ބަލާ، ބޮޑުކުރީ ސިންގަލް ޕޭރެންޓެއް ނަމަ ފަޙުރުވެރިވާން ޖެހޭ

3 މާޗް 2022 - 10:33

ސިންގަލް ޕޭރެންޓަކާއިއެކު ބޮޑުވުމަކީ ފަސޭހަކަމެއްނޫނެވެ. މިއީ ބައެއް ފަހަރު ޚާއްސަ ކަމަކަށްވެސް ވެދާނެއެވެ. އެހެނަސް މަންމަ އަދި ބައްޕަގެ ޒިންމާތައް އެކަކު ނަގަންޖެހުމަކީ ވަރަށް އުނދަގޫ އަދި ސްޓްރެސް ކަމެކެވެ. ނަމަވެސް ސިންގަލް ޕޭރެންޓަކާއިއެކު ބޮޑުވުމަކީ އެއްވެސް ހާލަތެއްގައި ފުރިހަމަ އާއިލާއަކާއިއެކު ބޮޑުވުމަށްވުރެ ދެރަ ކަމެެއްނޫނެވެ. ބައެއް ފަހަރު މިއީ މާއުފާވެރި ކަމަކަށްވެސް ވެއެވެ.

ސިންގަލް ޕޭރަންޓަކާއިއެކު ބޮޑުވުމުގެ ސަބަބުން ވަން-އޮން-ވަން ގުޅުމެއް އިންނާނެއެވެ. ކޮންމެ ކަމެއްގައިވެސް ވާހަކަދެއްކޭނެ ކަމުގެ ޔަޤީންކަން އޮންނާނެއެވެ. ނަމަވެސް ސިންގަލް ޕޭރަންޓެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ގިނަވެއެވެ. ދުވާލުގެ ގިނަ ވަގުތުތަކުގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ބޭރުގައި އުޅެންޖެހެއެވެ. މީގެ ސަބަބުން އެހެން އާއިލާތަކާއި އަޅާބަލާއިރު އެކަނިވެރިކަން އިހްސާސްކުރެވޭ ފަހަރު ދަރިފުޅަށް ލިބިދާނެއެވެ. އެހެން އާއިލާތަކުގައި ކޮންމެސް އެއް ބެލެނިވެރިއަކު ގޭގައި ދަރިންގެ ގާތުގައި ހުންނާނެއެވެ.

advertisement

ސިންގަލް ޕޭރަންޓެއް ހުންނަނަމަ އޭގެ ސަބަބުން ލިބޭ ފައިދާއެއްގެ ތެރޭގައި އެހެން މީހުންގެ އެ އާއިލާގައި މުހިންމު ދައުރެއް އަދާކުރުން ހިމެނެއެވެ. މިސާލަކަށް މާމަ، ކާފަ ނުވަތަ އާއިލާގެ އެހެން މެންބަރުންގެ ފަރާތުން ލިބޭ އަޅާލުމާއި އެހީތެރިކަން އިތުރުވެގެންދެއެވެ.

ސިންގަލް ޕޭރަންޓަކާއިއެކު ބޮޑުވުމަކީ ކުރިންވެސް ބުނިފަދައިން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭކަމެކެވެ. އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުވުމުގެ ސަބަބުން ދަރިފުޅާއިއެކު ވަގުތު ހޭދަކުރެވޭ މިންވަރު މަދުވެއެވެ. މީގެ ސަބަބުން ބެލެނިވެރިޔާ ދަރިފުޅުދެކެ ވާލޯތްބާއިމެދު ދަރިފުޅު ޝައްކުކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. އަދި ދަރިފުޅު އުމުރުން ދޮށިވާ ވަރަކަށް މި ފިކުރުތައް ގިނަވެއެވެ. އަދި މީގެ ސަބަބުން ދަރިފުޅާއި ބެލެނިވެރިޔާއަށްވެސް އިތުރު ސްޓްރެސްތަކެއް ލިބެއެވެ.

ނަމަވެސް ބައެއް ފަހަރުގައި މަންމައާއި ބައްޕައާއިއެކު އުޅޭ ކުދިންގެ ހާލަތުވެސް ސިންގަލް ޕޭރަންޓަކާއިއެކު އުޅޭ ކުއްޖާއަށްވުރެ ދެރައެވެ. މަންމައާއި ބައްޕަ އަބަދު ދަރިންގެ ކުރިމަތީގައި އަރާރުންވާ ފަހަރުވެސް އާދެއެވެ. އަދި އާމްދަނީވެސް ސިންގަލް ޕޭރަންޓަކަށްވުރެ މިފަދަ އާއިލާތަކަށް ލިބޭ މިންވަރު ދަށްފަހަރުވެސް އާދެއެވެ.

ރާއްޖޭގައިވެސް ސިންގަލް ޕޭރަންޓުންނާއިއެކު އުޅޭ ކުދިންގެ އަދަދު އިތުރެވެ. އަދި މަންމައާއި ބައްޕައާއިއެކު އުޅޭ ކުދިންނަށްވުރެ މިކުދިންގެ އުފާވެރިކަންވެސް ބައެއް ފަހަރު އިތުރެވެ. ސިންގަލް ޕޭރަންޓެއް ހުރުމަކީ މައްސަލައެއް ނޫނެވެ. އަދި ގޮންޖެހުންތަކެއް ހުރިނަމަވެސް މިއީ އުފާވެރި އާއިލާއެއް ބިނާނުކުރެވޭނެ ކަމެއްވެސް ނޫނެވެ.

ރިއެކްޝަންސް
0
3
1
0
0
1
0