2023 ރިޔާސީ އިންތިހާބު ސަރުކާރަށް ކާމިޔާބުކޮށްދިނުމުގެ ފުރުސަތު ބޮޑީ ރައީސް ސޯލިހަށް – ހިޔާލުހޯދުމުގެ ވޯޓު

8 މެއި 2022 - 10:16

އެމްވީ ޕްލަސް އޮޕިނިއަން ޕޯލް މެދުވެރިކޮށް ނެގުނު ހިޔާލު ހޯދުމުގެ ވޯޓުތަކުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު, މިހާރުގެ ސަރުކާރަށް ކާމިޔާބުކޮށްދިނުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް ސޯލިހު ކަމުގައި ދައްކައިފިއެވެ. ދިރާސާ ޕޯލްތަކުން ދައްކާގޮތުގައި, ސާޅީސް ޕަސެންޓު މީހުން ވޯޓްލާފައިވަނީ ސަރުކާރަށް އިންތިހާބު ކާމިޔާބުކުރެއްވުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް ސޯލިހު އަށެވެ. އަދި ރައީސް ނަޝީދަށް އޮތީ ދިހަ ޕަސެންޓަށް ވުރެ ހަނި ފުރުސަތެއްކަމަށް ވޯޓްލާފައިވާ ރައްޔިތުން ދެކޭއިރު, ޤާސިމް އިބްރާހިމްއަށް އޮތީ ތިން ޕަސަންޓުގެ ފުރުސަތެއްކަމަށްވެސް ދެކެއެވެ.

އެމްޑީޕީއަކީ އަބަދު ވެސް އެތެރޭގެ އިންތިހާބުތަކުގައި ކޯޅުންތައް ބޮޑު ޕާޓީއެކެވެ. ނަމަވެސް ބޮޑު އިންތިހާބަކާ ޖެހިއްޖެނަމަ އެކަތިގަނޑެއްގެ ގޮތުގައި ތިބޭތަން މިހާތަނަށް ވަނީ ފެނިފައެވެ. ޕާޓީ ޗެއާޕާސަންގެ މަގާމު ހޮވުމަށް މެއި މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވެސް ޕާޓީގެ ކޯޓުން ވަނީ ބޮޑުވެފައެވެ. އެއްބަޔަކު ދެކޭ ގޮތުގައި ކިތަންމެ ވަރަކަށް ކޯޅުނު ނަމަވެސް އިންތިހާބަށް ފަހު އަނެއް ވެސް އެމްޑީޕީ އެކަތިގަނޑަކަށް ވާނެއެވެ.
ޗެއާޕާސަންގެ އިންތިހާބުގައި ރައީސް ނަޝީދުގެ ތާއީދު އޮތީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށެވެ. ރައީސް ސޯލިހުގެ ފަޅީގެ މީހުން ތިބީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ނަގައިގެންނެވެ. އިންތިގެ ކެމްޕެއިންގެ މޮޓޯއަކީ ހަގީގީ އެމްޑީޕީ ފަޅިއެވެ. ފައްޔާޒު ކުރިމަތިލައްވައިގެން އުޅުއްވަނީ މަޑުޖެހިފައި އޮތް އެމްޑީޕީ ފިސާރި ރަނގަޅަށް ހިންގަވާލެއްވުމަށެވެ. އިންތިގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުން ހަގީގީ އެމްޑީޕީއަކީ އެ މީހުންނެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ ތާއީދު އޮތީ ވެސް އެގޮތަށެވެ. ފައްޔާޒުގެ ފަޅީގައި ތިބީ ޕާޓީގެ އަސާސްތަކާ ދުރު ބައެއް ކަމަށް އިންތިގެ ޓީމުން ސިފަކުރެއެވެ. އަދި ފައްޔާޒުގެ ޓީމުން މަސައްކަތްކުރަނީ ރައީސް ނަޝީދު ޕާޓީން އެކަހެރިކޮށްލުމަށް ކަމަށް ވެސް ތުހުމަތު ކުރެއެވެ.

advertisement

ފައްޔާޒުގެ ޓީމުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދުގެ ބާރު ޕާޓީގެ ތެރޭގައި އަބަދު އޮންނާކަށް ނުޖެހެއެވެ. އަދި ހުރިހާ ކަމެއް ވާންޖެހޭނީ ވެސް ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ނުވަތަ އެ މަނިކުފާނަށް ވެރިކަމަށް އާދެވޭނެހާ ގޮތަކަށް ނޫންކަން ވެސް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. މި ކޯޅުންގަނޑުގެ ތެރޭގައި ފައްޔާޒުގެ ޓީމަކީ ވަގުންގެ ބައިގަނޑެއްގެ ގޮތުގައި އިންތި އަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި އެއީ ޕާޓީން ބޭރުން އައިސް ތިބި ބައެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެހެން ޕާޓީތަކުން އައިސް ތިބި މެންބަރުންގެ ގޮތުގައި ސިފަކުރަނީ ހަމައެކަނި އެތެރޭގެ އިންތިހާބަކާ ޖެހުމުން ކަމަށެވެ. ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާތައް ކުރުމާއި މަގުމަތީ ހަރަކާތްތަކާއި އަދި ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންގައި އެ ބުނާ ޕާޓީން ބޭރު މީހުން ވެސް ތިބީ ކުރީ ސަފަށް ނެރެފައެވެ.


މި ކެމްޕެއިންގެ ތެރެއިން ދެ ފެކްޝަންގެ ކޯޅުން ވަނީ މިއިން ޒަމާނެއްގައި ނުދާ މިންވަރަށް ބޮޑުވެފައެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހް އެއްވެސް ފަރާތަކަށް ރައްދު ނުދެއްވި ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް ބަސް ވިދާޅުވަމުންނެވެ. އަދި މި ސަރުކާރަކީ ފެތެމުންދާ އޮޑިއެއްގެ ގޮތުގައި ސިފަކުރައްވައި އެމްޑީޕީން އޮޑިއާ ފެއަށް ޖެހުމަށް ވަނީ ގޮވާލައްވާފައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ނަޝީދުގެ ކޮންޓްރޯލް ޕާޓީގައި މި ވަގުތު އޮތް ނަމަ މި ކޯލީޝަނުން އެމްޑީޕީ ވަކިވީހެވެ. އަދި ރައީސް ނަޝީދުގެ ބޭނުންފުޅަކީ 2023 އިންތިހާބު ސަރުކާރަށް ގެއްލުވާލައި, ކުރިއަށް އޮތް ފަސްއަހަރު އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި އޮވެ, 2028 ގައި އިންތިހާބުގައި ވާދަކޮށް އަލުން ވެރިކަމަަށް ވަޑައިގަތުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ރިއެކްޝަންސް
0
0
2
1
0
1
0