ދުނިޔޭގެ އެންމެ މަގުބޫލު ވޭލްޝާކް މަންޒިލް ރާއްޖޭގައި – އީޕީއޭއަކަށް ނުބެލޭ!

17 އެޕްރީލް 2022 - 16:38

އަރިއަތޮޅު ދެކުނުބުރީގައި ވާ 42 އަކަ ކިލޯމީޓަރުގެ ފަރު ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި އީޕީއޭ އިން ކަނޑައެޅީ 2009 ވަނަ އަހަރުގައެވެ. މި ވޭލްޝާކް ޕޮއިންޓަކީ މުޅި ދުނިޔޭގައިވެސް ވާ ހަމައެކަނި “all year” ނުވަތަ އަހަރުގެ ހުރިހާ ދުވަހަކުވެސް މިޔަރުގެ ބާވަތެއް ކަމަށްވާ ވޭލް ޝާކް ފެންނަ ސަރަހައްދެވެ. މިތަނަކީ އަހަރަކު ވަރަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ދުނިޔޭގެ މަގުބޫލު ޑައިވް ސައިޓެކެވެ. ނަމަވެސް މިތަނުގެ ސަލާމަތީ ކަންކަން ރަނގަޅަށް ކަށަވަރުވެފައި ނެތުމުގެ ސަބަބުން އެތަނަށް ޒިޔާރަތްކުރާ އިންސާނުން އަދި އެތަނުގައި ވާ ކަނޑުގެ އެކި ދިރުންތަކާއި މިޔަރުތަކަށް ބޮޑެތި އަނިޔާ ލިބޭކަމަށް ޑައިވިން ކޮމިއުނިޓީއިން ފާހަނގަކުރެއެވެ.

އެތަނަށް އެކި ފަހަރުމަތިން ޒިޔާރަތްކުރަމުން އަންނަ ސައިންޓިސްޓުން ފާހަނގަކުރާގޮތުގައި މި ޑައިވްޕޮއިންޓަށް އެއްފަހަރާ ވަންނަ އުޅަނދުތަކުގެ އަދަދު ދުވަހެއްދުވަހަކަށް ވުރެ އަންނަނީ ގިނަވަމުންނެވެ. މިކަމުގެ ސަބަބުން އުޅަނދުތަކުން ޖެހި އަނިޔާވާ މިޔަރުތަކުގެ އަދަދުވަރަށް ގިނައެވެ. މިކަމާއި ބެހޭ މިމައުލޫމާތު ހިއްސާކުރަމުން ރާއްޖޭގެ ޑައިވަރެއް ބުނެފައިވަނީ މިތަނަށް ޒިޔާރަތްކުރާ މިޔަރާބެހޭ ދިރާސާވެރިންނާއި ޓުއަރ ގައިޑުން ވެސް ވަނީ ތަކުރާރުކޮށް މިކަންބޮޑުވުން ޑައިވްކޮމިއުނިޓީގެ އެކިފަރާތްތަކާއި ހިއްސާކޮށްފައި ކަމަށެވެ. ޑައިވިން ކޮމިއުނިޓީއިން ވަނީ މި ޝަކުވާ އީޕީއޭއަށް ހުށައަޅާފައެވެ. ނަމަވެސް މިހާތަނަށް މިކަން ރެގިއުލޭޓްކުރުމަށް އެއިދާރާއިން ހާއްސަ އުސޫލެއް ހަދާފައެއް ނުވެއެވެ.

advertisement
މި މިޔަރުގެ ޑޯސަލް ފިން އާއި މަތީ ނިގުލުގެ އެއްބައި ނެތް

އީޕީއޭގެ އިހުމާލުން އެތަނުގައި ނުރައްކާތެރި ހާދިސާތައް

މިމަހުގެ ފުރަތަމަ ހަފްތާތެރޭގައި މި މަގުބޫލު ޑައިވް ޕޮއިންޓަށް ވޭލް ޝާކް ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ފައި ވަނީ ލޯންޗެއްގެ ބުރަފަތިން ޖެހި ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އޭނާގެ ޑޮކްޓަރު ބުނެފައިވަނީ ފަޔަށް ލިބިފައިވާ ގެއްލުން ބޮޑުކަމުން އޭނާގެ ދެފައި ވެސް ބުރިކުރަން ޖެހޭނެކަމަށެވެ. މި ސަރަހައްދުގައި މީގެ ކުރިންވެސް މިކަހަލަ ހާދިސާއެއް ހިނގާފައިވެއެވެ.

ފަތުރުވެރިޔާގެ ފަޔަށް ވަރަށް ބޮޑަށް ގެއްލުންވެފައި

މިކަމާއި ބެހޭގޮތުން އީޕީއޭ އިން ބުނެފައިވަނީ އެޕްރީލް 17 ވަނަ ދުވަހު ފަތުރުވެރިޔާއަށް އަނިޔާވި ކަމުގެ ރަސްމީ ރިޕޯޓެއް އެއިދާރާއަށް ލިބިފައި ނެތްކަމަށެވެ. “އީޕީއޭ އިން ބަލަން ޖެހޭވަރަށް ކަންކަން ބަލައި މޮނިޓަރ ނުކޮށް ތިއްބާ އުޅަނދެއްގެ ބުރަފަތިންޖެހި މީހަކު މަރުވިއަސް އޮފިޝަލް ރިޕޯޓެއް ނެތްނަމަ، ސައިޓުގެ މޮނިޓަރިން ހަރުދަނާކުރުމަށް ހަމަ އެއްވެސް ފިޔަވަޅެއް ނާޅާނެތޯ” މިއީ ޑައިވަރުންގެ ސުވާލެކެވެ.   

ފަތުރުވެރިކަމަށް މުހިންމު މަންޒިލެއް – ނެތިދިޔުމުގެ ބިރު ބޮޑު

މި ޑައިވްޕޮއިންޓަކީ ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންގެ އެންމެ މަގުބޫލު އެއް މަންޒިލެވެ. ނަމަވެސް ހަމައެއް އުސޫލެއްނެތި މިތަނަށް މީހުން ގޮވައިގެން އަންނަ އުޅަނދުތަކުން ވަދެނިކުމެ ހެދުމުގެ ސަބަބުން މި މަންޒިލުގައިވާ މިޔަރުތަކަށް އަނިޔާވެ މިޔަރުގެ އާބާދީ މަދުވުމުގެ ބިރު މިހާރު އެބައޮތެވެ. 2014 ވަނަ އަހަރު މިސަރަހައްދުގައި 48 މިޔަރު އުޅޭކަމަށް ރިޕޯޓު ކުރެވިފައިވާ އިރު، 2019 ވަނަ އަހަރު މިތަން ހިމާޔަތްކުރި އިރު މި އަދަދުވަނީ 32 އަށް ތިރިވެފައެވެ. ކޮންމެ މިޔަރަކަށް ބޮޑު އެއް އަނިޔާ ލިބޭކަމަށް 2014 ގައި ބެލެވިފައިވީ ނަމަވެސް 2019 ވަނަ އަހަރު ރިޕޯޓުކޮށްފައިވާ ގޮތުން މި ޕޮއިންޓުގައިވާ ކޮންމެ މިޔަރަކަށް ބޮޑެތި 3 އަނިޔާ ލިބިފައިވެއެވެ. އަނިޔާލިބިފައިވާ މިޔަރު ފެންނަ މިންވަރު 2014 ވަނަ އަހަރު 24 އިންސައްތައިގައި ހުރި ނަމަވެސް 2019 ވަނަ އަހަރު އަނިޔާއާއި އެކު ފެނުނު މިޔަރުގެ އަދަދު ވަނީ 45 އިންސައްތައަށް މަތިވެފައެވެ.

މިފަދަ އެހެން މެރިން ޕާކުތައް ނުވަތަ ހިމާޔަތްކޮށްފައިވާ ޑައިވް ޕޮއިންޓް ތައް ކަމަށްވާ، ވޭލް ޝާކްއަށް ހާއްސަ އޮސްޓްރޭލިޔާގެ ނިންގަލޫ ރީފް، ސެއިންޓް ހެލެނާ އައިލެންޑްސް އަދި އެފްރިކާގެ މަޝްހޫރު ނެޝަނަލް ޕާކު ފަދަ ތަންތަނަކީ އެތަނުގެ ދިރުންތަކާއި އެތަނަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތީ ރައްކާތެރިކަމަށްތަކައި ރެގިއުލޭޓްކޮށް މޮނިޓަރ ކުރާ ތަންތަނެވެ. އެތަންތަނަށް ދުވާލަކު ޒިޔާރަތްކުރާ މީހުންނާއި ވަދެނިކުމެވާ އުޅަނދުގެ އަދަދު ކޮންޓްރޯ ކުރުމަށް ހާއްސަ އުސޫލުތަކެއް ވެއެވެ. އެހެންކަމުން އެތަންތަނުގެ ދިރުމާއި ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުވެއެވެ.

ފަތުރުވެރިން މިޔަރެއް މައްޗަށް އަރަނީ (މިއީ މަނާ ކަމެއް)

ރާއްޖެއަކީ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއްކަމުގައި ވާއިރު، އަދި އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ވޭލްޝާކް ޕޮއިންޓަކީ އެފަދަ އެހެންތަނެއް ދުނިޔޭގައި ނެތް ހާއްސަ މަންޒިލެއްކަމުން މިތަން ނެތިނުދިޔުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ތަނުގެ ރައްކާތެރިކާމާ މެދު ފަތުރުވެރިންގެ އިތުބާރު ގެއްލި، އަދި މި މުހިންމު މެރިން ޕާކުގެ ދިރުންތައް ނެތިދިޔުމުގެ ބިރު އެބައޮތެވެ.

ރިއެކްޝަންސް
5
4
9
134
7
7
18