ރިޕޯޓު: ކޯޓުތައް އަދިވެސް ރިޔަލު ދުވެލީގައި!

22 ފެބުރުއަރީ 2022 - 11:27

ތެދެކެވެ. ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި އަދުލު އިންސާފުގެ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުވެއްޖެއެވެ. އިންސާފުވެރިކަމާ އެކު މައްސަލަތައް ނިމޭތައް އެބަ ފެނެއެވެ. ސަރުކާރުގެ ނުފޫޒުން މައްސަލަތައް ނިންމާ ކަމަށް ދެކެވޭ ވާހަކަތައް މިހާރު ދެކެވޭލެއް ކުޑައެވެ. ނުވަތަ ޖުޑިޝަރީގެ ތެރޭގައި ސަރުކާރުގެ ނުފޫޒެއް ނެތްކަން ހާމަވާ އެތައް މައްސަލައެއް ކޯޓުތަކުގައި ނިމިއްޖެއެވެ. ނަމަވެސް މި ސަރުކާރު ގެނައުމަށް މަސައްކަތްކުރި ފަރާތްތަކުން އެތައް ފަހަރަކު ވައުދުވި އަދުލު އިންސާފުގެ ދަތުރަށް ނިމުމެއް އަތުވެއްޖެ ހެއްޔެވެ؟ ނުވަތަ އެ މަންޒަރު އެބަ ފެނޭ ހެއްޔެވެ؟

އިންސާފު ލަސްވުމަކީ ބޭއިންސާފެއް

އަދުލު އިންސާފު ގާއިމުކުރުމަކީ ހަމައެކަނި މިނިވަންކަމާ އެކު ހުކުމް ކުރުމެއް ނޫނެވެ. ނުވަތަ ތުހުމަތުކުރެވޭ ނުވަތަ ހައްގު ގެއްލިފައިވާ މީހާ އަށް އެ ހައްގު ކަށަވަރުކޮށްދިނުމެއް ނޫނެވެ. ކޯޓުތަކުން އިންސާފުވެރިކަމާ އެކު ކުރާ ހުކުމްތަކަކީ އޭގެ އެއްބައެވެ. އިންސާފު ލަސްވުމަކީ ވެސް ބޭއިންސާފެކެވެ. އިންސާފު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ބުރަވެ، ދަތިވުމަކީ ވެސް ބޭއިންސާފެކެވެ. ޖުޑިޝަރީ އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި މާބޮޑު ކުރިއެރުމެއް ނުލިބި އޮތީ މި ކަމަށެވެ. އިންސާފު ލިބުމަށް އޮތް މަގު ދިގުވުމެވެ. އިންސާފު ލިބުން ލަސްވުމެވެ. ކޯޓުތައް ކަންނެތް ވުމެވެ. ނުވަތަ އިންތިޒާމެއް ނެތުމަކީ މިއަދު ޖުޑިޝަރީ އަށް ލިބިފައިވާ ކުޑަކުޑަ ކާމިޔާބީ ވެސް ފަނޑުކޮށްލާ ސަބަބެކެވެ.

advertisement

ދަށު ކޯޓުތައްކުގައި ޖިނާއީ މައްސަލަތައް ލަސްވާތީ ދާދި ފަހުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ އެ މައްސަލަ ބަލާފައެވެ. އެ މައްސަލަ ބެލުމަށް ނިންމަވައި އެ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގައި ޖިނާއީ މައްސަލަތައް ތާވަލްކުރާ އުސޫލާއި އަދި މައްސަލަތައް ތާވަލްކުރުމަށް ފަހު ކެންސަލްކޮށް ނުވަތަ ތާވަލާ އެއްގޮތަށް މައްސަލަތައް ކުރިއަށް ނުގެންދާކަމުގެ ޝަކުވާ އެ ކޮމިޓީ އަށް ލިބެމުންދާ ކަމަށެވެ. އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވިދާޅުވެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މައްސަލަތައް ކުރިއަށް ގެންދަންޖެހޭ ގޮތްތައް ގޮތްތަކާއި މުއްދަތުތަކެއް ލިޔެވިފައިވީ ނަމަވެސް އެ ކަމަށް ކޯޓުތަކުން އަމަލުނުކުރާ ކަމަށެވެ. ގިނަ މައްސަލަތައް ނިމެން އަދިވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށާއި ބައެއް މައްސަލަތައް ހަތަރު އަހަރަށް ވުރެ ވެސް ދިގުލައިގެން ގޮސްފައި އެބަހުރި ކަމަށެވެ.

“ކޯޓުތައް ހިންގުމަށް ޖާގައެއް ނެތް!”

މައްސަލަތައް ދިގުލައިގެން ދިޔުމުގައި ގިނަ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޖާގައިގެ ދަތިކަމުގެ ވާހަކަ ކޯޓުތަކުން އަދި ޖުޑިޝަރީއާ ގުޅުންހުރި އެހެން އިދާރާތަކުން ވެސް ނަގައެވެ. ތެދެކެވެ. ރާއްޖޭގައި ކޯޓުތައް ހިންގުމަށް އެކަށީގެންވާ އިމާރާތެއް ނެތެވެ. ހާއްސަކޮށް ދަށު ކޯޓުތައް ހިންގަނީ ކޯޓުތައް ހިންގަންޖެހޭ ފަދަ ތަންތަނަކު ނޫނެވެ. ބާވެ ހަލާކުވެފައިވާ އިމާރާތްތަކާއި އެއް ކޯޓެއްގެ މަސައްކަތް ތިން ހަތަރު އިމާރާތެއްގައި ކުރަންޖެހުމާއި ކޯޓު ރޫމްތައް ކުޑަވުމުގެ ޝަކުވާތަކަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް ކޯޓުތައް ހިންގާނެ ތަނެއް އިމާރާތް ނުކޮށް މި މައްސަލައަށް ހައްލެއް ލިބޭކަށް ނެތެވެ.

ޖާގައިގެ ދަތިކަން އެބަ އޮތެވެ. ނަމަވެސް ބައެއް ކަހަލަ މައްސަލަތައް ކޯޓުތައްކުގައި ކުރިއަށް ނުދަނީ ޖާގައިގެ ދަތިކަން އޮވެގެން އެކަންޏޭ ބުނެވޭކަށް ވެސް ނެތެވެ. ކޯޓުތަކުގެ ފަނޑިޔާރުންގެ ކަންކަން ހުންނަ ގޮތުން ވެސް މައްސަލަތައް ލަސްވެއެވެ. މައްސަލަތައް ބެލުމުގެ ސްޕީޑް ލަސްވުމާއި އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރުމާއި ވަގުތު ކަނޑައެޅިފައި އޮތް ނަމަވެސް އެކަމަށް އަމަލުނުކުރުމާއި އެ ނޫން ވެސް ފަރުވާކުޑަކުރުމުގެ އެތައް ކަމެއް ކޯޓުތަކުގައި އެބަ އޮތެވެ. ބައެއް ކަހަލަ މައްސަލަތައް ގަސްތުގައި ލަސްކުރުން ފަދަ އެތައް ކަމެއް ކޯޓުތަކުގައި އެބަ ހިނގައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި މަރުގެ މައްސަލަތައް ފަދަ ބޮޑެތި ކުށްތަކާ ގުޅުން ހުރި މައްސަލަތައް ދިގުލައިގެންދާކަން ފާހަގަކުރެވެއެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފުކުރަން އެކަނި ވެސް 16 އަހަރު ނަގާނެ

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖުޑިޝަލް ސާވިސް (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ވިދާޅުވީ މިހާރުގެ ސްޕީޑުން ނަމަ ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފުކުރަން އެކަނި ވެސް 16 އަހަރު ނަގާނެ ކަމަށެވެ. ކޮވިޑާ ގުޅިގެން ކޯޓުތަކުގެ މަސައްކަތްތައް މަޑުޖައްސާލި އިރު 2،000 އަށް ވުރެ ގިނަ މައްސަލަ ނުނިމި އޮތް ކަމަށާއި އޭގެ ފަހުން ވެސް އަހަރަކު ހާހަކަށް ވުރެ ގިނަ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅޭ ކަން ހިސާން ފާހަގަކުރެއްވިއެވެ.

ޖިނާއީ މައްސަލަތަކެކޭ އެއްގޮތަށް މަދަނީ އެތައް މައްސަލައެއް ވެސް އޮތީ ފުނިޖެހިފައެވެ. ގޯތި ގެދޮރުގެ މައްސަލަތައް ނުނިމި ދަރިން މަގުމަތިވުން ފަދަ އެތައް ކަމެއް ހިނގާފައި ވެއެވެ. މިހާރު ވެސް އެފަދަ އެތައް މައްސަލަތަކެއް ދިގުލައިގެން ދިއުމުގެ ސަބަބުން އެތައް ބައެއްގެ ހައްގު ދަނީ ގެއްލެމުންނެވެ.

ގޯތި ބެހުމުގެ މައްސަލައެއް ފެމިލީ ކޯޓަށް ހުށަހަޅައިގެން އެ ކަމުގެ ޝަކުވާކުރި މީހަކު ބުނީ އޭނާ އެ މައްސައްލައިގެ ފުރަތަމަ އަޑު އެހުން ވެސް ބޭއްވީ އަހަރެއްހާ ދުވަސް ފަހުން ކަމަށެވެ. އަދި ވަގުތީ އަމުރަކަށް އެދިފައި ވިޔަސް އެކަމަށް ވެސް ގޮތެއް ނުނިންމާތާ ދެ އަހަރެއްހާ ދުވަސް ވަނީ ކަމަށް އޭނާ ބުންޏެވެ. އޭގެ ސަބަބުން ދިރިއުޅޭނެ ތަނެއް ނެތި ބޮޑު ކުލީގައި ދިރިއުޅެންޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

މިފަދަ އެތައް ޝަކުވާއެކެވެ. ފައިސާގެ އެތައް މައްސަލަތަކެއް ވެސް ކޯޓުތަކުގައި ހުރީ ފުނި ޖެހިފައެވެ. ކުރިއަކަށް ނުކަނޑައެވެ. ގާނޫނުތަކެއް ހަދައި މުއްދަތުތަކެއް ކަނޑައެޅި ނަމަވެސް މައްސަލަތައް ނިންމެން އޮތީ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކޮށްގެންނެވެ. ރަނގަޅު ހިންގުންތެރިން ކޯޓުތަކުގެ އިސް ގާޒީންނާއި އެޑްމިނިސްޓްރޭޓަރުންނަށް ލައިގެންނެވެ. މަސައްކަތްތައް ކުރާނެ ރަނގަޅު އޮނިގަނޑެއް ގާއިމުކުރެވި އެ އަށް ފާރަވެރި ވެގެންނެވެ. ހަމައެކަނި ޖުޑިޝަރީގެ ތެރެއިން މަސައްކަތް ކޮށްގެން ވެސް މިކަން ހައްލުވާކަށް ނެތެވެ. މިކަމުގައި ސަރުކާރުން ވެސް ގޮތްތަކެއް ކަނޑައަޅަންޖެހެއެވެ. އެއީ އަދި ޝަރުއީ ދާއިރާ އަށް އަތް ބޭނުންކަމުގައެއް ނުބުނެވޭނެއެވެ. ރިޔަލު ދުވެލީގައި ކޯޓުތައް ހިނގާ ނަމަ މި ވެރިކަން ހޯދުމަށް ލީޑަރު ދެއްކެވި ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތެވެ. އިންސާފަށް ކުރާ ދަތުރު ލަސްވާ ނަމަ އެއީ އިންސާފެއް ނޫނެވެ. ކޯޓުތަކުގެ ދުވެލި ހަލުވި ވާންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
3