިޖްގެ މަޝްރޫއުގެ ތެރެއިން އެ މަގުގެ ބަައެއް އޮތީ ނިންމާފައެވެ. އެއަށް ފަހު ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބޮޑުތަކުރުފާނު މަގުގައި ތާރު ނޭޅި ނަމަވެސް އެ މަގާ ގުޅިފައިވާ އެންމެ މުހިންމު މަގު ކަމަށްވާ އަމީނީ މަގުގައި ތާރު އަޅަން ފެށިއެވެ. ވެރިކަމުގެ ފަސް އަހަރު ނިމުނު އިރު ވެސް އެ މަގެއް ނުނިމެވެ. އެ މަގު ނިންމީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައެވެ. ނަމަވެސް މި ވެރިކަމުގައި ހެދި ބައި ހަލާކުވެ އަލުން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެކަމުގައި މި ސަރުކާރުން ގޯސް ކުރަނީ ކުރީ ސަރުކާރެވެ. ކުރީ ސަރުކާރުގެ ވެރިން ދެކޭ ގޮތުގައި ހަލާކުވީ މިހާރުގެ ވެރިކަމުގައި އަވަސް އަރުވާލައިގެން އެ މަސައްކަތް ނިންމުމުންނެވެ. ފޫޅު ކެނޑުން ނޫން ކަމެއް ނެތެވެ.

advertisement

ބޮޑުތަކުރުފާނު މަގު ހެދުމަކީ މި ސަރުކާރުން އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މިހާތަނަށް ދެ ސަރަހައްދެއް ވަނީ ފުޅާކޮށް ތާރު އަޅާފައެވެ. އެއީ މާލޭގެ އެންމެ ކާރުބާރު ބޮޑު ދެ ސަރަހައްދު ކަމަށްވާ ބާޒާރު ސަރަހައްދާއި ބޭންކް އޮފް މޯލްޑިވްސްގެ މައި އިދާރާ ހިމެނޭ ސަރަހައްދެވެ. މި ދެ ސަރަހައްދު ފުޅާކޮށް ތާރު އެޅުމުގެ ގިނަ ބައެއްގެ ތައުރީފު ސަރުކާރަށް އަންނަނީ އޮހެމުންނެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަވެ، އެ ސަރަހައްދަށް ވަނީ ލުއި ލިބިފައެވެ. 

އެ މަގުގެ ފޮޓޯތައް އާންމުވާން ފެށުމާ އެކު ކުރީގެ ރައީސް ޔާމީންގެ ބައެއް އަރިސް ފަރާތްތަކުން ވަނީ އޭގެ ކްރެޑިޓް ނަގަން މަސައްކަތް ކޮށްފައެވެ. އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު އެ މަގު ތަރައްގީކުރާނެ ގޮތުގެ ޑިޒައިންތައް ވަނީ ނިންމާފައެވެ. އެ ގޮތުން އެ މަގުގައި ފްލައި އޯވާއެއް ހެދުމަށް ޑިޒައިންކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ ޑިޒައިނަށް މި ސަރުކާރުން ބަދަލު ގެނައީ ކަމަށާއި ދެ ވަނަ ދައުރެއް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނަމަ އެ މަގު މިހާރަށް ވުރެ އެތައް ގުނައެއް ނަލަވެފައި ފަސޭހަ ވާނެ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

ދިވެހިންނަކީ ސޯޝަލް މީޑިއާގައި މިފަދަ ކަންކަން ވަރަށް މަޖާޒީ ގޮތެއްގައި ނަގާ ބައެކެވެ. މި ވާހަކަތަކާ އެކު ދެން ފެނިގެން ދިޔައީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުންތަކެވެ. ވަރަށް ރީތި ޑިޒައިންތައް ފެނުނެވެ. މާލެ ދެބުރިއަށް ނަގާފައިވާ މަގުތަކާ އެކު އިތުރު ފުރިހަމަ ކަމެއް ގެނުވި އެވެ. ފްލޯޓީން މަގުތަކާއި ޔޮޓްތަކަާއި ކްރޫޒްތަކަށް ހާއްސަ ބަނދަރާ އެކު ތައްޔާރުކޮށްފައިވާ ކުރެހުންތައް ވަރަށް ޗާލެވެ.

ދަރަނި ބޮޑުވީމާ “ތިއީ މަގޭ ކަމެއް ނޫން”!

މިފަދަ ކާމިޔާބު، ރީތި ކޮންމެ މަޝްރޫއަކަށް ފަހު ކްރެޑިޓް ނެގުމަށް މަސައްކަތް ކުރި ނަމަވެސް ދައުލަތް މިހާތަށް ވެއްޓުމުގައި ނުވަތަ ތަރަނި އިންތިހާ އަށް އިތުރުވުމުގައި ކްރެޑިޓް ނަގާނެ ލީޑަރެއް، ސަރުކާރެއް އަދި ސިޔާސީ ޕާޓީއެއް ނެތެވެ. ރާއްޖޭގެ ބޭރުގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދިޔައީ އެންމެ ވެރިކަމެއްގައި ނެގި ލޯނުތަކަކުން ނޫނެވެ. އެއީ އެކި ވެރިކަންތަކުގައި އެކި މިންވަރަށް ނެގި ދަރަނީގެ ސަބަބުންނެވެ. ދަރަނި ނެގުމަކީ އިގްތިސާދީ ނަޒަރަކުން ބަލާއިރު ގޯސް ކަމެއް ނޫނެވެ. ބޮޑެތި މަޝްރޫއުތައް ހިންގުމަށް އެކަން ކުރަން ވެސް ޖެހެއެވެ. ނަމަވެސް އެއީ މެނޭޖްކުރަންޖެހޭ ކަމެކެވެ. އެހެން ނޫން ނަމަ ގައުމުގެ އިގްތިސާދު އަޑިއަޅާލައި ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑުވެއެވެ. މި ވަގުތު އިގްތިސާދު އޮތީ އެފަދަ ހާލަތެއްގައެވެ.

ދަރަނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ކޮންމެ ސަރުކާރަކުން ވެސް ބުނަނީ ކުރީގެ ސަރުކާރުގެ ސަބަބުން ވީ ގޮތެއް ކަމަށެވެ. މި ސަރުކާރުން ފޫޅުކަނޑަނީ އެމްޑީޕީގެ ސަރުކާރަށެވެ. އެމްޑީޕީން ދެކޭ ގޮތުގައި ކޮވިޑްގެ ހާލަތު މެނޭޖްކުރުމުގައި އެ ސަރުކާރުން ހޯދީ ކާމިޔާބީއެކެވެ. ދަަރަނިތަކުގެ އަސްލު ގުޅެނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިގްތިސާދަށް ނުކަތާ ވަރަށް ހިންގި މަޝްރޫއުތަކާއި އިސްރާފުގެ ސަބަބުންނެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު ނަގައިގެން ހިންގި ބްރިޖް މަޝްރޫ އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތާއި، 7000 ފްލެޓާއި އެއާޕޯޓް ބޮޑުކުރަން ހިންގި މަޝްރޫ އާއި އަދި މި މަޝްރޫއުތަކުގެ ތެރެއިން ބައެއް ސިޔާސީ ފަރާތްތަކަށް ލިބުނު ކަމަށް ބުނާ މާލީ މަންފާތަކުގެ ސަބަބުން ދަރަނި ބޮޑުވީ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. އަދި ރާއްޖޭގެ ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަންޖެހޭ ފައިސާ ނުވަނުމަކީ ވެސް މި ދަރަނީގެ ޒިންމާ ރައީސް ޔާމީން ސަރުކާރުން ނަގަންޖެހޭ ސަބަބެއް ކަމަށް އެމްޑީޕީން ދެކެއެވެ. 

މި ސަރުކާރުން ދެކޭ ގޮތުގައިދަރަނީގެ ފުރިހަމަ ޒިންމާ ނަގަންޖެހޭ ބަޔަކީ ރައީސް ސޯލިހްގެ ސަރުކާރެވެ. ކޮވިޑަށް ފޫޅުކަނޑައިގެން ނިންމާލެވޭ ކަށް ނެތެވެ. އަދި އެ ދަރަނިތައް މި ސަރުކާރުން އެ އަންނަނީ ދައްކަންމުން ކަމަށް ވެސް ބުނަމުން ދެއެވެ. މި އަހަރުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރު ދައްކަންޖެހެއެވެ. މިހާތަނަށް މި ސަރުކާރުން ބޮޑު ބައެއް ވަނީ ދައްކާފައެވެ. އެހެން ނަމަވެސް މި ސަރުކާރުން ވެސް ދަނީ ދަރަނިތައް ނަގަމުންނެވެ. ދަރަނި ދެއްކުމަށް ދަރަނި ނެގުމުގެ އިތުރުން އެތެރޭގެ ދަރަނި ދަނީ ބޮޑުވަމުންނެވެ. ޕެންޝަން ފަނޑުން ފައިސާ ނެގުމާއި އެސްޑީއެފްގެ ފައިސާ ބޭނުންކުރުމާއި މިހެން ގޮސް ބޮންޑް ވިއްކައިގެން ހޯދާ ތަރަންޏަކީ ވެސް އިގްތިސާދު ބަލިކުރުވާ ސަބަބުތަކެވެ. ބޭރު ފައިސާގެ އަގު ދަނީ ދުވަހެއް ދުވަހަކަށް ވެއްޓެމުންނެވެ. މިއީ ދަރަނީގެ ނޭދެވޭ އަސަރެވެ. 

ހަގީގީ ޒިންމާދާރުކަމަކީ ކޮބާ؟

ރާއްޖެއަކީ މާ ގިނަ ވަސީލަތްތަކެއް އޮތް ގައުމެއް ނޫނެވެ. އިގްތިސާދު މުޅިންހެން ބިނާވެފައި އޮތީ ޓުއަރިޒަމާއި އެ ދާއިރާއާ ގުޅުން ހުރި އެހެން ވިޔަފާރިތަކުން ލިބޭ އާމްދަނީއެއްގެ މައްޗަށެވެ. ދައުލަތުގެ މުސާރައިގެ ބިލު ދައްކާފައި ތަރައްގީގެ މަޝްރޫއުތައް ހިންގާ ވަރަކަށް ސަރުކާރަކަށް އާމްދަނީއެއް ނުލިބެއެވެ. އެހެންކަމުން ދަރަނި ނަގަންޖެހެއެވެ. ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރެވޭ ފަދަ ގޮތަކަށް ކުރަންޖެހޭ ކަމަކެވެ. އެހެން ނަމަވެސް ރާއްޖެއިން ދަރަނި ނަގައިގެން ހިންގާ ގިނަ މަޝްރޫއުތަކުން އިގްތިސާދަށް ސީދާ ގޮތެއްގައި ފައިދާ ލިބެނީ މަދު ފަހަރަކުއެވެ. އެހެންކަމުން ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކުން ދަރަނި ދެއްކޭނެ އިގްތިސާދީ ފައިދާއެއް ނުނެރެވެއެވެ. 

ކޮންމެ ވެރިކަމެއްގައި ވެސް އިސްކަން ދެނީ ރައްޔިތުން ހިތް ރުއްސުމަށެވެ. ދަރަނިތައް ނަގައިގެން އަތޮޅެއްގެ ދެކޮޅުގައި އެއާޕޯޓް ތަރައްގީކުރުމަކުން ދައުލަތަށް ވަންނާނެ އާމްދަނީއެއް އިތުރެއް ނުވެއެވެ. އޭގެ ބަދަލުގައި އެކަން ވަނީ ދައުލަތަށް ކުރިމަތިވާ އިތުރު ބުރައަކަށެވެ. ލިބެނީ ގެއްލުމެވެ. ސިޔާސީ ބޭނުންތަކަށް ވާ މިފަދަ ވައުދުތަކުގެ ސަބަބުން އެތައް ހަރަދެއް ހިނގައެވެ. މަޝްރޫއު ނިމި އެތައް ބަޔަކަށް ވަޒީފާ ދޭންޖެހި އެތަނުން އެކަށީގެންވާ އާމްދަނީއެއް ނުނެރެވި އެކަން ވަނީ ބުރައަކަށެވެ. އޭގެ ބަދަލުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމާއި އިތުރު ރިސޯޓްތައް ތަރައްގީކުރުމާއި މިހެން ގޮސް އިގްތިސާދަށް ބޭރު ފައިސާ ވަންނަ މަޝްރޫއުތަކަށް އިސްކަން ނުދެވި ލޯނުތައް ނަގާ ނަމަ ދައުލަތަށް އެ ލޯނުތަކުން ލިބޭނީ ގެއްލުމެވެ. 

މަގުތަކުގައި ތާރު ވެސް އަޅަންޖެހެއެވެ. ބޮޑުތަކުރުފާނުގެ ރީތި ކުރެހުންތަކުގައި ހަގީގީ ކުލަ ވެސް ޖައްސަން ޖެހެއެވެ. ނަމަވެސް އެ މަންޒަރުތަކުގެ ކްރެޑިޓް ނަގާ ފަދައިން ދައުލަތަށް ލިބޭ ގެއްލުންތަކާއި ވެރިކަންތަކުގައި ނަގާފައިވާ ލޯނުތަކުގެ ޒިންމާ ވެސް ނަގަންޖެހެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0