ނޮންކޮމިއުނިކަބަލް ބަލިތަކުގައި މީހުން މަރުވުން: ރަނގަޅު ކާނާ ލިބެންނެތުން ސަބަބަކަށް ވެދާނެތަ؟

9 ފެބުރުއަރީ 2022 - 15:25

ކްރޮނިކް ނޮންކޮމިއުނިކަބަލް ޑިޒީޒް ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކުގައި މުޅި ދުނިޔޭގައިވެސް މަރުވާ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައިވެސް މިފަދަ ބަލިތަކުގައި މަރުވާ މީހުންގެ އަދަދުތައް އަންނަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންނެވެ. އޭގެތެރޭގައި ހާޓްއެޓޭކް، ސްޓްރޯކް، ކެންސަރުބަލި ފަދަ ބަލިތައް ހިމެނެއެވެ.

ވޯލްޑް ހެލްތް އޮގަނައިޒޭޝަން، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ގައިންގަޔަށްނާރާ ބަލިތަކުގައި އަހަރެއްގެ މައްޗަށް ދުނިޔޭގައި 41 މިލިއަން މީހުން މަރުވެއެވެ. މިއީ މުޅި ދުނިޔޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ %71 އެވެ. ޑަބްލިއުއެޗްއޯއިން ބުނީ މީގެތެރޭގައި 30 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންގެ އަދަދު އުޅެނީ އަހަރެއްގެ މައްޗަށް 15 މިލިއަނުގައިަކަމަށެވެ. މީގެތެރެއިން %85 މީހުންނަކީ އާމްދަނީ ދަށުން ލިބޭ ޤައުމުތަކުގެ މީހުންކަމަށެވެ.

advertisement

ގައިންގަޔަށް ނާރާ ބަލިތަކުގައި އެންމެ ގިނައިން މީހުން މަރުވަނީ ކެންސަރު ބަލީގައެވެ. އެއީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 9.3 މިލިއަން މީހުންނެވެ. ރެސްޕިރޭޓަރީ ބަލިތަކުގައި 4.1 މިލިއަން މީހުން އަދި ހަކުރު ބަލީގައި 1.5 މިލިއަން މީހުން މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ގައިންގަޔަށް ނާރާ މިފަދަ ބަލިތަކުގައި ރާއްޖޭގައިވެސް މަރުވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިކަމާއި ބެހޭގޮތުން ބައެއް ފަރާތްތަކުން އެމީހުންގެ ޝުއޫރުވެސް ފާޅުކުރެއެވެ. އެގޮތުން ޓްވިޓަރގައި ދުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެއްކަމަށްވާ ކޯޗު ސުޖާ ބުނެފައިވަނީ ވަރަށް ގިނަ މީހުން ކެންސަރު ބަލީގައި މަރުވާމީހުން އިތުރުވަނީ ކީތްވެތޯ ސުވާލުކުރާކަމަށެވެ. އޭނާ ބުނެފައިވަނީ ކެންސަރު ނޫނަސް ގައިންގަޔަށް ނާރާ މިފަދަ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަނީ ހެލްތީ ލައިފްސްޓައިލްއެއް އެޕޯޑް ކުރެވޭ މީހުންގެ އަދަދު މަދުވުމުންކަމަށްވެދާނެކަމަށެވެ.

މިކަމަށް ބާރުދީ އޭނާ ބުނެފައިވަނީ ހަށިގަނޑަށް ފައިދާހުރި ކާނާއަކީ އަގުބޮޑުވެ އަދި ފަސޭހައިން ލިބެން ނެތުމެވެ. އޭނާ ބުނެފައިވަނީ އޭނާ ބޮޑުވެގެން އައިއިރު ސްކޫލް އިންޓަވަލްގައި ކާންޖެހެނީ ނިއުޓްރޯ ބިސްކޯދާއި ހެދިކާ ކަމަށެވެ. ސަބަބަކީ އޭނާގެ އާއިލާގެ 7 ކުދިންނަށް މޭވާ ގަނެވޭވަރުގެ ތަނަވަސްކަން އާއިލާގައި ނެތުންކަމަށެވެ. އަދި އެނާގެ ބައިވަރު ރަހުމަތްތެރިންވެސް އިންޓަވަލްއަށް ކަނީ ހެދިކާކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝުޖާ ބުނެފައިވަނީ އަހަރެމެންގެ މި މުޖްތަމައުގައި މިހާރުވެސް ގިނަ އާއިލާތަކަށް ކޮންމެ ދުވަހެއްގެ ކެއުމުގައި މޭވާއާއި ތަރުކާރީއާއި، ނަޓްސް، ސީޑް، މަސްފަދަ ހަށިގަނޑަށް ފައިދާހުރި ތަކެތި ކެއުމުގައި ބޭނުންކުރެވޭހާ ތަނަވަސްކަން ނެތްކަމަށެވެ. އެއީ ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަން އެމީހުންނަށް ނޭންގޭތީ ނޫންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ހަށިގަނޑަށް ފައިދާހުރި ކާނާގެ ބަދަލުގައި ޖަންކް ފުޑް ކެއުމުގައި ބޭނުންކުރަނީ އެނޫންގޮތެއް ނެތުމުންކަމަށް އޭނާ ވަނީ ބުނެފައެވެ.

ގައިންގަޔަށްނާރާ ބަލިތަކުގައި މަރުވާ މީހުންގެ އަދަދާއި މިފަދަ ބަލިތައްޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ގާނޫނުތަކާއި ގަވައިދުތަކަށް އިސްލާހު ގެންނަން ޖެހޭކަމަށް ސުޖާއު ވަނީ ބުނެފައެވެ. އެގޮތުން މޭވާއާއި ތަރުކާރީއަކީ އެންމެންނަށްވެސް ގަނެވޭނެފަދަ އަގެއްގައި ހުރި ތަކެއްޗާއި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭންޖެހޭކަމަށް އޭނާ ވަނީ ބުނެފައެވެ. އާންމުކޮށް ރާއްޖެތެރޭ ރަށްރަށުން ލިބެންހުންނަނީ މަދު މޭވާއެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ހަކުރު އެކުލެވޭ ބުއިންތަކާއި އެނަރޖީ ޑްރިންކްތައް މާކެޓްކުރުން ހުއްޓުވަން ޖެހޭކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޮޑެތި ވަމުންއަންނަ ޒުވާން ޖީލުގައި އެނަރޖީ ޑްރިންކް ބުއިމަކީ ސަޅިކަމަކަށްވެ އެކަމުގެ ޓްރެންޑެއް ވަނީ ފެށިފައެވެ. އެގޮތުން ހެނދުނު ހޭލައިގެން ހުސްބަނޑާ ހުރެވެސް އެނަރޖީ ޑްރިންކް ބޯމީހުން އުޅެއެވެ. މިއީ ސިއްހަތައް ނުހަނު ގެއްލުން ހުރިކަމެއްކަމަށް ޑޮކްޓަރުންނާއި ކަމާގުޅުންހުރި ފަރާތްތަކުން ބުނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0