ރިޕޯޓު: ރާއްޖޭގެ ތާރިހުގެ ތެރެއިން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން

20 އެޕްރީލް 2022 - 14:02

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ގާއިމުކުރެވުނު އިދާރާއަކީ 1991 ވަނަ އަހަރު ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި 6 މުވައްޒަފުންނާއި އެކު ގާއިމުކުރި އެންޓި ކޮރަޕްޝަން ބޯޑެވެ.

މިހާރު އަމަލުކުރަމުންދާ އެންޓިކޮރަޕްޝަން ގާނޫނުގެ ދަށުން ރާއްޖޭގައި އަލަށް މިނިވަން އެންޓިކޮރަޕްޝަން ކޮމިޝަނެއް ގާއިމުވެގެން އައީ 2008 ވަނަ އަހަރުގައެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފަހުން ހެދުނު ގާނޫނަކީ އިލިސިޓް އެންރިޗްމަންޓް ގާނޫނެވެ.

advertisement

އެންޓިކޮރަޕްޝަން ކޮމިޝަނަށް ދައުލަތުން މިއަހަރަށް އެކަނި 33.5 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ..

ކޮންމެ ސަރުކާރެއްގައިވެސް ދައުލަތުގެ މަގާމުތަކާ ހަވާލުވާ ފަރާތްތަކުން، ކޮރަޕްޝަން ހިންގަނީ އެކި ގޮތްގޮތަށް އެކި ނަންނަމުގައެވެ. މިހާތަނަށް އާއްމުވެފައިވާ މިފަދަ ބޮޑެތި ކަންކަމުގެ ތެރޭގައި ދައުލަތުން ބަދަލު ދޭން ނުޖެހޭ ފަރާތްތަކަށް ބޮޑެތި ފައިސާގެ އަދަދުން ބަދަލު ހޯދައި ދިނުމާއި، ދައުލަތުގެ ބިން ނުހައްގުން ބޮޑެތިފަރާތްތަކަށް ހޯދައި ދިނުމާއި، ތަރައްގީގެ ނަމުގައި ހިންގާ ބިންހިއްކުމާއި މަގުހެދުން ފަދަ ޕްރޮޖެކްޓްތަކުން ވެރިންނަށް ބައި އެޅުމާއި، ރިޒޯޓުތަކުގެ ކުލި މައާފުކޮށް ދިނުމާއި، މިކަންކަމަށް މަގު ފަހިވާގޮތަށް ގާނޫނާއި ގަވާއިދު ބަދަލުކޮށް އިދާރާތަކުގެ ބޯޑު މެމްބަރުން ބަދަލުކޮށް ވަކި ބަޔަކު ބޭނުންވާ މީހުން ބޯޑުތަކަށް އައްޔަންކުރުން ފަދަ ކަންކަން ކުރާ ކަން ފާހަނގަވެއެވެ.

މިހާތަނަށް 875 މިލިޔަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ރައްޔިތުންނަށް ގެއްލިފައިވޭ

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަނަކީ 2017 ވަނަ އަހަރު ފަޅާއެރި އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައެވެ. މިހިޔާނާތުން ދައުލަތަށް ގެއްލުނުކަމަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ އަދަދަކީ 220 މިލިޔަން ޑޮލަރެވެ. މިކަން ހިނގާ ދިޔަ އަހަރު އޭރުގެ ސަރުކާރުން ވަނީ ދައުލަތަށް އެހާތަނަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތްކުރުމަށް ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވާފައެވެ. އޭރުގެ ހޯމް މިނިސްޓަރ އަދި އެ ކޮމިޝަނުގެ ޗެއަރ އަޒްލީން އަހުމަދު ވިދާޅުވެފައިވަނީ 1990 އިން ފެށިގެން (2017 ވަނަ އަހަރާ) ހަމައަށް ދައުލަތުގެ ހަޒާނާއިން 875 މިލިޔަން ޑޮލަރު ގެއްލިފައިވާ ކަމަށެވެ. މިއީ 13.5 ބިލިޔަން ދިވެހި ރުފިޔާއެވެ. މި ފައިސާގެ ތެރޭގައި ހިމެނޭ މައިގަނޑު ދެ މައްސަލައަކީ 1990 ވަނަ އަހަރު ހިންގި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) އިން ގެއްލުނު 69.2 މިލިޔަން ޑޮލަރުގެ ހިޔާނާތާއި ރާއްޖޭގެ ފުރަތަމަ އެއާލައިން ކުންފުނިކަމަށްވާ އެއަރމޯލްޑިވްސް އިން ގެއްލުނު 70 މިލިޔަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެވެ.

އެފްޕީއައިޑީ އަކީ މިހާރުގެ މިފްކޯއެވެ. ދެމައްސަލައިގަވެސް ތުހުމަތު ކުރެވެނީ ސިޔާސީ ބޮޑެތި ފަރާތްތަކަށެވެ.

ޒިންމާވާނެ ފަރާތެއް ނެތް

އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހާއި އެކުވެގެންވެސް އެއްވެސް ސަރުކާރެއްގައި މިއިން އެއްވެސް މައްސަލައެއް މިހާތަނަށް ބަލައި ރައްޔިތުންނަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ އުއްމީދަކާއި ހަމައަށްވެސް ވާސިލުވެވިފައި ނެތެވެ. 2012 އިން ފެށިގެން 2018 އާއި ހަމައަށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ނޮވެމްބަރ 2018 ގައި ސްޓޭޓް އެސެޓްރިކަވަރީ ކޮމިޝަންގެ ނަމުގައި މިނިވަން މުވައްސަސާއެއް މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އުފެއްދެވުމާއި އެކު ރައްޔިތުންނަށް އުއްމީދެއް ލިބުނެވެ.

ނަމަވެސް މިއަހަރުގެ މާރިޗު މަހު ރައީސުލްޖުމުހޫރިއްޔާ ވަނީ އެ ކޮމިޝަންވެސް އުވާލައްވާފައެވެ. ކޮމިޝަނުގެ ހިންގުމަށް 10 މިލިޔަން ރުފިޔާ ދައުލަތުން ހޭދަކޮށްފައިވާ އިރު، ކޮމިޝަން އުވުމާއި ހަމައަށް ހިޔާނާތުގެ ފައިސާއެއް މުދަލެއް އަނބުރާ ދައުލަތަށް ހޯދިފައި ނެތެވެ. އަދި މިހާތަނަށް މިކޮމިޝަނުން ހާސިލުވީ އެއްވެސް ކަމެއް އަދި ކޮމިޝަން އުވާލެއްވީ ކޮން ސަބަބަކާއި ހެދިތޯ ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ރިކަވާރ ކުރެވުނީ ކިހާ މުދަލެއްތޯ ސުވާލުކޮށް އާއްމުފަރާތެއް ފޮނުވި އާރްޓީއައި ފޯމަށް ޖަވާބުދެމުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ އެކޮމިޝަނުގެ މަސައްކަތްތަކާއި ބެހޭ ރިޕޯޓެއް އާއްމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެރިޕޯޓު އާއްމުކުރުމުން މައުލޫމާތު ލިބޭނެކަމަށެވެ.

ފައިސާ އާއި މުދާ އަނބުރާ ހޯދުމުގައި ގާނޫނީގޮތުން ހުރީ ކޮން ހުރަސްތަކެއް؟

ރާއްޖޭގައި މިވަގުތު ހުރި ހުރިހާ ބޮޑެތި ސިޔާސީ ޕާޓިތަކުގެ އިސްވެރިންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށާއި މިނިވަން މުވައްސަސާތަކާއި ކޯޓުތަކާއި ފުލުހުންގެ އިސްވެރިން މި ވައްކަމުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭއިރު މި މައްސަލައާ ބެހޭގޮތުން ގާނޫނީ ވަކީލު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދިޔުމުގައި އޮތް އެންމެ ބޮޑު ގާނޫނީ ހުރަހަކީ މައްސަލައިގެ ހެކި ހޯދާފައިވާ ގޮތްކަމަށެވެ. މިމައްސަލައިގެ ހެކީގެ ގޮތުގައި ހޯދާފައިވާ މައުލޫމާތަކީ އެސް.އޯ.އެފް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާދާރެއްގެ ފޯނު ގާނޫނީ އިމުން ބޭރުން ހޯދައިގެން ނަގާފައިވާ މައުލޫމާތެވެ. ރާއްޖޭގެ ހެއްކާއި ބެހޭ ގާނޫނު އަދި ގާނޫނު އަސާސީ އިން ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ހޯދާ ހެކި ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅާފައެވެ. ހެކީގެ ގޮތުގައި އޭސީސީ، ޕޮލިސް އަދި މަޖިލީހުގައިވެސް ވާ ހެއްކަކީ މިދެންނެވި ފޯނުން ނަގައިގެން ޕެންޑްރައިވްއެއްގައި ރައްކާކޮށްފައިވާ މައުލޫމާތެވެ. އޭސީސީ އިން މަޖިލިހަށް ފޮނުވި ސިއްރު ރިޕޯޓު، މިމައްސަލައިގެ ކޯޓު މަރުހަލާ ނުނިމެނީސް، މަޖިލީހުން އާއްމުކޮށްފައިވާ ކަމީ ވެސް މި މައްސަލައިގެ ހެއްކަށް ނުފޫޒުފޯރާނެ ފަދަ އަމަލެއްކަމަށް ގާނޫނީ ފަރާތްތަކުން ބުނެއެވެ.  

އޭސީސީ އިން ފުރަތަމަ ހާމަ ކުރިގޮތުގައި މި ހިޔާނާތުން 155 ފަރާތަކަށް ނާޖާއިޒު ފައިދާ ލިބިފައިވެއެވެ. ނަމަވެސް ފަހުން އޭސީސީ އިން ހާމަކުރި ގޮތުގައި ނާޖާއިޒު ލިބުނު ފަރާތްތަކުގެ އަދަދު 267 އަށް އަރައެވެ. މީގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ ވަޒީރުންނާއި ދައުލަތުގެ އެކި މަގާމުތަކުގައި ކުރިން ތިއްބެވި ފަރާތްތަކާއި މިހާރުވެސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް އަދި ފަނޑިޔާރުން ހިމެނެއެވެ. މަޖިލީހުން މި މައްސަލަ ދިރާސާ ކުރި ކޮމިޓީއިން ވަނީ އެ މައްސަލައިގައި ހިމެނޭ ބައެއް މަޖިލިސް މެމްބަރުންނާއި އެހެން ނުފޫޒުގަދަ ފަރާތްތަކުގެ ނަންތައް ލިސްޓުން އުނިކޮށްފައި ކަން އޭސިސީ އިން ނެރުނު ރިޕޯޓާއި ފަހުން މަޖިލީހުގެ ކޮމިޓީއިން އާއްމުކުރި ލިސްޓު އަޅާ ކިޔުމުން ހާމަވެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި 56 ރަށާއި ފަޅު އެކިފަރާތްތަކަށް އެއްބަސްވުން ހަދައި ދީފައިވެއެވެ. މި ރަށްތަކުގެ ތެރޭގައި ގިނައީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ޝަރުތުކޮށް -2009-2008 ވަނަ އަހަރު އެކި ކުންފުނިތަކަށް ސަރުކާރުން ދޫކޮށްފައިހުރި 396 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެވެ. އެއްބަސްވުމުގައި މަތިކޮށްފައިވާ ނަރުދަމާ އެޅުމާއި ދަތުރުފަތުރުގެ ނިޒާމުގާއިމުކުރުމުގެ އެއްވެސް މަސައްކަތެއް އެއިން އެއްވެސް ކުންފުންޏަކުން ކޮށްފައިނުވެއެވެ. ނަމަވެސް ބައެއް ކުންފުނި ތަކުން ހޯދި ރަށްތަކުގައި ރިޒޯޓު ތަރައްގީކޮށް ހިންގަމުން އާދެއެވެ. ބާކީހުރި ރަށްތައް ހުރީ ހުރިގޮތަށެވެ. އެމްއެމްޕީއާރްސީ އިން އެރަށްތައް އަލުން ލިބުނު ފަރާތްތަކުގެ ތެރެއިންވެސް ރިޒޯޓު ތަރައްގީކޮށްގެން ހިންގަނީ މަދު ރަށްތަކެއްގައެވެ. 

ގެއްލުނު ފައިސާ އަނބުރާ ހޯދުނަސް ނުހޯދުނަސް ބިޑަކާ ނުލައި ކުޑަ އަގެއްގައި ދޫކުރި ރަށްތައް އަނބުރާ ދައުލަތަށް ހޯދަން ޖެހޭނެކަމަށް ދެކޭ ރައްޔިތުން ގިނައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި، ރަށްތައް ލިބުނު ފަރާތްތަކާއި ދައުލަތާއި ދެމެދު ވެފައިވަނީ ގާނޫނީ ގޮތުން ސައްހަ އެއްބަސްވުމެއް ކަމުން އެރަށްތައް އަނބުރާ ދައުލަތަށް އަތުލުން ވާނީ ހަރަދުބޮޑު ގާނޫނީ މަސައްކަތަކަށެވެ. ދައުލަތުން އަނެއްކާވެސް މިކަމަށް އެތައް ހޭދައެއް ކުރަންޖެހޭނެއެވެ. ރަށްތައް އަތުލައިފި ނަމަ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލޭނެ ކަމަށް ވަކާލާތުކުރާ ވިޔަފާރި ކޮމިއުނިޓީގެ ފަރާތްތަކަށް ރައްދު ދެމުން ސިވިލް ސޮސައިޓީގައި ހަރަކާތްތެރިވާ ފަރާތަކުން ބުނެފައިވަނީ މިހާރުވެސް ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރުވަނީ ގެއްލިފައި ކަމަށާއި، އެކަން އެންމެ ފަހުން ޓޫރިޒަމަށް ހުޅުވާލި ރަށްތަކަށް ބިޑު ކުރި ފަރާތްތަކުގެ އަދަދު މަދުކަމުންވެސް ހާމަވާކަމަށެވެ. ޓޫރިޒަމް މިނިސްޓްރީ އިން އެންމެ ފަހުން ބީލަމަށް ހުޅުވާލި ރަށްތަކުގެ އަގު އެމްއެމްޕީއާރްސީ އިން ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ކީ އަގަށްވުރެ ކުޑައެވެ.

ވަގުތުން ވަގުތަށް އަތުލެވޭނެ މުދަލާއި ފައިސާ އެބަހުރި

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބިގެން ނުހައްގުން މުއްސަނދިވީ ހަމައެކަނި ރަށްތައް ލިބުނު ފަރާތްތައް އެކަންޏެއް ނޫނެވެ. އަގުބޮޑެތި ބިމާއި ފުލެޓު ގަނެވޭނެ މާލީ ފެންވަރު ނެތް އެތައް ބަޔަކު ވަނީ އެދުވަސްވަރު ކުއްލިއަކަށް ހުޅުމާލެއިން ބިމާއި ފުލެޓު ގަނެފައެވެ. ހުޅުމާލެއިން ލަގްޒަރީ ފްލެޓު ލިބެނީ ދިވެހި ރުފިޔާއިން ބަލާނަމަ 3 މިލިޔަނާއި 5 މިލިޔަނާއި ދެމެދުގެ އަގަކަށެވެ. ހުޅުމާލެއިން 2000 އަކަ ފޫޓުގެ ބިމެއްގެ އަގަކީ 16 މިލިޔަން ރުފިޔާއެވެ. ނުހައްގު މުއްސަނދިކަން ހޯދުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ބަޔާންވެގެންވާ ބޮޑު އަދަބުލިބޭ ކުށެކެވެ. ސަބަބު ބަޔާންކޮށް ނުދެވޭ، އާމްދަނީއާއި ނުބައްދަލު ކުއްލި މުއްސަނދިކަން ހޯދާ ފަރާތްތަކުގެ މައްސަލަ ބެލުމުގެ ބާރު ކަމާއި ބެހޭ ފަރާތްތަކަށް އެބައޮތެވެ. ގާނޫނުލް އުގޫބާތަށް މި އިސްލާހު ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުއެވެ. އެހެން ކަމުން މިމައްސަލަތައް ބަލައި އެފަރާތްތަކުން ހޯދާފައިވާ މުދާ ދައުލަތައް ނެގޭނެ މަގު ގާނޫނުނުން ހޯދާދީފައި އެބައޮތެވެ. އޭރުގެ މަޖިލީހާއި މިހާރުގެ މަޖިލިސް މެމްބަރުންގެ ތެރެއިން އިނގިލިން ގުނާލެވޭހާ މަދު މެމްބަރުން ފިޔަވައި ދެން ތިބި ހުރިހާ މެމްބަރުންނާއި ގާތް މީހުން އަދި ފަނޑީޔާރުންނާއި ވަޒީރުން ކުއްލިއަކަށް އަގު ބޮޑު މުދާ ހޯދި ގޮތް ބަލައި ތަހުގީގުކުރުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ. ނަމަވެސް މިހާތަނަށް މިއިން އެއްވެސް މައްސަލައެއްވެސް ބަލާފައެއްނުވެއެވެ.

ކޮވިޑު19 ބަލިމަޑުކަމުގެ ތެރޭގައިވެސް ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ވަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ބޮޑެތި ކޮރަޕްޝަނުގެ އަމަލު ހިންގާފައެވެ. ވެންޓިލޭޓަރު ވައްކަމުގައި ދައުލަތަށް 16 މިލިޔަން ރުފިޔާ ގެއްލިފައިވާކަމަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައިވެއެވެ. މިވީހާތަނަށް މި މައްސަލައިގައި އެއްވެސް ފަރާތަކަށް ދައުވާކޮށް ޝަރީއަތް ހިންގާފައެއް ނުވެއެވެ.

ރިޒޯޓުތަކުން ނުދައްކައި ހުރި ކުލީގެ އަދަދު ހިމަނައިގެން ބަލާނަމަ 1990 އިން ފެށިގެން މިއަދާއި ހަމައަށް ހިނގާދިޔަ 30 އަހަރުގެ ތެރޭގައި އެކިގޮތްގޮތުން ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަދު 999 މިލިޔަން ޑޮލަރަށްވުރެވެސް މަތިވާނެކަމަށް ލަފާކުރެވެއެވެ. މިއީ ރަށްރަށުގެ ކައުންސިލުތަކާއި ހަވާލުކޮށްގެން، ކައުންސިލުތަކަށް އާމްދަނީ ލިބޭގޮތަށް ދައުލަތުގެ ހަރަދުގައި ތަރައްގީ ކުރިނަމަ 99 ރިޒޯޓު ތަރައްގީކުރެވޭނެ ހާ ފައިސާއެވެ. ހޮސްޕިޓަލް އެޅިނަމަ  ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު 5 ހޮސްޕިޓަލެއް ގާއިމުކުރެވޭނެހާ ފައިސާއެވެ.

ވައްކަން ކުރަނީ ވަކި ސަރުކާރެއް ވަކި އާއިލާއެއް ނުވަތަ ވަކި ޕާޓީއަކުން ތަ؟

ބޮޑެތި ވައްކަންތަކާއި ހިޔާނާތުގެ މައްސަލަތަކަށް ބަލާލުމުން އެނގި ހާމަވާ އެއްކަމަކީ ވައްކަންކުރަނީ ވަކި މިވެނި އާއިލާއަކުންނޭ، މިވެނި ޕާޓީއަކުންނޭ، މިވެނި ސަރުކާރަކުންނޭ ބުނެވޭކަށް ނެތްކަމެވެ. ރައްޔިތުންގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވެ ވައްކަންކުރާ މީހުން ވަކި ގޮތަކަށް އައިޑެންޓިފައިކުރާނަމަ ބުނަން ޖެހެނީ ހިޔާނާތުގައި އަބަދުވެސް ބައިވެރިވަނީ އަދި ވެފައިތިބީ ދައުލަތް ހިންގުމާއި ހަވާލުވެ ތިބޭ ސިޔާސީ ފަރާތްތަކާއި އެ ފަރާތްތަކުގެ ގާތް އާއިލީ މީހުންނާއި ވިޔަފާރިވެރިން ގުޅިގެން ކަމުގައެވެ. ކޮރަޕްޝަން ހުއްޓުވަން ބޭނުންވަނީ ހަރުކަށި ގާނޫނުތަކެއް ބާއެވެ؟ ނުވަތަ ސިނާއަތްތަކުގެ އުނގުން ދައުލަތް ބޭރުވެ މިނިވަންވުން ބާއެވެ؟ ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ، ރައްޔިތުންގެ ބާރު ހިނގާ ދައުލަތެއް އެބައޮތްތޯއެވެ؟ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބުނު ކުރިއެރުމާއި މަދު ބާރުގަދަ ސިޔާސީ ފަރާތްތަކާއި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާއި އަޅާ ކިޔޭވަރުވޭތޯއެވެ؟

ރިއެކްޝަންސް
1
0
0
7
0
0
0