ރިޕޯޓު: ހިޔާލު ފާޅުކުރުމުގެ ހުދޫދުގެ ރޮނގު – ދަމަންވީ ކިހާ ހިސާބެއްގައި؟

24 އެޕްރީލް 2022 - 13:31


ގާނޫނޫއަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކުގެ ތެރެއިން ވެސް އެންމެ އަސާސީ އެއް ހައްގަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގެވެ. މި ހައްގުގެ މުހިންމުކަން އަންގައިދޭ އެންމެ ބޮޑު އެއް ހެއްކަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވެސް ގާނޫނުއަސާސީގެ ބޮޑު ބައެއް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންނެވި ނަމަވެސް ނުހިފޭއްޓޭނެ މަދު ހައްގުތަކުގެ ތެރޭގައި ހިޔާޅުފާޅުކުރުމުގެ މިނިވަންކަން ހިމެނުމެވެ. އެއްބަޔަކު ދެކޭ ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެއްވެސް މިންވަރަކަށް ހިފެހެއްޓޭނެ ކަމެއް ނޫނެވެ. ނުވަތަ ހުދޫދެއް އޮވެގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި އެއީ ވެސް ހުދޫދެއް، އިންތަކެއް ކަނޑައެޅިފައި އޮންނަންޖެހޭ ކަމެކެވެ. އެފަދަ އިންތަކާއި މިންތައް ކަނޑައެޅުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުން ކަމުގައި ނުބެލެވޭނެ ކަމަށް ދައުވާކުރާ މީހުން ވެސް މަދެއް ނޫނެވެ.

ގާނޫނު ބުނަނީ ކީކޭ؟


ގާނޫނުއަސާސީގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މުރާދު ބައެއް ފަރާތްތަކުން ސިފަކުރަނީ ތިމާގެ ސިކުނޑި އަށް އަންނަ ހިޔާލެއް ނުވަތަ ތިމާ ގަބޫލުކުރާ ގަބޫލުކުރުމެއް ހާމަކުރުމުގެ ފުރުސަތު ހަމަ ކޮންމެ ތަނެއްގައި ހަމަ ކޮންމެ މީހަކަށް ވެސް ލިބިދީފައި އޮތުމެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު މުރާދެއް ނޫން ކަމަށް ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވައެވެ. އެ ގޮތުން ތިމާގެ ދީނާ ގުޅޭ ގޮތުން ގަބޫލުކުރާ ގަބޫލުކުރުންތައް ހާމަކުރުމުގައި އިންތަކެއް މިހާރު ވެސް ކަނޑައެޅިފައި ވެއެވެ. އަދި ފާޅުކުރެވޭ ހިޔާލެއްގެ ސަބަބުން އަދަބު ލިބޭނެ މަގުތައް ގާނޫނުގެ ތެރެއިން މިހާރު ވެސް އެބަހުއްޓެވެ. ހާއްސަކޮށް ދީނާ ގުޅޭ ނުވަތަ ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ފާޅުކުރާ ހިޔާލެއްގެ ސަބަބުން އަދަބު ލިބޭނެ އިންތިޒާމުތައް މިހާރު ވެސް ގާނޫނުތަކުގައި ލިޔެވިފައި އެބަ ހުއްޓެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ނަފުރަތު އުފެއްދުމާއި އާންމު މުޖުތަމައުގެ މަސްލަހަތު ނަގާލުން ފަދަ ކަންކަމަށް ހުރަސް އެޅިއްޖެ ނަމަ އެކަމަށް ކަނޑައެޅިފައި ހުރި އަދަބުތައް ވެސް ގާނޫނުގައި އެބަހުއްޓެވެ. އެހެންކަމުން ގާނޫނުއަސާސީގައި އެ ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ހައްދެއް އަދި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ކަމެއްކަން މި ކަންކަމުން ދަލީލުކޮށްދެއެވެ.

advertisement


ހިޔާލުފާޅުކުރުމުގެ ތެރެއިން “އިންޑިއާ އައުޓް”ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގަމުން ދާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިމިދިޔަ ހަފުތާގެ ތެރޭގައި ވަނީ ކަނޑައަޅާފައެވެ. އެ ނިންމުމާ އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވަނީ އަވަށްޓެރި އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތް ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާކަން ސާފުކޮށް އެނގޭ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ދާހިލީ ހަމަނުޖެހުން ގެއްލި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ. އެހެން ކަމުން އެފަދަ ކޮންމެ ހަރަކާތެއް ސަރުކާރުން ހުއްޓުވަންޖެހޭ ކަމަށް އެ ގަރާރުގައި ވެއެވެ.

ހިޔާލުފާޅުކުރުމާއި ގައުމީ ސަލާމަތް


ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ދައްކާ ހަމައެކަނި ވާހަކައަކީ ވެސް އެއީއެވެ. މުޅި އިދިކޮޅު ހަރަކާތް އަމާޒު އޮތީ ވެސް އެ ހަރަކާތަށެވެ. އެ ހަރަކާތް ކުރިއަށް ގެންދެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ރަށްރަށަށް ވަޑައިގެންފައި ވެއެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އިދިކޮޅުން އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހަރަކާތެއް ފަށާފައި ވަނީ ދިވެހިންގެ ސިކުނޑިއާ ކުޅޭލެވޭނެ އިތުރު ގޮތެއް ނެތުމުންނެވެ. ހާއްސަކޮށް ދީނާއި ގައުމިއްޔަތުގެ ޖަޒުބާތުގައި ދިވެހިން ފަސޭހަކަމާ އެކު ޖެހޭކަން މީގެ ކުރިން ވެސް ހާމަވެފައި އޮތުމުން ވެރިކަމާ ދެކޮޅަށް ނުވަތަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް މި ވަގުތު އެންމެ ފަސޭހައިން ހިންގޭނެ ކެމްޕެއިނަކީ އެއީކަން އިދިކޮޅު ފަރާތްތަކަށް ޤަބޫލުކުރެވިފައި އޮތުންކަމަށް ސަރުކާރުގެ އިސްވެރިން ދެކެއެވެ. އެހެންކަމުން އެކަމުގެ އަޑީގައި ފޮރުވިފައި ވަނީ މި ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުކަމަށް ސަރުކާރުގެ އިސްވެރިންދަނީ ބުނަމުންނެވެ.


މި ހަރަކާތާ ދެކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ މައްސަލައެއް ނޫނެވެ. ބަވަނަވެފައިވާ ދުނިޔޭގައި މިއީ އާ ކަމެއް ވެސް ނޫނެވެ. ރާއްޖެ އަށް ވުރެ މާ ވަރުގަދަ އަދި އިސްލާމީ ބޮޑެތި ގައުމުތަކުގައި ބޭރު ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް ވެސް ހަދައިގެން ސިފައިން އެބަ ތިބުމާއި, ހާއްސަކޮށް އެއްވެސް ހަތިޔާރެއް ނެތި ތިބޭ ޓެކްނިކަލް ބައެއްގެ ސަބަބުން ގައުމުތަކަށް ލިބޭ ފައިދާ ބޮޑުކަމަށް ސަރުކާރުން ދެކެއެވެ. އަދި މިއީ އަލަށް ވެގެން އުޅޭ ކަމެއް ނޫން ކަމަށާއި އިންޑިއާގެ އަސްކަރިއްޔާގެ ޓެކްނިކަލް ސްޓާފުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ތިބި ބައެއް ކަމާއި އޭރު އެ ފަރާތްތައް ބޭރު ނުކުރީ ކީއްވެތޯ ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގަރާރަކުން ނުހުއްޓުވޭނެ


އިންޑިއާ ސިފައިން ރާޢްޖެއިން ބޭރުކުރުމުގެ ނަމުގައި ހިންގާ ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ކަނޑައެޅުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއްކަމަކީ އިންޑިއާގެ އެތައް ރައްޔިތުންނެއް މި ގައުމުގެ އެކި އެކި ދާއިރާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ އިރު މި ހަރަކާތުގެ ސަބަބުން އެމީހުން ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ވުމެވެ. އެމީހުންނަށް ވެސް ތަފާތު އެކި އިންޒާރުތައް ލިބެމުންދާ ކަމަށް ދަނީ ބުނަމުންނެވެ.. އަދި އިންޑިއާގެ ރައްޔިތުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ނަމަ އިންޑިއާ ސަރުކާރުން ވެސް އެ މައްސަލަ އެހާ ފިނިކޮށް ނުނަގާނެއެވެ. އެ ގައުމުގެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ދިއުމަށް އިންޑިއާ ސަރުކާރުން އަންގައިފި ނަމަ ރާއްޖޭގެ މުޅި އިގްތިސާދާއި އަދި ސިއްހީ ދާއިރާ އާއި ތައުލީމާއި އެ ނޫން ވެސް އެތައް ދާއިރާއެއް ވަގުތީ ގޮތުން ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އަދި މަޝްރޫއުތައް ހުއްޓި މިއިން ޒަމާނަކު އަރައިނުގަނެވޭ ފަދަ ބޮޑު ގެއްލުމަކާ ސަރުކާރާއި ރައްޔިތުން ކުރިމަތިލާންޖެހޭނެ ކަމަށް ސަރުކާރުން ދެކެއެވެ. އެހެންކަމުން އެފަދަ ދަނޑިވަޅެއް ކުރިމަތިވެދާނެ ފަދަ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ހަރަކާތެއް ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބަ އޮތްކަމަށް ރައީސްގެ ޤަރާރުން ފާހަނގަކޮށްފައި ވެއެވެ.


ހިޔާލުފާޅުކުރުމުގެ ތެރެއިން ވެސް ގައުމީ ސަލާމަތަށް ނުވަތަ ގައުމު ހުއްޓުމަކަށް އަތުވެދާނެ ފަދަ ކަމެއް މެދުވެރިވުމަށް ބާރު ލިބޭ ގޮތަށް ހިޔާލުފާޅުކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް ސުވާލަކީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހުއްޓުވަންޖެހޭ ކަމެއް ހެއްޔެވެ؟ ނުވަތަ އެފަދަ ގަރާރަކުން ހުއްޓުވިދާނެ ކަމެއް ހެއްޔެވެ؟ ޓެކްނޮލޮޖީގެ ގޮތުންނާއި އެ ނޫން ވެސް ގޮތްގަތުން ދިވެހިންގެ ހޭލުންތެރިކަން ބޮޑު ޒަމާނެއްގައި އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ނުވަތަ ހިޔާފާޅުކުރުމުގެ މިނިވަންކަމުގައި ގަރާރަކުން ތަޅުއެޅުވިދާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެކެވެ. ހިޔާޅުފާޅުކުރެވޭނެ ހަމައެކަނި ގޮތަކީ ބެނާ ދެމުމާއި އެއްވެ އުޅުން ނޫންކަން ކަމާ ބެހޭ ފަރާތްތަކަށް ވެސް ވިސްނޭނެއެވެ. އެހެންކަމުން ގަރާރެއް ނެރެގެން އެކަން ހުއްޓުވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އެ ނޫން ގޮތަކަށް އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވިސްނަންޖެހެއެވެ. އިންޑިއާއި ރާއްޖޭގެ ގުޅުން ތިލަކޮށް ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދިނުން މިހާރު ވަކިން މުހިންމެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައި ނުގަނެ, ޤައުމީ މަސްލަހަތު ރައްކާކުރެވޭނެ މަގެއް ފަހިކުރަން ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާންޖެހެއެވެ.

ރިއެކްޝަންސް
1
1
1
0
0
0
1