އުމުރުން ޅަ އިރުގައި ދަރިފުޅުގެ ދަތްޕިލައިގައި ނަރުގަނޑު އަޅުވާލާ، ފަހުން އުފާވާނެ!

5 ފެބުރުއަރީ 2022 - 15:04

ދަތްޕިލަ ރީތިކުރުމަށްޓަކައި ދަތުގައި ނަރުގަނޑު އެޅުވުމަކީ ކުޑަކުދިން އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ސަބަބަކީ ނަރުގަނޑަކީ ގިނަ އަހަރުތަކެއް ވަންދެން ދަތްޕިލައިގައި އަޅުވާފައި ހުންނަންޖެހޭ އެއްޗަކަށް ވުމެވެ. މިހެންވުމުގެ ސަބަބުން ކުދިން ކާ ހިތްވާ އެއްޗެހި ނުކެވި، އަދި ދަތްއުގުޅުމުގައި ގިނައިރު ހޭދަކުރަންޖެހެއެވެ. މިހެންވުމުގެ ސަބަބުން މިއީ ކުދިން ކުރަން އެހާ ގަޔާވާ ކަމަކަށް ނުވެއެވެ.

ދަތްޕިލައިގައި ނަރުގަނޑު އަޅުވަން ޖެހެނީ ދަތްޕިލި ހުންނަންޖެހޭ މިންވަރަށްވުރެ ބޭރަށް ނިކުމެފައި ހުރުން ނުވަތަ ދަތްތައް ރީތިކޮށް ތަރުތީބުވެފައި ނެތުމާއި، އަދި ދަތްތައް ގިނައިން ފަޅާފައި ހުރުން ފަދަ ސަބަބުތަކާއި ހެދިއެވެ. އަދި މި ކަމަށް އުމުރުން ވީހާވެސް ޅަ އިރުގައި ފަރުވާ ހޯދުމުން އޭގެ ފާއިދާ ކުރެއެވެ.

advertisement

ހިނިތުންވާއިރު ރީތީ ދަތްޕިލައެއް ހުރުމަކީ އަމިއްލަ ނަފްސަށް އުފާވެރިކަން ގެނުވަދޭނެ ކަމެކެވެ. ބައެއް ފަހަރު ދަތްޕިލަ ހަޑިކޮށް ހުރުމުގެ ސަބަބުން ހީލާ އިރު، ދަތްޕިލަ ފޮރުވަން އުޅޭތަން ފެނެއެވެ. ނަމަވެސް ކުޑަކުދިން މި ގޮތަށް ދަތްޕިލަ ފޮރުވައިގެން ހީލާ ނަމަ ދިރިއުޅުމުގައި ވަކި ހިސާބެއްގައި އެކުދިންނަށް ތަފާތު ޗެލެންޖަސްތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ސައިކޮލިޖިސްޓުން ބުނެއެވެ.

އެމެރިކާގައި ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުގައި 29 ޕަސެންޓް މީހުން ބުނެފައިވަނީ މީހެއްގެ މޫނުމަތިން އެންމެ ބޮޑަށް އަޅައިގަންނަ އެއް ކަމަކީ އޭނާގެ ދަތްޕިލަ ކަމަށެވެ. ރީތި ދަތްޕިލައެއް ހުރުމުން ކަންތައްތަކާއި ކުރިމަތިލާއިރު، ކުއްޖާގެ ސެލްފް ކޮންފިޑެންސް އިތުރުވެ، ކަންތައްތަކާއި ކުރިމަތިލުމަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ.

ރިއެކްޝަންސް
1
0
0
1
0
0
0