ސުކޫލުގައި ދަރިވަރުންނަށް ފައިސާ މެނޭޖްކުރަން ދަސްކޮށްދޭ ކުލާހެއް ނަގައިދެން ފެނޭތަ؟

10 މެއި 2022 - 9:46

ސްކޫލް ދައުރުގައި ކިޔަވާ ބައެއް އެއްޗިހި އަހަރެމެންގެ އާންމު ދިރިއުޅުމުގައި އޭގެ ބޭނުން ހިފަންޖެހެނީ ކިހާ މިންވަރަކަށްތޯ ނުވަތަ ދުވަހަކުވެސް އޭގެ ބޭނުން ހިފަން ޖެހޭނެތޯ މިއީ ބައެއް ކުދިން ދައްކާ ވާހަކައެކެވެ. އަދި ކިޔެވުން ނިންމުމަށްފަހުގައިވެސް ކިޔެވި މިވެނި އެވެނި އެއްޗެއްގެ ބޭނުން ހިފޭނީ ކޮންއިރަކުންބާއޭ ހިތައްއަރާ މަޖަލަކަށް ޖޯކުވެސް ޖަހާއުޅެއެވެ. ނަމަވެސް އެއްކަމަކީ ހަމަ ޤައިމުވެސް ޔަޤީންވާ ކަމެކެވެ.

ސްކޫލްގެ މާހައުލުގައި ރަނގަޅު ގޮތުގައި ފައިސާ ހަރަދުކުރުމާއި އިސްރާފު ކުޑަކުރެވިދާނެ ގޮތްތައް ކިޔަވާދޭނަމަ މީގެ ބޭނުން ދިރިއުޅުމުގައި އެކުދިންނަށް ވަރަށް ރަނގަޅަށް ބޭނުން ހިފޭނެއެވެ.

advertisement

ފައިނޭންޝިއަލް ލިޓަރެސީއަކީ ކޮބާ؟

ފައިނޭންޝިއަލް ލިޓަރެސީ ކްލާސްތަކުގައި ކުދިންނަށް ކިޔަވައިދޭނީ ފައިސާ މެނޭޖްކުރުމުގެ އުކުޅުތަކާއި މިކަން ކުރެވިދާނެ ގޮތްތަކެވެ. ބަޖެޓިންއާއި، ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމާއި، ފައިސާ ހަރަދުކުރުމާއި އަދި މިނޫނަސް މިކަމާއި ގުޅުންހުރި އެކިއެކި ކަންކަމެވެ.

މި ކްލާސްތަކުގައި ކުދިންނަށް ދިރިއުޅުމުގައި ފައިސާ ބޭކާރު ކުރުމުގެ ސަބަބުން ދިމާވާ ކަންކަންމުން ސަލާމަތްވުމަށް އަމަލުކުރެވިދާނެ ގޮތްތައް ބުނެދޭނެއެވެ.

ފައިނޭންޝިއަލް ލިޓަރެސީ ކްލާސްތައް ހައިސްކޫލް ކުދިންނަށް ބޭއްވުން މުހިންމު ވަނީ ކީތްވެ؟

ރާއްޖެއަކީ ޒުވާނުންމެ މެދުގައި ފައިސާ ބޭކާރުކުރުމުގެ އާދަ ވަރަށް ބޮޑަށް ހިފާފައިވާ ޤައުމެކެވެ. އަލަށް ފޯނެއް ނިކުންނައިރަށް އެ ގަންނަން ޖެހެއެވެ. ބޭކާރު ވަގުތުތައް ކޮފީތަކާއި އެނޫންވެސް ރެސްޓޯރަންޓްތަކުގައި ހޭދަކުރެއެވެ. ބޭނުންނޫންނަމަވެސް ބޭކާރު ގޮތުގައި ތަކެތި ގަނެއެވެ. އެހެންކަމުން ސްކޫލުން ނިމި ވަޒީފާގެ މާހައުލަށް ނިކުންނަ ކުދިންނަށް ފައިސާ މެނޭޖްކުރުމާއި ފައިސާ ބޭކާރު ކުރުން މަދުކުރުން މިފަދަ ކްލާސްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރަމްސޭ ސޮލިއުޝަންސް ރިސާޗްއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ސްކޫލް ދައުރުގައި ފައިނޭންޝިއަލް ލިޓަރެސީ ކްލާސްތައް ނަގާ ކުދިން ދިރިއުޅުމުގައި ކާމިޔާބުވާ މިންވަރު އިތުރުވެއެވެ. އެގޮތުން ސްކޫލް ދައުރުގައި މި ކްލާސްތައް ނަގާ ކުދިންނަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ އިތުރުކަމަށް ދައްކާކަމަށެވެ.

ރިއެކްޝަންސް
0
2
0
0
0
0
0