ޑެންގޫ ހުމުގެ އަލާމާތްތައް ދެނެގަތުމަށް މިއީ ރަނގަޅު ވަގުތެއް

9 މެއި 2022 - 14:00

ޑެންގޫ ހުމަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ހުމެކެވެ. ޑެންގޫ ހުން ފެތުރެނީ ޖަރާސީމު އަށަގެންފައިވާ އަންހެން މަދިރީގެ ޒަރީޢާއިންނެވެ.

މިއީ ހޫނު ގައުމު ތަކުގައި ވަރަށް ޢާންމު ބައްޔެކެވެ. މިބަލި ޖައްސާ ފްލޭވި ވައިރަސްގެ ގުރޫޕްގެ ވައިރަހެއްގެ ސަބަބުންނެވެ. މިވައިރަހުގެ ތަފާތު 4 ވައްތަރެއް ވެއެވެ.

advertisement

މިބަލި ފެތުރިގެންދަނީ އީޑްޒް އިޖިޕްޓި ކިޔޭ މަދިރިއެއްގެ ސަބަބުންނެވެ. ޢަންމުގެތެއްގައި މިމަދިރި ހަފަނީ ފަތިހުގެ ވަގުތު އިރުއެރުމުގެ ކުރިންނެވެ. އަދި ބައެއް ފަހަރު ދުވާލު ގައި ވެސް ހަފައެވެ.

މިވައިރަސް އުފުލާ ނުވަތަ ވައިރަސް ފަތުރާ މަދިރިއަށް ކިޔަނީ އީޑީސްއެވެ. ޑެންގީ ހުން ޖައްސާ ވައިރަސްގެ ތަފާތު 4 ބާވަތެއް ވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ޢާންމު ގޮތެއްގައި ހޫނު ހިސާބު ތަކުގައި ފެތުރޭ މިބަލި އޮސްޓްރޭލިޔާ، އެފްރިކާ، އަދި އޭޝިޔާ ޕެސިފިކްގެ ގައުމުތަކުން ފެންނަކަން ފާހަގަ ކުރެވެއެވެ.

ޑެންގީ ހުމާއި ޑެންގީ ހުމުގެ ނުރައްކާތެރި ބާވަތް ކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން އަކީ ދެކުނު އޭޝިޔާ، ލެޓިން އެމެރިކާ އަދި ހުޅަގު ޕެސިފިކް ގެ ގައުމުތަކުން ފެންނަ ބައްޔެކެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހޭ ރޯގާ އެކެވެ. ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ޑެންގޫ ހުން ފެނިފައިވަނީ 1980 ގެ އަހަރުތަކުގައެވެ. މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް މިހުން ޖެހިފައި ވެއެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުން ދެއެވެ. ނަމަވެސް ޒަމާނީގެ ފަރުވާގެ ސަބަބުން މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ މަދުކުރެވިފައެވެ.

އެޗްޕީއޭއިން ވަނީ މި ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ގިނަ ދުވަސްވަންދެން ފެން ހަރުލާފައި ހުންނަ ތަންތަން ސާފުކޮށް ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.

ޑެންގޫ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

– ގަދައަށް ހުންއައުން ( އާންމު ގޮތެއްގައި 105 ފެރެންހައިޓަށް ހުންގަދަވުން )
– އާދަޔާ ޚިލާފަށް ބޮލުގަޔާއި، ގައިގައި ރިއްސުން
– ގައިގައި ބިހިނެގުމާއި، ކަހާ ހިރުވުން
– ހިރުގަނޑުންނާއި ނޭފަތުން ލޭއައުން
– ހުޅުހުޅުގަޔާއި، މަސްތަކުގައި ރިއްސުން
– މޭނުބައިކުރުން
– ހޮޑުލުން
– ކާހިތްނުވުން

ޑެންގޫއިން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް މަދިރި ހެފުމުން ސަލާމަތްވާނެ ކަންކަން ކުރެވިދާނެއެވެ. މިސާލަކަށް އިރޮއޮއްސޭ ވަގުތާއި އިރުއަރާ ވަގުތުގައި ބޭރަށް ނުދިއުމާއި، ބޭރުގައި އުޅޭއިރު އަތްދިގު އެއްޗެހި ލުމާއި، ގެއިން ބޭރަށް ދާއިރު އަދި ގޭގައި އުޅޭއިރުވެސް މަދިރި ލޯޝަން ބޭނުންކުރުން ހިމެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0