ލޭމައްޗަށް ދިއުމުގައި ކޮންމެހެން އިނގެންޖެހޭ ކަންކަން

8 މާޗް 2022 - 16:44

އިންސާނާގެ ހަށިގަނޑުގައި ހިނގާ ލޭހަށިގަނޑުގެ އެކި ގުނަވަންތަކަށް ފޮނުވައި ދިނުމުގައި ނުވަތަ ލޭހިނގުމުގައި ވަކި މިންވަރެއްގައި އަބަދުވެސް ހިނގަހިނގާ ހުރެއެވެ. ހަށިގަނޑުގައި ލޭހިނގުމުގެ މިންގަނޑު ނުވަތަ ލޭގެ ޕްރެޝަރުހުންނަންޖެހޭ މިންވަރަށްވުރެ މަތިކޮށް ހުންނަނަމަ އެއީ ލޭމައްޗަށްދިއުން ކަމުގައި ބެލެވެއެވެ. ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންގަނޑުގައި ހުރުމަކީ ޞިއްޙަތު ސަލާމަތުން ހުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.

ލޭގެ ޕްރެސަރުގައި މައްސަލައެއް ނެތްކަމަށް އާންމު ގޮތެއްގައި ބަލަނީ ސިސްޓޮލިކް ޕްރެސަރ ގައި ޕްރެސަރު 120 އެމްއެމްއެޗްޖީ (މިލިމީޓަރ އޮފް މާކިއުރީ) އަށްވުރެ ދަށް ނަމަ އެވެ. އަދި ޑަޔަސްޓޯލިކް ޕްރެސަރގައި ނަމަ ޕްރެސަރު 80 އެމްއެމްއެޗްޖީއަށްވުރެ ދަށް ނަމަ ބަލަނީ ލޭގެ ޕްރެސަރުގައި މައްސަލައެއް ނެތް ކަމަށެވެ. ލޭގެ ޕްރެސަރު “ނޯމަލް” ކަމަށެވެ.

advertisement

ލޭގެ ޕްރެސަރު މަތި ކަމުގައި ބަލަނީ ސިސްޓޮލިކް ޕްރެސަރުގައި ނަމަ ޕްރެސަރު 140 އެމްއެމްއެޗްޖީ އަށްވުރެ މަތި ނަމަ އެވެ. އަދި ޑަޔަސްޓޯލިކް ޕްރެސަރުގައި ޕްރެސަރު 90 އަށްވުރެ މަތި ނަމަ އެވެ.

ނަމަވެސް 2015ގައި އެމެރިކާއިން ވަނީ މި މިންގަނޑުތަކަށް ބަދަލު ގެނެސްފައި އެވެ. އެމެރިކާއިން 2015 އިން ފެށިގެން ކަނޑައަޅާފައިވަނީ ލޭގެ ޕްރެސަރު މަތި ކަމުގައި ބަލާނީ ސިސްޓޮލިކް ޕްރެސަރުގައި ޕްރެސަރު 130 އަށްވުރެ މަތި ނަމަ އެވެ. އަދި ޑަޔަސްޓޮލިކް ޕްރެސަރުގައި ޕްރެސަރު 80 އަށްވުރެ މަތި ނަމަ އެވެ.

އެމެރިކާގެ، އެމެރިކަން ހާޓް އެސޯސިއޭޝަންގެ ގައިޑްލައިންސް އަށް މި ބަދަލު ގެނައި ނަމަވެސް ގިނަ ގައުމުތަކުން މި ބަދަލު މި ގޮތަށް ބަލައިގެންފައެއް ނުވެ އެވެ. ގިނަ ގައުމުތަކުން އަދިވެސް ބަލައިގަންނަނީ ކުރިން އެކަން އޮތް ގޮތަށެވެ.

ލޭގެ ޕްރެޝަރު މަތިވާނަމަ ފެނިދާނެ ބައެއް އަލާމާތްތައް:

  • ބޮލުގައި ރިހުން
  • ބޯއެނބުރުން
  • ނޭފަތުން ލޭއައުން
  • ފައިފޮއްސިވުން
  • ނޭވާކުރުވުން
  • ހިތުގެ ވިންދު ޖެހުމުގެ ހަމަ ގެއްލުމާއި ވިންދު އަވަސްވުން
  • ލޯއަނދިރިވުން
  • ފައިގެ ކުޑަހުޅު އަތުގެ އިގިލިތައް ދުޅަވުން

ލޭމައްޗަށް ދިއުމުން ފަރުވާ ނުހޯދައި ގިނަދުވަސް ވުމުން ލޭނާރުތަކުގެ ތެރޭގައި މައްސަލަ ޖެހި، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:

  • ސިކުނޑީގެ ނާރުތައް ފަޅައިގެން ދިއުމާއި، ބެދުމުގެ ސަބަބުން ވާގިނެތޭ ބަލި ޖެހުން ނުވަތަ ސްޓްރޯކްޖެހުން .
  • ލޯއަނދިރިވުން
  • ގުރުދާ ގެ މައްސަލަތައް ދިމާވުމާޢި ގުރުދާ ފޭލްވުން
  • ހިތުގެ މައްސަލަތައް ކުރިމަތިވުމާއި ހިތުގެ މަސައްކަތް ހުއްޓުން
  • ހާޓް އެޓޭކް ޖެހުން.

އާއިލާގައި މި ބަލީގެ ތާރީހެއް އޮތް ނަމަ، އަދި ލޭގެ ޕްރެޝަރާއި މެދު ކަންބޮޑުވެލައްވާނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފައާއި އެހީތެރިކަން ހޯދުމެވެ.

ރިއެކްޝަންސް
2
0
0
3
2
0
0