ރާއްޖޭގެ ކޮންމެތާކު ދިރިއުޅުނަސް ރައްޔިތުން ކަރުތާފެނުގައި

19 އެޕްރީލް 2022 - 10:34

މަހުން މަހަށް ލިބޭ މުސާރައިން ކިރިޔާ ފުދި ނުފުދި ދިރިއުޅެމުން އަންނަ އާއިލާތައް ރާއްޖޭގައި ވަރަށް ގިނައެވެ. އެންމެ ފަހުގެ ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުގެ ސާވޭއިން ދައްކާގޮތުގައި މާލޭގައި ދިރިއުޅޭ މީހެއްގެ އެވްރެޖު އާމްދަނީ އަކީ 14،150 ރުފިޔާއެވެ. ރާއްޖެތެރޭގައި ދިރިއުޅޭ މީހެއްގެ އެވްރެޖު އާމްދަނީ އަކީ 8،053 ރުފިޔާއެވެ. މާލޭގައި އުޅޭ މީހެއްގެ އާމްދަނީ ރާއްޖެތެރޭ މީހެއްގެ އާމްދަނީއާއި އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ ބޮޑެވެ.

މާލޭގެ ދިރިއުޅުން

advertisement

މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންނަކީ ލިބޭ އާމްދަނީ އިން ފަހަށް ރައްކާކުރުމަށް އެންމެ ފައިސާ ފޮއްޗެއްވެސް ބާކީ ނުވާ ދިރިއުޅުމެއް އުޅެން ޖެހިފައިވާ ބައެއްކަމާމެދު އެންމެންވެސް އެއްބަސްވާނެއެވެ. ނަމަވެސް ބޮޑު ކުލީގެ މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރި 7،000 ފްލެޓާއި އެކު އެތަނަށް ބަދަލުވި އާއިލާތައް މިހާރު ދިރިއުޅެނީ އާމްދަނީ އާއި ހަރަދުގެ ގޮތުން ކުރިއަށްވުރެ ހިތްފަސޭހަ ދިރިއުޅުމެއް ކަމަށް ގަބޫލުކުރާ މީހުން ގިނައެވެ. ނަމަވެސް ހިޔާފްލެޓުގައި ދިރިއުޅޭ ފަރާތްތަކާއި ވާހަކަ ދައްކާލުމުން ހާމަވީ އެއާއިލާތައް އަދިވެސް ތިބީ އާމްދަނީއާއި ހަރަދުގެ ގޮތުން ކުރިންވެސް ތިބި ހިސާބުގައި ކަމެވެ.

ހިޔާގެ ދިރިއުޅުން – ފަހަށްރައްކާކުރާނެ ފައިސާއެއް އޭރުވެސް މިހާރުވެސް ނޯވޭ

ހިޔާފުލެޓަށް ބަދަލުވެފައިވާ އާއިލާތަކުން ބުނާގޮތުގައި ފުލެޓު ކުލި ކުރިން ދިރިއުޅުނު ތަންތަނުގެ ކުއްޔާއި އަޅާބަލާއިރު ކުޑައެވެ. ނަމަވެސް ހިޔާގައި އުޅެން ފެށިފަހުން، ކުރިން ކުރަން ނުޖެހޭ ހަރަތުތައް ގިނަވެއްޖެއެވެ. ސްކޫލް ބަސް ހުއްޓަނީ ސްކޫލާއި ދުރަށް ކަމުން ސްކޫލަށް ގަޑިޖެހޭ ކަމުގެ ޝަކުވާ އަކީ ގިނަ ބެލެނިވެރިންގެ ޝަކުވާއެކެވެ. އެހެންކަމުން ސައިކަލުގައި ނޫޅޭ ފަރާތްތަކުންނާއި އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބޭ އާއިލާތަކުން ކުދިން ސްކޫލަށް ގެންދަނީ ޓެކްސީގައެވެ. މިކަމަށް ހަފްތާއަކަށް 1500، މަހަކަށް 6،000 ރުފިޔާ ހޭދަވާކަމަށް ހިޔާފުލެޓުގައި ދިރިއުޅޭ ފަރާތަކުން ހާމަކުރިއެވެ. ހިޔާފްލެޓުތައް ހުރި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތު ހުރި ފިހާރަތަކުގެ މުދަލުގެ އަގުތައް އެހެން ފިހާރަތަކަށް ވުރެން ބޮޑުކަމަށްވެސް އެތަނުގައި އުޅޭ ގިނަ ބަޔަކު ފާހަނގަކުރެއެވެ. އެހެންކަމުން މީގެ ކުރިން ބޮޑު ކުލީގައި ދިރިއުޅުނު އިރާއި އަޅާބަލާއިރު ދިރިއުޅުމުގެ ހަރަދުތައް ހުރީ އެއްވަރެއްގައެވެ. ކުލި ކުޑަވިއެއް ކަމަކު، ތަފާތުކަންކަމުގައި އެކިތަންތަނަށް ދާން ހޭދަކުރަންޖެހޭ ވަގުތާއި ފައިސާ އިތުރެވެފައި ތެޅިފޮޅެންޖެހޭ މިނަވަރު ބޮޑެވެ. ހިޔާ ކޮމިއުނިޓީގެ މީހުން ބުނާގޮތުން ފަހަށްރައްކާކުރާނެ ފައިސާއެއް އޭރުވެސް މިހާރުވެސް ނޯވެއެވެ.

2019 ވަނަ އަހަރުގެ ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުގެ ރިޕޯޓު ދައްކާގޮތުން، މާލޭގެ ގޭބިސީއަކަށް އެވްރެޖުކޮށް މަހަކަށް ލިބެނީ 38،596 ރުފިޔާއެވެ. އެވްރެޖު ހަރަދު ކުރަނީ މަހެއްގެ މައްޗަށް 37،013 ރުފިޔާއެވެ. މިއީ ލިބޭ އާމްދަނީގެ 96 އިންސައްތައެވެ.

ރާއްޖެތެރޭގެ ދިރިއުޅުން

އެއްރޭޓަކުން ބިލުކުރި ކަމުގައި ވިޔަސް ރަށްރަށުގެ ކަރަންޓު ބިލު މަތިވާ ކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުންކުރެއެވެ. ރަށްރަށުގެ ބިލު ބޮޑުވާ ސަބަބުތަކުގެ ތެރޭގައި، ކަރަންޓު ނެޓްވޯކް ގާއިމުކޮށްފައި ހުންނަ ގޮތުގެ ސަބަބުން ގޭގެއާއި ހަމައަށް ކަރަންޓު ވޯލްޓޭޖު ލިބެންޖެހޭ މިންވަރަށް ނުލިބުމާއި މިނޫންވެސް އެހެން ޓެކްނިކަލް ސަބަބުތައް ހިމެނޭ ކަމަށް މިދާއިރާގެ ޓެކްނިކަލް މީހުން ބުނެއެވެ. 220-250 އާއި ދެމެދުގައި ގެއާއި ހަމައަށް ކަރަންޓު ފޯރުކޮށް ނުދިނުމުގެ ސަބަބުން ރަށްރަށުގެ ގޭގޭގެ ކަރަންޓު ބިލު ވަރަށް ބޮޑުތަނުން ބޮޑުވެއެވެ.

ރާއްޖެތެރޭގެ ފިހާރަތަކަށް މާލެއިން ގެންނަ މުދަލުގެ އަގު ގަންނަ މީހާއަށް ލިބެނީ މާލޭގެ ފިހާރަތަކަށް ވުރެ އެތައްތަނެއް ބޮޑުއަގުގައެވެ. މިސާލަކަށް ރާއްޖޭގެ އެންމެ ދެކުނުގެ ރަށެއްގައި ދިރިއުޅޭ ކުޑަ އާއިލާ އަކަށް ބަލާލާނަމެވެ. ސްކޫލަށް ދާ ކުދިން ތިބި ނަމަ ކޮންމެ ކުއްޖަކަށް ޓެކްސީ ހަރަދަކީ މަހަކަށް 800-1200ރ އާއި ދެމެދުގެ އަގެކެވެ. ދެކުދިން އެއް ޓެކްސީގައި ފޮނުވިއަސް ޓެކްސީތަކުން ސްކޫލް ދަތުރުތަކަށް ފައިސާ ނަގަނީ ކޮންމެ ކުއްޖަކަށް ވަކިންނެވެ. ސްކޫލު ދަރިވަރުންނަށް ޕަބްލިކް ޓްރާންސްޕޯޓް ހަމަޖެހިފައެއް ނޯވެއެވެ. އެހެންކަމުން ސްކޫލުކުދިން ތިބޭ، އިގްތިސާދުކޮށްގެން ދިރިއުޅޭ އާއިލާއެއްގެ ދިރިއުޅުމުގެ ހަރަދަކީ، ކެއުމާއި ބިލުތަކާއި ކުދިންގެ ސްކޫލް ދަތުރުފީ އާއި ޓިއުޝަން ފީ، ވައިފައި ބިލު ފޯނު ބިލު ފަދަ ބިލުތަކާއި އެކު މަހެއްގެ މައްޗަށް ފަނަރަ ހާސް ރުފިޔާ އާއި ވިހި ހާސް ރުފިޔާކަމުގައި ބެލެވިދާނެއެވެ.

2019 ވަނަ އަހަރުގެ ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުގެ ރިޕޯޓު ދައްކާގޮތުން، ރާއްޖެތެރޭގެ ގޭބިސީ އެވްރެޖް އާމްދަނީ އަކީ 19633 އެވެ. މަހެއްގެ މައްޗަށް ހަރަދު ކުރަނީ 20177 ރުފިޔާ އެވެ. ކުރާ ހަރަދުތައް ލިބޭ އާމްދަނީއަށްވުރެ 2 ޕަސަންޓު އިތުރެވެ.

މާލޭގައި ބޮޑީ ކުއްޔެވެ. ރަށްރަށުގައި ބޮޑީ ބިލުތަކާއި ކާނާގެ އަގެވެ. ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ސާމާނާއި، ގެދޮރު ހެދުމަށް ބޭނުންވާ ސާމާނުގެ އަގުގެ ތަފާތަށް ބަލާއިރު އާމްދަނީ އިން ކުއްޔަށް ހޭދަކުރަން ނުޖެހޭ ބައި އޮންނަނީ ބޭސްފަރުވާ ހުރި ހިސާބުތަކަށް ދަތުރުކުރުމާއި، މިދެންނެވި އެހެން ހަރަދުތަކަށް ގޮސް ހުސްވެފައެވެ. އެހެން ކަމުން ވަކި މިވެނި ރަށެއްގައި ދިރިއުޅޭނަމަ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެފައި ފަހަށް ރައްކާކުރުމަށް ފައިސާ އަތުގައި ހުންނާނެކަމަށް ބެލެވެން އެބައޮތްތޯއެވެ.

ގައުމުގެ އާމްދަނީ އިން ބޮލަކަށް ޖެހޭ މިންވަރު

ގައުމަށް ވަންނަ ޖުމުލަ އާމްދަނީ އިން އަތޮޅުތަކުގެ އާބާދީގެ ބޮލަކަށް ޖެހެނީ މަހަކަށް 3762 ރުފިޔާއެވެ. މާލޭގައި ދިރިއުޅޭ އާބާދީގެ ބޮލަކަށް ޖެހެނީ 7479 ރުފިޔާއެވެ.

ރާއްޖޭގެ އާބާދީގެ މެދުގައި އާމްދަނީ ބެހިފައިވާ ގޮތަށްބަލާއިރު އަތޮޅުތަކާއި މާލޭގައި ތަފާތު ބޮޑުކަން ފާހަގަކުރެވެއެވެ. މިގޮތުން އަތޮޅުތަކުގައި ބޮލަކަށްޖެހޭ އެވްރެޖް އާމްދަނީ (މަހެއްގެ މައްޗަށް އެވްރެޖްކޮށް 3762 ރުފިޔާ) އަށްވުރެ ދަށުން އަތޮޅުތަކުގެ އާބާދީގެ 60 އިންސައްތަ މީހުންނަށް އާމްދަނީ ލިބޭއިރު މިއަށްވުރެ ދަށުން އާމްދަނީ ލިބެނީ މާލޭގެ އާބާދީގެ 18 އިންސައްތަ މީހުންނަށެވެ.

ނަމަވެސް އާދައިގެ ރައްޔިތުން ކޮންމެ ސަރަހައްދެއްގައި އުޅުނަސް ދިރިއުޅުމުގެ ހަރަދު ވަނީ ގާތްގަނޑަކަށް އެއްވަރެކެވެ. ޕްލޭނިންގ މިނިސްޓްރީ އިން އާއްމުކޮށްފައިވާ ހައެސް ރިޕޯޓުން ދައްކާގޮތުގައި، ރާއްޖޭގެ ކޮންމެތާކު އުޅުނަސް އާއްމު މީހާގެ އާމްދަނީއާއި ހަރަދުގެ ގޮތުން ބަލާއިރު ހާލަތު ވަކި ރަނގަޅެއް ނުވެއެވެ.

ރިއެކްޝަންސް
0
0
0
8
0
1
2