އަބަދު އާއިލާ ތެރޭގައި ޒުވާބުކުރަންޖެހެނީ ކީތްވެ؟

9 މާޗް 2022 - 16:08

އާއިލާގެ ތެރޭގައި ހަމަނުޖެހުން އުފެދި ޒުވާބުކުރަން ޖެހޭ ފަހަރުތައް އާދެއެވެ. އަދި މިފަދަ ހާލަތްތައް ބައެއް އާއިލާތަކުގައި ވަރަށް އިތުރެވެ. އަބަދުވެސް ކޮންމެވެސް ޒުވާބެއްގައި އުޅޭ އާއިލާތައްވެސް އުޅެއެވެ. އާއިލާގެ މެންބަރުންނާއި އަބަދު ޒުވާބުކުރަންޖެހެނީ ކީތްވެތޯ ބައެއް މީހުން ހިތައް އަރާފާނެއެވެ. އާއިލާގެ ތެރޭގައި ޒުވާބު އުފެދިދާނެ ގިނަ ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި:

ބެލެނިވެރިން ޒުވާބުކުރުން

advertisement

ބެލެނިވެރިން ކުދިންގެ ކުރިމަތީގައި ޒުވާބުކުރުމަކީ ދަރިން ޒުވާބުކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ކޮންމެ އާއިލާއެއްގައިވެސް އަދި ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ހިޔާލުތަފާތުވުންތައްވެސް އުފެދޭނެއެވެ. އެހެންނަމަވެސް މިފަދަ ހިޔާލުތަފާތުވުންތަކުގައި ދަރިންނަށް ފެންނަ ތަނުގައި ޒުވާބު ކުރުމަކީ އެންމެ ރަނގަޅުގޮތެއްނޫނެވެ. އެހެންކަމުން ހިޔާލު ތަފާތުވުމެއް އުފެދުނަސް ދަރިންނަށް ނުފެންނަ ގޮތައް މިކަން ހައްލުކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އެއީ ބެލެނިވެރިން ޒުވާބުކުރާނަމަ ދަރިން އެކަމާއި ކަންބޮޑުވާނެއެވެ.

މައިންބަފައިންނާއި ޒުވާބުކުރުން

ދަރިންނާއި މައިންބަފައިންނާއި މެދުގައި ވަރަށް ގިނަ ފަހަރު ޒުވާބުކުރަންޖެހޭ ފަހަރު އާދެއެވެ. ބައެއް ފަހަރު ދަރިންނަށް ހީވަނީ މައިންބަފައިން އެމީހުންގެ މިނިވަންކަމަށް އަރައިގަންނަނީކަމަށެވެ. އެހެންނަމަވެސް އެއީ އެމީހުން ދަރިންނާއިމެދު ވިސްނާތީ ކަންތައްތައްކުރާ ގޮތެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. އެހެންކަމުން ބައިންބަފައިންނާއި ޒުވާބުކުރަން ޖެހޭނަމަ ވާހަކަދައްކައިގެން އެކަން ހައްލުކުރެވިދާނެއެވެ. އަމިއްލަ އިހްސާސްތައް މައިންބަފައިންނަށް ކިޔާދޭށެވެ. ވާހަކަދައްކައިގެން ކަންކަން ހައްލުކުރެވޭނެއެވެ.

ސިބްލިންއާއި ޒުވާބުކުރުން

އާއިލާގެ ތެރޭގައި އެންމެ ބޮޑަށް ޒުވާބުކުރަންޖެހެނީ އެއްކުއްޖަކު އަނެއްކުއްޖަކާއި މެދުއެވެ. ކުޑައިރުގައި ގިނަ ކުދިންނަކީ ވަރަށް ގޮތްދޫނުކުރާ ކުދިންނެވެ. އެހެންކަމުން އާއިލާގެ އެހެން މެންބަރުންނާއި ޒުވާބުކުރަން ޖެހެއެވެ. އާންމުގޮތެއްގައި ކުޑައިރު ޒުވާބުކުރި ނަމަވެސް ބޮޑުވުމަށްފަހު ޒުވާބުކުރާ މިންވަރު ދަށްވެގެންދެއެވެ.

އެހެންކަމުން ތިމާ ހިތްހަމަނުޖެހޭ ކަމެއް ކޮއްކޮ، ދައްތަ ނުވަތަ ބޭބެކުރާނަމަ އެވާހަކަތައް ހިއްސާކޮށް ވާހަކަދައްކައިގެން ހައްލުކުރާށެވެ. ފަހަރުގައި އޭނާ އެކަން އެކުރަނީ ތިބާ ހިތްހަމަނުޖެހޭކަން ނޭންގިކަމަށްވެސް ވެދާނެއެވެ.

އާއިލާގެ ތެރޭގައި ކަމަކާއި މަޝްވަރާކުރާއިރު އަމިއްލަ މީހާގެ ރުޅި ކޮންޓްރޯލްކުރުމަކީ ޒުވާބުކުރުންތަކުން ދުރުވުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ގިނަ ފަހަރު ޒުވާބަކަށް ދާންޖެހެނީ އެކަކު މާބޮޑަށް ރުޅިއައިސް އޭނާގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުންނެވެ.

އާއިލާ ތެރޭގައި ޒުވާބުތައް މަދުކުމަށްވެސް ކުރެވިދާނެ މުހިންމު ބައެއް ކަންކަން ހުރެއެވެ. އެގޮތުން ތިބާއާއި ގުޅޭގޮތުންވިއަސް އަދި އެނޫންވެސް ކަމަކާއި ގުޅޭގޮތުން ބަހުސެއްދާނަމަ އެކަމާއި އެވަގުތު އެއްޗެއް ނުބުނެ ހަނު ހުރުމަކީ ޒުވާބުތައް މަދުކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ގިނަފަހަރު ޒުވާބުތައް ފެށިގެންދަނީ އަންނަ ރުޅީގައި އަނެކާގެ ހިތުގައިޖެހޭ އެއްޗެއް ބުނެވިގެންނެވެ. އަދި މައްސަލަތަކަށްވުރެ ބޮޑަށް މައްސަލަ ހައްލުކުރުމަށް ވާހަކަދެއްކުމަކީވެސް ޒުވާބުތައް މަދުކުރުމަށް ކުރެވިދާނެކަމެކެވެ.

ރިއެކްޝަންސް
2
0
0
0
0
0
0